الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޤިޔާމަތްދުވަހުގެ ކަންތައްތައް ދިގު ލައިގެން ދިޔުމުން އަދި އެ މައުޤިފުގައި ހިނގާ ކަންތައްތައް އުނދަގޫވެ، އެދުވަހުގެ ހޫނު ގަދަވެ، ބިރުވެރިކަން ބޮޑުވުމުން މީސްތަކުން އެދުވަހުން ބައެއް ނަބީބޭކަލުންގެ އަރިހަށް ދާނެއެވެ. އެއީ ޤިޔާމަތްދުވަހުގެ ކަންތައްތައް ފައްޓަވާ ދެއްވައި އަޅުތަކުންގެ މެދުގައި ނިޔާ ކަނޑައަޅައިދެއްވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާ ދެއްވުމަށެވެ.
އެބައިމީހުން އާދަމުގެފާނުގެ އަރިހަށް ގޮސް އެކަމަށް އެދި ވަޑައިގެންނެވުމުން އެކަލޭގެފާނު އެކަމަށް ޢުޛުރުވެރިވެ ވަޑައިގަންނަވާކަން ބަޔާންކުރައްވާނެއެވެ. ދެން ނޫޙުގެފާނުގެ އަރިހަށް އައިސް އެކަމަށް އެދި ވަޑައިގެންނެވުމުން އެކަލޭގެފާނުވެސް އެކަމަށް ޢުޛުރުވެރިވެ ވަޑައިގަންނަވާކަން ބަޔާންކުރައްވާނެއެވެ. ދެން އިބްރާހީމުގެފާނާއި މޫސާގެފާނާއި ޢީސާގެފާނުވެސް އެފަދައިން ޢުޛުރުވެރިވެ ވަޑައިގަންނަވާކަން ބަޔާންކުރައްވާނެއެވެ.
އެއަށްފަހުގައި މީސްތަކުން ދާނީ މުޙައްމަދު صلى الله عليه وسلم ގެ އަރިހަށެވެ. ދެން އެކަލޭގެފާނު މީސްތަކުންނަށްޓަކައި ޝަފާޢަތްތެރިވެވަޑައިގަންނަވާނެއެވެ. “المَقَامُ المَحْمُوْد” އަކީ އެއީއެވެ. އެއީ ޤިޔާމަތްދުވަހުން މީސްތަކުންނަށް ޝަފާޢަތްތެރިވެވަޑައިގެންނެވުމަށްޓަކައި އެކަލޭގެފާނު ހުންނަވާނޭ މަޤާމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمِنَ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَّكَ عَسَىٰ أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا﴾ [سورة الإسراء ٧٩]
މާނައީ: ” އަދި (ފަރުޟުނަމާދުގެ އިތުރަށް) ކަލޭގެފާނަށް ޚާއްޞަނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ ޤުރުއާން ކިޔަވައި ވިދާޅުވެ، ތަހައްޖުދު ނަމާދު ކުރައްވާށެވެ! އެކަމުން ކަލޭގެފާނުގެ ރައްބު ޙަމްދުލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވައި ހުށްޓެވެ!”
އަދި ބަންގި ދުޢާގައި ވެއެވެ.
«اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي» [رواه البخاري (614)]
މާނައީ: “އޭ ﷲ! މި ފުރިހަމަ ގޮވާލުމާއި މި ޤާއިމުވާ ނަމާދުގެ ރައްބެވެ! މުޙައްމަދުގެފާނަށް ވަސީލަތާއި [1] މަތިވެރިކަން ދެއްވާނދޭވެ! އަދި އިބައިލާހު އެކަލޭގެފާނަށް ވަޢުދުކުރެއްވި ޙަމްދު ލިބިގެންވާ މަޤާމަށް އެކަލޭގެފާނު ފޮނުއްވާނދޭވެ!”
= ނުނިމޭ =
[1] ވަސީލަތާ ބެހޭގޮތުން رسول الله صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. “އެއީ ސުވަރުގޭގެ މަޤާމަކަށް ކިޔާ ނަމެކެވެ. ﷲ ގެ އަޅުތަކުން ކުރެ އެންމެ އަޅަކަށް މެނުވީ އެ މަޤާމު އެކަށީގެން ނުވެއެވެ. އަދި އެ އަޅަކީ ތިމަންކަލޭގެފާނު ކަމުގައި ވުމަށް އުންމީދުކުރަމެވެ.” [رواه مسلم 11 – (384)]