ފަސްވަނަ ބައި: ރޯދަދޫކޮށްލުން ހުއްދަވެގެންވާ އެހެނިހެން ބައެއް ސަބަބުތައް
ފުރަތަމައީ: ބުރަ މަސައްކަތުގައި އުޅޭ މީހާ [1]
ދެވަނައީ: ބަނޑުހައިހޫނު ކަމުގައި ނުވަތަ ކަރު ހިއްކައިގަތުމުގެ ސަބަބުން ހަލާކު ވެދާނޭކަމަށް ފެންނަ މީހާ
އިންތިހާއަށް ބަނޑުހައިވުމުގެ ސަބަބުން ނުވަތަ ކަރު ހިއްކުމުގެ ސަބަބުން އެ މީހަކު މަރުވެދާނޭ ކަމަށް ބިރުހީވެއްޖެ މީހާގެ މައްޗަށް، ރޯދަ ދޫކޮށްލުން ވާޖިބުވެގެން ވެއެވެ. އަދި އޭނާއަށް އޮތީ އެ ރޯދަ ޤަޟާކުރުމެވެ. މާލިކީންނާއި ޝާފިޢީން މި ކަން ކަނޑައެޅިގެން ބަޔާންކޮށްފައި ވެއެވެ.
ތިންވަނައީ: ރޯދަ ވީއްލާން މަޖުބޫރު ކުރެވުނު މީހާ
ރޯދަ ވީއްލާން މަޖުބޫރުކުރެވިގެން، ރޯދަ ވީއްލި މީހާގެ މައްޗަށް ކުށެއް ނެތެވެ. އަދި އޭނާގެ ރޯދަ ޞައްޙަވެގެން ވެއެވެ. އެއީ އޭނާގެ ޢަމަލަކާއި ނުލައި އެކަން ހިނގިޔަސް (މިސާލަކަށް އޭނާގެ ކަރަށް ފެން އެޅުން) ނުވަތަ އޭނާގެ އަތުން އެކަން ކުރުވިކަމުގައި ވިޔަސް މެއެވެ. އެއީ ޝާފިޢީންނާއި ޙަންބަލީންގެ ބަހެވެ.
ހަތަރުވަނައީ: اللهގެ މަގުގައި ޖިހާދުކުރުން
اللهގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް ރަމަޟާން މަހުގެ ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. މިއީ ޙަނަފީ އަދި މާލިކީ މަޛްހަބުގެ ރައުޔެވެ. އަދި އިމާމު އަޙްމަދުގެ އަރިހުން އައިސްފައިވާ އެއް ރިވާޔަތެވެ. އިބްނު ތައިމިއްޔާގެ ޒަމާނުގައި ދިމިޝްޤުގެ ރަށްބޭރުން އިސްލާމީ ޢަސްކަރީ ލަޝްކަރު ދުޝްމަނުންނާ ބައްދަލުވުމުން އިބްނު ތައިމިއްޔާ ފަތުވާ ދެއްވީވެސް މި ރައުޔަށެވެ. އަދި އިބްނުލްޤައްޔިމް މި ފަތުވާއަށް ތާއީދުކުރެއްވި މެއެވެ.
[1] ފުރަތަމަ ބާބުގެ “ރޯދަ ހިފުމަށް ކުޅަދާނަކަން ލިބިގެން ވުން” މި ބައިގެ ފުޓްނޯޓުގައި މި މައުޟޫޢަށް ވާހަކަ ދެކެވިފައި ވާނެއެވެ.
މަޞްދަރު: ملخص فقه العبادات