[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ހަރުފަ ކޮޓަރި

ހަވީރުގެ ހިތްގައިމު ވަގުތު މަންމައާއެކު ބުރެއް ޖަހާލުމަށްފަހު ޝެރިން، ގެއަށް އައިސް ވަނީ އުފަލުންނެވެ. ޝެރިންއަކީ މައިންބަފައިންގެ ބަސްއަހައިގެން ކިޔަމަންތެރިކަމާއެކު އުޅެމުން އަންނަ 12 އަހަރުގެ އަންހެން ކުއްޖެކެވެ.

އެހެން ރޭތަކެކޭ އެއްގޮތަށް އިރުއޮއްސުމާއެކު ޝެރިން ނިދަން އޮށޯތީ އަވަހަށް ހޭލުމުގެ ނިޔަތުގައެވެ. އަބަދުވެސް އަވަހަށް ނިދަން އާދަވެފައިވާ ޝެރިންއަށް މިރޭވެސް ކުއްލިއަކަށް ހޭލެވުނީ އޭގެ ކުރީ ރޭ ވެސް ފެނުނު ހުވަފެން ފެނިގެނެވެ. ސިއްސައިގެން ގޮސް “މަންމާއޭ” ކިޔާ ރޯން ފެށިއެވެ. މުޅި މީހާ ދާހިއްލަން ފެށިއެވެ. މަންމަ ދުވެފައި ގޮސް ޝެރިންގެ ގައިގައި ބައްދާލުމަށްފަހު އަހާލިއެވެ.

“ދަރިފުޅާ! މިރޭވެސް އެ ހުވަފެން ފެނުނީ ހެއްޔެވެ؟”

ޝެރިން ރޮމުން، ބޮލުގެ އިޝާރާތުން “އާނއެކޭ” ބުންޏެވެ. ޝެރިންގެ މަންމައާއި ބައްޕަ، ކަންބޮޑުވެފައި، ތިބެ އޭނަގެ ރުއިން ހުއްޓުވަން މަސައްކަތްކުރަން ފެށިއެވެ. އިރުކޮޅެއްފަހުން މަންމަގެ އުނގުމަތީގައި ބޯ އަޅައިގެން އޮއްވާ ޝެރިންއަށް ނިދިއްޖެއެވެ.

ޝެރިންގެ މި ކުޑަ ޢާއިލާގައި ތިބެނީ މަންމައާއި ބައްޕައާއި ބޭބެއެވެ. މި ޢާއިލާއަކީ ހަމަޖެހިގެން އުޅޭ އުފާވެރި އާއިލާއެކެވެ. އެކަމަކު މިހާރު ޝެރިންއަށް ފެންނަ ހުވަފެނެއްގެ  ސަބަބުން މަންމައާއި ބައްޕަ ތިބެނީ އިންތިހާއަށް ކަންބޮޑުވެފައެވެ.

ޝެރިންއަށް ކިޔައިދިންގޮތުގައި ހުވަފެނުގައި ފެންނަނީ ކޮޓަރިއެކެވެ. އެ ކޮޓަރީގައި ބައިވަރު ހަރުފަތަކެއް ކޮޅުކޮޅު މައްޗަށް ދުވާތަނެވެ. ރުޅިއައިސްފައިވާ ހަރުފަތަކެއް ކޮންމެ ރެއަކު، ހުވަފެނެއްގައި ނަމަވެސް ފެންނަން ފެށުމުން ބިރު ނުގަންނާނީ ކާކުހެއްޔެވެ؟

ޖެހިޖެހިގެން މި ހުވަފެން ފެންނަތާ ތިން ރޭ ފާއިތުވެ ހިނގައްޖެއެވެ. މާދަމާ ރެއަކީ ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ޝެރިން މާލެއަށް ދާން ހަމަޖެހިފައިވާ ރެއެވެ. އަދި މިއީ ޝެރިންގެ ހުރި ހަމައެކަނި ބޭބެ ވަޒީފާ އަދާކުރަން މާލެ ބަދަލުވިފަހުން، އޭނާ މާލެއަށް ކުރާ ފުރަތަމަ ދަތުރެވެ. މާލެ ބަދަލުވި ފަހުން އެ ދެބެއިން ތިބެނީ ދެކޭހިތުން ކެތްމަދުވެފައެވެ.

ޝެރިންގެ މަންމައާއި ބައްޕައާއެކު މާލެއަށް ދެވުނުއިރު މެންދުރު ދޭއް ޖެހީއެވެ. މުބާރާތް އޮތީ ސަލްމާން މިސްކިތުގައި ކަމުން ޝެރިންގެ ޢާއިލާ ތިބެން ގަސްތުކުރީ މާލޭގައެވެ. ހުޅުމާލޭ ހިޔާ ފުލެޓުގެ 18 ވަނަ ފަންގިފިލާގައި ބޭބެ ކުއްޔަށް ހިފާފައި ކޮޓަރިއެއް ހުރެއެވެ. އެކަމަކު ބޭބެގެ ކޮޓަރީގައި ތިބެފައި އަންނަން އުނދަގޫވާނެތީ އެމީހުން ހަމަޖެއްސީ މާލޭގައި ތިބުމަށެވެ.

ހަމަޖެހިފައިވާ ކޮޓަރީގައި ދާގީނާތައް ބެހެއްޓުމަށްފަހު ފެންވަރައިގެން ޝެރިން ބޭނުންވީ ލަސް ނުކޮށް ބޭބެއަށް ޒިޔާރަތްކުރާށެވެ. ދެކޭ ހިތުންނެވެ. ހަވީރު 5 ޖެހިއިރު ޝެރިންމެން ތިބީ ހިޔާފުލެޓުގެ ކައިރީގައި އެވެ.

ޝެރިންގެ ބޭބެ ފެނުމާއެކު ދުވެފައި ގޮސް ބައްދާލިއެވެ. މި މަންޒަރު ބަލަހައްޓައިގެން ޝުކުރުވެރިކަމާއެކު މަންމައާއި ބައްޕަ ތިއްބެވެ. ދެކުދިން އެހާ ލޯބިން ގުޅިގެން އުޅޭތީ އުފާވިއެވެ.

ދެކުދިން ހީނ ސަމާސާކުރަމުން ލިފްޓުން މައްޗަށް އެރުމަށް 18ވަނަ ނަމްބަރަށް ފިތާލިއެވެ. މާގިނަ އިރު ތަކެއް ނުވެ އެ އާއިލާގެ ހަތަރު މެމްބަރުން ތިބީ 18 ވަނަ ފަންގިފިލާގައި ހުންނަ ބޭބެގެ ކޮޓަރީގެ ދޮރުމަތީގައެވެ. ކޮއްކޮ ވަރަށް އުފާވާނެ “ސަޕްރައިޒެއް” ވާނެއޭ ބުނެ ލޯމަރައިގެން ކޮޓަރިއަށް ވަނުމަށް ޢިމްރާން ބުންޏެވެ.

ޢިމްރާން ބުނިގޮތަށް އެންމެން ހިނިތުންވެފައި ތިބެ ކުރިއަށްދިޔައެވެ. އަދި ބޭބެ ލޯ ހުޅުވަން ބުނުމާއެކު ލަސްލަހުން ލޯ ހުޅުވާލުމާއެކު ޝެރިންއަށް ހީވީ ހުވަފެނުގައި ފެނުނު ހަރުފަތަށް އައިސް އޭނާ ވަށާލިހެންނެވެ. އަދި މިއީ ހަމަ އެކޮޓަރިއޭކިޔާ ބާރަށް ރޯންފެށިއެވެ. އަދި ބޯހޫރަމުން “ނުކެރޭނެ.ނުކެރޭނެ.”ދާން ހިނގާ.ބޭބޭ.މިތާ ނުހުރޭ.” ކިޔާ ހުއްޓުމެއްނެތި ރޯން ފެށިއެވެ. އެންމެން ކަންބޮޑުވެ ހާސްވިއެވެ. އަދި ޝެރިންގެ ރުއިން ނުހުއްޓުމުން އެމީހުން އަވަހަށް ކޮޓަރިން ނިކުތެވެ. އަދި މާލެދާން ކާރަކަށް ގުޅިއެވެ. ކާރުގެ އިންތިޒާރުގައި ތިބި އިރުވެސް ޝެރިންއަށް ރޮވެނީއެވެ. މަންމައާއި ބައްޕައާއި ބޭބެ ފެންކަޅިވެފައި ތިބެ ރުއިން ހުއްޓުވަން ތަފާތު ވާހަކަ ދައްކަމުން ދިޔައެވެ.

ކާރު އައުމުން މާލެއަށް ގޮސް ގޭގައި ހަމަޖެހިގެންތިބެ ކޮއްކޮއަށް ވާގޮތާމެދު ވާހަކަދައްކަން ފެށިއެވެ. އެމީހުންނާއެކު ފުން ވިސްނުމެއްގައި ހުރެ ޢިމްރާން ވެސް ދިޔައެވެ.

“ޝެރިން. ބޭބެގެ ކޮޓަރި ކިހާ ސާފު ހެއްޔެވެ؟ ތަރުތީބު ހެއްޔެވެ؟ ކޮޓަރީގައި ހުރީ ފޯނުތަކާއި ގަހަނާއާއި މިހެންގޮސް ބޭބެ ގަނެފައި ހުރި ހުރިހާ ސާމާނެއް ތަރުތީބުކޮށްފައި ހުރީވެސް ކިހާ ރީތިކޮށް ހެއްޔެވެ؟ ދެން ދަރިފުޅަށް އެކޮޓަރިން ހަރުފަ ފެންނަނީ ކީއްވެގެން ހެއްޔެވެ؟”

ޝެރިން، ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ދެއަތުން ފޮހެމުން ބުންޏެވެ. ނޭނގެއެވެ. މަންމާއެވެ. އެކަމަކު އެއީ ހަމަ އެކޮޓަރިއެވެ. އެއީ ހަރުފަތަކެއްގެ ގެއެވެ. ބޭބެ އެތަނުން ނިކުންނާށެވެ. ކޮއްކޮ ބިރުގަނެއެވެ.

ޤުރުއާން މުބާރާތަށް މާލެއައިސް މުބާރާތުގައި ބައިވެރިވުމަށްފަހު، ބޭބެއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރަން ނިންމައިގެން އައި ޢާއިލާއަށް މި ދިމާވީ ކޮންކަހަލަ އިމްތިޙާނެއް ބާވައެވެ.

ޝެރިންގެ މަންމަ، ޙަސީނާ ލަފާދިނީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށެވެ. ބައްޕަ މަޑުމަޑުން އިނދެ ބޮލުގެ އިޝާރާތުން އެކަމަށް އެއްބަސްވިއެވެ. އެކަމަކު ………….. އެހެން ޝުޢޫރުތަކެއް އެހިތުގައި ހިނގާކަހަލައެވެ.

އެކަކުވެސް އެއްޗެކޭ ނުބުނެ ހަމަހިމޭން ވަގުތުކޮޅެއް ދިއައެވެ. މިކަމާ ގުޅުން ހުރި އެކިއެކި ވާހަކަތައް ދެކެވެމުން ދިޔައިރު ޝެރިންގެ ބައްޕައަށް ޢިމްރާންގެ މޫނުމަތިން ތަފާތުކަމެއް ފާހަގަކުރެވުނެވެ. ދުރުވިސްނޭ ބައްޕައަށް އެއްޗެއް އިޙުސާސްކުރެވިގެން ޢިމްރާން ގޮވައިގެން ބޭރަށް ނިކުތެވެ.

ޢިމްރާނާއި ބައްޕަ، މާލޭގެ ހަލަބޮލި މާޙައުލުން، ހަމަހިމޭން މާޙައުލެއް ޚިޔާރުކުރުމަށްފަހު ހަމަޖެހިގެން އިށީނެވެ. އަދި ޢިމްރާންގެ މޫނަށް ބަލަހައްޓައިގެން އިނދެ މަޑުމައިތިރިކަމާއެކު ސުވާލުކުރިއެވެ.

“ދަރިފުޅާ ޢިމްރާން. ބައްޕަ ވާހަކަ ދިގުކުރާކަށް ދުރުދުރުން ސުވާލުކުރާކަން ނެތިން. ދަރިފުޅުގެ ކޮޓަރީގައި ހުރީ ޙަލާލު މުދާ ހެއްޔެވެ؟ އެތާނގައި ހުރި ސާމާނުތަކާއި މިޒަމާނުގެ ޙާލަތާ ގުޅުވާއިރު ބައްޕައަށް އެހެންކަމެއް އެބަ އިޙުސާސްކުރެވެއެވެ.”

ޢިމްރާނަކީ ދޮގުހަދާ ކުއްޖެއް ނޫންކަމުން އިސްޖަހައިގެން އިނދެ ތެދަށް ބުންޏެވެ.

“ޙަލާލު މުދަލެއް ނޫންހެން ހީވަނީ. ކުދިން ވަގަށް ނަގައިގެން އައިސް އަގުހެޔޮކޮށް ވިއްކާތީ ގަންނަނީ. ލާރީދީފައި ގަންނަނީ އަޅުގަނޑު ވަގަކަށް ނުނަގަން. ހިތަށް އަރާ ބައެއްފަހަރު މީ ރަނގަޅުކަމެއް ބާވައޭވެސް” ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ.

ޢިމްރާންގެ ބައްޕަ އިޙުސާން ކަންބޮޑުވިއެވެ. އަދި އިންތިހާއަށް ދެރަވެ އަސަރާއެކު ބުންޏެވެ. “މަންމައާއި ބައްޕަގެ  މައިވަންތަކަމުގެ ލޯބިން ފެންވަރުވައިގެން، ދެމީހުންގެ މިންނެތް މަސައްކަތުން ޙަލާލު ތަކެތި ކާންދީގެން ދަރިފުޅަށް ދިން ތަރުބިއްޔަތަކީ ތިއެއް ނޫން. ތިޔަ ފަދަ ދަށުދަރަޖައިގެ ޢަމަލެއް ހިންގަން ދަރިފުޅަށް ހިތްވަރު ލިބުނީ ކިހިނެއް ހެއްޔެވެ؟”

ޢިމްރާނަށް ރޮވެން ފެށުނެވެ. 21 އަހަރުވެފައިވާ އެ ޒުވާނާއަށް އެމަގު ޚިޔާރުކުރެވުނީ ރައްޓެއްސަކު ދިން ލަފާގެ ސަބަބުން ކަމުގައި ބުންޏެވެ. އަދި ބައްޕައަށް އެކަށީގެންވާ ގޮތަށް މިހާރު މަސައްކަތް ނުކުރެވޭތީ ކޮއްކޮދެކެ ވާ ލޯބީގައި ބޭނުންވާހާ އެއްޗެއް ހޯދައިދޭން ބޭނުންވާތީ ކުރެވުނު ކަމެއްކަމުގައި ބުންޏެވެ. “ބައްޕާ! މަޢާފުކުރޭ! އަޅުގަނޑު ދެން މިފަދަ ކުށެއް  ތަކުރާރު ނުކުރާނަން. މިކަމުގައި ހުރި ބިރުވެރިކަމާއި ނުރައްކާތެރިކަން ކޮއްކޮގެ ހުވަފެނުން އެނގިއްޖެ. އެކަމަކު ކޮއްކޮއަށް އެގޮތަށް ހުވަފެނުން ކަމެއް ފެނިދާނެއެކޭ ހިތަކަށް ނާރާ.”

“ދަރިފުޅާ! ކޮންމެ ހުވަފެނަކީ އެއާމެދު އެވަރަށް ވިސްނަން ނުޖެހޭ ހުވަފެނަކަށް ވެދާނެެ. އެކަމަކު ދަރިފުޅަށް ރަނގަޅުގޮތް ވާން އޮތީތީ  ބައްޕައަށް އެ ދެކަންތައް ގުޅުވާލެވުނީ. އަދި އެއީ ދަރިފުޅުގެ ކޮޓަރީގައި ހުރި އާދަޔާ ޚިލާފު ތަކެތީގެ ސަބަބުން.”

“ދަރިފުޅާ! ޢާއިލާއާ ވަކިން ތިހެން އުޅޭއިރު ރަނގަޅު މީހާވެސް މަގުން ކައްސާލާނެ ކަމެއް ދިމާވެދާނެ. ދަރިފުޅާ! ވަގަށް ނަގާ ތަކެތިކަން އެނގޭއިރު، އެ ގަތުމަކީ ގޯހެއް. އެ ޙަލާލެއް ނުވާނެ. ދަރިން ކިތަންމެ ބޮޑެތި ވިޔަސް ނަސޭޙަތް ދޭންޖެހެނީ މި ސަބަބަށްޓަކައި. ހަނދާންކޮށް ދިނުމާއި ހެޔޮ އެއްޗެހި ކިޔުމަކީ ވަކި ޢުމުރަކަށް އޮންނަކަމެއް ނޫންކަން މިއަދު ދަރިފުޅަށް އެނގޭނެ.”

“ބައްޕާ! އަޅުގަނޑަށް މާފުކުރޭ! ދެން އެފަދަ ވިޔާނުދާކަމެއް ނުކުރާނަން. އަޅުގަނޑުގެ ކޮޓަރި ސާފުކުރާނަން. ހަރުފަތަކުގެ ޖަގަހައަކަށް، އިރާދަކުރެއްވިއްޔާ ދެން އެތަން ނުވާނެ.”

ޢިމްރާނުގެ ލޮލުން އައިސްފައިވާ ކަރުނަ ފޮހެދެމުން ބައްޕަ މާފުކޮށްފިކަމުގައި ބުންޏެވެ.

ޙަސީނާއާއި ޝެރިން ވީގޮތެއް ނޭނގި ކަންބޮޑުވެފައި ތިބޭނެތީ ވާހަކަދައްކަން މާގިނައިރު ތިބޭކަށް ބޭނުމެއް ނުވިއެވެ.

އެ ދެބަފައިން ގެއަށް ދިޔަތަނާ ޙަސީނާ ބުންޏެވެ. “ޝެރިން ގޮވައިގެން ޑޮކްޓަރަށް ދައްކަން ދަނީ ކޮންއިރަކުން ހެއްޔެވެ؟” އަދި ޢިމްރާނުގެ މޫނަށް ބަލާލުމަށްފަހު ދަރިފުޅުވެސް ބަލިވީހެއްޔޭ ޙަސީނާ އަހާލިއެވެ.

ޢިމްރާންގެ ބައްޕަ  ބުންޏެވެ. “މީގެ ފަހުން ޝެރިންއަށް އެގޮތަށް ވާނަމަ ޑޮކްޓަރަށް ދާނީ. އެކަމަކު މިވަގުތު އެންމެން ސައިބޯން ހިނގާ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ރަނގަޅުވާނެ.”

ޢިމްރާންގެ ބައްޕަ ސައިބޮއެގެން އައިސް ކަންވީގޮތް ހަސީނާއަށް ކިޔައިދިނެވެ. އަދި ދެމީހުން ނިންމީ އެކޮޓަރިއާ ގުޅުންހުރި ކަމެއްތޯ ބަލާފައި ޑޮކްޓަރަށް ދިއުމަށެވެ. ކަންތައް ވީވެސް ހީކުރި ގޮތަށެވެ. ޢިމްރާން ގަނެފައި ހުރި ނުރަނގަޅު ތަކެތި އުކާލިފަހުން، އެ ބިރުވެރިކަމުން އާއިލާ ސަލާމަތްވެ އުފަލުގައި ދުވަސްތައް ހޭދަކުރަން ފެށިއެވެ.

ލޮބުވެތި ދަރިންނޭވެ! ކޮންމެ ފަހަރަކު މިގޮތަށް ހުވަފެނެއް ނުފެނިދާނެއެވެ. އެކަމަކު ޙަލާލުތަކެތި ކާން ދިނުމާއި ކެއިން ބުއިމަށް ސަމާލުކަން ދޭށެވެ.