قَالَ اللَّهُ تَعَالَى: وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولاً أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ (النحل: 36)
(ކަލޭގެފާނުގެ ވެރިއިލާހު ގަންދެއްވައި ވަޙީކުރައްވަމެވެ.) ހަމަކަށަވަރުން، ތިމަންއިލާހު ކޮންމެ އުއްމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲއަށް އަޅުކަންކުރުމަށާއި، ޠާޣޫތުން(ﷲ ފިޔަވައި އަޅުކަންކުރެވޭ ހުރިހައި އެއްޗެއް)ގެ ކިބައިން ދުރުހެލިވުމަށް އެންގެވުމަށެވެ.
________________________________________________________________
ޝަރަޙަ:
މިއީ، ކިތާބުއްތަވްޙީދް އޭ ބަޔާންކުރެއްވުމަށްފަހު، އޭގެ ދަށުން ޝެއިޚް ބަޔާންކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން ދެވަނަ އާޔަތެވެ.
(وَلَقَدْ): މި ޢިބާރަތަކީ، ﷲތަޢާލާ މިއާޔަތުގައި ވަޙީކުރައްވައި ބަޔާންކުރައްވާ ވާހަކަތައް ތައުކީދުކޮށް ޔަޤީންކޮށްދެއްވުމަށްޓަކައި، އެއަށް ބާރުދެއްވުމުގެ ގޮތުން އެއިލާހު ވަޙީކުރައްވާފައިވާ ޢިބާރާތެކެވެ. އެހެނީ މިޢިބާރަތުގައި މިވާ ‘ލާމް’ އަކީވެސް، އަދި ‘ޤަދް’ އަކީވެސް އެއްޗެއް ތައުކީދުކޮށް ޔަޤީންކޮށް ދިނުމަށްޓަކައި ޢަރަބި ބަހުން ބޭނުންކުރެވޭ ދެބަހެވެ. އަދި ހަމައެއާއެކު، މި އާޔަތުގައި މިވާ ‘ލާމް’އިން، ހުވަޔަށް ދަލާލަތުކޮށްދެއެވެ. އެހެންކަމުން، މި އާޔަތުގައި ﷲވަޙީކުރައްވާ ވާހަކަތައް ޔަޤީންކޮށްދެއްވުމަށްޓަކައި، 3 މުއައްކިދު(ޔަޤީންކޮށްދިނުމަށް ބޭނުންކުރެވޭ ބަސް) އައިސްފައިވެއެވެ. އެއީ ހުވަޔާއި، ‘ލާމް’އާއި، ‘ޤަދް’ އެވެ.
(بَعَثْنَا): ނެރުއްވީމެވެ، ނުވަތަ ފޮނުއްވީމެވެ. މިޢިބާރާތުގައި އައިސްފައިމިވާ (بَعَثَ) އަކީ ފޮނުއްވިއޭ ބުނަން ޢަރަބިބަހުން ބޭނުންކުރެވޭ ބަހެވެ. އަދި (نَا) ގެ މާނައަކީ އަހަރެމެންނެވެ. ޢަރަބިބަހުގައި، މާތްކުރުމުގެ ގޮތުން، އެންމެ މީހަކަށް ނިސްބަތްކޮށްވެސް، ގިނަމީހުންނަށް ނިސްބަތްކޮށް ބޭނުންކުރާ މިފަދަބަސްތައް ގެނެވެއެވެ. މިސާލަކަށް އެންމެ މީހަކަށް ނިސްބަތްކޮށް ޙާލު ކިހިނެއްހޭ އެހުމަށްޓަކައި ޢަރަބިބަހުން ބުނާނީ (كَيْفَ حَالُكَ؟) އެވެ. އަދި ގިނަމީހުންނަށް ނިސްބަތްކޮށް އަހާނަމަ ބުނާނީ (كَيْفَ حَالُكُمْ؟) އެވެ. އަދި އެންމެ މީހަކަށްވިޔަސް މާތްބަހުން އަހަން ބޭނުންވެއްޖެނަމަ އަހާނީ، ގިނަމީހުންނަށް ނިސްބަތްކުރުމަށް ބޭނުންކުރި ޞީޣާ ބޭނުންކޮށްގެނެވެ. އެޙާލަތުގައި މާނައަށްވާނީ (كَيْفَ حَالُكُمْ؟) ‘ތިބޭފުޅާގެ ޙާލުކިހިނެއްތޯއެވެ؟’ އެހެންކަމުން، މިއާޔަތުގައި (نَا) އައިސްފައިމިވަނީވެސް އެއުޞޫލުގެ ދަށުންނެވެ. ﷲތަޢާލާއަށް ނިސްބަތްކޮށް، މާތްކުރުމުގެ ގޮތުން ބޭނުންކުރެވޭ ޞީޣާ ގެންނެވީއެވެ.
(فِي كُلِّ أُمَّةٍ): މި ޢިބާރާތުގެ މާނައަކީ، ‘ކޮންމެ އުއްމަތަކަށް’ އެވެ. މިތާނގައި މިވާ أُمَّة ގެ މާނައަކީ، މީސްތަކުންގެ ޖަމާޢަތެކެވެ. ޤުރުއާނުގައި، أُمَّة ހަތަރު މާނައެއްގައި އައިސްފައިވެއެވެ.
1-ޖަމާޢަތް. މިޢާޔަތުގައި އައިސްފައިމިވަނީ މިމާނައިގައެވެ.
2-އަލްއިމާމް.
މިސާލު: إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ (النحل: 120) ” ހަމަކަށަވަރުން، އިބްރާހީމްގެފާނީ، ﷲއަށް ކިޔަމަންތެރިވެވަޑައިގެން، ބާޠިލްމަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި، ހެޔޮކަމުގެ ހުރިހާކަމެއް އެކުލެވިގެންވާ އުއްމަތެއް ކަމުގައިވިއެވެ. އަދި ޝަރީކު ކުރާމީހުންގެ ތެރެއިން، އެކަލޭގެފާނު ނުވެތެވެ.”
3-މިއްލަތް(ދީން).
މިސާލު: إِنَّا وَجَدْنَا آبَاءَنَا عَلَى أُمَّةٍ (الزخرف: 23) “ތިމަންމެންގެ ކާބަފައިން ދީނެއްގެ މަތީގައި ވަނިކޮށް ތިމަންމެން ދުށީމުއެވެ.”
4-ޒަމާން(ވަގުތު).
މިސާލު: وَادَّكَرَ بَعْدَ أُمَّةٍ (يوسف: 45) “އެތައްދުވަހެއް ފަހުން (ޔޫސުފްގެފާނު މަތިން) ހަނދާންވެގެން (ބުންޏެވެ.)”
(رَسُولا): ﷲތަޢާލާ، އެބޭކަލުންނަށް އާ ޝަރީޢަތެއް ބާވައިލައްވައި، މީސްތަކުންނަށް އެޝަރީޢަތް ބަޔާންކޮށްދެއްވުމަށް އަމުރުކުރެއްވި ބޭކަލުންނަށް ކިޔަނީ ރަސޫލުންނެވެ.[1] އެންމެ ފުރަތަމަ ރަސޫލަކީ ނޫޙް ޢަލައިހިއްސަލާމްއެވެ. އަދި އެންމެ ފަހުގެ ރަސޫލަކީ މުޙައްމަދު ޢަލައިހިއްޞަލާތު ވައްސަލާމްއެވެ. ނޫޙް ޢަލައިހިއްސަލާމްއިން ފެށިގެން މުޙައްމަދު ޢަލައިހިއްޞަލާތު ވައްސާލާމާއި ހަމަޔަށް، ރަސޫލަކު ނުފޮނުއްވޭ އެއްވެސް އުއްމަތެއް ނުދެއެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ފޮނުއްވުނީ ޤިޔާމަތާއި ހަމަޔަށް އަންނާނޭ ހުރިހައި އިންސީންނާއި ޖިންނީންގެ ގާތަށެވެ.
ރަސޫލުބޭކަލުން ފޮނުއްވުމުގެ ޙިކުމަތް:
1-މީސްތަކުންގެ މައްޗަށް ޙުއްޖަތް ޤާއިމްކުރެއްވުން.
ދަލީލު: رُسُلا مُبَشِّرِينَ وَمُنْذِرِينَ لِئَلا يَكُونَ لِلنَّاسِ عَلَى اللَّهِ حُجَّةٌ بَعْدَ الرُّسُلِ وَكَانَ اللَّهُ عَزِيزًا حَكِيمًا (النساء: 165) ” އުފާވެރިކަމުގެ ޚަބަރުދެއްވާ، އަދި އިންޛާރު ކުރައްވާ ރަސޫލު ބޭކަލުންތަކެއް ފޮނުއްވީމެވެ. (އެއީ) ރަސޫލުން ފޮނުއްވުމަށްފަހު، ﷲގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށްޓަކައެވެ. ޢަޒީޒްވަންތަ، ޙަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”
2-މީސްތަކުންނަށްވާ ރަޙުމަތެއްގެ ގޮތުގައި.
ދަލީލު: وَمَا أَرْسَلْنَاكَ إِلا رَحْمَةً لِلْعَالَمِينَ (الأنبياء: 107) ” އަދި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި މެނުވީ، ތިމަންއިލާހު، ކަލޭގެފާނު ނުފޮނުއްވަމެވެ.”
3-ނަރަކައިން މިންޖުވެ، ސުވަރުގެ ވަނުމުގެ މަގު ބަޔާންކޮށްދެއްވުމަށްޓަކައި.
ދަލީލު: رُسُلا مُبَشِّرِينَ وَمُنْذِرِينَ (النساء: 165) “އުފާވެރިކަމުގެ ޚަބަރުދެއްވާ، އަދި އިންޛާރު ކުރައްވާ ރަސޫލު ބޭކަލުންތަކެއް ފޮނުއްވީމެވެ.”
(أَنِ اعْبُدُوا اللَّهَ): ރަސޫލުބޭކަލުން ގެނެސްދެއްވި ގޮތަށް، ﷲތަޢާލާއަށް ބޯލަނބައި ކިޔަމަންވެ، އަޅުކަންކުރުމަށް އެންގެވުމަށެވެ.
(وَاجْتَنِبُوا الطَّاغُوتَ): އަދި ޠާޣޫތުންގެ ކިބައިން ދުރުހެލިވުމަށް އެންގެވުމަށެވެ. އިޖްތިނާބްގެ މާނައަކީ ދުރުވުމެވެ. އަދި ޠާޣޫތަކީ ޠުޣުޔާން އިން ނެގިފައިވާ ބަހެކެވެ. ޠުޣުޔާންއަކީ ހައްދުފަހަނަޅައިދިޔުމެވެ. އެއީ އަލްޙާއްޤާ ސޫރަތުގެ 11ވަނަ އާޔަތުގައި ވާފަދައިންނެވެ. إِنَّا لَمَّا طَغَى الْمَاءُ حَمَلْنَاكُمْ فِي الْجَارِيَةِ ” ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންއިލާހު، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ.”
ޠާޣޫތުންނަކީ ކޮބައިކަން ބަޔާންކުރައްވަމުން އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. كُلُّ مَا تَجَاوَزَ بِهِ الْعَبْدُ حَدَّهُ مِنْ مَتْبُوْعٍ أَوْ مَعْبُوْدٍ أَوْ مُطَاعٍ “އެއަށް ތަބަޢަވެ، ނުވަތަ އަޅުކަންކޮށް، ނުވަތަ ކިޔަމަންތެރިކަން އަދާކޮށް، އަޅަކު ޙައްދުފަހަނަޅާފައިވާ ކޮންމެ އެއްޗެކެވެ.” އެއެއްޗެއް ޠާޣޫތަކަށްވާނީ އެކަމާ ރުހޭ ނަމައެވެ. ނުރުހޭނަމަ، ތަބަޢަވެވޭ، ނުވަތަ އަޅުކަންވެވޭ ނުވަތަ ކިޔަމަންތެރިވެވޭ އެއްޗެއް ޠާޣޫތަކަށް ނުވާނެއެވެ. (މާނައަކީ ޠާޣޫތަކަށްވެ ފާފަވެރިއެއް ނުވާނެއެވެ.) ނަމަވެސް އެ ތަބަޢަވާ، ނުވަތަ އަޅުކަންކުރާ، ނުވަތަ ކިޔަމަންތެރިވާ މީހާއަށް ބުނެވޭނީ ﷲފިޔަވައި ޠާޣޫތަކަށް އަޅުކަންކުރާ މީހެކެވެ.
ކާހިނުންނާއި، ސިޙުރުވެރިންނާއި، ޢިލްމުލިބިފައިވާ މީހުންގެ ތެރެއިން މީހުންނަށް ނުބައި މަގު ދައްކާ މީހުންނަށް ތަބަޢަވުމަކީ، ތަބަޢަވުމުގައި ހައްދުފަހަނަޅައި ދިޔުމެވެ.
ބުދުތަކަށް އަޅުކަންކުރުމާއި، ޤަބުރުކައިރިއަށްގޮސް ނަދުރުބުނުންފަދަ ކަންތައް ކުރުމީ އަޅުކަންކުރުމުގައި ހައްދުފަހަނަޅައި ދިޔުމެވެ.
ﷲ ޙަރާމްކުރެއްވި ކަންތައް ޙަލާލްކަމުގައި ހަދައި، ޙަލާލްކުރައްވާފައިވާ ކަންތައް ޙަރާމްކަމުގައި ހަދާ ވެރީންނަށް، (އެކަންކަމުގައި) ކިޔަމަންވާނަމަ، އެއޮތީ ކިޔަމަންވުމުގައި ޙައްދުފަހަނަޅައި ގޮސްފައެވެ. މިޙާލަތުގައި އެ ވެރީންތައް ވާނީ ޠާޣޫތުން ކަމުގައެވެ. ނަމަވެސް ކިޔަމަންވާމީހާ އަކީ ޠާޣޫތެއްކަމުގައި ނުވާނެއެވެ. އޭނާވާނީ ޠާޣޫތަށް ކިޔަމަންވާ މީހެއް ކަމުގައެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. أَلَمْ تَرَ إِلَى الَّذِينَ أُوتُوا نَصِيبًا مِنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ (النساء: 51) ” ފޮތުގެ ތެރެއިން ބައެއް އެއުރެންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެއުރެން ބުދަށާއި، ޠާޣޫތުންނަށް(ﷲފިޔަވައި އަޅުކަންވެވޭ އެއްޗިސަށް) އީމާންވެއެވެ.” މި އާޔަތުގައި، އެ އީމާންވެވޭ މީހުނަށް އިޝާރާތްކުރައްވައި ﷲ އަންގަވަނީ އެއީ ޠާޣޫތުން ކަމުގައެވެ. ނަމަވެސް ތަބަޢަވާމީހުންނީ ޠާޣޫތުންނޭ ވަޙީކުރައްވާފައެއްނުވެއެވެ.
ޠާޣޫތުންގެ ބޮޑުންނަކީ:
1-ﷲލަޢުނަތްލެއްވި އިބްލީސް
2-ﷲގެ ޙުކުމް ބަދަލުކުރާ މީހާ
3-ﷲ ބާވައިލެއްވި ޙުކުމް ނޫން އެހެން އެއްޗަކަށް ޙުކުމް ކުރާ މީހާ
4-ތިމަންނައަށް އަޅުކަންކުރާށޭ ބުނާ މީހާ
5-ﷲފިޔަވައި އޭނައަށް އަޅުކަންކުރެވުމުން، އެކަމާއި ރުހިގެން ހުންނަމީހާ.
މިއާޔަތާއި ތަވްޙީދާއި އޮތް ގުޅުން.
މި އާޔަތުގައި ތަފްޞީލު ކުރެވިފައި މިވަނީ ތަވްޙީދްގެ ކަލިމައެވެ. އެހެނީ ތަވްޙީދު ފުރިހަމަވެގެންދަނީ އޭގައި ދެރުކުން ހިމެނިގެންނެވެ. އެއީ ﷲފިޔަވައި އަޅުކަންވެވޭ ހުރިހާ ޠާޣޫތުންނަށް ކާފަރުވުމާއި، ﷲއަށް އަޅުކަންތައް ޚާލިޞްކުރުމެވެ. އުލޫހިއްޔަތު އެ ޠާޣޫތުންގެ ކިބައިން ނަފީކުރުމާއި، ހަމައެކަނި ﷲތަޢާލާއަށް އެޞިފަ ޘާބިތުކުރުމެވެ.
ހުރިހައި ރަސޫލުބޭކަލުންވެސް ގޮވައިލެއްވީ، ތަވްޙީދަށްކަން މިއާޔަތުން އެނގިގެންދެއެވެ.
އަންނަނިވި ސުވާލުތަކަށް ޖަވާބުދޭށެވެ!
1-މަތީގައި ބަޔާންވެފައިވާ އާޔަތުގައި އައިސްފައިވާ މުއައްކިދުތައް ބަޔާންކުރޭ!
2-މާތްބަހުން އެއްޗެއް އަހަން ބޭނުންވެއްޖެނަމަ ޢަރަބި ބަހުގައި ބޭނުންކުރަނީ ކޮން ޞީޣާއެއް؟
3-ޤުރުއާނުގައި އައިސްފައިވާ، ‘އުއްމަތް’ގެ 4 މާނަ ބަޔާންކުރޭ!
4-ރަސޫލުންނަކީ ކޮބާ؟
5-އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލުބޭކަލަކީ ކޮބާ؟
6-ރަސޫލު ބޭކަލުން ފޮނުއްވުމުގެ 2 ޙިކްމަތް ބަޔާންކުރޭ!
7-ޠާޣޫތުންނަކީ ކޮބާ؟
8-ޠާޣޫތުންގެ ބޮޑުންނަކީ ކޮބާ؟
9-މަތީގައި ބަޔާންވެފައިވާ އާޔަތާއި ތަވްޙީދާއި ވަނީ ކޮންގުޅުމެއް؟
_________________________________
[1] ބައްލަވާ: الجديد في شرح كتاب التوحيد
ކުރީގެ ބައިތައް