[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީން رحمه الله – 3

ތިންވަނައީ: އެކަލޭގެފާނުގެ ޝައިޚުންނާއި ދަރިވަރުން

 

އެކަލޭގެފާނަށް ކިޔަވައިދެއްވި ޝައިޚުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ޝައިޚުންގެ ތެރޭގައި އައްޝައިޚް ޢަބްދުއްރަޙްމާނު ބުން ސަޢުދީ رحمه الله ހިމެނިވަޑައިގަންނަވައެވެ. ޝައިޚުގެ އަރިހުން ކިޔަވާ ވިދާޅުވީ ޢުނައިޒާގެ އަލްމަސްޖިދުލް ކަބީރުގައެވެ. އަދި މީގެ އިތުރުން އައްޝައިޚް އިބްނު ބާޒު، މުޙައްމަދުލް އަމީނު އައްޝަންޤީޠީ رحمهما الله ވެސް އެކަލޭގެފާނުގެ ޝައިޚުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. މި ދެ ޝައިޚުންގެ އަރިހުން ކިޔަވާ ވިދާޅުވީ ރިޔާޟުގެ ޢިލްމީ މަޢުހަދުގައެވެ.

އެކަލޭގެފާނުގެ ދަރިވަރުން ވަރަށް ގިނައެވެ. ޢުނައިޒާގެ ޢިލްމީ މަޢުހަދުންނާއި ޤަޞީމުގެ ޝަރީޢާ ވަ އުޞޫލުއް ދީން ކުއްލިއްޔާއިން އަދި ޢުނައިޒާގެ އަލްމަސްޖިދުލް ކަބީރުން އެކަލޭގެފާނުގެ ފަރާތްޕުޅުން ދަރިވަރުން ޢިލްމު ލިބިގަތެވެ. އަލްމަސްޖިދުލް ކަބީރުގައި ކިޔަވާ ދެއްވި މުއްދަތަކީ 45 އަހަރެވެ. އަދި މަޢުހަދާއި ކުއްލިއްޔާގައި ކިޔަވާދެއްވި މުއްދަތަކީ 47 އަހަރެވެ. ފަހެ މި ދިގު މުއްދަތުގެ ތެރޭގައި އެކަލޭގެފާނުގެ ފަރާތްޕުޅުން ދަރިވަރުވެ ވަޑައިގެންނެވި ކުދިން ވަރަށްވެސް ގިނައެވެ.

އެކަލޭގެފާނުގެ ފަރާތްޕުޅުން ކިޔަވާ ވިދާޅުވި ކުދިންގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ އަދި ސަޢޫދީ ޢަރަބިއްޔާގެ ބޭރުންވެސް ދަރިވަރުން ވަރަށް ގިނައެވެ.  ހޫނު މޫސުމުގައި ވެސް ދަރިވަރުން ދަތުރުކޮށް އެކަލޭގެފާނުގެ އަރިހަށް އައިސް ޢިލްމު އުނގެނުނެވެ. އެކަލޭގެފާނުގެ ދަރުސްތައް ވަރަށްވެސް ގިނައެވެ. ހެނދުނާއި އަޞްރު (ނަމާދު) ފަހުންނާއި މަޣްރިބު (ނަމާދު) ފަހުން ދަރުސް ދެއްވިއެވެ. އަދި މަޣްރިބު ފަހުން ދެއްވާ ދަރުސް އަހަރުގެ އެންމެ ދުވަހެއްވެސް މެދުކެނޑުމެއް ނުވެއެވެ.

ޢުނައިޒާގެ އަލްމަސްޖިދުލް ކަބީރުގައި އައްޝައިޚް ޢަބްދުއްރަޙްމާނު ބުން ސަޢުދީ رحمه الله އުފެއްދެވި ކުތުބުޚާނާއެއް ހުރެއެވެ. އަދި ޝައިޚު އަވަހާރަވުމުން މި ކުތުބުޚާނާގެ ފޮތް އިތުރު ކުރެއްވުމުގައި އައްޝައިޚް އިބްނު ޢުޘައިމީން މަސައްކަތްޕުޅު ކުރެއްވިއެވެ. މަލިކު ޚާލިދު ޢުނައިޒާގެ މަސްޖިދުލް ކަބީރު މިސްކިތް މަރާމާތުކުރެއްވި އިރު މިސްކިތުގެ ކައިރީގައި ޝައިޚު ޢުޘައިމީންގެ އަރިހަށް ކިޔެވުމަށް އަންނަ ކުދިން ތިބުމަށް ވަޤުފު ޢިމާރާތެއް ބިނާކުރެއްވިއެވެ. އަދި ކުތުބުޚާނާ މި ޢިމާރާތަށް ބަދަލު ކުރެވުނެވެ. މި ޢިމާރާތް ވެގެން ދިޔައީ ކިޔަވާ ކުދިންގެ ދަނާލަކާ އަދި ކުތުބުޚާނާ ހުންނަ ޢިމާރާތަކަށެވެ.

_______________________

މި ލިޔުމުގެ ހިޖުރައިން 1421 ވަނަ އަހަރުގެ ޝައްވާލު މަހުގެ 24 ވީ ހުކުރު ވިލޭރޭ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގައި އައްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު حفظه الله ދެއްވާފައިވާ ދަރުސެކެވެ.

މި ލިޔުމުގެ އެހެންބައިތައް