[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (31)

3– ދަރިފުޅުގެ ބުއްދިއާއި، ވިސްނުމާއި، އޭނާގެ ފިކުރު ނުބައި ވެދާނެތީ، އަދި އޭނާގެ ޢަމަލުތަކާމެދުވެސް ބިރުވެތިވުން. ފަސޭހައިން މީހުންނަށް ހައްދާލެވޭފަދަ މީހަކަށް ވެދާނެތީއާއި، ބާޠިލު ވާހަކަތަކާއި، އަސްލެއް ނެތް ޚުރާފާތް ގަބޫލުކުރާ މީހަކަށްވެދާނެތީ ބިރުވެތިވާށެވެ. އަދި ކަންކަމާމެދު ކުޑަކުއްޖެއް ފަދައިން މުޢާމަލާތުކުރާ އަދި ތަސައްރަފު ނުފުދޭ އުޅުމެއް އުޅޭ ފަދަ މީހަކަށްވެދާނެތީ ބިރުވެތިވާށެވެ. އަދި މީހުން ބުނާ ހުރިހާ އެއްޗަކަށް އާނ ބަސް ބުނާ މީހަކަށްވެދާނެތީ ބިރުވެތިވާށެވެ. އަދި ރަނގަޅަށް ހިތާ މީހުންނަށް ރަނގަޅަށް ހިތައި، ގޯސްކޮށް ހިތާ މީހުންނަށް ގޯސްކޮށް ހިތާމީހަކަށް ވެދާނެކަމަށް ބިރުވެތިވާށެވެ. މިހުރިހާ ކަމަކީ ވެސް ގޯސްކަންކަމެވެ.

ކައުނާއި، ކައުނުގައި ކަން ހިނގާ ޤާނޫނާބެހޭ ގޮތުން ދަރިފުޅާ ވާހަކަދައްކާށެވެ. އަދި ދަރިފުޅަށް އޭނާގެ ވަށައިގެންވާ މާހައުލާމެދު ވިސްނައި ފިކުރު ކުރުމަށް ހިތްވަރު ދޭށެވެ. އޭރުން ދަރިފުޅަށް ރަނގަޅު ގޮތުގައި ވިސްނަން ދަސްވާނެއެވެ. ސަބަބުތަކާއި އެއިން ނުކުންނަ ނަތީޖާތަކާއި ގުޅުވަން ދަސްވެ، ކަންކަމުން ރަނގަޅު ނިންމުމަށް ވާޞިލުވާން އެނގި، ކަންކަން ޞައްޙަގޮތުގައި ދޭހަވެގަންނަން އެނގޭނެއެވެ. ދަރިފުޅުގެ ކޮންމެ ސުވާލަކަށް ތަފްސީލީ ޖަވާބުދޭށެވެ. މިގޮތަށް ޖަވާބު ދޭއިރު އެންސައިކްލޮޕީޑިއާއާއި، އިންޓަނެޓުގެ ބޭނުން ހިފައި، ކަމާއި ގުޅޭ މާހިރުންނާއި ސުވާލުކޮށް އެމީހުންގެ އެހީ ހޯދިދާނެއެވެ.

ގޯސް ރަޙުމަތްތެރިއެއްގެ ސަބަބުން އަޅުގަނޑުމެންގެ ދަރިންގެ ދީންވެރިކަމާއި އަޚްލާޤަށް އަސަރުކޮށްފާނެތީ އެކަމާ އަހަރެމެން ބިރުގަންނަމުއެވެ. މިހެން ތިއްބާ، ފިކުރީ ގޮތުން އެކުދިން މަގުފުރެއްދުމުގެ އެކި އުކުޅުތައް މިވަނީ އަހަރެމެންނަށް ރޭކާނުލައި ތިއްބައި އެކި ދިމަދިމާއިން އައިސް ވަށާލާފައެވެ. އަދި އަހަރެމެންގެ ދަރިންގެ ލޮޖިކް މިވަނީ އެފުށްމިފުށަށް ޖެހި، އެކުދިންގެ ބުއްދި ޚަރާބުވެފައެވެ. އަދި އެމީހުންގެ ފިކުރު ހެޔޮމަގުން އެއްކިބާވެ، ކަންކަމާމެދު ނިންމާ ނިންމުންތައް ވަނީ އޮއްޓަރު ނެތް އެއްޗަކަށްވެފައެވެ. މީގެ ސަބަބުން ރިވެތި އުސޫލުތަކާމެދު އެކުދިން އިހުމާލުވެއެވެ. އެކަކު އަސާސީ ކަންކަމާމެދު ބަހުޘްކުރާއިރު، އަނެކަކު ފަލްސަފާވެރީންގެ ބާޠިލު ފަލްސަފާގެ އަވާގައި ޖެހި އެމަގުން ހިނގަން ފަށައެވެ. މީގެއިން ނިކުންނަނީ ވަރަށް ނުބައި ނަތީޖާއެވެ. އެއްބަޔަކު ރިވެތި އަޚްލާޤު އެއްކޮށް ދޫކޮށްލަނީއެވެ. އަނެކަކު ހުޅަނގުގެ ފިކުރުގައި ޖެހި، ދީނުގެ ޢަދުއްވުންނާ އެއްބައިވެއެވެ. އަނެކަކު ދީނުގެ ޘާބިތު ކަންކަމާމެދު ޝައްކު ކުރަންފަށައެވެ. ﷲ އަހަރެމެން ރައްކާތެރިކުރައްވާށިއެވެ! ބުއްދިއާއި ފިކުރަށް އިސްކަންދިނުމުގެ ސަބަބުން ކިތައް ޒުވާނުން ނަޞާރާއިންނަށްވެ، ނުވަތަ ޝިޔަޢީންނަށްވެ، ނުވަތަ ސެކިއުލާ މީހުންނަށްވެ، މުރުތައްދުވެފައިވޭ ހެއްޔެވެ! އެހެންކަމުން، މައިންބަފައިން މިކަމާމެދު ވަރަށް ހުޝިޔާރުވާށެވެ. އަދި ތިބާގެ ދަރިފުޅުގެ ވިސްނުން ހުންނަ ގޮތް ދެނެގަންނާށެވެ. އަދި ދީނުގެ ރިވެތި އުސޫލުތަކާއި، އަސާސީ ކަންކަން ދޫކުރެވިޔަ ނުދޭށެވެ.

އެހެންކަމުން ތިރީގައި މިބަޔާންކުރަނީ ބައެއް ނަސޭހަތްތަކެވެ:

  • ތިބާއާއި ތިބާގެ ފިރިމީހާއަކީ ދަރިފުޅަށްވާ ނަމޫނާއެވެ. ތިދެމީހުންގެ ކިބައިން ފެންނަ ކަންކަމާއި، އަދި އަޑުއިވޭކަންކަން އޭނާ ފާހަގަކުރާނެއެވެ. އެހެންކަމުން މިކަމާއިމެދު ހުޝިޔާރުވެ، ގޯސް ފިކުރެއް ނޭނގިނަމަވެސް ދުލުން ބޭރު ނުކުރާށެވެ. އަދި ތިބާގެ ގޭގައި ޞައްޙަ މަޢުލޫމާތު ހިމެނޭ ފޮތެއް މެނުވީ ނުބާއްވާށެވެ. އަދި ގެއަށް ގެންނަންވާނީ ރިވެތި އުސޫލުތަކުގެ މަތީގައި ހިފެހެއްޓިފައި ހުންނަ މަޖައްލާތަކެވެ. އަދި އަޑުއަހަންވާނީ ރަނގަޅު އަޑުތަކާއި ވާހަކަތައް ބުނެދޭ ރޭޑިއޯތަކާއި ޗެނަލްތަކެވެ.
  • މީހުންގެ ފިކުރު ހުންނަގޮތާއި، އެމީހުންގެ އުޅުމުގައި ހުންނަ ތަފާތުތަކާއި ގަބޫލުކުރާ ގަބޫލުކުރުންތަކުގައި ހުންނަ ތަފާތުތައް ދަރިފުޅަށް ބުނެދޭށެވެ. އަދި ކަންކަމުގައި އޭނާ އަމިއްލަ ރައުޔު ގެންގުޅުމަށް ވެސް ދަސްކޮށްދޭށެވެ. ކޮންމެ ކަމެއްގައި ދަރިފުޅުގެ ރައުޔު މަންމަ ނުވަތަ ބައްޕަގެ ރައުޔާ އެއްގޮތް ވާކަށް ނުޖެހެއެވެ. މުހިއްމުކަމަކީ އެ ރައުޔަކީ ރަނގަޅު އަދި ޝަރީޢަތުގައި ކަނޑައެޅިފައިވާ ކަންކަމާ ޚިލާފުނުވާ ރައުޔަކަށް ވުމެވެ. އެހެންކަމުން އޭނާގެ ސިކުނޑި ހުޅުވައި، އަދި ހުރިހާ އަޑެއްވެސް އަޑުއަހަން ދަސްކޮށްދޭށެވެ. އެހެންނަމަވެސް އިވޭ ކޮންމެ އެއްޗެއް ގަބޫލުކުރަން ނުވާނެކަން ބުނެދޭށެވެ. އަދި ރައުޔުތަކާމެދު މަޝްވަރާކޮށް އޭގެ ތެރެއިން ރަނގަޅު އަދި ގޯސްރައުޔުތައް ވަކިކޮށް ރަނގަޅު ރައުޔު ދެނެގަންނަން ދަސްކޮށްދޭށެވެ.
  • ވަރަށް ގިނަ ދަރިން އެމީހުންގެ މައިންބަފައިންނާމެދު ވަރަށް މަތިވެރިކޮށް ދެކެއެވެ. އެހެންކަމުން މައިންބަފައިންނަކީވެސް އިންސާނުންކަމާއި، އިންސާނުންނަށް ދޭންވާ ދަރަޖައަށްވުރެ މަތީ ދަރަޖަ ނުދިނުމަށް ދަސްކޮށްދޭށެވެ. އަދި މަންމައަކީ ހުރިހާ ކަމެއް އެނގޭ އަދި ވިސްނޭ މީހެއް ނޫންކަންވެސް ބުނެދޭށެވެ. ތިމާއަށް ނޭނގޭ ކަމަކާ ބެހޭގޮތުން ދަރިން ސުވާލުކޮށްފިނަމަ، ނޭނގެއޭ ބުނެ ޖަވާބުދޭށެވެ. ހަރުބަހެއްގައި އޮވެއެވެ. ޢިލްމުގެ ދެބައި ކޮށްފައި އެއްބަޔަކީ ތިމާއަށް ނޭނގޭކަން އެނގުމެވެ. އެހެންކަމުން އެކުދިންގެ ނަޒަރުގައި ތިމާގެ ހަގީގީ ދަރަޖައަކީ ކޮބައިކަން އެކުދިންނަށް އެނގި، އޭރުން ތިމާއަށް ކުރެވޭ ގޯސްކަމެއްގެ ސަބަބުން އެކުދިންގެ ނަޒަރުގައި ތިމާގެ އަގު ވެއްޓި، ތިމާގެ ކިބައިން ސަލާމަތްވާން އެކުދިން ނުދާނެއެވެ.

ޙަޔާތުގައި ދިމާވާ ކޮންމެ މީހެއްގެ ކިބައިންވެސް ޙިކުމަތްތެރިކަމުގެ މިންވަރެއް އެނގިގެންދާނެކަމާއި، އޭގެ ބޭނުން ހިފައި، ދެން ފެންނަ އެހެނިހެން ކަންކަން ދޫކޮށްލަން ދަސްކޮށްދޭށެވެ. މީހުންގެ ކިބައިގައި ހުންނަ ހުނަރުވެރި ސިފަތައް ދެނެގަނެވުމުގެ ގާބިލުކަމަކީ ކުއްޖާގެ ބުއްދި ފުރާފުރިހަމަވެ، ވިސްނުންތޫނު އަދި ދުރު ވިސްނޭ ކުއްޖެއްކަން ދޭހަވާ ކަމެކެވެ. އަދި އޭގެ ސަބަބުން ފިކުރުތަކުގެ ތެރެއިން ދޫކޮށްލަންޖެހޭ ފިކުރުތަކަކީ ކޮބައިކަން، އޭގެ އަޑު އިވުމާއެކު އޭނާއަށް އެނގިގެންދާނެއެވެ. އެއީ އެ ފިކުރުތަކަކީ ޝަރީޢަތާ ޚިލާފުކަންކަން ކަމުގައި ވާނަމައެވެ. (ނުނިމޭ)

__________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!