[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞަޙާބީންގެ މަތިވެރިކަން

 

ހަމަކަށަވަރުން އެކަލޭގެފާނުގެ ޞަޙާބީން ވަނީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެކަމަކައިގެން ވަޑައިގެންނެވި ކަންތައްތައް އެކަލޭގެފާނުގެ ކިބައިން ލިބިވަޑައިގެން، އެކަންތައްތައް މީސްތަކުންނަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބަޔާންކުރައްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަތިވެރި ޞަޙާބީންގެ ގޮތުގައިވުމާއި، އެކަލޭގެފާނާއެކު ﷲ ގެ މަގުގައި ޖިހާދު ކުރެއްވުމާއި، އަދި އިސްލާމްދީން ފެތުރުއްވުމަށްޓަކައި އެ ބޭކަލުން ކުރެއްވި މަތިވެރި މަސައްކަތްޕުޅަށް ގިނަގުނަވެގެންވާ ޘަވާބާއި އަޖުރު އެ ބޭކަލުންނަށް ލިބިގެންވެއެވެ. ހަމައެފަދައިން އެ ބޭކަލުންގެ ފަހުން އައި މީހުންގެ ފަރާތުންވެސް އެ ބޭކަލުންނަށް ބޮޑުވެގެންވާ ދަރުމަ ލިބޭ ހުއްޓެވެ. އެހެނީ އެ ބޭކަލުންނަކީ، އެ ބޭކަލުންގެ ފަހުން އައި މީހުންނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ގުޅުވައިދިން މެދުވެރިންނެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ((مَنْ دَعَا إِلَى هُدًى كَانَ لَهُ مِنْ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا))  މާނައީ : “މީހަކު ހެޔޮކަމަކަށް  ގޮވައިލައިފި ކަމުގައިވާނަމަ، (އެ ހެޔޮކަމަށް) ތަބަޢަވީ މީހަކަށް ލިބޭ އަޖުރު އެމީހަކަށް ލިބޭހުއްޓެވެ. (އެ ހެޔޮކަމަށް) ތަބަޢަވީ މީހަކަށް ލިބޭ އަޖުރުގެ ތެރެއިން އެއްވެސް އަޖުރެއް އުނިނުވާގޮތުގެ މަތީންނެވެ. “[1]

ﷲސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހުގެ ކީރިތި ފޮތުގައި ޞަޙާބީންނަށް ޘަނާ ވަޙީކުރައްވާފައެވެ. ހަމައެފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެކަލޭގެފާނުގެ ޠާހިރުވެގެންވާ ސުންނަތުގައި އެ ބޭކަލުންނަށް ޘަނާ ވިދާޅުވެފައެވެ. އެ ބޭކަލުންގެ މަތިވެރިކަމާއި ޢިއްޒަތަށް މިކަން ފުދެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَالسَّابِقُونَ الأَوَّلُونَ مِنْ الْمُهَاجِرِينَ وَالأَنصَارِ وَالَّذِينَ اتَّبَعُوهُمْ بِإِحْسَانٍ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الأَنْهَارُ خَالِدِينَ فِيهَا أَبَداً ذَلِكَ الْفَوْزُ الْعَظِيمُ)) سورة التوبة : 100 މާނައީ : “މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެބައިމީހުންނަށް ތަބާވީ މީހުން (ދަންނާށެވެ!) ﷲ އެބައިމީހުނަށް ރުހިވޮޑިގެންފިއެވެ. އަދި އެބައިމީހުން އެއިލާހަށް ރުހުނެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއިލާހު އެބައިމީހުންނަށްޓަކައި ތައްޔާރުކުރެއްވިއެވެ. އެތާނގައި އެބައިމީހުން ދެމިތިބެނިވިގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.” އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ تَرَاهُمْ رُكَّعاً سُجَّداً يَبْتَغُونَ فَضْلاً مِنْ اللَّهِ وَرِضْوَاناً سِيمَاهُمْ فِي وُجُوهِهِمْ مِنْ أَثَرِ السُّجُودِ ذَلِكَ مَثَلُهُمْ فِي التَّوْرَاةِ وَمَثَلُهُمْ فِي الإِنْجِيلِ كَزَرْعٍ أَخْرَجَ شَطْأَهُ فَآزَرَهُ فَاسْتَغْلَظَ فَاسْتَوَى عَلَى سُوقِهِ يُعْجِبُ الزُّرَّاعَ لِيَغِيظَ بِهِمْ الْكُفَّارَ وَعَدَ اللَّهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنْهُمْ مَغْفِرَةً وَأَجْراً عَظِيماً)) سورة الفتح :29  މާނައީ : “މުޙައްމަދުގެފާނީ، ﷲ ގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެބައިމީހުންގެ މެދުގައި އޯގާވެރި ރަޙްމަތްތެރި ބަޔެކެވެ. ﷲ ގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު ރުކޫޢުކޮށް ސަޖިދަކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެބައިމީހުން ދެކެވަޑައިގަންނަވާނެއެވެ. ސަޖިދައިގެ އަޘަރުން އެބައިމީހުންގެ ޢަލާމާތް އެބައިމީހުންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައިވާ އެބައިމީހުންގެ މިޘާލެވެ. އަދި އިންޖީލުގައިވާ އެބައިމީހުންގެ މިޘާލު އޭގެ ކުދިނިރުތައް ފަޅުވާފައިވާ ގޮވާމެއްފަދައެވެ. ދެން އެގޮވާންގަސްތަކަށް ގަދަކަންދިނެވެ. ދެން އެގޮވާންގަސްތައް ފަލަވެ، އޭގެތަނޑުތަކުގެ މައްޗަށް ސީދާވެ ހެދެމުންދެއެވެ. ގޮވާންކުރާ ދަނޑުވެރިން ޢަޖާއިބުކޮށް ޙައިރާންކުރުވަމުންނެވެ. އެބައިމީހުންދެކެ ކާފަރުން ރުޅިއެރުވުމަށްޓަކައެވެ. އެބައިމީހުންގެ ތެރެއިން އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަމީހުންނަށް ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ދެއްވުމަށް ﷲ ވަޢުދު ކުރައްވަފައިވެއެވެ.”

މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ޞަޙާބީންނާ ގުޅޭގޮތުން ވަޙީކުރައްވާފައިވާ “… لِيَغِيظَ بِهِمْ الْكُفَّارَ (މާނައީ: … އެބައިމީހުންދެކެ ކާފަރުން ރުޅިއެރުވުމަށްޓަކައެވެ.)” މިއީ ޞަޙާބީން ރުޅިއަރުވައި އެ ބޭކަލުންނާއި ދޭތެރޭގައި ހިތުގައި ނަފުރަތު އޮންނަމީހުނަށް އޮތް ގަދަފަދަ ވަޢީދުގެ ބަސްފުޅެކެވެ. އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((لا يَسْتَوِي مِنْكُمْ مَنْ أَنْفَقَ مِنْ قَبْلِ الْفَتْحِ وَقَاتَلَ أُوْلَئِكَ أَعْظَمُ دَرَجَةً مِنْ الَّذِينَ أَنْفَقُوا مِنْ بَعْدُ وَقَاتَلُوا وَكُلاًّ وَعَدَ اللَّهُ الْحُسْنَى وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ)) سورة الحديد: 10 މާނައީ: “(މައްކާ) ފަތަޙަވުމުގެކުރިން ތިޔަބައިމީހުންގެ ތެރެއިން ހޭދަކޮށް އަދި ހަނގުރާމަކޮށް އުޅުނުމީހުން (އެނޫން މީހުންނާ) ހަމަހަމަވެގެނެއް ނުވެއެވެ. އޭގެފަހުން ހޭދަކޮށް، އަދި ހަނގުރާމަކުރި މީހުންނަށްވުރެ ދަރަޖައިގެގޮތުން އެބައިމީހުން (އެބަހީ: މައްކާ ފަތަޙަކުރެއްވުމުގެކުރިން ހޭދަކުރިމީހުން) މާތްކަންބޮޑެވެ. ﷲ ކޮންމެ ބަޔަކަށްމެ ހެޔޮދަރުމަ ވަޢުދުކުރައްވާފައިވެއެވެ. އަދި ﷲ އީ ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ފަރާތެވެ.”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((خَيْرُ النَّاسِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ)) މާނައީ : “މީސްތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޤަރުނަކީ ތިމަންކަލޭގެފާނުގެ ޤަރުނެވެ. ދެން އެބައިމީހުންގެ ފަހުން އަންނަމީހުންނެވެ. ދެން އޭގެފަހުން އަންނަމީހުންނެވެ.”[2] މިޙަދީޘް ރިވާކުރައްވާފައިވަނީ އިމާމް ބުޚާރީ އާއި މުސްލިމް އާއި އެހެންވެސް ބޭކަލުން، ޢިމްރާން ބިން ޙުސެއިން އާއި ޢަބްދުﷲ ބިން މަސްޢޫދު (ރަޟިޔަﷲ ޢަންހުމް) ގެ ކިބައިންނެވެ. އަދި އިމާމް މުސްލިމް އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން މިޙަދީޘް ރިވާކުރައްވާފައިވަނީ އަންނަނިވި އިބާރާތުންނެވެ. ((خَيْرُ أُمَّتِي الْقَرْنُ الَّذِينَ بُعِثْتُ فِيهِمْ ثُمَّ الَّذِينَ يَلُونَهُمْ وَاللَّهُ أَعْلَمُ أَذَكَرَ الثَّالِثَ أَمْ لاَ)) މާނައީ : “ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ތިމަންކަލޭގެފާނު ފޮނުއްވުނު ޤަރުނެވެ. ދެން އެބައިމީހުންގެ ފަހުން އަންނަ މީހުންނެވެ. ދެން އޭގެފަހުން އަންނަމީހުންނެވެ.” އެކަލޭގެފާނު ތިންވަނަ (ޤަރުނުގެ މީހުންގެ ވާހަކަ) ވިދާޅުވިކަމެއް ނުވަތަ ނޫންކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.[3]

އަދިވެސް އިމާމް މުސްލިމް، ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ((سَأَلَ رَجُلٌ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَيُّ النَّاسِ خَيْرٌ قَالَ الْقَرْنُ الَّذِي أَنَا فِيهِ ثُمَّ الثَّانِي ثُمَّ الثَّالِثُ)) މާނައީ: މީހަކު އައިސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. “މީސްތަކުންގެ ތެރެއިން އެންމެ ހެޔޮވެގެންވަނީ ކޮންބައެއްތޯއެވެ؟” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.” (އެންމެ ހެޔޮވެގެންވަނީ) ތިމަންކަލޭގެފާނު މިހުންނެވި ޤަރުނުގެ މީހުންނެވެ. ދެން ދެވަނަ (ޤަރުނު) އެވެ. ދެން ތިންވަނަ (ޤަރުނު) އެވެ.”[4]

އިބްނު ބައްޠާ ރަޙިމަހުﷲ – އިބްނު ތައިމިއްޔާ ރަޙިމަހުﷲ “މިންހާޖުއްސުންނާ”ގައި ވާގޮތުން – ޞައްޙަ ސަނަދަކުން އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. ((لاَ تَسُبُّوا أَصْحَابَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ فَلَمَقَامُ أَحَدِهِمْ سَاعَةً يَعْنِي مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَيْرٌ مِنْ عَمَلِ أَحَدِكُمْ أَرْبَعِينَ سَنَة)) މާނައީ : “ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ. އެ ބޭކަލުންގެ ތެރެއިން ބޭކަލަކު (ﷲ ގެ ރަސޫލާގެ އަރިހުގައި ހޭދަކުރާ) ވަގުތުކޮޅެއް، ތިޔަބައިމީހުން ސާޅީސް އަހަރުކުރާ ހެޔޮޢަމަލަށްވުރެ ހެޔޮވެގެންވެއެވެ.”[5]

ވަކީޢު ރަޙިމަހުﷲ (އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން) ރިވާކުރައްވާފައިވާ ރިވާޔަތުގައިވެއެވެ. ((لاَ تَسُبُّوا أَصْحَابَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ فَلَمَقَامُ أَحَدِهِمْ سَاعَةً خَيْرٌ مِنْ عَمَلِ أَحَدِكُمْ عُمْرَهُ)) މާނައީ : “ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ. އެ ބޭކަލުންގެ ތެރެއިން ބޭކަލަކު (ﷲ ގެ ރަސޫލާގެ އަރިހުގައި ހޭދަކުރާ)  ގަޑި އިރެއްވެސް، ތިޔަބައިމީހުން މުޅި އުމުރުގައިކުރާ (ހެޔޮ) ޢަމަލަށްވުރެ ހެޔޮވެގެންވެއެވެ.”[6] ހަމައެފަދައިން ސަޢީދު ބިން ޒައިދު ރަޟިޔަﷲ ޢަންހު، ސުވަރުގެ ވަންތަވެރި ދިހަ ބޭކަލުން ބަޔާންކުރައްވާ ވިދާޅުވެފައިވެއެވެ. ((وَاللَّهِ لَمَشْهَدٌ شَهِدَهُ رَجُلٌ يُغَبِّرُ فِيهِ وَجْهَهُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْضَلُ مِنْ عَمَلِ أَحَدِكُمْ وَلَوْ عُمِّرَ عُمُرَ نُوحٍ عَلَيْهِ السَّلاَمِ)) މާނައީ : “ﷲ ގަންދެއްވައި ވިދާޅުވަމެވެ. އެ ބޭކަލުންގެ ތެރެއިން ބޭކަލަކު ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި މޫނު ބަދަލުކޮށްލާ ބަދަލުކޮށްލުން ( އެބަހީ: ކުޑައިރުކޮޅަކަށް ބައްދަލުކޮށްލާ ބައްދަލުކޮށްލުން)، ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ހެޔޮކަންތައްތަކަށްވުރެ މަތިވެރިވެގެންވެއެވެ. އެމީހެއްގެ ޢުމުރަކީ ނޫޙު ޢަލައިހިއްސަލާމްގެ ޢުމުރުކަމުގައި ވީނަމަވެހެވެ.”[7]

ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ޢާއިޝާ (ރަޟިޔަﷲ ޢަންހާ) އަށް ދެންނެވުނެވެ. “ބައެއް މީހުން ﷲ ގެ ރަސޫލާގެ ޞަޙާބީން ޤަދަރުކުޑަކުރުމަށް މަސައްކަތްކުރެއެވެ. އަބޫބަކުރު އަދި ޢުމަރު (ރަޟިޔަﷲ ޢަންހުމާ) އަށް ދާނދެނެވެ.” އެކަމަނާ ޖަވާބުދެއްވިއެވެ. “މިކަމުގައި ތިޔަބައިމީހުން ޢަޖައިބުވަނީ ކޮންކަމާ ހެއްޔެވެ؟ އެ ބޭކަލުންގެ ހެޔޮކަންތައްތައް ވަނީ ނިމުމަކަށް އައިސްފައެވެ. ނަމަވެސް ﷲ ލޯބިވޮޑިގެންވަނީ އެ ބޭކަލުންގެ އަޖުރު ލެހެއްޓެވުމަށެވެ.””

ޞަޙީޙުލް ބުޚާރީގައި އަބޫ ސަޢީދު އަލް ޚުދްރީ ރަޟިޔަاﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަاﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((لاَ تَسُبُّوا أَصْحَابِي فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا بَلَغَ مُدَّ أَحَدِهِمْ وَلاَ نَصِيفَهُ)) މާނައީ : “ތިމަންކަލޭގެފާނުގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދަވަރުގެ ރަން (ޞަދަޤާތެއްގެ ގޮތުގައި) ހޭދަކުރިނަމަވެސް އެ ބޭކަލުންގެ ތެރެއިން ބޭކަލެއް (ޞަދަޤާތެއްގެ ގޮތުގައި ހޭދަކުރާ) މުއްދެއްގެ މިންވަރާވެސް އެއްވަރުނުވާ ހުއްޓެވެ. އަދި (ކީއްކުރަންތޯއެވެ؟) މުއްދެއްގެ ދެބައިކުޅަ އެއްބަޔާވެސް އެއްވަރުނުވާ ހުއްޓެވެ.”[8] (މުއްދަކީ އާދައިގެ މީހެއްގެ ދެއަތްތިލަ އެއްކޮށްލީމާ ވާވަރެވެ. މުއްދެއްގެ ދެބައިކުޅަ އެއްބަޔަކީ އެއް އަތުގެ މިންވަރެވެ.)

 އަދި ޞަޙީޙް މުސްލިމްގައި އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((لاَ تَسُبُّوا أَصْحَابِي لاَ تَسُبُّوا أَصْحَابِي فَوَالَّذِي نَفْسِي بِيَدِهِ لَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا مَا أَدْرَكَ مُدَّ أَحَدِهِمْ وَلاَ نَصِيفَهُ)) މާނައީ : “ތިމަންކަލޭގެފާނުގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ! ތިމަންކަލޭގެފާނުގެ ޞަޙާބީންނަށް ބަދުބަސް ރައްދުނުކުރާށެވެ! ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅު ދަށުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދަވަރުގެ ރަން (ޞަދަޤާތެއްގެ ގޮތުގައި) ހޭދަކުރިނަމަވެސް އެ ބޭކަލުންގެ ތެރެއިން ބޭކަލެއް (ޞަދަޤާތެއްގެ ގޮތުގައި ހޭދަކުރާ) މުއްދެއްގެ މިންވަރުވެސް ލިބިނުގަނެވޭ ހުއްޓެވެ. އަދި (ކީއްކުރަންތޯއެވެ؟) މުއްދެއްގެ ދެބައިކުޅަ އެއްބައިވެސް ލިބިނުގަނެވޭ ހުއްޓެވެ.”[9]

 އަދިވެސް މުސްލިމް އަބޫ ސަޢީދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ ރިވާޔަތުގައިވެއެވެ. “ޚާލިދު ބުނު ވަލީދާއި ޢަބްދުއްރަޙުމާން ބުނު ޢަވްފް (ރަޟިޔަﷲ ޢަންހުމާ) އާއި ދެމެދު ދެބަސްވުމެއް ހިނގިއެވެ. އަދި ޚާލިދު، ޢަބްދުއްރަޙުމާން ބުނު ޢަވްފަށް ބަދުބަސް ރައްދުކުރިއެވެ. ﷲ ގެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ އެއްވެސް ޞަޙާބީއަކަށް ބަދުބަސް ރައްދުނުކުރާށެވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދަވަރުގެ ރަން ޞަދަޤާތެއްގެ ގޮތުގައި ހޭދަކުރިނަމަވެސް އެ ބޭކަލުންގެ ތެރެއިން ބޭކަލެއް (ޞަދަޤާތެއްގެ ގޮތުގައި ހޭދަކުރާ) މުއްދެއްގެ މިންވަރާވެސް އެއްވަރުނުވާ ހުއްޓެވެ. (އަދި ކީއްކުރަންތޯއެވެ؟) މުއްދެއްގެ ދެބައިކުޅަ އެއްބަޔާވެސް އެއްވަރުނުވާ ހުއްޓެވެ.”[10]

 ވިސްނަވާ ލައްވާށެވެ! ސައިފުﷲ ގެނަމުން މަޝްހޫރުވެފައިވާ ޚާލިދު ބުނު ވަލީދާއި އަދި އެހެންވެސް ޞަޙާބީންގެ ތެރެއިން ޙުދައިބިއްޔާގެ އެއްބަސްވުމަށްފަހު އިސްލާމްވި އެއްވެސް ބޭކަލެއްގެ އެފަދަ ބޮޑެތި ހެޔޮކަންތައްތައްވެސް، ޢަބްދުއްރަޙުމާން ބުނު ޢަވްފު ފަދަ ކުރިން އިސްލާމްވެވަޑައިގެންނެވި ބޭކަލުންގެ ކުޑަކުޑަ ހެޔޮކަމަކާއި އެއްވަރުވެގެން ނުވެއެވެ. ނަމަވެސް އެހުރިހާ ބޭކަލުންނަކީވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނަށް ވުމުގެ ޝަރަފު ލިބިވަޑައިގެންފައިވާ ބޭކަލުންނެވެ. ވުމާއެކު، ޞަޙާބީންނަށް ވުމުގެ މަތިވެރިކަން ލިބިފައިނުވާ މީހެއްގެ ހެޔޮކަންތައްތަކާއި އެ ބޭކަލުންގެ ހެޔޮކަންތައްތަކާ އަޅާކިޔޭނީ ފަހެ ކޮންފަދައަކުންތޯއެވެ؟ ހަމަކަށަވަރުންވެސް ވަރަށް ތަފާތު ބޮޑުވެގެންވެއެވެ. އުޑާއި ބިމާއި ދެމެދުގައިވާ ރާސްތާ ފަދައިން އެކަންވެސް ނުހަނު ދުރުވެގެންވެއެވެ! ހަމައެފަދައިން ހަތްވަނަ ބިމާއި ހަތްވަނަ އުޑާއި ދެމެދުގައިވާ ރާސްތާ ނުހަނު ދުރުވެގެންވެއެވެ! މަތިވެރިކަމަކީ އެއިލާހު އިރާދަކުރެއްވި މީހަކަށް ދެއްވަވާ ކަމެކެވެ. އެއިލާހީ އެންމެހާ މަތިވެރިކަން މިލްކުވެވޮޑިގެންވާ ފަރާތެވެ!

ބަޔާންވެގެން މިދިޔައީ މީސްތަކުންގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ބޭކަލުންނާއި ބެހޭ ގޮތުން ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އައިސްފައިވާ ބައެއް ދަލީލުތަކެވެ. އެ ބޭކަލުންނަކީ އޭގެކުރިން އައިސްފައިނުވާ، އަދި އޭގެ ފަހުން ނުވެސް އަންނާނެފަދަ ބޭކަލުންތަކެކެވެ. އެހުރިހާ ބޭކަލުންނަށް ﷲ ރުއްސުން ލައްވާށި!

 ________________________

[1] ރަވާޙު މުސްލިމް (ޝަރަޙް އަންނަވަވީ 6745) ، އަބޫ ދާވްދު (4609)، ތިރުމިޛީ (2674)

[2] ޞަޙީޙުލް ބުޚާރީ (ފަތުޙުލް ބާރީ 2652، 3651، 6429) ، ޞަޙީޙް މުސްލިމް (ޝަރަޙް އަންނަވަވީ 6419)

[3] ޞަޙީޙް މުސްލިމް (ޝަރަޙް އަންނަވަވީ 6420)

[4] ޞަޙީޙް މުސްލިމް (ޝަރަޙް އަންނަވަވީ 6425)

[5] ޝައިޚް އަލްބާނީ ‘ޝަރަޙު ޢަޤީދަތުއް ޠަޙާވިއްޔާ’ ގައި ވިދާޅުވެފައިވެއެވެ. މިއީ އިބްން ޢައްބާސްގެ ކިބައިން އައިސްފައިވާ ޞަޙީޙް މަވްޤޫފް ޙަދީޘެކެވެ.

[6] ޝައިޚް އަލްބާނީ ‘ޞަޙީޙް ވަ ޟަޢީފް އިބްން މާޖާ (162)’ ގައި ވިދާޅުވެފައިވެއެވެ. މިއީ ޙަސަން ދަރަޖައިގެ ޙަދީޘެކެވެ.

[7] ރަވާހް އަޙްމަދު. މިޙަދީޘްގެ ސަނަދު ޞައްޙަ އެވެ. (1629) ، އަބޫ ދާވްދު ( ޢަވްނުލް މަޢްބޫދް 4638)

[8] ޞަޙީޙުލް ބުޚާރީ (ފަތުޙުލް ބާރީ 3673)

[9] ޞަޙީޙް މުސްލިމް (ޝަރަޙް އަންނަވަވީ 6434)

[10] ޞަޙީޙް މުސްލިމް (ޝަރަޙް އަންނަވަވީ 6435)

 _________________________________________

މަރުޖިޢު:

* عقيدة أهل السنة والجماعة في الصحابة الكرام رضي الله عنهم وأرضاهم – عبدالمحسن بن حمد العباد البد ر