[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 9 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

قَالَ الطَّحَاوِيُّ رحمه الله: “لاَ يَفْنَى وَلاَ يَبِيدُ”.

ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“އެއިލާހު ފަނާވެ ނުދާނެއެވެ. އަދި ނެތިގެންނުދާނެއެވެ.”

_________________________________________________________________

ޝަރަޙަ:

* ﷲ ސުބުޙާނަހޫ ވަތަޢާލާ ފަނާވެ އަދި ނެތިގެންނުދަނީ އެއިލާހުގެ ދިރިދެމިވޮޑިގެންވުމާއި ޤާއިމުވެވޮޑިގަތުމުގެ ފުރިހަމަކަމުންނެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((كُلُّ مَنْ عَلَيْهَا فَانٍ*وَيَبْقَى وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ)) الرحمن:26-27 މާނައީ: “އެބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެދަނިވި އެއްޗެކެވެ. އަދި ފަނާނުވެ ހުންނާނީ ކަލޭގެފާނުވެރި އިލާހުގެ ކީރިތިކަމާއި މާތްކަމުގެ ވެރި ވަޖުހުފުޅެވެ. (އެބަހީ އެއިލާހުގެ ޛާތުފުޅެވެ.)” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ)) القصص:88 މާނައީ: “އެކަލާނގެ ވަޖުހުފުޅު މެނުވީ (އެބަހީ އެއިލާހުގެ ޛާތުފުޅުމެނުވީ) އެހެން ހުރިހާތަކެއްޗެއް ފަނާވެދާހުއްޓެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لا تَأْخُذُهُ سِنَةٌ وَلا نَوْمٌ)) البقرة: 255 މާނައީ: “ﷲ އެއީ އެކަލާނގެ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެއްވެސް އެހެން އިލާހަކުނުވާ ކަލާނގެއެވެ. އެކަލާނގެއީ ފެށުމެއްނުވާ އަދި ނިމުމެއްނުވާ ދާއިމީޙަޔާތެއްވާ ކަލާނގެއެވެ. އަދި އެއީ ޚަލްޤުތަކުންނަށް ރިޒުޤުދެއްވުމާއި، ބެލެހެއްޓެވުމާއި، ރައްކާތެރިކުރެއްވުމުގައި ޤާއިމުވެވޮޑިގެންވާ ކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެއިލާހަކަށް ނުވެއެވެ.”

އިމާމް ތަޙާވީ ރަޙިމަހުﷲގެ މިބަސްފުޅުން ދެކަމެއް ދޭހަވެއެވެ.

ފުރަތަމައީ: މިއީ އެއިލާހުގެ ދިރިދެމިވޮޑިގެންވުމާއި ޤާއިމުވެވޮޑިގަތުމުގެ ޞިފަފުޅަށް އިތުރަށް ވަރުގަދަކޮށްދޭ ޖުމްލައެކެވެ. އަދި މިއީ މިޖުމްލައިގެ ކުރީގެ ޖުމްލަ “دَائِمٌ بِلاَ انْتِهَاءٍ” (އެބަހީ: ނިމުމެއްނުވާ ދާއިމަށް ވޮޑިގެންވާ އިލާހެވެ.) މިޖުމްލައިގެ ތަފްސީރެވެ.

ދެވަނައީ: ބައެއް ބާޠިލު ފިރުޤާތަކުގެ މީހުން ދަޢުވާކުރާގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބައެއް ޞިފަފުޅުތައް ނެތިގެންދާނެއެވެ. ނުވަތަ އެއިލާހުގެ ބައެއް އިސްމުފުޅުތައް ނެތިގެންދާނެތެވެ. ނަމަވެސް ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ އަރިހުގައި މިބައިމީހުންގެ މިދަޢުވާއަކީ ބާޠިލު ދަޢުވާއެކެވެ. ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ޤަބޫލުކުރާގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޛާތުފުޅާއި، އެއިލާހުގެ އިސްމުފުޅާއި ޞިފަފުޅުތައް ފަނާވެ ނުދާނެއެވެ. އަދި ނެތިގެންވެސްނުދާނެއެވެ.

އެހެންކަމުން، އިމާމް ޠަޙާވީގެ “لاَ يَفْنَى وَلاَ يَبِيدُ” މިޖުމްލައިން ދޭހަކޮށްދެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ربّވަންތަކަމުގައި އެއިލާހުގެ ފުރިހަމަކަމެވެ. އަދި އެއިލާހުގެ އެންމެހާ ޞިފަފުޅުތައް އެއިލާހަށް ފުރިހަމައަށް ލިބިވޮޑިގެންވާކަމެވެ.

_________________________________________________

ސުވާލު:

1. ﷲ ސުބުޙާނަހޫ ވަތަޢާލާ ނިމުމެއް އަދި ފެށުމެއްނެތި ދިރިދެމިވޮޑިގެންވާކަމުގެ ދަލީލެއް ބުނެދި!

2. އިމާމް ޠަޙާވީގެ “لاَ يَفْنَى وَلاَ يَبِيدُ” މިޖުމްލައިން ދޭހަކޮށްދޭ ދެކަމަކީ ކޮބާ؟

__________________________________________________

ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް