ސިޙުރަކީ ކޮބާ؟
ޢަރަބިބަހުގައި ‘ސިޙުރު’ މިލަފުޒަކީ ސަބަބު ފޮރުވިފައިވާ، އަދި ވަންހަނާވެގެންވާ ކަންކަމަށް ބޭނުންކުރާ ޢިބާރާތެކެވެ. އަދި ސިޙުރުގެ އަޞްލަކީ އެއްޗެއްގެ ޙަޤީޤަތުން އެހެންގޮތަކަށް ބަދަލުކޮށްލުމެވެ. އަދި ޙައްޤުކަމަށް ބާޠިލުނެރެ ދެއްކުމެވެ.[1]
އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ސިޙުރަކީ ގޮށްތަކަކާއި، ކިޔެވެލިތަކަކާއި، ވާހަކަދައްކާ ބަސްތަކެއް ނުވަތަ ލިޔާ ބަސްތަކެކެވެ. ނުވަތަ ސިޙުރުހެދޭމީހާގެ ގައިގައި ބީހުމެއްނެތި އޭނާގެ ހަށިގަނޑަށް، ނުވަތަ ހިތަށް، ނުވަތަ ވިސްނުމަށް އަސަރުކުރުވާގޮތަށް ކުރެވޭ ކަންކަމެވެ. ސިޙުރުގައި ޙަޤީޤަތެއްވެއެވެ. އޭގެ ތެރޭގައި މީހާ ބަލިކޮށްލާތަކެތިވެއެވެ. އަދި މަރާލާ ތަކެތިވެއެވެ. އަދި ދެމަފިރިން ދުރުކުރާ ތަކެއްޗާއި، ދެމަފިރިން ޖިމާޢުވުމުން ދުރުކުރާ ތަކެތިވެއެވެ. އަދި ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަން އުފައްދާ ތަކެއްޗާއި، ދެމީހުން ގަދަކަމުން ތަތްކުރުވާ ތަކެތިވެއެވެ.”[2]
ޤުރުއާނާއި ސުންނަތުގެ އަލީގައި ސިޙުރު:
ސިޙުރަކީ ޙަޤީޤަތެއްކަމަށާއި، އެކަމުގައި އަސަރުތަކެއް އެކުލެވިގެންވާކަމަށް ޤުރުއާނުންނާއި، ސުންނަތުން ދަލީލުލިބެއެވެ. އަދި އެއީ ޙަރާމްކަމެއްކަމަށްވެސް ދަލީލުލިބެއެވެ. އެގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ. ((وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولا إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ وَمَا هُمْ بِضَارِّينَ بِهِ مِنْ أَحَدٍ إِلاَّ بِإِذْنِ اللَّهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلا يَنفَعُهُمْ وَلَقَدْ عَلِمُوا لَمَنْ اشْتَرَاهُ مَا لَهُ فِي الآخِرَةِ مِنْ خَلاقٍ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ لَوْ كَانُوا يَعْلَمُونَ)) البقرة: ١٠٢ މާނައީ: “އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެބައިމީހު ތަބާވިއެވެ. ސުލައިމާނުގެފާނު ކާފަރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފަރުވިއެވެ. އެބައިމީހުން މީސްތަކުންނަށް ސިޙުރު އުނގަންނައި ދިނުމުންނެވެ. އަދި ބާބިލްގައިވާ ހާރުތާއި، މާރޫތާ ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށްވެސް (އެބައިމީހުން ތަބާވިއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފަރުނުވާށޭ ވިދާޅުވެ (ނަސޭޙަތްދެއްވުމަށްފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެބައިމީހުން އުނގެނި އުޅެތެވެ. ﷲގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެބައިމީހުން ނުވެތެވެ. އެބައިމީހުން އެ އުނގެނެނީ އެބައިމީހުންނަށް ގެއްލުންދޭ، އަދި އެބައިމީހުންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ހޯދައިގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން، އެބައިމީހުންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެބައިމީހުންގެ ނަފްސުތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެބައިމީހުން އެކަން ދަންނަ ކަމުގައި ވިނަމައެވެ.” މިއާޔަތުން ދަލީލުލިބޭގޮތުގައި، ސިޙުރަކީ ޙަޤީޤަތެއް އެކުލެވިގެންވާ، އެއިގެ ސަބަބުން މީސްތަކުންގެ ހިތްތަކަށާއި، ހަށިގަނޑަށް އަސަރުކުރުވާކަމެއްކަން ހާމަވެއެވެ. އަދި ސިޙުރުޖެހޭ ހުށީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިޒުނަފުޅައިލައިގެންކަން އެނގެއެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘް ކުރެއްވިއެވެ. ((اجْتَنِبُوا السَّبْعَ الْمُوبِقَاتِ)) قَالُوا: يَا رَسُولَ اللهِ وَمَا هُنَّ؟ قَالَ: ((الشِّرْكُ بِاللهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللهُ إِلَّا بِالْحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ الْيَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ)). މާނައީ: “ތިޔަބައިމީހުން ހަލާކުކުރަނިވި ހަތްފާފައިން ދުރުހެލިވާށެވެ.” އެބޭކަލުން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! އެފާފަތަކަކީ ކޮބައިތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “(އެއީ) ﷲއަށް ޝަރީކުކުރުމާއި، ސިޙުރުހެދުމާއި، ޙައްޤަކާނުލައި ﷲ ޙަރާމްކުރެއްވި ނަފުސެއް ޤަތުލުކުރުމާއި، ރިބާކެއުމާއި، ޔަތީމުންގެ މުދާ (ބާޠިލުކޮށް) ކެއުމާއި، ހަނގުރާމަކުރެވޭ ދުވަހު ފުރަގަސްދީ ފިލަންދުވުމާއި، މުއުމިނު ޢިއްފަތްތެރި އަންހެނުންނަށް (ޒިނޭގެ) ތުޙުމަތުކުރުމެވެ.”[3] މިޙަދީޘުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަމުރުކުރައްވާފައިއެވަނީ ސިޙުރުން ދުރުހެލިވުމަށެވެ. އަދި އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައި އެވަނީ ސިޙުރަކީ ހަލާކުކޮށްފަނިވި ބޮޑުވެގެންވާ ފާފައެއްކަމުގައެވެ. މިކަމުން ދޭހަކޮށްދެނީ ސިޙުރަކީ ޚުރާފާތެއް ނޫންކަމެވެ. ޙަޤީޤަތެއްކަމެވެ.
އަދި ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. ((لَيْسَ مِنَّا مَنْ تَطَيَّرَ أَوْ تُطُيِّرَ لَهُ ، أَوْ تَكَهَّنَ أَوْ تُكُهِّنَ لَهُ ، أَوْ سَحَرَ أَوْ سُحِرَ لَهُ ، وَمَنْ عَقَدَ عُقْدَةً، وَمَنْ عَقَدَ عُقْدَةً ، وَمَنْ أَتَى كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ)) މާނައީ: “ބަދުފާލުބަލާމީހާއާއި، އެބަލުވާމީހާއާއި، ކަހާނަތުކަންކުރާމީހާއާއި، އެކަންކުރުވާމީހާއާއި، ސިހުރުހަދާމީހާއާއި، އެހަދުވާމީހާ އަހަރެމެންގެ ތެރެއިންނުވެއެވެ. އަދި ކާހިނެއްގެ ގާތަށް އައިސް އޭނާ ދައްކާވާހަކަ ތެދުކޮށްފިމީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން އޭނާ މުޙައްމަދުގެފާނު މައްޗަށް ބާވާލެއްވުނު ޝަރީޢަތަށް ކާފަރުވެއްޖެއެވެ.”[4] މިހަދީޘުގައި، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެވަނީ ސިޙުރާއި، ސިޙުރުހަދަން ސިޙުރުވެރިން ކައިރިއަށް ދިޔުން މަނާކުރައްވާފައެވެ.
ސިޙުރުވެރިޔާއާއި ޝައިޠާނާއާދެމެދުގައިވާ ގުޅުން:
ސިޙުރަކީ ސިޙުރުވެރިޔާއާއި ޝައިޠާނާއާ ދެމެދުގައިވެވޭ އިއްތިފާޤެކެވެ. ސިޙުރުވެރިޔާ ބައެއް ޙަރާމްކަންތައްތައް ނުވަތަ ﷲއަށް ޝިރުކުކުރެވޭ ކަންތައްތައް ކުރުމުން، އޭގެބަދަލުގައި އެމީހާއެދޭ ކަންތައްތައް ކުރުމުގައި ޝައިޠާނާ ވާގިވެރިވެދީ، އެމީހާއަށް ކިޔަމަންތެރިވަނީއެވެ.
ސިޙުރުވެރިން ޝައިޠާނާއާ ކުއްތަންވުމަށްޓަކައި ތަފާތު ހަޑިމުޑުދާރު ޢަމަލުތައް ކުރެއެވެ. މިގޮތުން ފައިދަށަށް މުޞްޙަފުލައިގެން ފާޚާނާއަށް ވަނުމާއި، ނަޖިސްތަކެތިން ޤުރުއާނުގެ އާޔަތްތައް ލިޔުމާއި، އަކުރުތައް ކަނޑަކަނޑައިގެން ފާތިޙާ ސޫރަތްލިޔުމާއި، ވުޟޫއާނުލައި ނަމާދުކުރުމާއި، ޝައިޠާނާއަށް އެއްޗެހި ކަތިލުމުގެގޮތުން ކަތިލާހިނދު ބިސްމިނުކިޔުމާއި، ޝައިޠާނުން އުޅޭ ތަނަކަށް އެކަތިލެވުނު އެއްޗެއް އެއްލައިލުން ފަދަ ޢަމަލުތައް ހިމެނެއެވެ. އަދި އޭގެތެރެއިން ބައެއްމީހުން ތަރިތަކަށް ގޮވައި، ﷲ ފިޔަވައި އެތަރިތަކަށް ސަޖިދަކުރެއެވެ. އަނެއްބައިމީހުން އެސިޙުރުވެރިޔާގެ މަންމަ ނުވަތަ ދަރިފުޅާ ޒިނޭކުރެއެވެ. އަނެއްބައިމީހުން ނޭނގޭ ބަހުރުވަތަކުން ކުފުރުގެ ކަލިމަތައް ލިޔެ ތަވީދުއެއްޗެހި ހަދައެވެ.
އަޅުގަނޑުމެން ދެނެގަންނަންޖެހޭ މުހިއްމު ނުކުތާއަކީ، ބަދަލަކާނުލައި ޝައިޠާނާ ސިޙުރުވެރިޔާއަށް އެހީތެރިނުވާނޭކަމެވެ. ސިޙުރުވެރިޔާ ﷲއަށް ކުފުރުވެ ނުކިޔަމަންތެރިކަން ދެއްކިވަރަކަށް ޝައިޠާނާ އެހީތެރިވެ، އޭނާގެ ބޭނުންތައް ފުއްދައިދިނުމުގައި އަވަސްވެގަންނާނެއެވެ. އަދި ޝައިޠާނާގެ އަމުރުތަކަށް ތަބާވުމުގައި ސިޙުރުވެރިޔާ ފަރުވާކުޑަކުރާކަމުގައިވާނަމަ، ޝައިޠާނާ އޭނާގެ ޚިދުމަތުން ދުރުވެގަންނާނެއެވެ. އެހެންކަމުން، ޝައިޠާނާއާއި ސިޙުރުވެރިޔާއަކީ ﷲ އަށް ނުކިޔަމަންތެރިވުމުގައި ވާގިވެރިވެގެންއުޅޭ ދެމީހުންނެވެ.
ސިޙުރުވެރިން ދެނެގަންނާނެ ޢަލާމާތްތައް:
ސިޙުރުވެރިން ދެނެގަންނާނެ ވަރަށް ގިނަ ޢަލާމާތްތައްވެއެވެ. އެއިގެތެރެއިން ބައެއް މުހިއްމުކަންކަމަކީ:
1. ބާޠިލު ޒީނަތްތެރިކުރުމާއި، ޙައްޤު ބާޠިލުކަމުގައި ދެއްކުން.
2. ބަލިޖެހިފައިވާމީހާގެ ފުނާ، އިސްތަށި، ރުމާ ފަދަ މާދީ އެއްޗަކަށް އެދުން.
3. ބަލިޖެހިފައިވާމީހާގެ ނަމާއި، މަންމަގެ ނަން އެހުން.
4. ޢަދަދުތަކާއި، ބުރުޖުތަކާއި ތަރިތަކުގެ ނަންތަކާއި، ވަކިވަކިން އަކުރުލިޔުން ފަދަ ދޭހަނުވާ އެއްޗެހި ލިޔުން.
5. ނޭނގޭ ބަސްތަކުން ތަވީދު ލިޔުމާއި، ކިޔެވެލި ކިޔެވުން.
6. ވަކިވައްތަރެއްގެ ޙަޔަވާނެއް ނުވަތަ ދޫންޏެއް ހޯދުމަށް ބުނުން. މިފަދަ ތަކެތި ބިސްމިއާނުލައި ކަތިލުމަށްފަހު ބަލިޖެހިފައިވާ މީހާގެ ރިއްސާތަނެއްގައި އުނގުޅުމަށް ބުނުން ނުވަތަ ހަޑިމުޑުދާރުތަނަކަށް އޭތި އެއްލައިލުން.
7. ބަންދުކުރެވިފައިވާ އެއްޗެހި ބަލިމީހާގެ އަތައް ދިނުމަށްފަހު، އޭތި ނުހުޅުވުމަށް ބުނުން. މިފަދަ އެއްޗެހީގައި ގިނަފަހަރަށް ހުންނާނީ ކުފުރުގެ ބަސްތަކެވެ.
8. ބަލިމީހާ އަތަށް ބިމުގައި ވަޅުލުމަށް އެއްޗެހި ދިނުން.
9. ގަނޑުކޮޅުކޮޅު ދީ، އެތަކެތި އަންދައިގެން ދުން އެރުވުމަށް ބުނުން.
10. ބަލިމީހާގެ ކުރިމަތީގައި ނުފެންނަ މީހުންނާ ވާހަކަ ދައްކައިގެން އެހީތެރިކަމަށާއި މަދަދަށް އެދުން.
11. ބައެއްފަހަރަށް ބަލިމީހަކައިރީގައި ފެނުގައި ނުބީހުމަށް ބުނުން. ޢާއްމުކޮށް ބުނެއުޅޭނީ ސާޅީސްދުވަސް ވަންދެނެވެ. މީގެ ދޭހަކޮށްދެނީ އެސިޙުރުވެރިޔާއާއެކު އުޅޭ ޝައިޠާނާއަކީ ނަޞާރާއެއްކަމެވެ.
12. ބައެއްފަހަރަށް ބަލިމީހާގެ ނަމާއި، އޭނަގެ ރަށާއި، އޭނާގެ ބައްޔަކީ ކޮބައިކަން ކުރިޔާލައި ޚަބަރު ދޭނެއެވެ.
13. ހުދުތަށްޓެއްގައި ވަކިވަކި އަކުރުތަކެއް ލިޔުމަށްފަހު، އެތަށްޓަށް ފެން އަޅައިގެން ފެންއޮއްސުމަށް ނުވަތަ ބުއިމަށް ބުނުން.
މިފަދަ ޢަލާމާތެއް ފެނި، ސިޙުރުވެރިއެއްކަން އެނގިހުރެ އެމީހާގެ ގާތަށް ދިޔުމަކީ ބޮޑުވެގެންވާ ފާފައެއްކަން ދަންނާށެވެ.
ސިޙުރުއުގެނުމާއި އުގަންނައިދިނުން:
އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅިވެފައިވެއެވެ. “ސިޙުރުއުގެނުމާއި އުގަންނައި ދިނުމަކީ ޙަރާމްކަމެކެވެ. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް އޮތްކަމެއް ތިމަންމެންނަކަށް އެނގިފައެއްނެތެވެ. ތިމަންމެންގެ އަޞްޙާބުން (އެބަހީ، ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން) ވިދާޅުވެފައިވެއެވެ. ސިޙުރުވެރިޔާ ކާފަރުވަނީ އެއުގެނުމާއި އެއަށް ޢަމަލުކުރުމުގެ ސަބަބުންނެވެ. އެމީހަކު އެކަންކުރީ ޙަރާމް ނުވަތަ މުބާޙުކަމެއްގޮތުގައި ދެކިގެންކަމުގައި ވީނަމަވެސްމެއެވެ. އެއީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. ((وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا)) މިއާޔަތުގެ ((وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولا إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) ނިޔަލަށެވެ. ((وَمَا كَفَرَ سُلَيْمَانُ)) އެބަހީ، ސުލައިމާނުގެފާނަކީ ސިޙުރުގެ ސަބަބުން ކާފަރުވި ބޭކަލެއްކަމުގައި ނުވެއެވެ. އަދި އެދެބޭކަލުން (އެބަހީ ހާރުތާއި މާރޫތު) ވިދާޅުވިއެވެ. ((إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) އެބަހީ، ސިޙުރު ނޫގެނޭށެވެ. އެކަމުގެ ސަބަބުން ކާފަރުވާހުއްޓެވެ.”[5]
އިބްނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” ތަޢާލާގެ ވަޙީ ބަސްފުޅު ((إِنَّمَا نَحْنُ فِتْنَةٌ فَلا تَكْفُرْ)) މިބަސްފުޅުން އިޝާރާތްކުރާގޮތުގައި ސިޙުރު އުގެނުމަކީ ކާފަރުކަމެކެވެ.”[6]
– ނުނިމޭ-
_________________________________
[1] ބައްލަވާ: تهذيب اللغة: 4/290، مقايس اللغة (س ح ر)، صارم البتار: ص. 12.
[2] المغني: 10/104، صارم البتار: ص. 13.
[3] البخاري: 2766، 6857، ومسلم: 89.
[4] البزار: 3578، (އައްސިލްސިލަތުއް ޞަޙީޙާ: 2195).
[5] المغني: 10/106، صارم البتار: ص. 50.
[6] فتح الباري: 10/225، صارم البتار: ص. 50.