[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އޮޅިއްޖެ…ވާނުވާއެއް ނޭގޭ…

އޮޅިއްޖެ، ވާނުވާއެއް ނޭނގޭ، މީ މިހާރަކަށް އައިސް ކޮންމެވެސް ވަރަކަށް އިސްލާމީ މުޖުތަމަޢުތަކުން އިވެމުންދާ ބަސްތަކެކެވެ. ސުވާލަކީ ތިބާއަށް އޮޅުނީ ކޮން އެއްޗެއް ހެއްޔެވެ؟ އަދި ތިބާއަށް އޮޅުނީ ކީއްވެގެން ހެއްޔެވެ؟ އަދި ތިބާއަށް އޮޅުނުކަމުގައި ވަނީނަމަ އޮޅުން ފިލުވުމަށް މަސައްކަތް ކުރީމުހެއްޔެވެ؟ ތިބާ ޙައްޤު ހޯދުމަށް މަސައްކަތް ނުކުރަނީ ހަމައެއްގޮތެއްވެސް ނެތީމަހެއްޔެވެ؟

ދީނުގެ ޢިލްމު ހޯދުން ދޫކޮށްލާފައި، ނުވަތަ އެކަމުގެ ޢިލްމު ލިބިގެންތިއްބެވި ޢިލްމުވެރިންގެ ގާތުން ސުވާލުކޮށް އޮޅުންފިލުވުން ދޫކޮށްލައިގެން ހުރެ މިހާރު އޮޅިއްޖޭ ބުނެގެން ތިބާގެ ތިޔަ ދައުވާ ޤަބޫލު ނުކުރެވޭނެކަން ދަންނާށެވެ. އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لَا تَعْلَمُونَ (سورة النحل: 43) މާނައީ: “ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ޢިލްމުގެ އަހުލުވެރިންނާ ސުވާލުކުރާށެވެ!” މިއާޔަތުގައި ޢިލްމު ނުލިބިތިބި މީހުން ޢަމަލުކުރަންވީ ގޮތް ވަރަށް ރަނގަޅަށް މިވަނީ ބަޔާންކޮށްދެއްވާފައެވެ.

ދީނުގެ ޢިލްމު ނުވަތަ ފިޤުހު އުނގެނުމަކީ މުސްލިމުންގެ މައްޗަށް ކިފާޔަތުގެ ފަރުޟެކެވެ. މީގެ މާނައަކީ މުސްލިމުންގެ މުޖުތަމަޢެއްގައި ނުވަތަ މުސްލިމުންގެ ތެރޭގައި އެބައިމީހުންގެ ޢިބާދާތާއި މުޢާމަލާތުގެ ކަންކަން ޝަރުޢުގައިވަނީ ކޮންގޮތަކަށްކަން ބަޔާންކޮށްދިނުމަށް، ދީނުގެ ޢިލްމު އުނގެނިގެން ތިއްބެވި ޢިލްމުވެރިން ތިބެންޖެހޭނެކަމެވެ. ކޮންމެ މުސްލިމަކީ ފަޤީހަކަށް ވާކަށް ލާޒިމެއް ނުނޭނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَمَا كَانَ الْمُؤْمِنُونَ لِيَنْفِرُوا كَافَّةً فَلَوْلَا نَفَرَ مِنْ كُلِّ فِرْقَةٍ مِنْهُمْ طَائِفَةٌ لِيَتَفَقَّهُوا فِي الدِّينِ وَلِيُنْذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ (سورة التوبة: 122) މާނައީ: “އަދި އެންމެން އެކުގައި ހަނގުރާމަޔަށް ނުކުތުމެއް، މުއުމިނުންނަކަށް ނެތެވެ. ފަހެ، އެއުރެންގެ ތެރެއިން ކޮންމެ ޤަބީލާއަކުން ބަޔަކު ދީން އުނގެނި ދަސްކުރުމަށް ދިޔަނަމައެވެ. އަދި (ޢިލްމު އުނގެނުމަށްފަހު) ޤައުމުގެ މީހުން ގާތަށް ގޮސް އެމީހުންނަށް އިންޛާރު ކުރާހުށިކަމެވެ.( ޔަޢުނީ: އެމީހުންނަށް ދީނުގެ ކަންތައް ބަޔާންކޮށް ދޭހުށިކަމެވެ.) އެއީ، އެބައިމީހުން (ﷲއަށް) ބިރުވެތިވޭތޯއެވެ.”

އެހެންނަމަވެސް، ކޮންމެ މުސްލިމަކުވެސް އެމީހަކު ދީނަށް އުޅުމަށްޓަކައި ކޮންމެހެން ބޭނުންވާ ވަރަށް، ޢިލްމު އުނގެނުމަކީ ޢައިނިއްޔަ ފަރުޟެކެވެ. އެހެނީ ޢަމަލުކުރުމުގެ ކުރިން އެކަމެއްގެ ޢިލްމު އެނގެންޖެހެއެވެ. އެހެންނޫނީ އެކަމެއް އެންމެ ރަނގަޅު ގޮތަށް ނުކުރެވުން ވަރަށް ގާތެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައި، އެއަށް އިޤުރާރުވުމަކީ އިސްލާމަކަށް ވުމުގެ ފުރަތަމަ ޝަރުތެވެ. އެހެންކަމުން އެދެކަލިމާގެ ޙުކުމްތައް އުނގެނި ދަސްކޮށް ރަނގަޅަށް ފަހުމްކުރަން ކޮންމެ މީހަކަށްމެ ލާޒިމްވެދެއެވެ. އަދި އެއަށްފަހު ނަމާދާއި ރޯދައާއި ދެންވެސް ހުރި މިފަދަ ޢިބާދާތުގެ ކަންތައްތަކާއި މުޢާމަލާތުގެ ކަންތައްތަކުގެ ޙުކުމްތައްވެސް އެމީހަކު އެކަމެއް ކުރަން ފެށުމުގެ ކުރިން އެނގެން ޖެހެއެވެ. އެކަންކަމުގެ ޝަރުތުތަކާއި ރުކުންތަކާއި ވާޖިބުތަކާއި، ސުންނަތްތަކެވެ. އަދި މަކުރޫހަ ކަންކަމާއި އެކަމެއް ބާތިލުވާނެ ކަންކަމެވެ. އެއީ ކޮންމެފަދަ ކަމެއްކަމުގައިވިޔަސް މެއެވެ. އެހެންނޫންނަމަ އެކަމެއްގައި މީހާ މުޅިން ގެއްލެނިވެގެން ދިއުން އޮންނާނީ ވަރަށް ގާތުގައެވެ. މިއީ އަހަރުމެން ދުނިޔަވީގޮތުން ކަމެއް ކުރުމުގެ ކުރިންވެސް ކަންކުރަމުން އަންނަ ގޮތެވެ. ދުނިޔަވީ ކަންކަން ނިންމުމުގައި އޭގެ ޢިލްމު ލިބިގެން ތިއްބެތިވި މީހުންގެ ގާތަށް ގޮސް އަހައި އޮޅުން ފިލުވުމަށްފަހު މެނުވީ އެކަމެއް ނުކުރެއެވެ. މިސާލަކަށް ބައްޔެއް ވުމުން ޑޮކްޓަރަށް ދެއްކުމަށްފަހު މެނުވީ އަހަރުމެން ބޭސް ނަގައިގެން ކެއުމަކަށް ނޭދެމުއެވެ. އަދި ބޭސްފިހާރައަށް ގޮސް އަމިއްލައަށް ބޭސް އިޚްތިޔާރުކޮށްގެން ކައެއްވެސް ނަހަދަމުއެވެ. ހަމައެއާއިއެކު ބޭސް ހެދުމަށްޓަކައި ބޭނުންވާ ތަކެތި ލިބޭ ހިސާބުގައި ހުއްޓަސް އެތަކެތި އެއްކޮށްގެން ބޭސްހަދައެއް ވެސް ނޫޅެމުއެވެ. އެއީ އެކަމުގެ ޢިލްމު ލިބިފައިނެތުމުން އެކަންކުރުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވެ ރައްކާތެރިވެ ތިބުމުގެ ގޮތުންނެވެ. އެހެން ކަމުން ދީނުގެ ކަންކަމުގައިވެސް އަހަރުމެން މިފަދަ ގޮތަކަށް ޢަމަލުތައް ބަހައްޓަން އެބަޖެހެއެވެ. އެހެނީ ޢިލްމު ނެތި ދީނުގެ ކަންތައްތައް އެމީހަކު ހިތަށް އެރިހާ ގޮތަކަށް، ހަވާނަފްސަށް ކަންކަން ނިންމައިގެން ކުރުމަކީ ނުހަނު ނުރައްކާތެރިކަމެކެވެ. އެހެނީ ޢަމަލެއް ﷲ ގެ ޙަޟްރަތުގައި މަޤުބޫލު ޢަމަލަކަށް ވާނީ 2 ޝަރުތެއް އެކަމެއްގައި ހިމެނިގެންނެވެ. އެއީ ﷲ އަށް އެކަމެއް ޚާލިޞްކުރުމާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އުގަންނަވައިދެއްވެވި ގޮތަށް އެޢަމަލެއް ކުރުމެވެ. ޢިލްމު ނެތި ޢަމަލު ކުރާމީހުންނަށް، ﷲތަޢާލާގެ ޙަޟްރަތުން ޢަޛާބު ޙައްޤުވާފަދަ، ބިދުޢަތަކަށް އަރައިގަނެވުމަކީ ދުރުކަމެއް ނޫނެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘްކުރައްވާފައިވަނީ މިފަދައިންނެވެ. “إن أصدق الحديث كتاب الله وأحسن الهدى هدى محمد وشر الأمور محدثاتها وكل محدثة بدعة وكل بدعة ضلالة وكل ضلالة في النار”  މާނައީ: ” ހަމަކަށަވަރުން އެންމެ ތެދު ފޮތަކީ ﷲ ގެ ފޮތެވެ (ކީރިތި ޤުރުއާނެވެ). އަދި އެންމެ ރަނގަޅު އިރުޝާދަކީ ރަސޫލާ الله صلى الله عليه وسلم ގެ އިރުޝާދެވެ. އެންމެ ނުބައިވެގެންވާ އެއްޗެއްސަކީ (ދީނަށް) އަލަށް އުފައްދާ އެއްޗިއްސެވެ. އަލަށް އުފެދޭ ކޮންމެ ކަމަކީ ނުވަތަ އެއްޗަކީ ބިދުޢައެކެވެ. ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއް ވަނީ ނަރަކާގައެވެ.” އެހެންކަމުން މިކަމަށް ވަރަށް ބޮޑަށް ހުށިޔާރުވާންޖެހޭނެއެވެ. ދީނަށް އެއްވެސް އެއްޗެއް އުނިއިތުރު ނުކޮށް ﷲ ގެ ޙަޟުރަތުން ބާއްވައިލެއްވެވި ގޮތަށް އަމަލުކުރަންޖެހޭނެއެވެ. އެމިންގަނޑުން ބޭރުގައި ކުރެވޭ ކޮންމެ ކަމެއްވަނީ އެކަމެއް ކުރި މީހަކަށް ރައްދުވެގެނެންވެ. ރަސޫލާ ޙަދީޘްކުރައްވާފައިވަނީ މިފަދައިންނެވެ. مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهْوَ رَدٌّ.” މާނައީ: ތިމަންކަލޭގެފާނު ގެނެސްދެއްވި ގޮތާއި ޚިލާފަށް ޢަމަލުކޮށްފި މީހަކަށް އެ ޢަމަލު ރައްދުކުރެވިގެންވެއެވެ. (ޔަޢުނީ: އެ ޢަމަލު ﷲގެ ޙަޟްރަތުގައި ޤަބޫލުވެވިގެނެއް ނުވެއެވެ.)