كتاب: الطهارة
ޠަހާރަތުގެ ލުޣަވީ މާނައާއި އިޞްޠިލާޙީ މާނަ
ޢަރަބި ބަހުގައި الطَّهَارَة (ޠަހާރަތު) ގެ މާނައަކީ: އެންމެހާ ހަޑިއަކާ ނަޖިހަކުން އެއްޗެއް ސާފުވެފައި ވުމެވެ. [1]
މިސާލަކަށް: “އޭނާގެ ހެދުން ނަޖިހުން ޠާހިރުކޮށްފި” ގެ މުރާދަކީ އެ ސާފުކުރުމެވެ. [2]
ޝަރުޢީ ގޮތުން ދެ މާނައެއްގައި ޠަހާރަތު ބޭނުން ކުރެއެވެ.
ފުރަތަމައީ: އޭގެ އަޞްލު މާނައެވެ. އެއީ ﷲ އަށް އަޅުކަންކުރުމުގައި، ޝަރީކުކުރުމުން އެމީހެއްގެ ހިތް ޠާހިރުކުރުމެވެ. އަދި މުއުމިނު އަޅުތަކުންނަށް އެމީހެއްގެ ހިތުގައި ޙަސަދައެއް ނުވަތަ ކިލަނބުކަމެއް ނުވުމެވެ. މިކަމަކީ އެމީހެއްގެ ހަށިގަނޑު ޠާހިރުކުރުމަށް ވުރެވެސް މާ މުހިންމު ކަމެކެވެ. އަދި ކިއެއް ހެއްޔެވެ. މީހެއްގެ ކިބައިގައި ޝިރުކުގެ ނަޖިސްވާނަމަ އެމީހެއްގެ ހަށިގަނޑު ޠާހިރެއް ނުވާނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّمَا الْمُشْرِكُونَ نَجَسٌ﴾ [سورة التوبة ٢٨]
މާނައީ: “މުޝްރިކުންނަކީ ނަޖިސް ބަޔަކުކަމުގައި މެނުވީ ނުވެއެވެ.”
އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ المُؤْمِنَ لاَ يَنْجُسُ» [رواه البخاري (285)]
މާނައީ: “ހަމަކަށަވަރުން މުއުމިނަކު ނަޖިހެއް ނުވާނެއެވެ.”
ދެވަނައީ: އޭގެ ފަރުޢީ މާނައެވެ. އެއީ ޙިއްސީ ޠަހާރަތެވެ.
ޢިލްމުވެރިންގެ އިޞްޠިލާޙުގައި ޠަހާރަތަކީ: ޙަދަޘްވެރިކަން އުފުލުމާއި ޙަދަޘްވެރިކަމުގެ މާނައިގައިވާ ކަންކަން އުފުލުމާއި ނަޖިސް ފިލައި ދިޔުމާ އަދި ޙުކުމީ ގޮތުން އެކަން އުފުލުމެވެ. [3]
މި އިޞްތިލާޙުގެ ޝަރަޙައަކީ:
– ޙަދަޘްވެރިކަން: ނަމާދުކުރުމާ އަދި އެފަދަ އެހެނިހެން ކަންކަން ކުރުން މަނާކުރާ ކަންތައް، ފެން ބޭނުންކޮށްގެން ފިލުވާލުމެވެ. ޙަދަޘްވެރިކަމުގެ ތެރޭގައި ބޮޑު ޙަދަޘްވެރިކަމާއި ކުޑަ ޙަދަޘްވެރިކަން ހިމެނެއެވެ. [4]
– އުފުލުން: ގެ މުރާދަކީ އެކަން ފިލުވާލުމެވެ. ބޮޑު ޙަދަޘްވެރިކަން ފިލައިގެންދާނީ ހިނައިގަތުމުންނެވެ. ކުޑަ ޙަދަޘްވެރިކަން ފިލައިގެން ދާނީ ވުޟޫކުރުމުންނެވެ. [5]
– ޙަދަޘްވެރިކަމުގެ މާނައިގައިވާ ކަންކަން: ޙަދަޘްވެރިކަމުގެ މާނައިގައިވާ ކަންކަމަކީ ޙަދަޘްވެރިކަމުގެ ތެރޭގައި ނުހިމެނޭ އެހެނަސް އެއާ ވައްތަރު ބައެއް ކަންކަމެވެ. މިސާލަކަށް: ރޭގަނޑު ނިދިން ހޭލާފައި އަތްދޮވުމެވެ. އެއީ ވާޖިބެކެވެ. އަދި އެކަމަށް ޠާހިރުވުމޭ ކިޔާނެއެވެ. އެހަނަސް އޭގެ ސަބަބުން ޙަދަޘްވެރިކަން އުފުލިގެން ނުދާނެއެވެ. އަދި ހަމައެކަނި އެފަދައިން އަތް ދޮވެގެން ނަމާދުކުރުންވެސް ހުއްދަވެގެން ނުވެއެވެ. އެހެންކަމުން ‘ޙަދަޘްވެރިކަމުގެ މާނައިގައިވާ ކަންކަން’ އަކީ ޠަހާރަތުގެ ކަންތައްތަކުގެ ތެރެއިން ޙަދަޘްވެރިކަން އުފުލިގެން ނުދާ ކަންކަމެވެ. [6]
ނަޖިސް ފިލައި ދިޔުން: މިތަނުގައި ‘ނަޖިސް ފިލުވާލުން’ ގެ ބަދަލުގައި ‘ނަޖިސް ފިލައި ދިޔުން’ ބޭނުންކޮށްފައި އެވަނީ މީހަކު އެ ފިލުވާލައިގެން ނުވަތަ އެ ނޫން ގޮތަކަށް ވިޔަސް އެ ފިލައިގެން ދިޔަސް އެވާނީ ޠަހާރަތުގެ ތެރެއިންނެވެ. މިސާލަކަށް ނަޖިސް ވެފައިވާ ބިމެއް ވާރޭ ވެހުމުގެ ސަބަބުން ސާފުވެއްޖެއްޔާ އެ ޠާހިރުވާނެއެވެ. [7]
ޙުކުމީ ގޮތުން އެކަން އުފުލުން: ގެ މުރާދަކީ މިސާލަކަށް ތަޔައްމުމުކުރުމުގެ ސަބަބުން ޙަދަޘްވެރިކަން އުފުލުމެވެ. [8]
ޙަދަޘާއި ނަޖިސްގެ ތަފާތު
ޙަދަޘް ނުވަތަ ޙަދަޘްވެރިވުމަކީ: ހަށިގަނޑަށް މެދުވެރިހާ ޙާލަތެކެވެ. އެ ޙާލަތު މެދުވެރިވުމުން، ނަމާދުކުރުމާ އަދި ޠަހާރަތުގެ މަތީގައި ހުރެގެން ކުރުން ޝަރުޠުކޮށްފައިވާ ކަންކަން ކުރުން އެމީހަކަށް މަނާވެގެންދެއެވެ.
މިސާލު: ކުޑަކަމުދިޔުމުގެ ސަބަބުން މީހަކު ޙަދަޘްވެރިވެއެވެ. އެއަށްފަހުގައި ކުޑަކަމުދާ ތަކެތިން ޠާހިރުވުމަށްޓަކައި އިސްތިންޖާކުރުމުން (އެބަހީ: އެ ދޮވުމުން) އަދި އެއަށް ފަހު ވުޟޫކުރުމުން އެމީހަކު އެވަނީ ޙަދަޘުން އަރައިގަނެފައެވެ. ދެން އޭނާއަށް ނަމާދުކުރެވޭނެއެވެ.
ނަޖިސްއަކީ: އެއިން ޠާހިރުވުން ވާޖިބުވެގެންވާ ކޮންމެ އެއްޗެކެވެ.
މިސާލު: އިންސާނާގެ ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެއްޗެވެ. [9]
ޢާންމު ގޮތެއްގައި ފިޤުހު ފޮތްތައް ޠަހާރަތުގެ ބާބުން ފަށާފައިވާ ސަބަބު
މިކަމުގައި މައިގަނޑު ދެ ސަބަބެއް ވެއެވެ.
ފުރަތަމައީ: ޠަހާރަތުގައި ހިމެނިފައިވަނީ އެމީހަކަށް އުނދަގޫވާ އަދި ހަޑި ކަންތައްތަކަކުން ޠާހިރުވުމެވެ. އެހެންވެ އެއިން ފެށުން މުނާސަބުވެގެން ވެއެވެ.
ދެވަނައީ: ޠަހާރަތަކީ ނަމާދުގެ ތަޅުދަނޑިއެވެ. އަދި ނަމާދަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ޝަހާދަތުގެ ދެ ކަލިމައަށް ފަހުގައި އެންމެ މުހިންމު ކަންތަކެވެ. އެހެންކަމުން ފިޤުހުވެރިން ޠަހާރަތުގެ ބާބުން އެބޭކަލުންގެ ފޮތްތައް ފައްޓަވައެވެ. [10]
ޠަހާރަތުގައި ބޭނުން ކުރާ މައިގަނޑު އެއްޗަކީ ފެނެވެ. އެއިން ނަޖިހުން ޠާހިރުވެއެވެ. އަދި ޙަދަޘުން އެރިގަނެވެއެވެ. އެހެންކަމުން ދެން ގެނެސްދޭނީ ފެނާ ގުޅުން ހުރި ފިޤުހީ މަސްއަލަތަކެވެ. إن شاء الله.
[1] ބައްލަވާ: المصباح المنير للفيومي (2 / 379).
[2] ބައްލަވާ: الشرح الممتع للعثيمين (1 / 25 – 27).
[3] كشاف القناع للبهوتي (1 / 24).
[4] ބައްލަވާ: كشاف القناع للبهوتي (1 / 24).
[5] ބައްލަވާ: كشاف القناع للبهوتي (1 / 24).
[6] ބައްލަވާ: كشاف القناع للبهوتي (1 / 24) والشرح الممتع للعثيمين (1 / 25 – 27).
[7] ބައްލަވާ: الشرح الممتع للعثيمين (1 / 25 – 27).
[8] ބައްލަވާ: كشاف القناع للبهوتي (1 / 24).
[9] ބައްލަވާ: الشرح الممتع للعثيمين (1 / 25 – 27).
[10] ބައްލަވާ: الشرح الممتع للعثيمين (1 / 25 – 27).