[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ރުކުންތަކާއި، ވާޖިބުތަކާއި، ސުންނަތްތައް (2)

 

ނަމާދުގެ ވާޖިބުތައް :

ނަމާދުގެ ވާޖިބުތައް އަށެކެވެ.

ފުރަތަމައީ :

ޙަރަމް ބަން ތަކުބިރު ފިޔަވައި އެހެން ހުރިހާ ތަކުބިރުތަކެއް ވަނީ ނަމާދުގެ ވާޖިބުތަކުގެ ތެރެއިންނެވެ.

ދެވަނައީ :

التَسْمِيْعُ އެވެ. އެއީ އިމާމްމިހާ އާއި އެކަނި ނަމާދުކުރާމީހާ ރުކޫޢުން ތެދުވަމުން ((سَمِعَ اللَّهُ لِمَنْ حَمِدَهُ)) ކިޔުމެވެ. މައުމޫމުމީހާ މިފަދައިން ކިޔުމެއް ނުވެއެވެ.

ތިންވަނައީ :

التَّحْمِيْدُ އެވެ. އެއީ އިމާމްމިހާ އާއި މައުމޫމުމީހާ އާއި އެކަނި ނަމާދުކުރާމީހާ ((رَبَّنَا وَلَكَ الْحَمْدُ)) ކިޔުމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދިޘްފުޅުކުރައްވާފައިވެއެވެ. “އިމާމްމިހާ سَمِعَ اللَّهُ لِمَنْ حَمِدَهُ ކިޔައިފިކަމުގައިވާނަމަ ތިޔަބައިމީހުން رَبَّنَا وَلَكَ الْحَمْدُ ކިޔާށެވެ.” (ބުޚާރީ: 722، މުސްލިމް: 414)

ހަތަރުވަނައީ :

ރުކޫޢުގައި ((سُبْحَانَ رَبِّيَ الْعَظِيمِ)) އެއްފަހަރު ކިޔުމެވެ. އަދި ތިން ފަހަރު ކިޔުމަކީ ސުންނަތްވެގެންވާ ކަމެވެ. އެއީ ފުރިހަމަވެގެންވާ ގޮތެވެ.

ފަސްވަނައީ :

ސަޖިދާގައި ((سُبْحَانَ رَبِّيَ الأَعْلَى)) އެއްފަހަރު ކިޔުމެވެ. އަދި ތިން ފަހަރު ކިޔުމަކީ ސުންނަތްވެގެންވާ ކަމެވެ.

ހަވަނައީ :

ދެސަޖިދަ ދެމެދުގައި ((رَبِّ اغْفِرْ لِي)) އެއްފަހަރު ކިޔުމެވެ. އަދި ތިން ފަހަރު ކިޔުމަކީ ސުންނަތްވެގެންވާ ކަމެވެ. މިނޫން އެހެން ވާރިދުވެފައިވާ ދުޢާއެއް ކިއިދާނެއެވެ.

ހަތްވަނައީ :

ފުރަތަމަ އައްތަޙިއްޔާތު ކިޔުމެވެ. އެއީ ((التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ، السَّلاَمُ عَلَيْكَ أَيُّهَا النَّبِىُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ)) ކިޔުން ނުވަތަ ވާރިދުވެގެންވާ މިފަދަ އެހެން ޢިބާރާތަކުން އައްތަޙިއްޔާތު ކިޔުމެވެ.

އަށްވަނައީ :

ފުރަތަމަ އައްތަޙިއްޔާތުގައި އިށީނދެ އިނުމެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޢަމަލުފުޅުން އެކަން ދައްކަވައިފައިވާތީއެވެ. އަދި އެގޮތަށް އެކަންކުރުމަށް އަމުރުކުރައްވާފައިވާތީއެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((صَلُّوا كَمَا رَأَيْتُمُونِي أُصَلِّي)) މާނައީ: “ތިމަންކަލޭގެފާނު ނަމާދުކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ނަމާދުކުރާށެވެ”. (ބުޚާރީ: 631).

ބަޔާންވެދިޔަ އަށް ވާޖިބުގެ ތެރެއިން ވާޖިބެއް ޤަސްތުގައި އަޅައިފިކަމުގައިވާނަމަ ނަމާދު ބާޠިލުވާ ހުއްޓެވެ. އެހެނީ އެފަދަ މީހަކު ނަމާދަށް ކުޅިވަރުކުޅެނީއެވެ. ހަދާންނެތިގެން ނުވަތަ ނޭނގުމުގެ ސަބަބުން މިއިން ވާޖިބެއް އެޅިއްޖެމީހާ ކުށު ސަޖިދަ ޖަހާ ހުއްޓެވެ. އެހެނީ، އެމީހަކު އެ ދޫކޮށްލީ ދޫކޮށްލުން ހުއްދަވެގެންނުވާ ނަމާދުގެ ވާޖިބެކެވެ. އެހެންކަމުން އެމީހާގެ މައްޗަށްވަނީ ކުށު ސަޖިދަ ޖެހުމެވެ.

ނަމާދުގެ ސުންނަތްތައް :

ނަމާދުގައި ކިޔާ ތަކެއްޗާއި ޢަމަލުތަކުގެ ތެރެއިން ބަޔާންވެގެން ދިޔަ ރުކުންތަކާއި ވާޖިބުތަކުގެ ތެރޭގައި ނުހިމެނޭ ކިޔާ ތަކެއްޗާއި ކަންތައްތަކަކީ ސުންނަތް ކަންތައްތަކެވެ. މިއިން ސުންނަތެއް އެޅިކަމުގައި ވިޔަސް ނަމާދު ބާޠިލެއްނުވާނެއެވެ. ނަމަވެސް ސުންނަތެއް ދޫކޮށްލުމަކީ އެކަމުގެ ސަބަބުން ނަމާދުގެ ފުރިހަމަކަން ގެއްލި، ނަމާދުން ލިބޭ ޘަވާބު އުނިވާނޭކަމެކެވެ.

ނަމާދުގައި ދެވައްތަރެއްގެ ސުންނަތްތައްވެއެވެ.

ފުރަތަމައީ : ނަމާދުގައި ކިޔާ ތަކެތީގެ ތެރެއިންވާ ސުންނަތްތައް:

މިސުންނަތްތައް ވަރަށް ގިނައެވެ. އޭގެތެރޭގައި: އިސްތިފްތާޙު ކިޔުމާއި، أعوذ ކިޔުމާއި، ބިސްމިކިޔުމާއި، އާމީން ކިޔުން ހިމެނެއެވެ. އަދި ފަތިސްނަމާދާއި، ހުކުރުނަމާދާއި، ޢީދުނަމާދާއި، ކޭތަނަމާދުގައި ފާތިޙާ ސޫރަތައްފަހު ޤުރުއާނުން ފަސޭހަވީ މިންވަރެއް ކިޔެވުންހިމެނެއެވެ. އަދި މަޣުރިބުނަމާދާއި، ޢިޝާނަމާދާއި، މެންދުރުނަމާދާއި، ޢަޞްރުނަމާދުގެ ކުރީ ދެރަކުޢަތުގައިވެސް ފާތިޙާ ސޫރަތަށްފަހު ޤުރުއާނުން ފަސޭހަވީ މިންވަރެއް ކިޔެވުންހިމެނެއެވެ.

އަދިވެސް ނަމާދުގައި ކިޔާ ތަކެތީގެ ތެރެއިން ސުންނަތް ކިޔުންތަކުގެ ތެރޭގައި ((رَبَّنَا وَلَكَ الْحَمْدُ))  ކިޔުމަށްފަހު ((مِلْءَ السَّمَاوَاتِ ، وَمِلْءَ الأَرْضِ ، وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ))  މިފަދައިން ކިޔުމާއި، ރުކޫޢުގަޔާއި ސަޖިދާގައި ކިޔާ ތަސްބީޙަ އެއްފަހަރަށްވުރެ ގިނައިން ކިޔުމާއި، ދެސަޖިދަ ދެމެދުގައިކިޔާ ((رَبِّ اغْفِرْ لِي)) އެއްފަހަރަށްވުރެ ގިނައިން ކިޔުމާއި، ފަހު އައްތަޙިއްޔާތުގައި ((اللَّهُمَّ إِنِّى أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ)) މިފަދައިން ކިޔުމާއި، މިދުޢާގެ އިތުރަށް ވާރިދުވެފައިވާ އެހެނިހެން ދުޢާތައް ކިޔުމެވެ.

ދެވަނައީ : ނަމާދުގެ ޢަމަލުތަކުގެ ތެރެއިންވާ ސުންނަތްތައް:

އެއީ ޙަރަމްބަން ތަކުބީރު ކިޔާވަގުތުގަޔާއި، ރުކޫޢުކުރާ ވަގުތުގަޔާއި ރުކޫޢުން ތެދުވާހިނދު ދެއަތް އުފުލުމާއި، (ޙަރަމް ބަނދެގެން ހުންނައިރު) ވާއަތްމަތީ ކަނާއަތް ބޭއްވުމާއި، އަދި ޤިޔާމުގައި ހުންނައިރު މޭމަތީގައި ޙަރަމްބަނުމާއި، ސަޖިދަކުރާ ތަނަށް ބެލުމާއި، ރުކޫޢުގައި ދެއަތް ދެކަކޫމަތީ ބޭއްވުމާއި، ސަޖިދާގައި އޮންނައިރު ބަނޑާއި ފަލަމަސްގަނޑާއި ދެމެދު އަދި ފަލަމަސްގަނޑާއި ކުޑަކަޅުވާމަސްގަނޑާއި ދެމެދު ދުރުކޮށް ބެހެއްޓުމާއި، ރުކޫޢުގައި ބުރަކަށި ސީދާކުރުމާއެކު ބޯވެސް އިސްދަށަށްނުވާގޮތަށް އަދި ނޫފުލައި ބެހެއްޓުން ހިމެނެއެވެ.އަދި ސަޖިދާގައި އޮންނަ އިރު ނިތްކުރިޔާއި ނޭފަތާއި އަދިވެސް ސަޖިދާގައި ޖައްސަންޖެހޭ ގުނަންތައް ރަނގަޅަށް ޖެއްސުންވެއެވެ. މީގެއިތުރުންވެސް ކިޔާ ތަކެތީގެ ތެރެއިންނާއި ޢަމަލުތަކުގެ ތެރެއިންވާ ސުންނަތްތައް ފިޤުހު ފޮތްތަކުގައި ތަފުޞީލުކޮށް ބަޔާންވެގެންވެއެވެ.

ބަޔާންވެގެން މިދިޔަ ސުންނަތްތައް ނަމާދުގައި ކޮންމެހެންކުރުން ލާޒިމްވެގެނެއްނުވެއެވެ. އެހެންވެސް ސުންނަތްތަކެކޭ އެއްފަދައިން އެސުންނަތްތައް ނުވަތަ އެސުންނަތްތަކުގެ ތެރެއިން ބައެއް އަދާކޮށްފި މީހަކަށް އިތުރު އަޖުރު ލިބިގެންވެއެވެ.އަދި އެސުންނަތްތައް ނުވަތަ އެސުންނަތްތަކުގެ ތެރެއިން ބައެއް ދޫކޮށްލައިފި މީހެއްގެ މައްޗަކަށް ކުށެއްނެތެވެ. (ނިމުނީ)

 _________________________________

މަރުޖިޢު:

* އަލްމުލައްޚަޞުލް ފިޤުހީ – ޞާލިޙު ބިން ފަވްޒާން އާލްފަވްޒާން. (ކުދި ބަދަލުތަކާއެކު)

ފުރަތަމަބައި