قَالَ اللَّهُ تَعَالَى: وَمَا خَلَقْتُ الْجِنَّ وَالإنْسَ إِلا لِيَعْبُدُونِ (الذاريات: 56)
އަދި، ޖިންނީންނާއި އިންސީން ތިމަން ﷲއަށް އަޅުކަންކުރުމަށް މެނުވީ ނަހައްދަވަމެވެ.
________________________________________________________________
ޝަރަޙަ:
މިއީ، ކިތާބުއްތަވްޙީދް އޭ ބަޔާންކުރެއްވުމަށްފަހު، އޭގެ ދަށުން ޝެއިޚް ބަޔާންކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން ފުރަތަމަ އާޔަތެވެ.
(مَا): މި އާޔަތުގައި އައިސްފައިމިވާ ‘މާ’ އަކީ ކަމެއް ނަފީކުރުމަށްޓަކައި ބޭނުންކުރެވޭ ‘މާ’އެވެ. މިސާލަކަށް ކުލާހަށް ދިޔައިންހޭ ބުނެވުމުން ނުދަމޭ ބުނުމަށްޓަކައި ޢަރަބި ބަހުން ބުނަނީ (مَا ذَهَبْتُ)އެވެ. މީގެ މާނައަކީ: ‘އަހަރެން ނުދަމެވެ.’ މިތާނގައި ކުލާހަށް ދިޔުން ނަފީކުރުމަށްޓަކައި މިގެނެވުނީ ‘މާ’ އެވެ. ހަމަ އެގޮތަށް މިއާޔަތުގައިވެސް ‘މާ’ އައިސްފައިވަނީ ޚަލްޤުނުކުރައްވަމޭ ބަޔާންކުރެއްވުމަށްޓަކައެވެ. އެހެނީ ‘މާ’އާއި ނުލައި (خَلَقْتُ) އައިސްފިނަމަ މާނަކުރެވޭނީ، ‘ހެއްދެވީމެވެ.’ މިހެންނެވެ. ނަމަވެސް ‘މާ’ އައުމުން މާނަ މިކުރަނީ ‘ނަހައްދަވަމެވެ.’
(خَلَقْتُ): ހެއްދެވީމެވެ. ހެއްދެވުމުގެ ކުރީން ﷲތަޢާލާވަނީ ތަޤްދީރުކުރައްވައި ލިޔުއްވާފައެވެ.
(الْجِنَّ): މިއީ ޣައިބުގައިވާ، އަޅުގަނޑުމެންނަށް ނުފެންނަ ޢާލަމެކެވެ. ނަމަވެސް އެމީހުންނަށް އަޅުގަނޑުމެން ފެނެއެވެ. ޖީމާއި ނޫނުން، އަންނަ އަރަބި ހުރިހާ ބަސްތަކެއްވެސް ދަލާލަތުކޮށްދެނީ ފޮރުވިފައިވާ އެއްޗަކަށެވެ. ސުވަރުގެއަށް ޖަންނަތު އޭ ކިޔުނީވެސް މިއުޞޫލުގެ ދަށުންނެވެ. އަދި ބަނޑުގައިވާ ދަރިފުޅަށް ޖަނީން އޭ ކިޔުނީވެސް ހަމަ މިއުޞޫލުގެ ދަށުންނެވެ.
(الإنْسَ): މިއީ އާދަމުގެ ދަރީންނަށް ކިޔާ ނަމެކެވެ. މިހެން އެބައިމީހުންނަށް ކިޔުނީ އެއްބަޔަކު އަނެއްބަޔަކަށް ބޭނުން ނުޖެހި އެމީހުންނަށް ނުއުޅެވޭނެތީއެވެ.
(إِلا): މިއީ އިސްތިސްނާކުރަން ބޭނުންކުރާ ބަހެކެވެ. މިސާލަކަށް އަޙްމަދު ނޫން އެހެން ހުރިހާ ކިޔަވާކުދީންތައް އައިސްފިއޭ ބުނަން ޢަރަބި ބަހުން ބުނާނީ جَاءَ الطُّلَّابُ إِلَّا أَحْمَدَ އެވެ. މިއާޔަތުގައި ޖިންނީންނާއި އިންސީން، ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ ނަހައްދަވަމޭ ވަޙީކުރެއްވި އިރު، ‘އިއްލާ’ ގެންނަވާފައިވަނީ އެހެން ހުރިހާ މަޤްޞަދުތައް ނަފީކުރެއްވުމަށްފަހު، އެ ނަފީއިން އަޅުކަންކުރުން އިސްތިސްނާ ކުރެއްވުމަށްޓަކައެވެ.
(لِيَعْبُدُونِ): ޔަޢުބުދޫންގެ މާނައަކީ އަޅުކަންކުރުމެވެ. މީގެ ކުރިއަށް އައިސްފައިމިވާ ލާމަށް ޢަރަބި ބަހުން ކިޔަނީ ލާމުއް ތަޢުލީލްއެވެ. އެއީ ސަބަބު ބަޔާންކުރުމަށްޓަކައި ބޭނުންކުރެވޭ ލާމެވެ. މިއާޔަތުގައި މިލާމު އައިސްފައިމިވަނީ ޖިންނީންނާއި އިންސީން ޚަލްޤުކުރެއްވުމުގެ ޙިކްމަތް ބަޔާންކުރެއްވުމަށްޓަކައެވެ. މަޤްޞަދު ބަޔާންކުރެއްވުމަށްޓަކައެވެ.
(إِلا لِيَعْبُدُونِ): މީގެ މުރާދަކީ، ‘އެއްކައުވަންތަ ކުރުމަށް މެނުވީ’ ކަމުގައިވެސް ބައެއް ތަފްސީރު ޢިލްމުވެރިން ބަޔާންކުރައްވައެވެ. އަދި ނިކަމެތިކަމާއި މަޑުމޮޅިކަމާއެކު އަމުރުތަކަށް ބޯލަނބައި ކިޔަމަންވެ، ނަހީތަކުން ދުރުވުން ކަމަށްވެސް ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވެއެވެ. މިދެ ތަފްސީރުގައިވެސް އެއްވެސް ތަޢާރުޟެއް ނުވެއެވެ. އެހެނީ އެއިލާހު އަމުރުކުރައްވާފައިވާ ކަންތަކުގެ ތެރޭގައި އެއްކައުވަންތަ ކުރުން ހިމެނެއެވެ. އަދި ނަހީކުރައްވާފައިވާ ކަންތަކުގެ ތެރޭގައި އެއިލާހާއި އެހެން ފަރާތެއް ބައިވެރި ކުރުން ހިމެނެއެވެ.
އެހެންކަމުން ﷲތަޢާލާ ޖިންނީންނާއި އިންސީން ޚަލްޤުކުރެއްވި ޙިކުމަތެއްކަމުގައި، އަދި މަޤްޞަދެއްކަމުގައި، އެއިލާހުގެ އަމުރުފުޅުތަކަށް ކިޔަމަންގަނެ ނަހީތަކުން ދުރުވެ، އެއިލާހު އެއްކައުވަންތަކޮށް އަޅުކަންކުރުން މެނުވީ ނުވެއެވެ.
މިކަމަށްޓަކައި ﷲތަޢާލާވަނީ އެމީހުންނަށް ބުއްދި ދެއްވާފައެވެ. އަދި އެމީހުންނަށް ހެވާއިނުބައި ބަޔާންކޮށްދެއްވުމަށްޓަކައި، ރަސޫލުބޭކަލުން ފޮނުއްވައި، ފޮތްތައް ބާވައިލައްވާފައެވެ. އެމީހުން ޚަލްޤުކުރެއްވުމުގެ މަޤްޞަދަކީ، ޖަނަވާރުން ޚަލްޤުކުރެއްވި މަޤްޞަދުފަދަ މަޤްޞަދެއްނަމަ، ރަސޫލު ބޭކަލުން ފޮނުއްވުމާއި ފޮތްބާވައިލެއްވުމުގެ އެއްވެސް ޙިކުމަތެއް، ބޭނުމެއް ނޯންނާނެއެވެ.
މިއާޔަތާއި ތަވްޙީދާއި އޮތް ގުޅުން.
ﷲތަޢާލާ، އިންސީންނާއި ޖިންނީން ޚަލްޤުކުރެއްވުމުގެ ޙިކްމަތަކީ، އަޅުކަންކުރުމުގައި ﷲތަޢާލާ އެއްކައުވަންތަކޮށް، އެއިލާހު ފިޔަވައި ޙައްޤުޤޮތުގައި އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އިޢުތިޤާދުކޮށް، ބާޠިލު އިލާހުންތަކަށް ކާފަރުވުންކަން މިއާޔަތުން ދޭހަކޮށްދެއެވެ. އެއީ ތަވްޙީދެވެ.
އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!
1-މަތީގައި ބަޔާންވެފައިވާ އާޔަތުގައި އައިސްފައިވާ ما އަކީ ކޮންކަމަކަށް ބޭނުންކުރެވޭ ބަހެއް؟
2-އާދަމުގެ ދަރީންނަށް އިންސް އޭ ކިޔުނީ ކީއްވެކަން ބަޔާންކުރޭ!
3-ޔަޢުބުދޫންގެ ކުރީގައި އޮތް ލާމަށް ޢަރަބިބަހުން ކިޔަނީ ކީކޭ؟
4-(إِلا لِيَعْبُدُونِ) ގެ ދެ ތަފްސީރު ބަޔާންކުރޭ! އަދި އެދެ ތަފްސީރުގައި އެއްވެސް ތަޢާރުޟެއްވޭތަ؟
5-ކިތާބުއްތަވްޙީދުގައި، މަތީގައި ބަޔާންވެފައިވާ އާޔަތް ގެނައުމުގެ ބޭނުމަކީ ކޮބާ؟