ނޫރު ފަރުބަދައިގެ ޙިރާ ނަމަކަށް ކިޔޭ ހޮހަޅައިގައި ޚަލްވަތުގައި އިންނެވުން:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ވަޙީބާވައިލެއްވުމުގެ ކުރިން، ގިނިކަންޏާ ޙާލުކޮޅުގައި، މައްކާގައިވާ ފަރުބަދައެއް ކަމުގައިވާ ނޫރު ފަރުބަދައިގެ ޙިރާ ހޮހޮޅައިގައި ﷲ ތަޢާލާ ހަނދުމަކުރުންމަތީ އިންނަވައެވެ. (ނޯޓު: މިގޮތަށް އިންނަ އިނުމަށް ކިޔަނީ ޚަލްވަތުގައި އިނުމެވެ.) މިގޮތަށް އިންނެވުމަށް ﷲ ތަޢާލާ އެކަލޭގެފާނުގެ ހިތްޕުޅުގައި ލޯބިޖެއްސެވިއެވެ. އެހެނަސް އެއްވެސް ފަރާތަކުން މިކަމަށް އެކަލޭގެފާނަށް އަމުރު ނުކުރެއެވެ. މިގޮތުން ދުވަސްތަކާއި ރޭތަކުގައި މި ހޮހޮޅައިގައި އެކަލޭގެފާނު ޚަލްވަތުގައި އިންނަވައެވެ. އެކަލޭގެފާނުގެ އުމުރުފުޅުން 40 އަހަރުފުޅުގައި އެކަލޭގެފާނުގެ މައްޗަށް ވަޙީ ބާވައިލެއްވުމަށް ދާންދެނެވެ.
މިގޮތުން ޙިރާ ހޮހޮޅައިގައި އެކަލޭގެފާނު ކޮންމެ އަހަރަކު މައްސަރަކު ޚަލްވަތުގައި އިންނެވިއެވެ. ޖާހިލިއްޔަ ޒަމާނުގައި މައްކާގެ މީހުން ޚަލްވަތުގައި ތިބެނީ މިފަދައިންނެވެ. އިބްނު އިސްޙާޤު ރިވާކުރައްވާފައިވާގޮތުން ޚަލްވަތުގައި އިންނަ އިންނެވުމުގައި އެ ހޮހޮޅައިގެ ކައިރިޔަށް އަންނަ މިސްކީނުންނަށް ކާންދެއްވައެވެ. އަދި މިގޮތަށް އެއްމަސް އިންނެވުމަށްފަހު ދެން ފަރުބަދައިން ފައިބައިވަޑައިގެން އެންމެފުރަތަމަ ކުރައްވާ ކަމަކީ ގެފުޅު ވަށައިގެން ޠަވާފުކުރުމެވެ.
މިގޮތުން އެކަލޭގެފާނަށް ރަސޫލުކަން ޙަވާލުކުރެއްވުނު އަހަރުގެ ރަމަޟާންމަހު އެކަލޭގެފާނު ނޫރުފަރުބަދައިގެ ޙިރާ ހޮހޮޅައިގައި ޚަލްވަތުގައި އިންނެވިއެވެ. އޭރު އެކަލޭގެފާނު ހުންނެވީ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ އާއި ކައިވެނިބައްލަވައިގެންނެވެ. މި ރަމަޞާންމަހުގެ ރެއެއްގައި ޙިރާ ހޮހޮޅައިގައި އެކަލޭގެފާނު އިންނަވަނިކޮށް ﷲ ތަޢަލާ އެކަލޭގެފާނުގެ އަރިހަށް ވަޙީގެ މަލާއިކަތާ ޖިބްރީލުލް އަމީން ފޮނުއްވައި ވަޙީބާވައިލެއްވުމުގެ މަތިވެރި ޙާދިސާ ހިނގައިދިޔައެވެ.
ދިރިއުޅުއްވުމަށްޓަކައި ކުރެއްވި ބައެއް މަސައްކަތްޕުޅުތައް:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އުމުރުފުޅުން 25 އަހަރުފުޅުގައި ޚަދީޖާ ރަޟިޔަﷲޢަންހާ ގެ މުދާ ހިއްޕަވައިގެން ވިޔަފާރި ދަތުރުފުޅެއްގައި ޝާމްކަރައަށް ދަތުރުފުޅެއް ކުރެއްވިއެވެ. އިބްނު އިސްޙާޤު ވިދާޅުވެފައިވެއެވެ: ޚަދީޖާ ބިންތު ޚުވައިލިދު ރަޟިޔަﷲ ޢަންހާ އަކީ މުދާވެރި ވިޔަފާރިވެރި ބޭކަނބަލެކެވެ. އެކަމަނާއަކީ ޝަރަފާއި މުދަލުގެ އަހުލުވެރިއެކެވެ. އަދި މައްކާގެ ފިރިހެންވެރިނަށް ލާރިދީފައި އެކަމަނާގެ މުދަލުން ވިޔަފާރި ކުރުމަށްޓަކައި ފޮނުއްވައެވެ. އެދުވަސްވަރު ޤުރައިޝުގެ އަހުލުވެރިންނަކީ ވިޔަފާރިވެރި ބަޔެކެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އަޚްލާޤުގެ ފުރިހަމަކަމުގެ ޚަބަރު އެކަމަނާއަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު ހޯއްދެވިއެވެ. އަދި އެކަމަނާގެ މުދާ ހިއްޕަވައިގެން ޝާމްކަރައަށް ވަޑައިގެން ވިޔަފާރިކޮށްދެއްވުމަށް ހުށައެޅުއްވިއެވެ. އަދި މިކަމަށްޓަކައި އެކަމަނާ އެހެން މީހުންނަށް ދޭ އެއްޗަކަށްވުރެ ގިނައިން އެކަލޭގެފާނަށް ދެއްވިއެވެ. މިދަތުރުފުޅުގައި އެކަލޭގެފާނާއި އެކު އެކަމަނާގެ އަޅު ކުއްޖެއް ކަމުގައިވާ މައިސަރާ ފޮނުއްވިއެވެ. ދެންފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިކަމަށް އެއްބަސްވެވަޑައިގެން އެކަމަނާގެ މުދާ ހިއްޕަވައިގެން ޝާމްކަރައަށް ދިޔުމަށްޓަކއި ނިކުމެވަޑައިގަތެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ފުރަތަމަ ކައިވެނިފުޅު:
ޚަދީޖާ ރަޟިޔަﷲ ޢަންހާ އަކީ ޤުރައިޝުންގެ މެދުގައި “ޠާހިރުވެގެންވާ ކަމަނާ” އަދި “ޢިއްފަތްތެރިކަމަނާ” ފަދަ ލަޤަބުތަކުން މައްޝޫރުވެގެންވާ ބޭކަނބަލެކެވެ. އެކަމަނާއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެނގިވަޑައިގަތުމުން އެކަލޭގެފާނު އެކަމަނާގެ މުދަލާއިގެން ވިޔަފާރި ދަތުރުފުޅެއްގައި ފޮނުއްވިއެވެ. މި ދަތުރު ފުޅުގައި އެކަމަނާއަށް ރަނގަޅު ފައިދާއެއްވެސް ލިބިވަޑައިގަތެވެ. އެކަލޭގެފާނާއި އެކު ވަޑައިގެންނެވި އެކަމާނަގެ އަޅު މައިސަރާ އެކަލޭގަފޭނުގެ ކިބައިން އޭނާއަށް ފެނުނު މާތް އަޚްލާޤާއި ބެހޭގޮތުން އެކަމަނާއަށް ކިޔައިދިނެވެ. މިވާހަކަތައް އަޑުއެއްސެވުމަށްފަހު އެކަމަނާގެ ހިތްޕުޅުގައި އެކަލޭގެފާނާއި ކައިވެނިފުޅު ބެއްލެވުމުގެ ޝައުގުވެރިކަން އުފެދުނެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަމަނާގެ ބައްޕަގެ ކިބައިން އެކަމަނާއާއި ކައިވެނިބެއްލެވުމަށް އެދިވަޑައިގަތެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 25 އަހަރުފުޅެވެ. އަދި ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ބައްޕަ ޚުވައިލިދު ބިން އަސަދު އެކަމަނާއާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އާއި ކައިވެނިކޮށްދެއްވިއެވެ. އޭރު އެކަމަނާގެ އުމުރު ފުޅަކީ 28 އަހަރުފުޅު ކަމުގައި އިބްނު އިސްޙާޤު ރިވާކުރައްވާފައިވެއެވެ. އަދި މި ބަރަކާތެރި ކައިވެނިފުޅަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އެކަމަނާގެ ފަރާތްޕުޅުން 2 ދަރިކަލުންނާއި 4 ދަރިކަނބަލުން ލިބިވަޑައިގެންފައިވުމުން އިބްނު އިސްޙާޤުގެ މި ރިވާޔަތަކީ ރާޖިޙު (ރަނގަޅު) ރިވާޔަތްކަމަށް ދަލީލް ލިބެއެވެ. އިބްރާހީމް ފިޔަވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް އެކަލޭގެފާނުގެ ހުރިހާ ދަރިން ލިބިވަޑައިގެންނެވީ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ކިބައިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ 2 ދަރިކަލުން ކަމުގައިވާ ޤާސިމް އާއި ޢަބްދުﷲ ލިބިވަޑައިގަތީ ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ކިބައިންނެވެ. އަދި އެކަލޭގެފާނުގެ ދަރިދަރިކަނބަލުން ކަމުގައިވާ ޒައިނަބް އާއި ރުޤައްޔާ އާއި އުއްމުކުލްޘޫމް އާއި ފާޠިމާ ލިބިވަޑައިގަތީވެސް ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ކިބައިންނެވެ. ޢަބްދުﷲ އާއި ޤާސިމް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލުކަމާއިގެން ފޮނުއްވުމުގެކުރިން އަވަހާރަވެއްޖެއެވެ. އަދި 4 އަންހެން ދަރިކަނބަލުން ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު ދުނިޔޭގައި ތިއްބެވިއެވެ. އަދި އެ ބޭކަނބަލުން އިސްލާމްވެ ވަޑައިގަތެވެ. ޚަދީޖާ ރަޟިޔަﷲ ޢަންހާ އަވަހާރަވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރަކުރެއްވުމުގެ 3 އަހަރު ކުރިންނެވެ. އަދި އިސްރާ އާއި މިޢުރާޖުގެ ޙާދިސާ ހިނގުމުގެވެސް ކުރިންނެވެ. އަދި އެކަމަނާ އަވަހާރަވުމަށް ފަހުވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެކަމަނާއަށް ޘަނާކިޔުއްވައި އެކަމަނާދެކެ ވެވަޑައިގަންނަވާ ލޯބި ފާޅުކުރައްވާ ހައްދަވާކަމުގައިވެއެވެ. އަދި ވަޙީ ބާވައިލެއްވުމުގެ ހާދިސާއަށް ފަހު ޚަދީޖާ ރަޟިޔަﷲ ޢަންހާ އެކަލޭގެފާނަށް ޙިތްހަމަޖެހުން ދެއްވިގޮތާއި އެ ޙާދިސާއަށްފަހު އެކަލޭގެފާނު އެކަމަނާގެ އަރިހަށް ވަޑައިގަތުމަށް އަވސްވެވަޑައިގަތުމުން އެކަމަނާގެ މަތިވެރިކަމާއި މާތްކަން އެނގި ފާޅުވެގެންދެއެވެ. އެކަމނާއަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ފުރަތަ އަނބިކަނބަލުން ކަމުގައި ޢިލްވުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ.
މިފިލާވަޅުގެ ސުވާލުތައް:
1- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން ޚަލްވަތުގައި އިންނެވީ ކޮން ރަށެއްގައި ހުންނަ ކޮން ފަރުބަދައެއްގައި ހުންނަ ކޮން ހޮހޮޅައެއްގައި؟
2- ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމް ރަސޫލުކަމާއިގެން ފޮނުއްވުނީ އެކަލޭގެފާނުގެ އުމުރުފުޅުން ކިތައް އަހަރުފުޅުގައި؟
3- ރަސޫލުﷲ ޞައްލަﷲ ޢަލއިހި ވަސައްލަމް ޚަދީޖާ ރަޟިޔަﷲ ޢަންހާ އާއި ކައިވެނި ބެއްލެވީ އެކަލޭގެފާނުގެ އުމުރުފުޅުން ކިތައް އަހަރުފުޅުގައި؟ އަދި އެކަމަނާގެ އުމުރުފުޅުން ކިތައް އަހަރުފުޅުގައި؟
4- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ލިބިވަޑައިގަތީ ކިތައް ފިރިހެން ބޭކަލުން؟ އަދި ކިތައް އަންހެންބޭކަނބަލުން؟ އަދި ނަންތައް ލިޔޭ!
5- ޚަދީޖާ ރަޟިޔަﷲ ޢަންހާގެ މަތިވެރިކަމާއި މާތްކަން ބަޔާންކޮށްދޭ ހާދިސާއެއް ލިޔޭ!