ސަލާމްލެއްވި އިބްރާހީމްގެފާނަކީ ޢަރަބިންނާއި، ޔަހޫދީންނާއި، އަދި ނަޞާރާއިންގެ ތާރީޚު ގުޅިފައިވާ ބޭކަލެކެވެ. އެހެންކަމުން، ޔަހޫދީންގެ ތާރީޚްވެސް ފެށިފައިވަނީ އިބްރާހީމްގެފާނާ ހަމައިންނެވެ.
އިބްރާހީމްގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ‘ބާބިލް’ އޭ ކިޔުނު ރަށަކަށެވެ. ތާރީޚް ފޮތްތަކުގައިވާގޮތުން އެކަލޭގެފާނު ސާރާ އާ ކައިވެނި ބައްލަވައިގަތެވެ. އެކަމަނާއަކީ ދަރިން ނުލިބޭ ބޭކަނބަލެކެވެ. އެކަލޭގެފާނާއި، އެކަލޭގެފާނުގެ ބައްޕާފުޅާއި، އަނބިކަބަނލުންނާއި، ލޫޠުގެފާނާއެކު ‘ކުލްދާނިއްޔީން’ ނިކުމެވަޑައިގެން ‘ކަންޢާން’ އަށް ހިޖުރަކުރެއްވިއެވެ. އެއީ މިހާރުގެ ނަމަ ޢިރާޤުން ބައިތުލް މަޤްދިސްއަށެވެ. މިދަތުރުފުޅުތަކުގައި އެކަލޭގެފާނަށް ގިނަގުނަ މުޞީބާތްތައް ޖެހިވަޑައިގެންނެވިއެވެ.
ބައިތުލް މަޤްދިސްގައި އެކަލޭގެފާނު މަޑުކުރެއްވިއެވެ. އަދި ހާޖަރުއާ ކައިވެނި ބައްލަވައިގެންނެވިއެވެ. ހާޖަރުގެ ކިބައިން އެކަލޭގެފާނަށް އިސްމާޢީލްގެފާނު ލިބިވަޑައިގެންނެވިއެވެ. އޭގެފަހުގައި، އެކަލޭގެފާނަށް ސާރާގެ ކިބައިން އިސްޙާޤްގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބިވަޑައިގަތެވެ. އިސްޙާޤްގެފާނު ލިބިވަޑައިގެންނެވީ އިސްމާޢީލްގެފާނަށް ފަހުގައެވެ. މިދެދަރިކަލުން ދެއްވިކަމަށްޓަކައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިން، އިބްރާހިމްގެފާނު ﷲއަށް ޙަމްދުކުރެއްވިއެވެ.
(الْحَمْدُ لِلّهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَ إِنَّ رَبِّي لَسَمِيعُ الدُّعَاء) سورة إبراهيم: 39
މާނައީ: “ޙަމްދުހުރީ، ﷲއަށެވެ. އެކަލާނގެއީ، އަޅު، މުސްކުޅިވެފައިވަނިކޮށް، އަޅާއަށް އިސްމާޢީލުއާއި، އިސްޙާޤު ދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަޅުގެ ވެރިރަސްކަލާނގެއީ، ދުޢާ އައްސަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.”
އެއަށްފަހުގައި، އިބްރާހިމްގެފާނު އިސްމާޢީލްގެފާނާއިގެން ހަނަފަސް ވާދީއަކަށް ވަޑައިގެންނެވިއެވެ. އެއީ މިހާރުގެ ގޮތުންނަމަ މައްކާއެވެ. އެތަނުގައި އިސްމާޢީލްގެފާނާއި އެކަލޭގެފާނުގެ މަންމާފުޅު ބައިތިއްބެވުމަށްފަހު، އިބްރާހީމްގެފާނު ބައިތުލް މަޤްދިސްއަށް އެނބުރިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ﷲ އަށް ދުޢާ ދެންނެވިއެވެ.
(رَبَّنَا إِنِّي أَسْكَنتُ مِنْ ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِنْدَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلاةَ فَاجْعَلْ أَفْئِدَةً مِنْ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُمْ مِنْ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ) سورة إبراهيم: 37
މާނައީ: “އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެބައިމީހުން ނަމާދު ޤާއިމުކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެބައިމީހުންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެބައިމީހުންނަށް ރިޒުޤުދެއްވާނދޭވެ! (އެއީ) އެބައިމީހުން ޝުކުރުވެރި ވުމަށްޓަކައެވެ.”
ދުވަސްތަކަކަށްފަހު އަލުން އިބްރާހީމްގެފާނު އިސްމާޢީލްގެފާނުގެ އަރިހަށް މައްކާއަށް ވަޑައިގެންނެވިއެވެ. އަދި އެތަނުގައި ގެފުޅު ބިނާކުރެއްވިއެވެ. އިސްމާޢީލްގެފާނުގެ ދަރިފަސްކޮޅުން ޢަރަބި ދަރިފަސްކޮޅު އުފެދިގެން އައެވެ. އަދި އެދަރިފަސްކޮޅުން އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޑައިގެންނެވިއެވެ.
އިސްޙާޤުގެފާނަށް ޔަޢްޤޫބުގެފާނު ލިބިވަޑައިގެންނެވިއެވެ. ބަނޫ އިސްރާއީލް ނިސްބަތްވެފައިވަނީ އިސްޙާޤުގެފާނުގެ މިދަރިކަލުންނަށެވެ. އިސްރާއީލްއަކީ ޔަޢްޤޫބުގެފާނުގެ ލަޤަބުފުޅެކެވެ. ޔަޢްޤޫބުގެފާނު ބައިތުލް މަޤްދިސްއިން ‘ޙަރާން’ ކިޔާ ރަށަކަށް ހިޖުރަކުރެއްވިއެވެ. އެތަނުގައި ޔަޢްޤޫބުގެފާނު އުޅުއްވި ދުވަސްވަރު ކައިވެނި ކުރައްވައި، އެކައިވެނިތަކުން ދަރިން ލިބިވަޑައިގެންނެވިއެވެ. އަދި އެތަނުގައި އެކަލޭގެފާނަށް ﷲގެ ނަބިއްޔާ ޔޫސުފްގެފާނު ލިބިވަޑައިގެންނެވިއެވެ. އެއަށްފަހު، އެނބުރި ބައިތުލް މަޤްދިސްއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެތަނުގައި ޔަޢްޤޫބުގެފާނާއި އެކަލޭގެފާނުގެ ބާރަ ދަރިކަލުން ވަޒަންވެރިވެ ވަޑައިގެންނެވިއެވެ. މިދުވަސްތަކުގެ ތެރޭގައި ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އަޚުންނާ ދެމެދު ހިނގާދިޔަ ހާދިސާ ހިނގާ ދިޔައެވެ. މިވާހަކަ ﷲ ސުބުޙާނަހޫ ވަތަޢާލާ ޔޫސުފް ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.
ޔޫސުފްގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅާއި އެންމެހާ އަޚުން މިޞްރަށް ގެންނެވިއެވެ. އެތަނުގައި ޔަޢްޤޫބުގެފާނު އަވަހާރަފުޅު ވިއެވެ. އެބޭކަލުން އެތަނުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. އަދި އެބޭކަލުންގެ ދަރިފަސްކޮޅު ގިނަވެގެން ދިޔައެވެ.
ދުވަސްތައް ފާއިތުވެގޮސް، މިޞްރުގެ ވެރިކަންކުރާ ފިރުޢައުނުން، ބަނޫ އިސްރާއީލްގެމީހުން އަޅުންނަށް ހެދިއެވެ. މިގޮތުން، ބަނޫ އިސްރާއީލްގެ މީހުން ފިރުޢައުނުންގެ އަޅުންގެ ގޮތުގައި ޒަމާންތަކެއް ވެފައިވަނިކޮށް، އެބައިމީހުންގެ ގާތަށް މޫސާގެފާނު ފޮނުއްވިއެވެ. ﷲ، ފިރުޢައުނުގެ މައްޗަށް މޫސާގެފާނަށް ނަޞްރުދެއްވައި، ފިރުޢައުނު ޣަރަޤުކުރެއްވިއެވެ. މޫސާގެފާނާއި ފިރުޢައުނާ ދެމެދު ހިނގައިދިޔަ ކަންތައްތަކުގެ ވާހަކަ ކީރިތި ޤުރުއާނުގެ އެކިތަންތަނުގައި ﷲ ޛިކުރުކުރައްވާފައިވެއެވެ.
އެބައިމީހުންނަށް މިލިބުނު މަތިވެރި ނަޞްރު ހަނދާންކޮށް އެކަމަށް ﷲ އަށް ޙަމްދުކޮށް، އެއިލާހަށް ކިޔަމަންތެރިވުމަށް އެބައިމީހުންނަށް އެންގެވުނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ މިބައިމީހުންނަށް އޯގާތެރިވެވަޑައިގެން އެބައިމީހުން ކެއުމަށް މަންނަ އާއި ސަލްވާ ބާވާލެއްވިއެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން ގިނަ މީހުން ކާފަރުކަމާއި ނޭއްގާނީކަން ދައްކަމުން ގެންދިޔައެވެ. އަދި މޫސާގެފާނަށް ދުއްތުރާކޮށް، ފަލަސްޠީނަށް ވަނުމަށް ދެކޮޅުހެދިއެވެ.
މޫސާގެފާނު، އެކަލޭގެފާނުގެ ވެރި އިލާހަށް މުނާޖާ ދެންނެވުމަށް ޠޫރު ފަރުބަދައަށް ވަޑައިގެންނެވުމުން، އެކަލޭގެފާނުގެ އަޚް ހާރޫންގެފާނު ނިކަމެތިކުރައްވައި، ރަނުން ހަދާފައިވާ ގެރިއަކަށް އަޅުކަންކުރަން ފެށިއެވެ. މޫސާގެފާނު ވަޑައިގެންނެވުމުން، ﷲ ތިމަންމެނަށް ފާޅުގައި ފެނުމަށްފަހުގައި މެނުވީ އީމާންނުވާނެކަމުގައި ބުނަމުން ގެންދިޔައެވެ. އެބައިމީހުންނަށް އިންޒާރެއްކަމުގައި ﷲ ޠޫރު ފަރުބަދަ އެބައިމީހުންގެ މައްޗަށް އުފުއްލެވިއެވެ. އެހިނދު އެބައިމީހުން ބިރުން ކިޔަމަންތެރިވިއެވެ އަދި ﷲ އެބައިމީހުންގެ ކިބައިން އަހްދުކަށަވަރު ހިއްޕެވިއެވެ. ނަމަވެސް މިބައިމީހުންގެ ތެރެއިން ބަޔަކު އެއަހުދު އުވާލައި، ހޮނިހިރުދުވަހު ކުރުން މަނާކުރެއްވި ކަންތައްތައް ކުރުމުގައި ހައްދުފަހަނަ އަޅައި ދިޔުމުގެ ސަބަބުން މިބައިމީހުންގެ ސިފަ ރާމާމަކުނަށާއި އޫރަށް ބަދަލުކުރެއްވިއެވެ.
މިގޮތުން މިބައިމީހުންނަށް ހެކިތަކެއްގޮތުގައި ﷲ ތަފާތު ވައްތަރުގެ ހެކިތައް ދެއްކެވިއެވެ. ނަމަވެސް މިހެކިތަކުން މިބައިމީހުންނަށް ފައިދާއެއް ނުކުރިއެވެ. މިބައިމީހުންގެ ހިތްތައް ވަނީ ކަޅުވެ، ހިލަގަނޑެއް ފަދައިންނެވެ. އެއަށްފަހުގައި، މިބައިމީހުންގެ ނޭއްގާނީކަން ހައްދުފަހަނައަޅައިގޮސް، މުސާގެފާނާއި އެކަލޭގެފާނުގެ ފަހުން ވަޑައިގެންނެވި ނަބީބޭކަލުން ގެނެސްދެއްވި ގޮތް ބަދަލުކޮށް، އިލާހީ ފޮތްތަކުގައިވާ ތަކެއްޗަށް މިބައިމީހުން އުނިއިތުރު ގެންނަމުން ދިޔައެވެ. އަދި ﷲގެ ނަބިއްޔުން ޙައްޤަކާއިނުލައި ޤަތުލުކުރަމުން ގެންދިޔައެވެ.
މިފަދަ ޙާލަތެއްގައި މިބައިމީހުން ވަނިކޮށް، މިބައިމީހުންގެ އުޅުމާއިގުޅުން އިޞްލާޙުކުރެއްވުމަށްޓަކައި ޢީސާގެފާނު މިބައިމީހުންގެ ތެރެއަށް ފޮނުއްވިއެވެ. މިބައިމީހުން ޢީސާގެފާނާ ދެކޮޅުވެރިވެ، އެކަލޭގެފާނާއި އެކަލޭގެފާނުގެ މަންމާފުޅާ ބެހޭގޮތުން ދޮގު ބުހުތާނު ވާހަކަ ފަތުރަމުން ގެންދިޔައެވެ. އެންމެފަހުން، އެކަލޭގެފާނު ޤަތުލުކޮށްލުމަށް ރޭވިއެވެ. ނަމަވެސް، ﷲ ސުބުޙާނަހޫ ވަތަޢާލާ ޢީސާގެފާނު މިބައިމީހުންގެ އަނިޔާވެރިކަމުން ސަލާމަތްކުރައްވައި އުޑަށް އުފުއްލެވިއެވެ.
ޢީސާގެފާނަށް ފަހު، އެކަލޭގެފާނަށް ތަބާވި މީހުންނާމެދު ތަފާތު ރޭވުންތައް ރާވައި، އިންޖީލަށް އުނިއިތުރު ގެނައުމުގެ ނުބައި ޢަމަލުގެ މޭސްތިރިންނަކީ ހަމަ މިބައިމީހުންނެވެ. މިބައިމީހުން މިކަންތައް ކުރަމުން ގެންދިޔައީ ސިއްރާއި ފާޅުގައެވެ. މިބައިމީހުންގެ ބައިގަނޑު ގިނަވެ، ބިމުގައި މިބައިމީހުންގެ ފަސާދަބޮޑުވެގެން ދިޔުމުގެ ނަތީޖާއަކަށްވީ މިބައިމީހުން އެކި ބިންތަކަށް ބައިބައި ވެގެން ދިޔުމެވެ. މިގޮތުން އިސްލާމްދީން އައުމުގެ ކުރީގައި، މިބައިމީހުން ޝާމުކަރައަށާއި، މިޞްރަށާއި، ޢިރާޤަށާއި، ޔަޘްރިބަށާއި، ޚައިބަރަށާއި، ޔަމަނަށް ބައިބައިވެގެން ދިޔައެވެ. މިބައިމީހުން ޔަޘްރިބުގެ އައުސް ވަންހައާއި ޚަޒްރަޖު ވަންހައާ ދެމެދު ރުޅިވެރިކަން އުފެއްދި ފަދައިން މިއިންކޮންމެ ބިމެއްގެ އަހުލުވެރިންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަމުން ގެންދިޔައެވެ.
މިގޮތުގައި މިބައިމީހުން ވަނިކޮށް އެންމެފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ވަޑައިގެންނެވިއެވެ. މިބައިމީހުން އެކަލޭގެފާނު ދޮގުކޮށް، ދެކޮޅުވެރިވެ، ފުރައްސާރަކޮށް، އެކަލޭގެފާނަށް ސިޙުރު ހަދައި، އެކަލޭގެފާނު ޤަތުލުކޮށްލުމަށް ރޭވިއެވެ. އަދި މުސްލިމުންނާ ދެކޮޅަށް މުޝްރިކުންނަށް ވާގިވެރިވެ، މުސްލިމުންގެ ސަފުތައް ބައިބައިކުރިއެވެ. އަދި މިބައިމީހުން މުސްލިމުންނާމެދު އޮންނަ ރުޅިވެރިކަމާއި، ހަސަދަވެރިކަން އަދިއަދަށް ދާންދެން މިބައިމީހުންގެ ހިތްތަކުގައި އުފެދިފައިވެއެވެ. މިބައިމީހުންގެ މަކަރާއި ހީލަތުގެ އަސަރުވަނީ ވަރަށް ބޮޑަށް އިސްލާމްދީނަށް ކޮށްފައެވެ. މިގޮތުން އެންމެ ފާހަގަކުރެވޭ ކަމަކީ، އިސްލާމްދީން ބައިބައިކޮށް އެދީނުގެ ތެރޭގައި ތަފާތު ފިރުޤާތައް އުފެއްދުމުގެ އެންމެ އަޑީގައި ތިބި ބަޔަކީ މިބައިމީހުންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ.
(وَلا يزَالُونَ يُقَاتِلُونَكُمْ حَتَّى يَرُدُّوكُمْ عَنْ دِينِكُمْ إِنْ اسْتَطَاعُوا) سورة البقرة: 217
މާނައީ: “އަދި އެބައިމީހުންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ބޭރުކޮށް ކާފަރުކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެބައިމީހުން ފިލައިނުދާނެއެވެ.”