قَالَ الطَّحَاوِيُّ رحمه الله: “وَلاَ يَكُونُ إِلاَّ مَا يُرِيدُ”.
ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“އެއިލާހު އިރާދަކުރެއްވިކަމެއް މެނުވީ ނުވާހުއްޓެވެ.”
__________________________________
ޝަރަޙަ:
* އިމާމް ޠަޙާވީ ރަޙިމަހުﷲގެ މިބަސްފުޅަށް ދަލީލު ލިބޭ ވަރަށް ގިނަ ދަލީލުތައް ޤުރުއާނާއި ސުންނަތުގައި ވެއެވެ. އެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا)) الإنسان:30 މާނައީ: “އަދި ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސްކަމެއް) ނޭދެވޭނެތެވެ. ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ އިލާހުކަމުގައި ﷲ ވޮޑިގެންވެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ رَبُّ الْعَالَمِينَ)) التكوير:29 މާނައީ: “އަދި ޢާލަމްތަކުގެ ވެރި ﷲ އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((إِنَّ اللَّهَ قَبَضَ أَرْوَاحَكُمْ حِينَ شَاءَ وَرَدَّهَا حِينَ شَاءَ)) މާނައީ: “ހަމަކަށަވަރުން ﷲ އިރާދަކުރައްވާ ހިނދަކު ތިޔަބައިމީހުންގެ ފުރާނަތައް އެކަލާނގެ ހިއްޕަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ހިނދަކު އެފުރާނަތައް (އޭގެހަށިގަނޑުތަކަށް) ރައްދުކުރައްވަތެވެ.” (ބުޚާރީ: 595، 7471)
އިމާމް ޠަޙާވީގެ މިޖުމްލާގައި އިރާދައިގެ މުރާދަކީ އިރާދަކުރެއްވުމެވެ. އެބަހީ، ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ އިރާދަ ތަންފީޒުކުރެއްވުމެވެ. އަދި މިއިރާދަކުރެއްވުމަކީ ކަވުނީ އިރާދަކުރެއްވުމެވެ. ޢާއްމުކޮށް ﷲގެ އިރާދަކުރެއްވުމޭ ބުނެވިއްޖެނަމަ އެއީ ކަވުނީ އިރާދަކުރެއްވުމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަކުރެއްވުން ގުޅިފައިވަނީ އެއިލާހުގެ ޙިކުމަތްފުޅާއެވެ. މިއާޚިލާފަށް، އިންސާނުން ކުރާ ޢަމަލުތަކުގައި ޙިކުމަތެއް އޮވެދާނެއެވެ. އަދި ޙިކުމަތްތެރިކަމެއް ނެތިވެސް ކަމެއް ކޮށްފާނެއެވެ. އަޅުގަނޑުމެން ކީރިތިޤުރުއާނާއި ސުންނަތަށް ފުންކޮށް ވިސްނާލައިފިކަމުގައިވާނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަކުރެއްވުން ދެބަޔަކަށް ބެހިގެންވާކަން އެނގިގެންދާނެއެވެ.
ފުރަތަމައީ: الإِرَادَةُ الْكَوْنِيَّة އެވެ.
މިއިރާދަކުރެއްވުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢިލްމުފުޅާއި، ޙިކުމަތްފުޅުގެ ދަށުން މިކަވުނު ހިންގެވުމަށް އިރާދަކުރައްވާފައިވާ އިރާދަކުރެއްވުމެވެ. ލޯބިވެވޮޑިގަތުމާ އަދި ރުއްސަވާވޮޑިގަތުމާ މި އިރާދަކުރެއްވުމާ އެއްވެސް ގުޅުމެއް ނުވެއެވެ. ހަމައެހެންމެ، މި އިރާދަކުރެއްވުމުގެ ތެރެއަށް ކުފުރާއި، އީމާނާއި، ކިޔަމަންތެރިކަމާއި، ނުކިޔަމަންތެރިކަމާއި، ރުއްސަވާވޮޑިގެންވުމާއި، ލޯބިވެވޮޑިގެންވުމާއި، ރުއްސަވާވޮޑިގެންނުވުމާ މިއެންމެހާ ކަމެއް ޝާމިލުވާ ހުއްޓެވެ. މިއިރާދަކުރެއްވުމުން މުސްލިމެއް ވިޔަސް ކާފަރެއްވިޔަސް އިސްތިސްނާވެ، ސަލާމަތްވެގެން ނުވާހުއްޓެވެ. އަންނަނިވި އާޔަތްތަކުން މި އިރާދަކުރެއްވުމަށް ދަލީލު ލިބެއެވެ. ((فَمَنْ يُرِدْ اللَّهُ أَنْ يَهدِيَهُ يَشْرَحْ صَدْرَهُ لِلإِسْلامِ وَمَنْ يُرِدْ أَنْ يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقاً حَرَجاً)) الأنعام: 125 މާނައީ: “ފަހެ، ﷲގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އިސްލާމްދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވައެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَمَنْ يُرِدْ اللَّهُ فِتْنَتَهُ فَلَنْ تَمْلِكَ لَهُ مِنْ اللَّهِ شَيْئاً أُوْلَئِكَ الَّذِينَ لَمْ يُرِدْ اللَّهُ أَنْ يُطَهِّرَ قُلُوبَهُمْ)) المائدة: 41 މާނައީ: “ﷲ އެ މީހަކު މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ (ދަންނާށެވެ!) ފަހެ، ﷲގެ ޙަޟްރަތުން އެމީހަކަށްޓަކައި އެއްވެސް ކަމެއް ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވާނެއެވެ. އެބައިމީހުންނަކީ، އެބައިމީހުންގެ ހިތްތައް ޠާހިރުކުރެއްވުމަށް ﷲ އިރާދަކުރައްވާފައިނުވާ މީހުންނެވެ.”
ދެވަނައީ: الإِرَادَةُ الشَّرْعِيَّة އެވެ.
މިއިރާދަކުރެއްވުން ބިނާވެފައިވަނީ ﷲ ގެ ރުއްސަވާވޮޑިގަތުމާއި ލޯބިވޮޑިގަތުމާއެވެ. މިއިރާދަކުރެއްވުމުގެ ދަށުން އެއިލާހުގެ އަޅުތަކުންނަށް ކަންކަމަށް އަމުރުކުރައްވައި، ކަންކަން ނަހީ ކުރައްވައެވެ. މިގޮތުން ﷲ ވަޙީ ކުރައްވާފައިވެއެވެ. ((يُرِيدُ اللَّهُ بِكُمْ الْيُسْرَ وَلا يُرِيدُ بِكُمْ الْعُسْرَ)) البقرة: 185 މާނައީ: “ﷲ އެދިވޮޑިގެންވަނީ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތެވެ. އަދި އެއިލާހު ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަށް އެދިވޮޑިނުގަންނަވައެވެ.” އިރާދަތުލް ކަވްނިއްޔާއަށްފަހު މެނުވީ މިއިރާދަ ކުރެއްވުން (އެބަހީ: އިރާދަތުއް ޝަރުޢިއްޔާ) ނާންނަހުއްޓެވެ. އެއިލާހުގެ ދީނީ އަމުރުކުރެއްވުންތައްވަނީ މިއިރާދަކުރެއްވުމުގެ ދަށުގައެވެ.
މީހުންގެ ހިތުގައި ވަރަށް ގިނައިން އުފެދޭ ސުވާލެއް ދަންނަވާލާނަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތުގައާއި، އަދި އެއިލާހުގެ ރަސޫލާގެ ފަރާތްޕުޅުންނާއި، އަދި އެއިލާހުގެ ސިފަފުޅުތަކުގެ ޛަރީޢާއިން، އަޅުގަނޑުމެނަށް ޚަބަރު ދެއްވާފައިވަނީ އެއިލާހު ލޯބިވެވޮޑިގެންވަނީ މުޙުސިނުންނާއި، ތަޤުވާވެރިންނާއި، ކެތްތެރިންދެކެއެވެ. އަދި އީމާންވެ ޞާލިޙު ޢަމަލުކުޅަ މީހުންދެކެ އެއިލާހު ރުއްސަވާވޮޑިގެންވާކަމުގެ ޚަބަރު ވަނީ ދެއްވަވާފައެވެ. ހަމައެފަދައިން ކާފަރުންނާއި، އަނިޔާވެރިންނާއި، ފަސާދަކުރާމީހުންދެކެ އެއިލާހު ލޯބިވެވޮޑިގެންނުވާކަމުގެ ޚަބަރުވެސް ވަނީ ދެއްވާފައިވެއެވެ. އަދި ކުފުރުގެ ޢަމަލުތައްކުރާ މީހުންދެކެ އެއިލާހު ރުއްސަވާވޮޑިގެންނުވާކަމުގެ ޚަބަރު ވަނީ ދެއްވާފައެވެ. މިހުރިހާކަމަކީ އެއިލާހުގެ އިރާދަކުރެއްވުމާއި އެދިވޮޑިގަތުމުގެ ބާރުގެ ދަށުގައިވާ ކަންކަމެވެ. އެހެނީ ހަމަކަށަވަރުން އެއިލާހު އިރާދަކުރައްވައިފިކަމުގައިވާނަމަ މިފަދައިން ކަންތައްތައް ނުހިނގީހެވެ. އަދި އެއިލާހު ބޭނުންވެވޮޑިގެންނުވާކަމެއް އެއިލާހުގެ މިލްކުވެވޮޑިގަތުމުގައި ނުވީހެވެ. އެއިލާހު ނުރުއްސަވާކަމެއް އަދި އެއިލާހު އެދިވޮޑިގެންނުވާކަމެއް އެއިލާހު އިރާދަކުރެއްވުމަކީ ކިހިނަކުންވާނޭކަމެއް ހެއްޔެވެ؟ މިސުވާލަކީ ދީނުގައި އޮންނަގޮތް ނޭނގޭ މީހުންގެ ހިތަށް ވަރަށް ގިނައިން އަރާ ސުވާލެކެވެ. އަދި ﷲއާ އަދި އިސްލާމްދީނާ މެދު މީސްތަކުން ޝައްކު ކުރުވަން އުޅޭ މީހުންގެ މުހިއްމު ސުވާލެކެވެ.
މިސުވާލުގެ ޖަވާބަކީ، ކުރިން ދެންނެވުނު ފަދައިން ޤުރުއާނާއި ސުންނަތުގައި ސާބިތުވެގެންވާގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަކުރެއްވުން ދެބަޔަކަށް ބެހިގެންވެއެވެ. މީގެތެރެއިން الإِرَادَةُ الْكَوْنِيَّة ގައި ލޯބިވޮޑިގަތުމާއި، ރުއްސަވާވޮޑިގަތުމާ، މި އިރާދަކުރެއްވުމާ އެއްވެސް ގުޅުމެއްނުވެއެވެ. މިއީ އެއިލާހުގެ ޢިލްމުފުޅާއި، ޙިކުމަތްފުޅުގެ ދަށުން، ކަވުނުގެ ހިންގެވުން ޙިކުމަތްތެރިކަމާއެކު ހިންގެވުމަށްޓަކައި އިރާދަކުރައްވާފައިވާ އިރާދަކުރެއްވުމެވެ. އެހެންކަމުން، މިއިރާދަކުރެއްވުމުގެ ތެރޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިގެންނުވާ ކަންތައްތައްވެސް، އެއިލާހުގެ ޙިކުމަތްފުޅުގެ ދަށުން އިރާދަކުރައްވާފައި ވާނެއެވެ. މިސާލެއްގެގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް ޙާލެއްގައި މީސްތަކުންނަށް ދަތިއުނދަގޫ މެދުވެރި ކުރެއްވުމަށް އެދިވޮޑިގެންނުވެއެވެ. ނަމަވެސް އެބައިމީހުން ކުރާ ޢަމަލެއްގެ ސަބަބުން އެބައިމީހުންނަށް މުޞީބާތްޖެހޭގޮތް މެދުވެރިކުރައްވަތެވެ. އަދި އެބައިމީހުން އިމްތިޙާނުކުރައްވަތެވެ. ކަންމިހެންހުރިއިރު، މިދެއިރާދަކުރެއްވުން ޖަމާވާހުށީ ކިޔަމަންތެރި މުއުމިނާއަށެވެ. އަދި ފާޖިރު އުރެދޭމީހާއަށް ވަނީ އިރާދަތުލް ކަވްނިއްޔާ އެކަންޏެވެ. ފަހެ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެއިލާހުގެ އަޅުތަކުންނަށް ގޮވާލައްވަނީ އެއިލާހުގެ ރުއްސެވުމަށެވެ. ނަމަވެސް އެއިލާހަށް އިޖާބަދިނުމަށް ހިދާޔަތް ލިބޭހުށީ އެބައިމީހުންގެ ތެރެއިން އެއިލާހު އިރާދަކުރެއްވި ބަޔަކަށެވެ. ފަހެ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ދަޢުވަތު އާއްމުވެގެންވެއެވެ. އަދި އެއިލާހުގެ ހިދާޔަތް ޚާއްޞަވެގެންވަނީ އެއިލާހު އިރާދަކުރެއްވި މީހަކަށެވެ. މީސްތަކުންނަށް އޮތީ ހިދާޔަތުގެ މަގު ހޯދުމަށާއި، ހިދާޔަތުގެ މަގު އެހެން މީހުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމެވެ. ކާފަރުކަމާއި، ޝިރުކާއި، ފަސާދައާއި، އަނިޔާވެރިކަންފަދަ ކަންކަމަކީ އެއިލާހު ވަކި ޙިކުމަތަކަށްޓަކައި އިރާދަކުރައްވާފައިވާ ކަންކަމެވެ. އެއްވެސް ޙާލެއްގައި އެކަންކަމަށް ތަބާވެ، އެކަންކަމުގައި ހިފުމަކަށް އެއިލާހު އަމުރުނުކުރައްވައެވެ.
މުޢުތަޒިލާއިންނާއި، ޤަދަރީން ފަދަ ބާޠިލު ފިރުޤާތަކުގެ މީހުންގެ ގާތުގައި ހަމައެކަނި އޮންނަނީ އިރާދަތުއް ޝަރުޢިއްޔާއެވެ. މިބައިމީހުން ޤަބޫލުކުރާގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ނުރުއްސަވާ، އަދި އެދިވޮޑިގެންނުވާ ކަމަކަށް އެއިލާހު އިރާދަނުކުރައްވާނެއެވެ. އެއިލާހަށް ކުފުރުވުމާއި، ޝިރުކުރުމާއި، ފަސާދަކުރުން ފަދަ ކަންކަމަކީ އިންސާނުން އަމިއްލައަށް، ﷲގެ އިރާދަކުރެއްވުމެއް ނެތި ކުރާ ކަންކަމެކެވެ. މިއީ ބާޠިލު ޤަބޫލުކުރުމެކެވެ. އެހެނީ، މިފަދައިން ޤަބޫލުކުރުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފުރިހަމަ ކުޅަދުންވަންތަކަމާއި، އިރާދަކުރެއްވުމާ ފުށުއަރާކަމެކެވެ. މިގޮތުން މިފަދައިން ބުނާ މީހުން އެބުނަނީ މިފަދަ ކަންކަމަކީ އެއިލާހުގެ ބާރުފުޅުގެ ދަށުގައިވާ ކަންކަމެއް ނޫނެވެ. މިއީ އެއިލާހުގެ ކުޅަދުންވަންތަކަމާއި، އިރާދަކުރެއްވުމަށް ބުނެވޭ ކުޑައިމީސްބަހެކެވެ. މިބައިމީހުންނާ އިދިކޮޅު ބާޠިލު ފިރުޤާއަކީ ޖަބަރީންނެވެ. މިބައިމީހުންގެ ގާތުގައި އޮންނަނީ އިރާދަތުއް ކަވްނިއްޔާ އެކަންޏެވެ.
މިގޮތުން ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންނަކީ މިދެބައިމީހުންގެ ތެރެއިން ޢަދުލުވެރިކަމާއެކު މެދުމިނުގައިވާ މީހުންނެވެ. އެބައިމީހުން މިދެއްވައްތަރުގެ އިރާދަކުރެއްވުންވާކަމަށް ޤަބޫލުކުރެއެވެ. އަދި ހެޔޮކަމެއް މެނުވީ ﷲއަށް ނިސްބަތްނުކުރެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. ((وَالشَّرُّ لَيْسَ إِلَيْكَ)) މާނައީ: “އަދި އިބައިލާހަށް ނުބައިކަން ނިސްބަތްވެގެންނުވެއެވެ.” (މުސްލިމް: 771) ޤުރުއާނާއި ސުންނަތުން ދަލީލު ލިބެނީ ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ގޮތަށެވެ. މިކަންކަމުގެ އިތުރު ތަފްޞީލު ޤަދަރުގެ ވާހަކަތައް ނަންގަނެވިގެންވާ ބައިތަކުގައި އަދި އަންނަހުއްޓެވެ. إن شاء الله.
_______________________________
ސުވާލު:
1. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަކުރެއްވުމަށް ދަލީލުކުރާ ޤުރުއާނާއި ސުންނަތުގެ ދަލީލެއް ބުނެދީ!
2. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަކުރެއްވުން ބެހިގެންވާ ދެބަޔަކީ ކޮބާ؟
3. ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަކުރެއްވުމުގެ ދެބަޔަށް ދަލީލުކުރާ ދަލީލުތައް ބުނެދީ!
4. ﷲގެ ރުއްސެވުމާއި، ލޯބިވެވޮޑިގަތުން ގުޅިފައިވަނީ ކޮން އިރާދަކުރެއްވުމަކާ ހެއްޔެވެ؟
5. ﷲ އެދިވޮޑިގެންނުވާ ކަންތައްތައް މިކަވުނުގައި ލައްވާފައިވަނީ ކީއްވެހޭ މީހަކު ބުނެފިނަމަ ދޭނެ ޖަވާބަކީ ކޮބާ؟
__________________________________________________