[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (35)

ދިރިއުޅުމުގެ އެއްވެސް ހިސާބަކުން، ދަރިން މައިންބަފައިންނަށްވުރެ މަތީ ބަޔަކަށް ވެވޭނެ ކަމަށް ހީނުކުރާށެވެ. އޭ މުރައްބީންނެވެ! ތިބާގެ ޘަޤާފަތާއި މާޙައުލު އެހެން މާހައުލުތަކާ ކިތަންމެ ތަފާތުވީ ކަމުގައިވީ ނަމަވެސް، ތިބާއަށް ތިބާގެ ދަރިފުޅަށްވުރެ ބޮޑަށް ދިރިއުޅުމުގެ ކަންކަން އެނގޭނެއެވެ. އަދި އޭނާ ބޮޑުވެ، ކިތަންމެ ގިނަ ތަޖުރިބާއެއް ލިބުނު ނަމަވެސް އޭނާގެ ތަޖުރިބާއަށްވުރެ ތިބާއަށް ލިބިފައިވާ ތަޖުރިބާ މާގިނައެވެ. ދަރިފުޅު ތަޢުލީމު އުނގެނި، ކިތަންމެ ގިނަ ސަނަދުތައް ހޯދިކަމުގައިވިއަސް، އެކަންކަމަކީ އެދަރިފުޅު ތިބާއަށްވުރެ އުމުރުގެ ގޮތުންނާއި، ދަރަޖައިގެ ގޮތުން މަތިވާނެ ކަމެއް ނޫނެވެ. ޒަމާން ބަދަލުވެ، އާދަކާދަތައް ބަދަލުވިއަސް، ރިވެތި އަދަބުތަކާއި، އުސޫލުތަކާއި، ދީނަކީ ބަދަލުވާނެ އެއްޗެއް ނޫނެވެ. އެހެންކަމުން، މަންމައަށް ދެވިފައިވާ މަޤާމާއި ޤަދަރު އަބަދުގެ އަބަދަށް ދެމިއޮންނާނެއެވެ. އަދި އެ މަންމައަށް އަބަދުވެސް އިޙުތިރާމް އަދާކޮށް، ހެޔޮކޮށް ހިތަންޖެހޭނެއެވެ. އެހެންކަމުން، ކުޑައިރުއްސުރެ ދަރިންގެ ސިކުނޑީގައި މި ވިސްނުން ހަރުލައްވަން މަސައްކަތްކުރާށެވެ.

މައިންބަފައިންނަށް ކިޔަމަންތެރިވާ ދަރިންތަކެއް ތަރުބިއްޔަތުކުރުމަށްޓަކައި، ކުރަންޖެހޭ ވަރަށް މުހިއްމު ދެކަމެއްވެއެވެ. އެއީ:-

  • އެއަށް އެންމެން ތަބާވާންޖެހޭ ޤަވާއިދުތައް ސާފުކޮށް ބަޔާންކުރުން، އަދި މިފަދަ ޤަވާއިދުތަކަކީ އެއަށް ބޯލަނބަން ކޮންމެހެން ޖެހޭނެ ޤަވާއިދުތަކެވެ.
  • ހެދޭ ޤަވާއިދުތަކަށް ދަރިން ތަބާކުރުވާނެ ބާރުހުރި ފަރާތެއް ހުރުން. (މިފަރާތަކީ އެކުދިން ޤަވާއިދުތަކަށް ބޯނުލަނބާނަމަ އެކަންކަން ރަނގަޅުކުރުވުމަށްޓަކައި އެފަރާތަކަށް ރުޖޫޢަވާ ފަރާތެވެ.)

މިނުކުތާތަކުގެ ތަފްޞީލު ތިރީގައި މިވަނީއެވެ:

  • އެއަށް އެންމެން ތަބާވާންޖެހޭ ޤަވާއިދުތައް ސާފުކޮށް ބަޔާންކުރުން. އިންސާނުންނަކީ އަބަދުވެސް އެމީހުން ކިޔަމަންވާންޖެހޭ ޤަވާއިދުތަކަށް ބޭނުންޖެހިފައިވާ ބައެކެވެ. ބޮޑެތި މީހުންނަކީ ދުރު ވިސްނޭ ބައެކެވެ. އެހެންކަމުގައި ވުމާއެކުވެސް، ގޭތެރޭގައާއި، މަސައްކަތުގެ މާޙައުލުގައާއި، މަގުމަތީގައިވެސް އެމީހުންގެ އުޅުން ވަކި ހަމައެއްގެ މަތީގައި ހިފެހެއްޓުމަށްޓަކައި ޤަވާއިދުތަކާއި ޤާނޫނުތަކަށް ބޭނުންޖެހެއެވެ. އެހެންކަމަށްވާނަމަ، ރަނގަޅަށް ނުވިސްނޭ ކުޑަކުދިން މިފަދަ ޤަވާއިދުތަކަށް ބޭނުންޖެހިފައިވާލެއް މާބޮޑު ވާނެ ނޫންތޯއެވެ؟

ކުދިންނަށް އެކުދިންގެ ނަފްސުގެ އެދުންތައް ހިފަހައްޓައި، ހެދިފައިވާ ނިޒާމުތަކަށް ތަބާވާން ދަސްކޮށްދޭން ޖެހޭނެއެވެ. ޓްރެފިކް ލައިޓުގެ ރަތް ކުލައިގެ ބޮކި، އަވަސްއަރުވާލައިގެން ދާމީހާ ހުއްޓުވައެވެ. އަރާމު ނިދީގައި ޣަރަޤުވެފައިވާ ދަރިވަރު، ސްކޫލުގެ ވަގުތު، ހޭލައްވައެވެ. ނަމާދު އެހެން ހުރިހާ މަސައްކަތެއް ފަސްކުރުވައެވެ.. މިއީ ދުނިޔޭގެ ކަން ހިނގާ ގޮތެވެ. އިންސާނާ ބޭނުންވި ކަމުގައިވިއަސް، ބޭނުން ނުވި ކަމުގައިވިއަސް އޭނާ ޖެހޭނީ މިފަދަ ޤާނޫނުތަކަށް ތަބާވާށެވެ. އެހެނީ، މިކަންކަން ކުރުމުގައި އެކުލެވޭ ބުރައާއި އުނދަގުލަށްވުރެ އެއިން ލިބޭ މަންފާ ބޮޑެވެ.

މިތަނުގައި އަޅުގަނޑު ޤަވާއިދުތަކޭ މިބަޔާންކުރަނީ ދީނާއި، ރިވެތި އުސޫލުތަކާއި އަޚްލާޤާއި ގުޅިފައިވާ ޤަވާއިދުތަކެވެ. މިސާލަކަށް (1) އެއްގޮތަކަށްވެސް ދޮގު ނަހަދާށެވެ. (2) އެހެން މީހުންގެ އެއްޗެއް ބޭނުންކުރުމުގެ ކުރިން ހުއްދަ ހޯދާށެވެ. (3) މީހުންނާ ދިމާއަށް ހުތުރު އެއްޗެހި ނުގޮވާށެވެ. އަދި ހަޑި ފާޙިޝް ބަސްތައް ބޭނުން ނުކުރާށެވެ. (4) މަންމައަށް ނާންގައި ގެއިން ނުކުމެގެން ނުދާށެވެ. އަދި ބައްޕަ ނިދާ ގަޑީގައި އަޑު ގަދަ ނުކުރާށެވެ.

ދަރިންގެ އާއްމު ސަލާމަތާއި ގުޅޭ ކަންކަމުގައި ޤަވާއިދުތައް ހަދައި އެތަންފީޒުކުރުމުގައި ހިފަހައްޓާށެވެ. މިސާލަކަށް: އުސްތަންތަނަށް ނޭރުމާއި، އަލިފާނާ ނުކުޅުމަށް އަމުރުކުރުން ފަދަ ކަންކަމެވެ. އަދި އިޖުތިމާޢީ އަދަބުތަކުގައި ހިފެހެއްޓުވުމުގައިވެސް ސާބިތުވާށެވެ. އަދި ތަރުތީބުކަމާއި، ސާފުތާހިރުކަމަށްވެސް އިސްކަންދޭށެވެ. އެހެންކަމުން، އެކަކަށްވެސް އެޤަވާއިދުތަކާ ދެކޮޅު ނެހެދޭނޭ ޤަވާއިދުތަކެއް ގޭގައި ހަދާފައި ބަހައްޓާށެވެ. އަދި އެކަންކަން ކުރަން ހުއްދަ ދެވިފައިވާ ކަންކަމާއި، ހުއްދަ ނުދެވޭ ކަންކަމަށް ހުރިހާ އެންމެން ކިޔަމަންވާންޖެހޭނެއެވެ. މިސާލަކަށް، ނިދާ ކޮޓަރިއަށް ކާއެއްޗެހި ނުވެއްދޭނެއެވެ. ނިދުމުގެ ކުރިން ދަތް އުނގުޅަންވާނެއެވެ. ނިދަން ކަނޑައެޅިފައިވާ ގަޑީގައި ނިދަންވާނެއެވެ. ކާއިރުގައި މޭޒު ކައިރީ އިށީނދެ ހުރެގެން ކާށެވެ. (ކޮންމެ މަންމައަކުވެސް އެމީހެއްގެ އަމިއްލަ ގޭގައި ގެންގުޅެން ބޭނުންވާ ޤަވާއިދުތަކާއި މިންގަނޑެއް ހުންނާނެއެވެ. އެހެންކަމުން، ތިބާ ބޭނުން ޤަވާއިދުތަކެއް ކަނޑައަޅާށެވެ. އަދި މިފަދަ ޤަވާއިދުތައް ކަނޑައަޅާއިރު، ތިބާގެ ޙާލަތާއި، ޝަޚުޞިއްޔަތަށް ރިޢާޔަތްކުރާށެވެ.)

ގޭގައި މިގޮތަށް ހެދިފައި ހުންނަ ޤަވާއިދުތަކާއި ޤާނޫނުތަކަށް ތަބާވުމުގައި ތިބާގެ ދަރިފުޅަށް ބުރަވެދާނެތީ އެކަމާ ދެރަވެ ކަންބޮޑު ނުވާށެވެ. ސަބަބަކީ މަތީ ފަރާތަކަށް ކިޔަމަންތެރިވުމަކީ އިންސާނުންގެ ފިޠުރަތުގައި ލެއްވިފައިވާ ކަމެކެވެ. އަދި ކުޑައިރު ބޮޑެތި މީހުންނަށް ކިޔަމަންތެރިވާންޖެހޭ ޖެހުމަކީ އެއާމެދު އިތުރު ވިސްނުމަކަށް ދާންޖެހޭ ކަމެއްވެސް ނޫނެވެ. މިގޮތަށް ޤަވާއިދުތައް ކަނޑައެޅިގެން ދިއުމުން، ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް މި ޤަވާއިދުތައް އާދަތަކަކަށް ބަދަލުވާނެއެވެ. މިފަދަ ބައެއް ޤަވާއިދުތަކަށް ދަރިފުޅު ބޯނުލަބައިފާނެއެވެ. ނުވަތަ ފަރުވާ ކުޑަކޮށްފާނެއެވެ. އެހެންނަމަވެސް ގިނަ ޤަވާއިދުތަކަށް އޭނާ ތަބާވާތަން ތިބާއަށް ފެންނާނެއެވެ. ވީމާ މިކަން ތަޖުރިބާ ކޮށްލާށެވެ. ދަރިފުޅު ތިބާއަށް ކިޔަމަންތެރިވާތަން ތިބާއަށް ފެންނާނެއެވެ. އަދި އޭނާގެ އަމިއްލަ ނަފްސު މިކަންކަމަށް ހާނުވަން އަމިއްލައަށް މަަސައްކަތްކުރާނެއެވެ. އެހެނަސް އެއްފަހަރުވެސް، އެކުދިންނަށް މިއިން ޤަވާއިދަކަށް ތަބާވާން އުނދަގޫވެދާނެކަމަށް ހީވެ، އެޤަވާއިދު މުގުރާލަން ފުރުސަތު ދީފިނަމަ ދެން އެޤަވާއިދުތަކަށް އެކުދިން ލައްވައި ބޯލެންބުވުން ވާނީ އުނދަގޫ ކަމަކަށެވެ!

މިފަދަ ޤަވާއިދުތައް ކަނޑައަޅައި، ކުދިން ލައްވައި އެއަށް ކިޔަމަންތެރިކުރުވުމަކީ އެއްގޮތަކަށްވެސް އެކުދިންނަށް ދެވޭ އަނިޔާއެއް ނޫނެވެ. ސައިކޮލޮޖީއާ ބެހޭ މަޝްހޫރު ފޮތްތަކުގައި ބަޔާންވެފައިވާ ގޮތުގައި، ވަރަށް ޅައުމުރުގައި ކުދިން ދޮގު ނެހެދުމަށާއި، ވައްކަން ނުކުރުމަށާއި، ޒުވާބު ނުކުރުމަށް ދަސްކުރެއެވެ. އެހެންކަމުން، ސާފުކޮށް ބަޔާންކުރެވިފައިވާ ޤަވާއިދުތައް ހެދިފައި ހުރުމަކީ ކުދިން އެއަށް ކިޔަމަންތެރިވާން ހިތްވަރު ލިބޭނެ ކަމެކެވެ. އަދި އެއީ އެކުދިންނަށް އެކުދިންގެ މައިންބަފައިންގެ ރުހުން ހޯދުމަށްވެސް މަސައްކަތްކުރެވޭނެ މަގެކެވެ. އަދި ޤަވާއިދުތަކާއި ޤާނޫނުތަކަށް އެކުދިން ތަބާވާ ތަބާވުމަކީ އެކުދިން މޮޅު ބަޔަކަށް ވާނެކަމެކެވެ. ރިވެތި ސިފަތަކާއި، ލަނޑުދަނޑިތައް އެކުދިންގެ ހިތްތަކުގައި ކުރެހިގެންދާނެއެވެ. އެކުދިންގެ ކިޔަމަންތެރިކަން ފެނި އެހެންމީހުން އެކުދިންނާ މެދު ފަޚުރުވެރިވާނެއެވެ.

(ނުނިމޭ)

____________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!