ތަވްޙީދުލް އަސްމާއި ވައްޞިފާތި
ތަވްޙީދުލް އަސްމާއި ވައްޞިފާތަކީ، ކީރިތިޤުރުއާނާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ބަޔާންވެފައިވާ، ﷲ ސުބުޙާނަހޫވަތަޢާލާގެ އިސްމަފުޅުތަކާއި ޞިފަފުޅުތަށް، އެއްވެސް ބަދަލުކުރުމަކާއި، ވައްތަރު ބަޔާންކުރުމަކާއި ނުލައި، އެއަސްފައިވާގޮތަށް ޘާބިތުކުރުމެވެ.
ޤުރުއާނުގައި ﷲގެ އަތްޕުޅޭ އައިސްފައިވާ ތަންތަނުގެ މާނައަކީ އެއިލާހުގެ ޤުދުރަތޭ ބުނުމަކީ، ބަދަލުކުރުމެވެ. އަދި ވައްތަރު ބަޔާންކުރުމަކީ އެއަތްޕުޅަކީ، އިންސާނުންގެ ނުވަތަ ކޮންމެވެސް އެހެން މަޚްލޫޤެއްގެ އަތް ކަހަލަ އަތްޕުޅެކޭ ބުނުންފަދަ ކަންތަކެވެ. ހަމަ އެފަދައިން މަޚްލޫޤެއްގެ އަތާއި ވައްތަރު ނުކުރިޔަސް، އެއަތްޕުޅު ހުންނާނީ މިވެނިހެންނޭ ބުނެ ޚިޔާލީ ވައްތަރެއް ބުނުންވެސް ވައްތަރު ބަޔާންކުރުމުގެ ތެރެއަށް ވަންނާނެއެވެ. އަދި ޘާބިތުކުރުމޭ ބުނެވުމުން، އެއިލާހަށް އަތްޕުޅެއް ވާކަމަށް އިންކާރުކޮށްގެން ނުވާނެކަން އެބަ އެނގެއެވެ.
އެހެންވީމާ އެއިލާހުގެ ޞިފަފުޅުތައްވާނީ ކޮންގޮތަކަށްކަން، ޤުރުއާނާ ސުންނަތުގައި ބަޔާންވެފައިވާ މިންވަރަށްވުރެ އިތުރަކަށް އަޅުގަނޑުމެންނަށް ނޭނގޭނެކަން ޤަބޫލު ކުރަންޖޭހޭނެއެވެ. ޤުރުއާނާއި ސުންނަތުގައި އަތްޕުޅެއްވެޔޭ، އަދި މޫނުފުޅެއްވެޔޭ، އައުމުން ވައްތަރު އަޅުގަނޑުމެންނަށް ނޭނގުނަސް، އެއީ އެއިލާހުގެ ސިފަފުޅުތަކެއްކަން ޤަބޫލު ކުރަންޖެހޭނެއެވެ.
އެހެންކަމުން، ﷲ ތަޢާލާ އިސްތިވާވެވޮޑިގެންވަނީ ކިހިނެތްތޯ އިމާމް މާލިކު ރަޙިމަހުﷲ އާއި ސުވާލުކުރެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. “އިސްތިވާއަކީ ކޮބައިކަން އެނގެއެވެ. އެކަމަކު އެއިލާހު ސުބުޙާނަހޫ ވަތަޢާލާ އިސްތިވާވެވޮޑިގެންވަނީ ކިހިނެއް ކަމެއް ނޭނގޭނެއެވެ. އެއިލާހު އިސްތިވާވެވޮޑިގެންވާކަން ޤަބޫލުކޮށް އީމާންވުމަކީ ވާޖިބެކެވެ. އަދި (ކިހިނެއްތޯ އިސްތިވާވެވޮޑިގެންވަނީ) އަހައި، ސުވާލުކުރުމަކީ ބިދުޢައެކެވެ.”
އަދި ހަމަ މިފަދައިން ޤުރުއާނާއި ސުންނަތުން ޘާބިތުވާ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމަފުޅުތަކާމެދުވެސް މުޢާމަލާތް ކުރަންޖެހެއެވެ. އިސްމުފުޅުތަކުގެ ތެރޭގައި އެއިލާހަށް ޚާއްޞަ އިސްމުފުޅުތަކާއި، އެހެން މަޚުލޫޤުންނަށްވެސް ކިއިދާނެ އިސްމުފުޅުތައް ހިމެނެއެވެ. އިސްމުފުޅަކީ ނަންފުޅުތަކެވެ. މިސާލު: ﷲއާއި އައްރަޙުމާން ފަދަ ނަންފުޅުތަކަކީ އެއިލާހަށް ޚާއްޞަ ނަންފުޅުތަކެކެވެ. އެހެންކަމުން ކުއްޖެއްގެ ނަމަކަށް ﷲ ނުވަތަ އައްރަޙުމާން ނުކިޔޭނެއެވެ. ކިޔަންޖެހޭނީ ޢަބްދުﷲ(ﷲގެ އަޅާ) ނުވަތަ ޢަބްދުއްރަޙުމާން(ރަޙުމާންގެ އަޅާ) އެވެ. ނަމަވެސް އައްރަޙީމްފަދަ ނަންފުޅުތަކަކީ މަޚުލޫޤުންނަށްވެސް ކިއިދާނެ ނަންތަކެވެ.
ތަވްޙީދުލް އަސްމާއި ވައްޞިފާތުގެ ބައެއް ދަލީލުތައް:
– لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ (الشورى : 11) “އެއިލާހާއި އެއްފަދަ އެއްވެސްއެއްޗެއް ނުވެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”
މިއާޔަތުން، އަސްމާއު ވައްޞިފާތުގެ ވަރަށް މުހިންމު ޤަވާޢިދެއް އެނގިގެންދެއެވެ. އެއީ އެއްވެސް އެއްޗަކާއި އެއިލާހު ވައްތަރުވެގެންނުވާކަން ބަޔާންކުރުމާއެކު އެއިލާހުގެ ސިފަފުޅުތަށް ޘާބިތުކުރުމެވެ. އެހެން ޢިބާރާތަކުން ބުނާނަމަ އެހެން އެއްޗަކާއި އެއިލާހުގެ ޞިފަފުޅުތައް ވައްތަރުވެގެންވުން ނަފީކުރުމާއި، އެއިލާހުގެ ޞިފަފުޅުތައް އިޘްބާތުކުރުމެވެ. މިއީ ތަވްޙީދުގެ އެންމެ މުހިންމު އެއްޤަވާޢިދެވެ. އެހެންކަމުން ޝަހާދަތް ކިޔާއިރުވެސް އަޅުގަނޑުމެން މިކިޔަނީ لا إله إلا الله ‘ޙައްޤުގޮތުގައި އަޅުކަންވެވޭ އެއްވެސް އިލާހެއް ނުވެއެވެ. ﷲ މެނުވީއެވެ.” ދެން މި ޢީބާރާތް އެކީ މާނަކުރާއިރު އަޅުގަނޑުމެން މިކިޔަނީ ” ﷲމެނުވީ، ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއް ނުވެއެވެ.”
– الرَّحْمَنُ عَلَى الْعَرْشِ اسْتَوَى (طه: 5) “ރަޙްމާންވަންތަ އިލާހު، ޢަރުޝީގެ މައްޗަށް އިސްތިވާވެ ވޮޑިގެންވެއެވެ.”
އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!
1- ތަވްޙީދުލް އަސްމާއި ވައްޞިފާތަކީ ކޮބާ؟
2- އެއްވެސް ބަދަލުކުރުމަކާނުލައި އިސްމުފުޅުތަކާއި ޞިފަފުޅުތައް ޘާބިތުކުރުމޭ ބުނެވޭ ބަހުގެ މުރާދަކީ ކޮބާ؟
3- ވައްތަރު ބަޔާންކުރުމަކީ ކޮބާ؟
4- އިސްމަފުޅުތަކާއި ޞިފަފަޅުތައް، ޤުރުއާނާއި ސުންނަތުގައި ވާމިންވަރަށްވުރެ އިތުރަށް ދެނެގަނެވޭނެތަ؟
5- އިސްމުފުޅުތަކުގެ ތެރެއިން ﷲތަޢާލާއަށް ޚާއްޞަ އިސްމުފުޅެއްގެ މިޘާލެއް ބަޔާންކުރޭ!