ދެވަނައީ: ޝައްކުކުރުމުގެ ޤަވާޢިދު
ޙަޤީޤަތަކީ މުލްޙިދެއް އުފެދިގެން އަންނަނީ ޝައްކާއި ފިކުރީ ގޮތުން އޮޅުންބޮޅުމެއްގެ ތެރެއިންނެވެ. އެގޮތުން ޝައްކަކީ އިލްޙާދާ ވަކި ނުކުރެވޭނެ، އެއާ ނުލާ އިލްޙާދު ފުރިހަމަ ނުވާނޭ ކަންތަކެވެ.
އަންނަނިވި ޅެމަކީ މުލްޙިދެއްގެ ޙާލަތު ވަރަށް ރަނގަޅަށް ބަޔާންކޮށްދޭ އެއްޗެކެވެ.
جِئتُ لا أَعلَمُ مِن أَين وَلَكِنّي أَتَيتُ
އަހަރެން މިހިރީ އައިސްފައެވެ. ކޮންތާކުން ކަމެއް ނޭނގެއެވެ. އެހެނަސް މިހިރީ އައިސްފައެވެ.
وَلَقَد أَبصَرتُ قُدّامي طَريقاً فَمَشَيتُ
އަދި ހަމަކަށަވަރުން އަހަރެންގެ ކުރިމަތިން މަގެއް ފެނުމުން ފަހެ އަހަރެން ހިނގައިގަތީމެވެ.
وَسَأَبقى ماشِياً إِن شِئتُ هَذا أَم أَبَيتُ
އަދި އަހަރެން ބޭނުން ވިޔަސް އަދި ނުވިޔަސް، އަހަރެން ހުންނާނީ ހިނގާލަ ހިނގާލައެވެ.
كَيفَ جِئتُ كَيفَ أَبصَرتُ طَريقي لَستُ أَدري
އަހަރެން އައި ގޮތެއްވެސް، އަހަންނަށް މަގު ފެނުނު ގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ.
وَطَريقي ما طَريقي أَطَويلٌ أَم قَصير
އަދި އަހަރެންގެ މަގަކީ ދިގުމަގެއް ކަމެއް ނުވަތަ ކުރުމަގެއްކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.
هَل أَن أَصعَدُ أَم أَهبِطُ فيه وَأَغور
އަދި އަހަރެން މިތަނުގައި އަރަނީކަމެއް ނުވަތަ ފައިބަނީ ކަމެއް އަދި އަޑިއަށް ދަނީކަމެއްވެސް ނޭނގެއެވެ.
أَأَنا السائِرُ في الدَربِ أَمِ الدَربُ يَسير
އަދި އަހަރެން މަގުގައި ހިނގަނީ ކަމެއް ނުވަތަ ހިނގަނީ މަގުކަމެއްވެސް ނޭނގެއެވެ.
أَم كِلانا واقِف وَالدَهرِ يَجري لَستُ أَدري
ނުވަތަ އަހަރެމެން ދެ ފަރާތްވެސް ހުއްޓިގެން ހުރީ ކަމެއް ނުވަތަ ހިނގަނީ ޒަމާންކަމެއް އަހަންނަކަށް ނޭނގެއެވެ.
أَتُراني قَبلَما أَصبَحتُ إِنساناً سَوِيّاً
ފުރިހަމަ އިންސާނަކަށް އަހަރެން ވުމުގެ ކުރިން
أَتُراني كُنتُ مَحواً أَم تُراني كُنتُ شَيّا
އަހަންނަކީ ކުރިން ފޮހެވިފައިވާ އެއްޗެއް ނުވަތަ ވުޖޫދުގައިވާ އެއްޗެއްކަމަށް ތިބާއަށް ފެނޭ ހެއްޔެވެ؟
أَلِهَذا اللُغزُ حَلٌّ أَم سَيَبقى أَبَدِيّا
އަދި މި އަރަތަށް ޙައްލެއް ވާނެ ހެއްޔެވެ؟ ނުވަތަ އަބަދު މިކަމެއް ހިނގާނެ ހެއްޔެވެ؟
لَستُ أَدري وَلِماذا لَستُ أَدري لَستُ أَدري
އަހަންނަކަށް ނޭނގެއެވެ. އަދި އަހަންނަށް ނޭނގެނީ ކީއްވެކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.
އެހެންކަމުން މި ޤަވާޢިދަކީ – އެބަހީ: ޝައްކުގެ ޤަވާޢިދަކީ – އިލްޙާދުގެ ތަނބެވެ. މި ޤަވާޢިދަކީ ކުޑަކުދިންގެ ސިކުނޑީގައި އަށަގެންނެވުމަށް މުލްޙިދުން މަސައްކަތްކުރާ ކަންތަކެވެ. އެއީ އެބައިމީހުންގެ ނަފްސުތަކުގައި މިކަން ހަރުލައިފިނަމަ އެބައިމީހުންގެ ގާތަށް ނަފްސުތައް ދެން ގެންދަން ފަސޭހަވެގެން ދެއެވެ. އެހެންކަމުން ކޮންމެ އެއްވުމެއްގައިވެސް މިކަމަށް ގޮވާލަން އެބައިމީހުން ވަރަށް ސަމާލުކަން ދެއެވެ.
އެބައިމީހުންގެ މި މުހިންމު ޤަވާޢިދު އެބައިމީހުންނަށް ބިންގާ އަޅާ ދިނީ އެރިސްޠޫ (Aristotle) އާއި އަދި އެނޫނަސް ފަލްސަފާވެރިންނެވެ. އެބައިމީހުން ބުނާ ގޮތުގައި:
“އިލާހު ދެނެގަންނަން އެދޭ މީހާ ފުރަތަމަ ކަމަކަށް އޭނާގެ ހިތުން އެނޫން ހުރިހާ ޢިލްމަކާ ޢަޤީދާތަކެއް ފުހެލާށެވެ. އޭނާއަށް ވެގެންވީ ވަރަކުން އެކަންތައްތައް ނައްތާލާށެވެ. ދެން އެއަށް ފަހު ކަންކަމާ މެދުގައި ޝައްކު އުފައްދާށެވެ. ދެން އެއަށްފަހުގައި އޭނާގެ ބުއްދިއާއި ޚިޔާލާއި ރައުޔުން ފުއްދާލާށެވެ.”
ދެން މި ޤަވާޢިދަށް ބާރުދޭ އެހެން ޤަވާޢިދެއް ގެނެސް މި ޤަވާޢިދު ފުރިހަމަ ކުރިއެވެ. އެއީ ޙަޤީޤަތަކީ ނިސްބީ އެއްޗެއްކަމުގައި ބުނުމެވެ. (އެބަހީ: ޙަޤީޤަތަކީ އެކި މީހުންގެ ގާތުގައި ނުވަތަ އެމީހަކު ދެކޭ ގޮތަކުން ބަދަލުވާ އެއްޗެއްކަމުގައި ބުނުމެވެ.) އެހެންކަމުން އެބައިމީހުންގެ ގާތުގައި މި މާނައިގައި މެނުވީ ޙަޤީޤަތެއް ނުވެއެވެ.
ޝައްކުގެ ޤަވާޢިދުންނާއި ޙަޤީޤަތަކީ ނިސްބީ އެއްޗެއްކަމަށް ބުނުމުން އެބައިމީހުންގެ ފިކުރަށް މަގުގެ ދެބައިކޮށްފައި އެއްބައި އެ ކޮށުނީއެވެ. ދެން އެއަށް ފަހުގައި އޮންނާނީ އިލްޙާދުގެ ‘ޝައިޠާނުން’ އައިސް މީސްތަކުން އިލްޙާދާ ދިމާލަށް ގެންދިޔުމެވެ. [1]
މިބައިމީހުންގެ ކިބައިގައިވާ އެންމެ ޢަޖައިބުކަމަކީ މިބައިމީހުންނަކީ މިކަމުގައި އެންމެ ދޮގުވެރި އަދި މިކަމާ އެންމެ ދެކޮޅުވެސް ހަދާ މީހުންނެވެ. އެހެނީ މިބައިމީހުން މި ތިބެނީ އިލްޙާދު އިމާމުން ދެކޭ ގޮތާއި އިލްހާދުގެ އެކިއެކި ނަޒަރިއްޔާތުތަކުގައި ވަރުގަދައަށް ހިފަހައްޓައިގެންނެވެ. އަދި އެއަށް ވަރަށް ތަޢައްޞުބުވެފައެވެ. އަދި ބަދައެއްގެ މިންވަރަށްވެސް އެއާ ފެޔަށް ޖެހި ނުލައެވެ. އަދި ކުޑަ ހިނދުކޮޅަކަށްވެސް އެއާ މެދު ޝައްކު ނުކުރެއެވެ.
ކޮންމެއަކަސް، ޝައްކުކުރުމުގެ މަންހަޖަކީ ބުއްދިއާ ދެކޮޅު މަންހަޖެކެވެ. އަދި ޔަޤީންކަންމަތީގައި ހުރި މީހެއްގެ ގާތުގައި ޝައްކުގެ ފަހުން ލިބޭ ޔަޤީންކަމަކަށް ވާސިލުވުމަށްޓަކައި ޝައްކުކުރަން ބުނުމަކީ ހަށިގަނޑު ވިހައަށް ހޭނުމަށްޓަކައި ވިހަ ބޯށޭ ބުނުންފަދަ ކަމެކެވެ. ބުއްދިވެރިއަކު މިފަދަ ކަމެއް ކުރާނޭ ހެއްޔެވެ؟
އަދި ޙަޤީޤަތަކީ ނިސްބީ އެއްޗެކޭ ބުނުމަކީ އޭގެ ފާސިދުކަމާއި ބާޠިލުކަން ފާޅު ކަމެކެވެ. އެއީ އެންމެ ފުރަތަމަވެސް ތާކުންތާކު ނުޖެހޭ ބުނުމެކެވެ. އަދި އޭގެ އަސާސުން ފެށިގެންވެސް ވިއްސި ވިހާލެވިގެންވާ އެއްޗެކެވެ.
މި ޤަވާޢިދަކީ މިއީ ރަނގަޅު ޤަވާޢިދެއްކަމުގައި ބަލައިފިނަމަ މުޅި ދުނިޔެވެސް ފަސާދަވީހެވެ. އެހެނީ އޭގެ މައްޗަށް ބިނާކޮށް މީހަކު އެހެން މީހެއްގެ ޙައްޤަކަށް އަރައިގަނެފައި އޭނާއާ ދިމާއަށް މީހަކު: ‘ތިބާ ތިޔަ ކުރީ ކުށެކޭ’ ބުނެއްޖެނަމަ އޭނާ މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް ޖަވާބުގައި ބުނާނެއެވެ.
‘ތިޔަބައިމީހުން ތިޔައީ ކުށެއްކަމުގައި ދެކުނަސް އަހަރެން ތިޔައީ ކުށެއްކަމުގައި ނުދެކެމެވެ. ޙައްޤަކީ ނިސްބީ އެއްޗެކެވެ.’
އަދި އޭނާއަށް ބުނެފާނެއެވެ.
‘ތިބާގެ ތިޔަ ޤަވާޢިދު ބޭނުންކޮށްގެން މީހުންނަށް ގެއްލުން ނުދެވޭނެއެވެ.’
އޭރުން އޭނާ ބުނާނީ: ‘ތިޔަބައިމީހުން ގެއްލުމެއްކަމުގައި ދެކޭ ކަންތައް އެއީ ގެއްލުމެއް ކަމުގައި އަހަރެން ނުދެކެމެވެ.’
ދެން ފަހެ މިއަށް ވުރެ ތާކުންތާކު ނުޖެހޭ ކަމެއް އޮންނާނެ ހެއްޔެވެ! މިއަށް ވުރެ ބޮޑު ފަސާދައެއް އޮންނާނެ ހެއްޔެވެ!
އަހަރެމެން މުސްލިމުންނާމެދު ދަންނައެވެ. އަހަރެމެން އިޢުތިޤާދުކުރަނީ އެއްވެސް ގުޑުމެއް ނުވާ ގޮތުގައި ހަމަކަށަވަރުން ﷲ އީ ޙައްޤުކަމަށެވެ. – ހުރިހާ ޙަމްދެއް ވަނީ ﷲ އަށެވެ. –
﴿ذَٰلِكَ بِأَنَّ اللَّهَ هُوَ الْحَقُّ﴾ [سورة الحج ٦]
މާނައީ: “އެހެނީ ހަމަކަށަވަރުން ﷲ އީ ޙައްޤުވަންތަ އިލާހެވެ.”
އަދި އެއިލާހުގެ އަޅާ އަދި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަކީ ޙައްޤުކަމަށެވެ.
އަދި އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވުނީ ޙައްޤެވެ.
﴿وَبِالْحَقِّ أَنزَلْنَاهُ وَبِالْحَقِّ نَزَلَ﴾ [سورة الإسراء ١٠٥]
މާނައީ: “ތިމަން އިލާހު އެ ޤުރުއާން ބާވައިލެއްވީ ޙައްޤު ގޮތުގައެވެ. (އެބަހީ: ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ ފޮތެއްގެ ގޮތުގައެވެ.) އަދި އެ ޤުރުއާން (އެއިލާހުގެ ޙަޟްރަތުން މުޙައްމަދުގެފާނުގެ މައްޗަށް) ބާވައިލެއްވިގެން އައީވެސް ޙައްޤު ގޮތުގައެވެ.”
﴿وَيَسْتَنبِئُونَكَ أَحَقٌّ هُوَ ۖ قُلْ إِي وَرَبِّي إِنَّهُ لَحَقٌّ﴾ [سورة يونس ٥٣]
މާނައީ: “އެއީ ހަމަ ޙައްޤު ތެދުތޯ ޚަބަރުދެއްވުމަށް ކަލޭގެފާނުގެ ކިބައިން އެބައިމީހުން އެދޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އާނއެކެވެ! ތިމަންކަލޭގެފާނުގެ ރައްބު ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން އެއީ ހަމަ ޙައްޤު ތެދެވެ.”
އެހެންކަމުން ދަންނައެވެ.
﴿فَمَاذَا بَعْدَ الْحَقِّ إِلَّا الضَّلَالُ﴾ [سورة يونس ٣٢]
މާނައީ: “ފަހެ، ޙައްޤު ގޮތަށް ފަހުގައި ވަނީ މަގުފުރެދުން ނޫން ކޮންއެއްޗެއް ހެއްޔެވެ؟ (އެބަހީ: ޙައްޤު ގޮތުން އެއްކިބާވެއްޖެނަމަ، ދެން ދެވޭނީ ފުރެދުމުގެ ތެރެއަށެވެ.)”
އިސްވެ ދިޔަ ކަންކަމުން އެނގިގެން ދަނީ އިލްޙާދަކީ ޢިލްމުތައް ނައްތާލުމަށް ބޭނުންކުރާ އެންމެ ބޮޑު ހަތިޔާރުކަމެވެ. އަދި ބަދުއަޚުލާޤީ ޢަމަލުތަކާއި އެއްވެސް ހަމައެއް ލަމައެއް ނެތުމަށް އޮތް މަގު ކަމެވެ. އެއަށްފަހުގައި ޢިލްމީ ހުރަހެއް ނުވަތަ އަޚުލާޤީ ހުރައެއްވެސް ދެނެއް ނޯންނާނެއެވެ. އަދި މީސްތަކުން އެއިލާހެއްގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާނޭ އިލާހެއްވެސް އަދި މީސްތަކުންގެ ކަންކަން ބަލަހައްޓާ، ޙިސާބުކުރާ އަދި ޖަޒާދޭނޭ ފަރާތެއްވެސް ނުވާނެއެވެ.
އެހެންކަމުން މި މަންހަޖަކީ މީސްތަކުންނަށް ހަމަޖެހުމެއްވެސް، ހަމަހިމޭންކަމެއްވެސް އަދި ބާއްޖަވެރިކަމެއްވެސް ގެނުވައިދޭ މަންހަޖެއް ނޫނެވެ. އެކަމަށް ދަލާލަތުކުރާ އެއްކަމަކީ ދުނިޔޭގައި އަމިއްލައަށް މަރުވާ މީހުންނާ އިލްޙާދާ ގުޅުވައިގެން ހަދާފައިވާ ދިރާސާތަކެވެ. އެގޮތުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (WHO) އިން ހަދާފައިވާ ބައެއް ދިރާސާތަކުގައިވެސް ޖަޕާނު، ކޮރެޔާ، ފިންލަންޑު، ފްރާންސް، ޑެންމާރކު އަދި ސްވީޑަން ފަދަ ޤައުމުތައް ވަރަށް މަތީގައި އުޅެއެވެ.
ވިސްނާލަން ޖެހޭ ކަމަކީ މި ޤައުމުތަކަކީ ޓެކްނޮލޮޖީއާއި ދިރިއުޅުމުގެ ފެންވަރަށް ބަލާއިރުގައި ވަރަށް މަތީގައި އުޅޭ ޤައުމުތަކެވެ. އެހެނަސް ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ ތެދުކަމާއެވެ.
﴿وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ﴾ [سورة طه ١٢٤]
މާނައީ: “އަދި ތިމަން އިލާހުގެ ޛިކުރަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނުމީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާ ހުށީމެވެ.”
މިކަމުގައި މާ ދުރަށް ދާކަށް ނުޖެހެއެވެ. މީގެ ކުރިން މި ލިޔުމުގައި އިސްމާޢީލު އަދުހަމާ ބެހޭގޮތުން އަލި އަޅުވާލީމެވެ. އޭނާވެސް އިލްޙާދުގެ ފިކުރަށް އިޚްލާޞްތެރިކަމާއެކު ގޮވާލުމަށް އޭނާގެ ޢުމުރު ނަގާލާފައި ދެން އިސްކަންދަރިއްޔާގައި ކަނޑަށް ފުންމާލައިގެން އަމިއްލައަށް މަރުވީއެވެ. އަދި އެތަނުގެ މަޖުލީހުގެ ރައީސަށް މުޚާޠަބުކޮށް އޭނާ ލިޔުނު ވަޞިއްޔަތުގައި އޭނާ ލިޔެފައިވަނީ އޭނާ އަމިއްލައަށް މަރުވީ މި ދުނިޔެއަށް ބޭނުންނުވާތީއާއި މި ދުނިޔެއާ މެދު ނަފްރަތު ކުރާތީ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު އަންދާލުމަށް އޭނާ އެދިފައި ވެއެވެ.
ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ ތެދުކަމާއެވެ.
﴿قُلْ أَنَدْعُو مِن دُونِ اللَّهِ مَا لَا يَنفَعُنَا وَلَا يَضُرُّنَا وَنُرَدُّ عَلَىٰ أَعْقَابِنَا بَعْدَ إِذْ هَدَانَا اللَّهُ كَالَّذِي اسْتَهْوَتْهُ الشَّيَاطِينُ فِي الْأَرْضِ حَيْرَانَ لَهُ أَصْحَابٌ يَدْعُونَهُ إِلَى الْهُدَى ائْتِنَا ۗ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَىٰ ۖ وَأُمِرْنَا لِنُسْلِمَ لِرَبِّ الْعَالَمِينَ﴾ [سورة الأنعام ٧١]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ފިޔަވައި އަހަރެމެންނަށް މަންފާއެއް ނުދޭ، އަދި އަހަރެމެންނަށް ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް އަހަރެމެން އަޅުކަންކުރާނެ ހެއްޔެވެ؟ އަދި ﷲ އަހަރެމެންނަށް ތެދުމަގު ދެއްކެވުމަށް ފަހުގައި (ޝިރުކުގެ ތެރެއަށް) ފަހަށް އެނބުރިދާނޭ ހެއްޔެވެ؟ (އޭރުން ވާނީ) ބިމުގައި ޝައިޠާނުންނަށް ހެއްލި، ދެވޭ ނުދެވޭ ތަނެއް ނޭނގި، ޙައިރާންކަމެއްގެ ތެރޭގައިވާ މީހަކު ފަދައިންނެވެ. އެމީހާއަށް ތެދުމަގަށް ގޮވައި ތިމަންމެންގެ ކައިރިޔަށް އަންނާށޭ ބުނާ އެކުވެރިންތަކެއް ވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތެދުމަގަކީ، ﷲގެ ތެދުމަގުކަން ކަށަވަރެވެ. އަދި އަހަރެމެންނަށް އަމުރުވެވިގެންވަނީ ޢާލަމުތަކުގެ ރައްބަށް ކިޔަމަން ވުމަށެވެ.”
= ނުނިމޭ =
އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް
[1] މިބައިމީހުން މި ފަތުރަން އުޅޭ ޘަޤާފަތުގެ އެއް މިސާލަކީ އަންނަނިވި ލިޔުމެވެ. އެ ލިޔުމުގެ ސުރުޚީގައިވަނީ: “ޝައްކުކުރަމާ ހިނގާ! އެހެން ނޫންނަމަ ޔަޤީންކުރާ ކަންކަމުގެ ނުބައިކަމުގެ ތެރެއަށް އަހަރެމެން ވެއްޓިދާނެ” މިއީ ނޫހެއްގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މި ލިޔުނު މީހާ ބުނެފައިވެއެވެ. “އެހެންކަމުން އިންސާނާގެ މައްޗަށް އޮތީ އެއް ފަހަރުވިޔަސް ޝައްކުކުރުމެވެ. އެހެނަސް ހިތާމަޔާ އެކުގައި ދަންނަވަން ޖެހޭކަމަކީ ގިނަ ފަހަރަށް ޘަޤާފަތާއި ފަލްސަފާގެ ޖައްވެއްގައި މެނުވީ އެފަދައިން ނުވާނެ ކަމެވެ.” ދެން އެއަށްފަހުގައި ބުނެފައި ވެއެވެ. “އެ ޝައްކުކުރުން މެދުވެރިވަނީ އިޖުތިމާޢީ މިންގަނޑާއި ޘަޤާފީ މިންގަނޑުގައި ޙަޤީޤަތަކީ ޢާންމު ގޮތެއްގައި ނިސްބީ އެއްޗެއްކަމުގައި ދެކިގެންނެވެ. އެ ޝައްކުގެ ސަބަބުން ޝައްކުކުރާ މީހާ އޭނާ ދެކޭ ގޮތާ ޚިލާފަށް އުޅޭ މީހުންނާ އެކުގައި އުޅޭ އިރުގައި ފޯރިއެރުމާއި މޫނުގެ ކުލަވަރުބަދަލުކުރުމާއި ނާރުތައް ފުއްޕުމުން ދުރުހެލިވެއެވެ. މި ޝައްކުގެ ސަބަބުން ޝައްކުކުރާ މީހާ އަންނަނިވި ސުވާލުތައް ކުރެއެވެ. މިވެނި މީހަކު ދެކޭ ގޮތް އެއީ ރަނގަޅު ގޮތްކަމުގައި ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ މިވެނި ރައުޔެއް ނުވަތަ މިވެނި ތައުވީލެއް ނުވަތަ މިވެނި ތަފްސީރެއް ނުވަތަ މިވެނި ފަރުދެއް، މުޖުތަމަޢެއް، ފިރުޤާއެއްގެ މާނަކުރުމެއް ރަނގަޅު ނުވާންވީ ކީއްވެ ހެއްޔެވެ؟ [މިކަމުގައި މިބައިމީހުން މުސްލިމެއް ކާފިރެއް ނުވަތަ މުއިމިނެއް މުލްޙިދެއް ތަފާތެއް ނުކުރެއެވެ.] ނުވަތަ އެންމެ ކުޑަ މިނުން އެއީ އޭގެ އެތެރެ ފުށަށް ބަލާއިރުގައި ރަނގަޅު ކަންކަމުގެ ގޮތުގައި ނުބެލެވޭންވީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އަހަރެން ދެކޭ ގޮތަކީ ނުވަތަ ދެކުމަށް ލާޒިމުކޮށްފައިވާ ގޮތަކީ ކަނޑައެޅިގެން ރަނގަޅު ނޫން އެއްޗެއްކަމުގައިވެސް ނުވެދާނެ ހެއްޔެވެ؟ އަދި އޭގައިވެސް ޝައްކުތަކެއް ނުވަތަ ޔަޤީންނުވުން އެކުލެވިގެން ވެދާނެ ނޫން ހެއްޔެވެ؟
މިފަދަ ޘަޤާފީ ޖައްވެއްގައި ބޮޑުވާ މީހަކު އޭނާ އެންމެ ކުޑަ މިނުން ޙައްޤަކީ ނިސްބީ އެއްޗެއްކަމަށް ޤަބޫލުކުރާނަމަ، އޭނާ އެހެން މީހުންނަށް ވަރަށް އޯގާތެރިވާނެއެވެ. އެހެނީ އޭނާއަށް ވިސްނޭ އެންމެ ރަނގަޅު ގޮތަކީ، އޭނާ މުޅި ޢުމުރު ‘ޕްރޮގްރާމު’ ވެފައިވާ ގޮތަކީ އަދި އޭނާ އެ ޤަބޫލުކުރާ ގޮތަކީ ޔަޤީން ގޮތެއް ކަމުގައި އޭނާ ނުދެކޭނެއެވެ.”