ހަތަރުވަނައީ: ޢިލްމަށާއި ދަޢުވަތަށް ޝައިޚް ދެއްވި އަހައްމިއްޔަތު
ބަޔާންވެ ދިޔަ ވާހަކަތަކުން ޝައިޚް ޢުނައިޒާގެ މަޢުހަދުގައި ކިޔަވާދެއްވަން ފެއްޓެވީ ހިޖުރައިން 1374 ވަނަ އަހަރުގައި ކަން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. އަދި ޢުނައިޒާގެ އަލްމަސްޖިދުލް ކަބީރުގެ އިމާމުކަމާއި ޚަޠީބުކަމާ ހަވާލުވެ ވަޑައިގެންނެވީ ހިޖުރައިން 1376 ކަންވެސް އެނގިގެން ހިނގައްޖެއެވެ. އަދި އެކަލޭގެފާނުގެ ފަރާތްޕުޅުން ޢުނައިޒާގެ ޢިލްމީ މަޢުހަދުންނާއި ޤަޞީމްގެ ކުއްލިއްޔަތުއް ޝަރީޢާ ވަ އުޞޫލުއް ދީނުންނާ އަދި ޢުނައިޒާގެ އަލްމަސްޖިދުލް ކަބީރުގެ ވަރަށް ގިނަ ކުދިން ޢިލްމު އުނގެނުނުކަންވެސް އެނގިގެން ހިނގައްޖެއެވެ.
އެކަލޭގެފާނުގެ ޢިލްމު ފެތުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވީ ހަމައެކަނި ޤަސީމަކު ނޫނެވެ. ޤަޞީމުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ އެތެރޭގައި އެކި އެކި ހިސާބުތަކަށް ދަތުރުކުރައްވައި ޢިލްމު އުނގަންނައި ދެއްވުމަށް ގަޑި ނަންގަވައި ދެއްވިއެވެ. (މިގޮތުން) ބައެއް ދުވަސްވަރު މައްކާއަށް ވަޑައިގެން މައްކާގެ ޙަރަމުގައި ކިޔަވާ ދެއްވިއެވެ. އެއީ ރަމަޟާން މަސް ކަމުގައި ވިޔަސް މެއެވެ. ރަމަޟާން މަހުގެ ބައެއް ފާއިތުވެ ދިއުމުން މައްކާއަށް ވަޑައިގެން މައްކާގެ ޙަރަމުގައި ކިޔަވާ ދެއްވުމަކީ އެކަލޭގެފާނުގެ އާދަފުޅެކެވެ. ޝައިޚުގެ ފަރާތްޕުޅުން ޢިލްމު ހޯއްދެވުމަށް ދަހިވެތިވާ ވަރަށް ގިނަ ދަރިވަރުން އެކަލޭގެފާނުގެ ވަށައިގެން ތިއްބަވައެވެ. އަދި އެކަލޭގެފާނު މަދީނާ ނުވަތަ އެހެންވެސް ރަށަކަށް ވަޑައިގެންނެވި ނަމަވެސް ކަން ހިނގަނީ މިގޮތަށެވެ. ފަހެ އެކަލޭގެފާނު މަސްޖިދުއް ނަބަވީގައިވެސް ކިޔަވާ ދެއްވިއެވެ. އަދި އެކަލޭގެފާނު މަދީނާއަށް ވަޑައިގަންވާ ޚަބަރު ލިބިއްޖެނަމަ ޝައިޚުގެ ދަރުސްތަކަށް ޙާޟިރުވުމަށް ދަރިވަރުން މަދީނާއަށް އައިސް ޝައިޚުގެ ޢިލްމުން ފައިދާ ލިބިގަނެއެވެ. އަޅުގަނޑުވެސް މި މިސްކިތުގެ (މަސްޖިދުއް ނަބަވީގެ) އުސްތާޛުންގެ ތެރެއިން ވީމެވެ. ޝައިޚުގެ ދަރުސްތަކަށް ޙާޟިރުވުމަށް އަޅުގަނޑުގެ ދަރުސް މެދުކަނޑައިލުމަށް ދަރިވަރުން އެދެއެވެ. އަދި ދަރިވަރުން ޝައިޚުގެ ޢިލްމުން ފައިދާ ލިބިގަތުމަށް އަޅުގަނޑުގެ ދަރުސްތައް މެދުކަނޑާލަމެވެ. އަދި ބައެއް ފަހަރު އަޅުގަނޑުވެސް ދަރިވަރުންނާއެކު ޝައިޚުގެ ދަރުސްތަކަށް ޙާޟިރުވަމެވެ.
ޢިލްމަށާއި ދަޢުވަތަށް ޝައިޚު ބެހެއްޓެވި އަހައްމިއްޔަތުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ އެކިއެކި ހިސާބުތަކުގައްޔާއި މިސްކިތްތަކާ އަދި ޖާމިޢާތަކުގައި (ޔުނިވަރސިޓީތަކުގައި) ޢިލްމީ ގަޑިތައް ނަގައި ދެއްވުން ހިމެނެއެވެ.
މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާގައިވެސް ވަރަށް ގިނަ ގަޑި ޝައިޚު ނަގާދެއްވާފައި ވާނެއެވެ. ޖާމިޢާގެ މިސްކިތުގައްޔާއި ދަރުސް ދެއްވުމަށް ޚާއްޞަ ކޮށްފައިވާ ހޯލުގައްޔާއި ކުއްލިއްޔާ (ފެކަލްޓީ) ތަކުގަޔާ އަދި ނަމާދު ކުރުމަށް ޚާއްޞަ ކުރެވިފައިވާ މުޞައްލާތަކުގައެވެ.
ޖާމިޢާގައި ނަގައިދެއްވި ބައެއް ގަޑިތަކުގެ ތެރޭގައި ޢަޤީދާ އަދި ޢަމަލު ކުރުމުގައި އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ މަންހަޖާއި ބެހޭގޮތުން ވަރަށް ފުޅާކޮށް ކިޔަވާދެއްވިއެވެ. އަދި ހަމައެހެންމެ (ޝަރުޢީ) ޢިލްމު އުނގެނޭ ދަރިވަރުން ހިފަހައްޓަން ޖެހޭ އަދަބުތަކާއި ގުޅޭގޮތުންވެސް ގަޑި ނަންގަވައި ދެއްވިއެވެ. އަދި ޔޫރަޕާއި އެމެރިކާ އަދި މިނޫންވެސް ބައެއް ހިސާބުތަކަށް ފޯނުގެ ޒަރިއްޔާއިން އެކަލޭގެފާނު ގަޑި ނަންގަވައި ދެއްވިއެވެ.
އަދި ހަމަ އެކަލޭގެފާނު ޢިލްމަށާއި ދަޢުވަތަށް ބެހެއްޓެވި އަހައްމިއްޔަތުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގައި ބޭއްވޭ ކޮންފަރެންސްތަކުގައި ބައިވެރިވެ ވަޑައިގަތުންވެސް ހިމެނެއެވެ. ޖާމިޢަތުލް އިސްލާމިއްޔާގައިވެސް 3 ކޮންފަރެންސް ބޭއްވުނެވެ. މީގެ ތެރެއިން 2 ކޮންފަރެންސް ބޭއްވުނީ ދަޢުވަތާއި ދާޢީން (ދަޢުވަތު ދޭ މީހުން) ތައްޔާރު ކުރުމާއި ގުޅޭގޮތުންނާ އަދި މަސްތުވާ ތަކެއްޗާއި ސިނގިރޭޓާއި ގުޅޭގޮތުންނެވެ. އަދި އެކަލޭގެފާނު މި ކޮންފަރެންސް ތަކުގައި ބައިވެރިވެވަޑައިގަތުމުން އެކަލޭގެފާނުގެ ބަޙުޘާއި ވާހަކަފުޅުން ވަރަށް ގިނަ ފައިދާކުރިއެވެ.
އެކަލޭގެފާނު ޢިލްމަށާއި ދަޢުވަތަށް ބެހެއްޓެވި އަހައްމިއްޔަތުގެ ތެރޭގައި ޙައްޖު މޫސުމުގައި ޙައްޖުވެރިން ހޭލުންތެރިކުރުމުގައި ބައިވެރިވެ ވަޑައިގަތުންވެސް ހިމެނެއެވެ. ޙައްޖުވެރިންނަށް ފަތުވާ ދެއްވުމާއި ގަޑި ނަގައި ދެއްވުމުގައި އުޅުއްވިއެވެ. އަދި ބައެއް އަހަރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުމުގައި އުޅުއްވާ ފަރާތްތަކުގެ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލައެވެ. އަދި މި ކޮމިޓީގައި ޝައިޚު رحمه الله އަދި އަޅުގަނޑުވެސް ހިމެނުނެވެ. ޙައްޖުވެރިންނަށް ދިމާވާ ކަންކަން މަޝްވަރާ ކުރުމަށް ކޮމިޓީ ބައްދަލުވުން ބާއްވައި އުޅުނެވެ. އަދި ޝައިޚުގެ ޢިލްމާއި ޚިޔާލުތަކުން މި ކޮމިޓީ ވަރަށް ފައިދާ ލިބިގަތެވެ. އަދި ބައްދަލުވުމުގެ ތަޤުރީރުތައް ލިޔެވި ޝައިޚުގެ އަރިހުގައި އޭގެ ކޮޕީއެއް ބޭނުންތޯ ސުވާލު ކުރެއްވުމުން ޝައިޚް ކޮޕީއެއް ނުނަންގާވާނެ ކަމަށް ބުނުއްވިއެވެ. އޭރުން (ކޮޕީ ނެގުމަށްފަހު) އޭތި އަންދާލަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެހެނީ އެކަލޭގެފާނު رحمه الله މަޝްޣޫލުވެވަޑައިގެން އުޅުއްވީ ޢިލްމާއި އެއާ ގުޅުންހުރި ކަންކަމުއެވެ.
އެކަލޭގެފާނު ޢިލްމަށާއި ދަޢުވަތަށް ބެހެއްޓެވި އަހައްމިއްޔަތުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާގެ އެތެރެއިންނާއި ބޭރުން އަންނަ ސުވާލުތަކަށް ފަތުވާ ދެއްވައި މުސްލިމުންނަށް ފައިދާ ކުރެއްވުން ހިމެނެއެވެ. ފޯނުން ގުޅުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ފަތުވާ ދެއްވާ އުޅުއްވިއެވެ. ފޯނުން ސުވާލުތަކަށް ފަތުވާ ދެއްވުމަށް އެކަލޭގެފާނު އުޅުއްވީ ވަކި ވަޤުތެއް ޚާއްޞަ ކުރައްވައިގެންނެވެ.
އެކަލޭގެފާނު ޢުނައިޒާގައި ހުންނަވާއިރު މި ވަޤުތަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވައި އުޅުއްވިއެވެ. އަދި އެކަލޭގެފާނު (އެހެން ޤައުމަކަށް) ދަތުރު ކުރައްވާނަމަ، ދަތުރު ކުރައްވާ ޤައުމުގެ ފޯނު ނަންބަރު ކޯޑު ރިކޯޑު ކުރައްވައި އެކަލޭގެފާނުގެ ފޯނަށް ގުޅުއްވާ ފަރާތްތަކަށް ލިބޭނޭ ގޮތަށް ހައްދަވައެވެ.
އަދި ހަނދާނަށް އާދެއެވެ. ހިޖުރައިން 1409 ވަނަ އަހަރުގައި ޙައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހެދުނު ކޮމިޓީ ބައްދަލުވުންތަކުގައި ހުންނަވައި, ބައެއްފަހަރު އެކަލޭގެފާނު އެކަހެރިވެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނު ލަސްވެވަޑައިގަތީ ފޯނު މެދުވެރިކޮށް ބައެއް ސުވާލުތަކަށް ޖަވާބުދެއްވަން ޖެހިވަޑަގަތުމުން ކަމުގައި ވިދާޅުވެއެވެ.
އެކަލޭގެފާނު ޢިލްމަށާއި ދަޢުވަތަށް ބެހެއްޓެވި އަހައްމިއްޔަތުގެ ތެރޭގައި ރޭޑިޔޯއިން ގެންނަ ފައިދާހުރި ގިނަ ޕްރޮގްރާމުތަކުގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. އެކަލޭގެފާނު ޤަވާޢިދުން ގެނެސްދެއްވި ޕްރޮގްރާމުތަކެއް ވެއެވެ. އެއީ “نور على الدرب” އާއި “سؤال على الهاتف” އަދި “من أحكام القرآن الكريم” އެވެ. ޤަވާޢިދުން ނުގެނެސްދެއްވި ނަމަވެސް އެކަލޭގެފާނު ރޭޑިޔޯ މެދުވެރިކޮށް ތަފާތު މަޢުޟޫޢުގެ ޙަދީޘްތައްވެސް ކިޔައިދެއްވިއެވެ.
އެކަލޭގެފާނު ކުރިއަށް ގެންދިޔަ “من أحكام القرآن” މިއީ ވަރަށް މުހިއްމު އަދި އޭގެ ފައިދާ ވަރަށްވެސް ބޮޑު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ ޤުރުއާނާމެދު ވިސްނާ ފިކުރު ކުރުމެވެ. އަދި އެ ފޮތުގައިވާ ޙުކުމްތަކާ އަދި ޙިކުމަތްތައް ބަޔާންކުރުމެވެ. މިކަމުން އެކަލޭގެފާނުގެ ފަހުމާއި އަދި ދީނުގެ ފިޤުހުވެރިކަމުގައި ލިބިގެންވާ ކުޅަދާނަކަން ދަލީލުކޮށްދެއެވެ. މި ޕްރޮގްރާމުގައި ޤުރުއާނުގެ 3 ވަނަ ފޮތް ނިމުމާއި ގާތަށް ދިޔައެވެ.
(އަހަރުމެންގެ) ލޮބުވެތި އަޚް ޢަބްދުލް ކަރީމް ބުން ޞާލިޙުލް މުޤްރިނުލް މަޛީޢު ޓޭޕު ރެކޯޑިން އިން ޤުރުއާނުގެ ފުރަތަމަ ފޮތުގެ މިންވަރު ލިޔެ ފޮތެއްގެ ގޮތުގައި ނެރުއްވިއެވެ.
އެއީ ވަރަށް ފައިދާހުރި ފޮތެކެވެ. އަދި އެއީ (ޝަރުޢީ) ޢިލްމު އުނގެނޭ ދަރިވަރު ފައިދާ ލިބިނުގަނެ ދޫކޮށްލާވަރުގެ ފޮތެއް ނޫނެވެ. އަދި އޭގައި ދެން ބާކީ އޮތް ދެ ފޮތުން ފައިދާ ލިބިގަތުމަށް، އެ ދެ ފޮތް ލިޔެވި ފޮތެއްގެ ގޮތުގައި ނެރުން، ﷲ ތަޢާލާ ފަސޭހަ ކޮށްދެއްވާނެކަމަށް އުންމީދުކުރަމެވެ.
އެކަލޭގެފާނު ކިޔަވާ ދެއްވުމަށާއި ދަޢުވަތުގައި ކޮށްދެއްވި ކަންކަމުގެ ޚުލާޞާއެއް ތިރީގައި މިވަނީއެވެ.
- ހިޖުރައިން 1374 އިން ފެށިގެން ޢުނައިޒާގެ ޢިލްމީ މަޢުހަދާ އަދި އެއަށްފަހު ޤަޞީމުގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީނުގައި ކިޔަވާދެއްވުން.
- ހިޖުރައިން 1376 އިން ފެށިގެން ޢުނައިޒާގެ އަލްޖާމިޢުލް ކަބީރުގައި ކިޔަވައިދެއްވުން.
- ހިޖުރައިން 1376 އިން ފެށިގެން ޢުނައިޒާގެ އަލްމަސްޖިދުލް ކަބީރުގެ ޚަޠީބުކަމާ އަދި އިމާމުކަން އަދާކުރެއްވުން.
- (މައްކާގެ) އަލްމަސްޖިދުލް ޙަރާމް އަދި (މަދީނާގެ) އަލްމަސްޖިދުއް ނަބަވީގައި ކިޔަވައި ދެއްވުން.
- ސަޢޫދީ ޢަރަބިއްޔާގެ އެކި ޔުނިވަރސިޓީތަކުގެ ގަޑި ނަގާދެއްވުމާއި މިސްކިތްތަކުގައި ކިޔަވާދެއްވުމާ އަދި ފޯނު މެދުވެރިކޮށް ޔޫރަޕާއި އެމެރިކާ އަދިވެސް އެހެނިހެން ޤައުމުތަކަށް ގަޑި ނަގައިދެއްވުން.
- ސަޢޫދީ ޢަރަބިއްޔާގައި ބޭއްވޭ ބައެއް ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަތުން.
- އިންޓަވިއުއާއި މެސެޖު މެދުވެރިކޮށް އަދި ފޯނުން ގުޅުއްވައިގެން ފަތުވާދެއްވުން.
- ޙައްޖު މޫސުމުގައި ޙައްޖުވެރިންނަށް އެހީތެރިވުމުގައި ބައިވެރިވެވަޑައިގަތުން.
- ރޭޑިއޯ މެދުވެރިކޮށް ވާހަކަފުޅު ދެއްކެވުމާ އަދި ބައެއް ޕްރޮގްރާމު ގެނެސްދެއްވުން.
_______________________
މި ލިޔުމުގެ ހިޖުރައިން 1421 ވަނަ އަހަރުގެ ޝައްވާލު މަހުގެ 24 ވީ ހުކުރު ވިލޭރޭ މަދީނާގެ އަލްޖާމިޢަތުލް އިސްލާމިއްޔާގައި އައްޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު حفظه الله ދެއްވާފައިވާ ދަރުސެކެވެ.