[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޙައްމަދު ބުން ޢަބްދުލްވައްހާބު رحمه الله ގެ ދަޢުވަތުގެ ކުރިން އިސްލާމީ އުންމަތުގެ ދީނީ ޙާލަތު

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

 

މުޙައްމަދު ބުން ޢަބްދުލްވައްހާބު رحمه الله

 

އެއީ މުޙައްމަދު ބުން ޢަބްދުލްވައްހާބު ބުން ސުލައިމާން ބުން ޢަލީ ބުން މުޙައްމަދު ބުން އަޙްމަދު ބުން ރާޝިދު އައްތަމީމީއެވެ. އެކަލޭގެފާނު އުފަންވީ ހިޖުރައިން 1115 ވަނަ އަހަރު ޢުޔައިނާގައެވެ. އެއީ މީލާދީ ގޮތުން 1704 ވަނަ އަހަރެވެ. އެކަލޭގެފާނު އަވަހާރަވީ 1206 ވަނަ އަހަރުގެ ޝައްވާލު މަހުގައެވެ. އެއީ މީލާދީ ގޮތުން 1792 ވަނަ އަހަރެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުންވީ ގާތްގަނޑަކަށް 92 އަހަރެވެ.

އެކަލޭގެފާނުގެ ދަޢުވަތު ބިނާވެފައި އޮތީ ޝިރުކާއި ކުފުރާއި ބިދުޢަތަކުގެ ނުބައިކަން މީސްތަކުންނަށް ބަޔާންކޮށްދީ، ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ޞައްޙަ ސުންނަތުގެ އަލީގައި މީސްތަކުންނަށް ތައުޙީދު (ﷲގެ އެއްކައުވަންތަކަން) އުނގަންނައިދުމުގެ މައްޗަށެވެ. ނަމަވެސް ކާފިރުންނާއި މުސްލިމުންގެ ތެރެއިންވެސް ބައެއް މީހުން އެކަލޭގެފާނުގެ ދަޢުވަތާ ދެކޮޅަށް ވާހަކަ ދައްކައެވެ. އެފަދަ މީހުން އެކަލޭގެފާނުގެ ދަޢުވަތަށް ތަބާވާ މީހުންނަށް “ވައްހާބީން” ނޭ ކިޔައެވެ. އެކަލޭގެފާނުގެ ދަޢުވަތުގެ ކުރިން އިސްލާމީ އުންމަތުގެ ދީނީ ޙާލަތު އޮތްގޮތް ބަލާ ދިރާސާކޮށްފި މީހަކަށް، އެ ދަޢުވަތާމެދު ޝައްކު އުފައްދާ މީހުންގެ ވާހަކަތަކަކީ ޙަޤީޤަތެއް ނޫންކަން ސާފުވެގެން ދާނެއެވެ.

އެހެންކަމުން މި ލިޔުމުގައި އަލިއަޅުވާލާނީ މުޙައްމަދު ބުން ޢަބްދުލްވައްހާބު – رحمه الله – ގެ ދަޢުވަތުގެ ކުރިން މުސްލިމުންގެ ދީނީ ޙާލަތު އޮތް ގޮތުގެ މައްޗަށެވެ. ޢާންމު ގޮތެއްގައި މުޅި އިސްލާމީ އުންމަތުގެ ޙާލަތަށެވެ. އަދި ޚާއްޞަކޮށް ޢަރަބި ޖަޒީރާގެ ޙާލަތަށެވެ. މި ލިޔުގައި އަޞްލަކަށް ބަލާފައިވާނީ الشيخ حسين بن غنام ލިޔުއްވާފައިވާ تاريخ نجد އާއި د. محمد بن ناصر الشثري ލިޔުއްވާފައިވާ الدعوة الإصلاحية في الجزيرة العربية އެވެ.


 

މުޙައްމަދު ބުން ޢަބްދުލްވައްހާބު رحمه الله ގެ ދަޢުވަތުގެ ކުރިން ޢާންމު ގޮތެއްގައި މުޅި އިސްލާމީ އުންމަތުގެ ދީނީ ޙާލަތު

 

ހިޖުރީ ސަނަތުން 12 ވަނަ ޤަރުނު ފެށުނުއިރު މުސްލިމުންގެ މެދުގައި ޖާހިލުކަންވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެބައިމީހުންވަނީ ﷲ ތަޢާލާގެ ފޮތް ދޫކޮށް، ކާބަފައިންގެ ގޮތްތަކަށް ތަބާވެފައެވެ. އެބައިމީހުންގެ ކާބަފައިންގެ ފުށުން ފެނުނު ކަންކަމަށް، ޖާހިލުކަންމަތީ ތިބެ އެބައިމީހުންވަނީ ތަބާވެފައެވެ. އޭގެ ސަބަބުން އެބައިމީހުންގެ މެދުގައި ޝިރުކާއި ކުފުރުގެ ޢަމަލުތައް ވަނީ ޢާންމުވެފައެވެ.

ބައެއްމީހުން ކަންކަމުގައި ވާތްގަށް އެދެމުން ދިޔައީ ޞާލިޙު އަޅުވެރިންގެ ގާތުގައެވެ. ދިރިތިބި މީހުންގެ ގާތުގައާއި މަރުވެ ގޮސްފައިވާ މީހުންގެ ޤަބުރުތައް ކައިރީގައިވެސް މެއެވެ. މުޞީބާތްތަކުން ސަލާމަތްކޮށްދިނުމަށާއި، ޙާޖަތްތައް ފުއްދައި ދިނުމާއި މަދަދަށް އެދުމާއި، ދަތި އުނދަގޫ ކަންކަމުން ސަލާމަތްކޮށްދިނުމަށް އެފަދަ މީހުންގެ ގާތުގައި އެބައިމީހުން އެދެއެވެ. ޤަބުރުތަކުގެ މަތީ ޒިޔާރަތްތައް ހަދާ އެތަންތަނަށް ނަދުރު ބުނެ، އެތަނުގައިވާ ޤަބުރުތަކަށް ދުޢާކޮށް ހަދައެވެ. އަދި މީސްތަކުންގެ ކިބައިން އުނދަގޫ ފިލުއްވާ މަންފާ ޙާޞިލުކޮށްދިނުމުގެ ބާރު، ބައެއް ކަހަލަ ހިލަތަކާއި ގަސްތަކާ އަދި އެނޫންވެސް އެފަދަ ދިރުމެއް ނެތް ބައެއް ތަކެއްޗަށް ލިބިގެންވާކަމަށް ބައެއް މީހުން ޤަބޫލުކުރެއެވެ. ޝައިޠާނާ އެބައިމީހުންނަށް މިފަދަ ކަންކަން ޒީނަތްތެރިކޮށްދީފައިވަނީ އެއީ ﷲ އާ ކުށްތަންވުމުގެ ގޮތުން ކުރާ ކަންކަމުގެ ގޮތުގައެވެ. ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ހިދާޔަތަށް ފަހު، އެބައިމީހުންވަނީ މަގުފުރެދިފައެވެ. އިހުގެ ޖާހިލިއްޔަ ޒަމާނުގެ މީހުންގެ ޢަމަލުތައްވެސް ހުރީ މިފަދަ ގޮތަކަށެވެ.

މިޞްރާއި އެތަނުގެ ވަށައިގެންވާ ރަށްތަކުގެ ޙާލަކީވެސް މިއެވެ. މީސްތަކުން އެތަންތަނަށް ގޮސް މަދަދަށް އެދޭ އެތައް އެތައް ޤަބުރެއް އެތަންތަނުގައި ވެއެވެ. އޭގެ ތެރެއިން ބައެއް ޤަބުރުތަކަކީ އަޅުވެރި، ޞާލިޙުންގެ ޤަބުރުތަކެވެ.

އަދި ޔަމަނުގެ ރަށްތައްވެސް ހަމަ އެފަދައެވެ. ޔަމަނުގައި “الهادي” އޭ ކިޔާ ޤަބުރެއް ވެއެވެ. މީސްތަކުން އެތަނަށް ދަނީ ދަރިން ދެއްވުމަށް އެދޭށެވެ. އަދި ޔަމަނުގެ بُرَعُ  އޭ ކިޔާ ރަށުގައި “البرعي” އޭ ކިޔާ ޤަބުރެއް ވެއެވެ. ދުރު ރަށްރަށުން މީސްތަކުން އެތަނަށް އައިސް އެބައިމީހުންގެ ދަތި ޙާލުގެ ޝަކުވާ ދަންނަވާ، މަދަދަށް އެދި ދަންނަވާ އަދި އެތަނުގައި ﷲ ނޫން ފަރާތްތަކަށް ޛަބަޙަކޮށް، ޤުރުބާނީކޮށް ހަދައެވެ. އަދި ޙަޟަރަމައުތުގައި “العيدروس” ވެއެވެ. އެ ތަނުގައި ޝިރުކާއި ކުފުރުގެ އެތައްކަމެއް މީސްތަކުން ކޮށް އުޅުނެވެ. އަދި الحديدة އާއި اللحية ގެ އަހުލުވެރިންގެ ޙާލަތަކީވެސް މިއެވެ. އަދި رابعة އާއި الزيلعي ގެ ޤަބުރުގެ ކައިރީގައިވެސް ޙާލަކީ މިއެވެ. އެތަންތަނުގެ ވަށައިގެންވަނީ ކުފުރާއި ޝިރުކާއި ބާޠިލު ޢަޤީދާތަކެވެ.

ޙަލަބާއި ދިމިޝްޤާއި ޝާމުކަރައިގެ ދުރު ހިސާބުތަކުގައިވެސް ބައެއް މީހުން ޤަބުރުތަކަށް އަޅުކަންކުރެއެވެ. އަދި ކުށްތަންވުމުގެ ގޮތުން އެފަދަ ޒިޔާރަތްތަކަށް އެއްޗެހި ހަދިޔާކޮށް ނަދުރު ބުނެ އުޅުނެވެ. ޢިރާޤުގެ المَوصِل އާއި ކުރުދީންގެ ރަށްތަކުގައިވެސް ކަންކަން ހުރީ ހަމަ އެފަދައިންނެވެ. އެތަންތަނުގެ މީސްތަކުން އަބޫ ޙަނީފާއާއި معروف الكرخي އާއި އައްޝައިޚް ޢަބްދުލްޤާދިރުގެ ޤަބުރުގެ ކައިރިއަށް ގޮސް ދުޢާކޮށް ކަންކަމުގައި އެދެއެވެ.

ޢަލީ ބުން އަބީ ޠާލިބު رضي الله عنه ގެ ޤަބުރުފުޅާމެދު ދަންނައެވެ. ރާފިޟީން އަޅުކަންކުރަމުން ދިޔައީ އެކަލޭގެފާނުގެ ޤަބުރުފުޅަށެވެ. އެބައިމީހުން ދުޢާކުރަނީ އެކަލޭގެފާނަށެވެ. އަދި އެބައިމީހުން ނަމާދުކުރަނީވެސް އެކަލޭގެފާނަށެވެ. އެއީ އެކަލޭގެފާނުގެ ޤަބުރުފުޅު މަތީގައި އެބައިމީހުން ހަދާ ރަނުން ގިރިޓީކޮށްފައިވާ ގުއްބުގެ ތެރޭގައެވެ. އަދި ހަމަ އެފަދައިން الكاظم ގެ ޤަބުރާއި ޙުސައިނުގެފާނުގެ ޤަބުރުފުޅުގެ ކައިރީގައި ޝިރުކާއި ކުފުރުގެ ކަންކަންކޮށް އުޅުނެވެ. އެބައިމީހުންގެ ކުޑަކުދިން ޒުވާންވަނީ އަދި ޒުވާނުން މުސްކުޅީވަނީ ޖާހިލުކަމުގެ މަތީގައެވެ.

އަދި الشط އާއި المحمرة އަދި ބަޞްރާއާއި އެތަނުގެ ވަށައިގެންވާ ރަށްތަކުގައި މިފަދަ ޤުއްބުތަކާއި ޒިޔާރަތްތައް ވެއެވެ. ތަވައްސުލާއި ދުޢާކުރުމާއި އަޅުކަންކުރުމަށް ޤަޞްދުކޮށް ޙަސަނުލް ބަޞްރީއާއި ޒުބައިރުގެފާނުގެ ޤަބުރުފުޅުގެ ކައިރިއަށް މީސްތަކުން ގޮސް އުޅުނެވެ.

އަދި القطيف އާއި ބަޙްރައިންގައިވެސް މިފަދަ ޚުރާފާތްތަކާ ބިދުޢަތަކާ އަދި ޝިރުކުގެ އެތައް ކަމެއް ވިއެވެ. ސިއްރު ނުވާނެހާ ބޮޑަށް އެތަންތަނުގައިވެސް މި ކަންކަން އޮތީ ފެތުރިފައެވެ.

މުޙައްމަދު ބުން ޢަބްދުލް ވައްހާބު رحمه الله ވަޑައިގެން މިކަންކަމާ ދެކޮޅަށް މަސައްކަތް ފެއްޓެވުމުގެ ކުރިން ޢާންމު ގޮތެއްގައި މުސްލިމުންގެ ޙާލަތު ހުރި ގޮތަކީ މިއެވެ.


 

މުޙައްމަދު ބުން ޢަބްދުލްވައްހާބު رحمه الله ގެ ދަޢުވަތުގެ ކުރިން ޢަރަބި ޖަޒީރާގެ ދީނީ ޙާލަތު

 

މީސްތަކުންގެ ޢަޤީދާގެ ތެރެއަށް ޚުރާފާތްތައް ވަނުމާއެކު، ޢަރަބި ޖަޒީރާގައިވެސް ބިދުޢަތައްވަނީ ފެތުރިފައެވެ. އަދި ޢަރަބީންގެ ތެރޭގައިވެސް ވަލީވެރިންނާއި ޞާލިޙުންނަށް އަޅުކަންކުރަން ފެށުނެވެ. އަދި މީސްތަކުންގެ ބޭނުންތައް ފުއްދައިދިނުމަށާއި މުޞީބާތްތަކުން ސަލާމަތްކޮށްދިނުމަށް ﷲ ގެ ޙަޟްރަތުގައި އެދުމުގެ ބަދަލުގައި އެފަދަ ބޭކަލުންގެ އަރިހުގައި މަދަދަށް އެދެއެވެ. އަދި ބައެއް މީހުން ޤަބޫލުކުރި ގޮތުގައި ހިލަތަކާއި ގަސްގަހާއި ޤަބުރުތައްފަދަ ދިރުމެއް ނެތް ތަކެއްޗަކީވެސް މީސްތަކުންގެ ކިބައިން އުނދަގޫ ފިލުއްވާ މަންފާ ޙާޞިލުކޮށްދިނުމުގެ ބާރު ލިބިގެންވާ ތަކެއްޗެވެ. ފަހެ، އެފަދައިން އެބައިމީހުން ﷲ ޙަރާމްކުރެއްވިކަންކަން ޙަލާލުކުރިއެވެ. އަދި ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ހަނދާންނައްތާލިއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ ۖ ثُمَّ إِذَا مَسَّكُمُ الضُّرُّ فَإِلَيْهِ تَجْأَرُونَ﴾ [سورة النحل ‎٥٣]

މާނައީ: “އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ ނިޢުމަތެއް ވަނީ ﷲ ގެ ޙަޟްރަތުންނެވެ. ދެން ތިޔަބައިމީހުންނަށް ދަތި ޙާލު ޖެހިއްޖެނަމަ ފަހެ ތިޔަބައިމީހުން ދުޢާކޮށް ދަންނަވަނީ ހަމަ އެއިލާހުގެ ޙަޟްރަތަށެވެ.”

ނަޖުދުގެ ރަށްތަކުގައިވެސް މިފަދަ ބޮޑެތި އެތައް ކަމެއް ހުއްޓެވެ. الجبيلة ގައި ވާ ޒައިދު ބުން އަލްޚައްޠާބުގެ ޤަބުރު ޤަޞްދުކޮށް އެތަނަށް މީސްތަކުން ދެއެވެ. އަދި އެބައިމީހުންގެ ޙާޖަތްތައް ފުއްދައިދިނުމަށާއި މުޞީބާތް ފިއްލަވައި ދިނުމަށް އެދި އެޤަބުރަށް ދުޢާކުރެއެވެ. އަދި ދިރްޢިއްޔާގައި ބައެއް ޞަޙާބީންގެ ޤަބުރު ވާކަމަށް ބައެއް މީހުން ދަޢުވާކުރެއެވެ. އަދި އެތަންތަނަށް ގޮސް އެ ޤަބުރުތަކަށް އަޅުކަންކުރެއެވެ. އެބައިމީހުންނަށް ހީވެފައިވަނީ އެބައިމީހުންގެ ޙާޖަތްތައް ފުއްދަވައިދެއްވުން އެންމެ ގާތް ގޮތަކީ އެއީ ކަމުގައެވެ. ހަމަ އެފަދައިން الجبيلة ގައި ހުންނަ الفحال ކިޔާ ރުކެއްގެ ކައިރިއަށް އެއިން ބަރަކާތް ޙާޞިލުކުރުމަށް އަންހެނުން ދެއެވެ. އަދި އެބައިމީހުންނަށް ކައިވެނިކުރުމުގެ މަގު ފަސޭހަކޮށްދޭން އެތަނުގައި އެދެއެވެ.

ދިރްޢިއްޔާގައި ބޮޑު ހޮހޮޅައެއް ވެއެވެ. އެބައިމީހުން ދަޢުވާކުރާ ގޮތުގައި އަންހެނަކު އޭނާއަށް އަނިޔާވެރިވި ބައެއްގެ ކިބައިން ސަލާމަތްކޮށްދެއްވުން އެދި ﷲ އަށް ދުޢާކުރުމުން ފަރުބަދަ ބަންދުވީއެވެ. އެހެންކަމުން އެ ހޮހޮޅައަކީ ބަރަކާތްތެރި ހޮހޮޅެއްކަމުގައި އެބައިމީހުން ދަޢުވާކުރެއެވެ. އެންމެ ފަހުން އެތަން ވެގެންދިޔައީ މީސްތަކުން ކުއްތަންވުމުގެ ގޮތުން ބުދުތަކަށް ކާބޯތަކެތި ފޮނުވާ ފަދައިން، އެއްގަމު މަހާއި ރޮށި ފޮނުވާ ތަނަކަށެވެ. އަދި އެބައިމީހުންގެ ތެރޭގައި ތާޖު ކިޔާ ވަލީވެރިއަކު ވިއެވެ. އެއީ ލޮލަށް ނުފެންނަ މީހެކެވެ. ނަމަވެސް އެހީތެރިޔަކު ނެތި ތަންތަނަށް ގޮސް އުޅުނެވެ. މީސްތަކުން އޭނާގެ ގާތު ނަދުރު ބުނެ، އެބައިމީހުންގެ އުނދަގޫތައް ފިއްލަވާ، ކަންކަން ފުއްފައިދިނުމަށް އޭނާގެ ގާތުން އެދެއެވެ. ފަހެ، އެބައިމީހުން ޤަބޫލުކުރި ގޮތުގައި އޭނާއާކު އަމާންކަން ވެއެވެ. އެގޮތުގެ މަތިން އެބައިމީހުން ތެދުމަގުން އެއްކިބާވެ، މަގުފުރެދިގެން ދިޔައެވެ. އަދި މިފަދަ ޚުރާފީ އެތައް އެތައް ކަމެއް ކުރަމުން ދިޔައެވެ. – އެފަދަ ކަންކަމުން ﷲ ގެ ޙަޟްރަތުން އަޅަމެން ރައްކާތެރިކަމަށް އެދެމެވެ. –

އަދި މާތްވެގެންވާ ޙަރަމްފުޅާމެދު ދަންނައެވެ. އަޢުރާބީން ޖަމާޢަތް ޖަމާޢަތަށް އެތަނަށް ގޮސް ނުބައި، ފާސިޤު ޢަމަލުތައް ކޮށް އެތަނުގެ ޙުރުމަތް ކެނޑިއެވެ. ބާޠިލުގެ އަހުލުވެރިން ހިތުހުރި ގޮތަކަށް އެތަނުގައި އުޅުނެވެ. އެބައިމީހުން އެކޮށްއުޅުނު ކަންކަމުގެ ވާހަކަ ދެއްކުމަކީ ހިތަށް ކުޅަދާނަވާ ވަރު ކަމެއް ނޫނެވެ. އެކަމުން ހިތްދަތިކަމާ ހިތާމަ ނޫނީ ނުލިބޭނެއެވެ. އެބައިމީހުންވަނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ހަނދާން ނައްތާލާފައެވެ. ﷲ ވަޙީކުރެއްވިއެވެ.

﴿وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَن لَّا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ﴾ [سورة الحج ‎٢٦]

މާނައީ: “އިބްރާހީމުގެފާނަށް ގެފުޅު ހުންނަތަން ތިމަންއިލާހު ދެއްކެވިހިނދު ހަނދުމަކުރާށެވެ! (ތިމަންއިލާހު އެންގެވީމެވެ.) ކަލޭގެފާނު ތިމަންއިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރައްވާށެވެ! އަދި ޠަވާފުކުރާ މީހުންނަށާއި ޤާއިމުވެ ތިބޭ މީހުންނަށާއި ރުކޫޢުކޮށް ސަޖިދަކުރާ މީހުންނަށްޓަކައި ކަލޭގެފާނު ތިމަންއިލާހުގެ ގެފުޅު ޠާހިރުކުރައްވާށެވެ!”

އެބައިމީހުން އެކަންކަން ކޮށްއުޅުނީ ފާޅުގައެވެ. އެކަންކަން ހުއްޓުވަން މަސައްކަތްކުރި ޢިލްމުގެ އަހުލުވެރިންނަށްވެސް ބަލާލުމެއް ނެތިއެވެ. ޙައްޤާ ޚިލާފުވުމަކީ ކުޅޭ ކުޅިވަރެއް ފަދައެވެ. ޙައްޤުގޮތް ބަދަލުކުރަން އުޅޭ ފަދައެވެ.

މީގެ އިތުރުން މުޞީބާތް ފިއްލަވައިދިނުމަށާއި މަދަދަށް އެދި އަބޫ ޠާލިބުގެ ޤަބުރު ކައިރީއަށްވެސް ބައެއްމީހުން ގޮސް އުޅުނެވެ. އަދި المحجوب އޭ ކިޔުނު މީހެއްގެ ޤަބުރުގެ ކައިރިއަށް ގޮސް، ފާފަ ފުއްސަވާ ދެއްވާތޯ އެދި އުޅުނެވެ. އަދި މައްކާގައި ޚަދީޖަތުގެފާނުގެ ޤަބުރުފުޅާއި سَرِف ގައިވާ މައިމޫނާ ބިންތު އަލްޙާރިޘްގެ ޤަބުރުފުޅުގެ ކައިރީގައި އަންހެނުންނާ ފިރިހެނުން އެއްވެ ފާޙިޝް މުންކަރާތްތައްކޮށް، އަޑު އުފުލާ ދުޢާކޮށް އުޅުނެވެ. އަދި ޠާއިފުގައިވާ ޢަބްދުﷲ ބުން ޢައްބާސްގެ ޤަބުރުފުޅުގެ ކައިރީގައިވެސް އެބައިމީހުންގެ ޙާޖަތްތައް ފުއްދައިދިނުމަށް އެދި އުޅުނެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ޤަބުރުފުޅާމެދު ދަންނައެވެ. އެތަނުގައި ބިދުޢަތަކާއި ޙަރާމްކަންތައްތައް ކޮށް އުޅުނެވެ. އެކަލޭގެފާނު އެފަދަ ކަންކަންކުރާ މީހުންނަށް ލަޢުނަތްލައްވާފައިވާ އެތައްކަމެއް އެބައިމީހުން ކޮށް އުޅުނެވެ.

އަދި މީގެ އިތުރުން ޙަމްޒަތުގެފާނުގެ ޤަބުރުފުޅުގެ ކައިރީގައިއާއި ބަޤީޢުގައާއި ޤުބާގައިވާ ޤަބުރުތަކުގެ ކައިރީގައި އަދި ޖިއްދާގައިވާ ޙައްވާގެފާނުގެ ޤަބުރުކަމަށް ދަޢުވާކުރާ ޤަބުރުގެ ކައިރީގައި ކޮށް އުޅުނު ބިދުޢައާއި ޝިރުކުގެ ކަންކަމަކީ ޤަލަމަކުން ބަޔާންކުރަން ފަސޭހަ ކަންކަމެއް ނޫނެވެ.

 

މުޙައްމަދު ބުން ޢަބްދުލްވައްހާބު رحمه الله ގެ ދަޢުވަތުގައި އެންމެ އިސްކަން ދެއްވި އެއްކަމަކީ މިފަދަ ޤަބުރުތަކުގެ މަތީ ހަދާފައިވާ ޤުއްބުތައް ތަޅާލުމާއި ޒިޔާރަތްތައް ތަޅާލުމެވެ. އަދި އާންމުންނަށް ޝިރުކާއި ބިދުޢައިގެ ނުބައިކަން ކިޔައިދެއްވާ އެކަމުން މީސްތަކުން ދުރުހެލި ކުރުވުމެވެ. މި ސަބަބަށްޓަކައި އެކަލޭގެފާނުގެ ދަޢުވަތަށް އެ ޒަމާނުގައި އުޅުނު ޤަބުރުތަކަށް އަޅުކަންކުރި މީހުންގެ ތެރެއިން ބަޔަކު ވަރަށް ނަފުރަތުކުރިއެވެ. އަދި އެކަމާ ދެކޮޅު ހަދާ އިންކާރުކޮށްވެސް އުޅުނެވެ. އަދި މިއަދާ ހަމައަށްވެސް މިކަމުގެ ބައެއް އަސަރުތައް ފެތުރިފައިވެއެވެ. އެހެނަސް ﷲ ތަޢާލާގެ ތަނަވަސް ރަޙުމަތުން އަދި އެއަށް ފަހު އޭރުގެ ވަރަށް ގިނަ ޢިލްމުވެރިންނާއި މުޞްލިޙުން ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން މިއަދު މިފަދަ ވަރަށް ގިނަ ބިދުޢަތަކާއި ޚުރާފީ ކަންތައްތައްވަނީ ނެތިގެން ގޮސްފައެވެ.