[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމްކަމާއި ، އީމާންކަމާއި ، އިޙްސާންކަމަކީ ކޮބައި ހެއްޔެވެ؟

 

عن عمربن الخطاب رضي الله عنه قال : بينما نحن جلوس عـند رسـول الله  ذات يوم إذ طلع علينا رجل ، شديد بياض الثياب ، شديد سواد الشعر، لا يرى عليه أثـر السفر، ولا يعـرفه منا أحـد ، حتى جـلـس إلى النبي  فـأسند ركبـتيه إلى ركبتـيه ، ووضع كفيه على فخذيه ، وقـال:  يا محمد أخبرني عن الإسلام؟ فقال رسول الله صلى الله عليه وسلم : ( الإسـلام أن تـشـهـد أن لا إلـه إلا الله وأن محـمـداً رسـول الله، وتـقـيـم الصلاة، وتـؤتي الـزكاة، وتـصوم رمضان، وتـحـج البيت إن اسـتـطـعت إليه سبيلاً ) قال: صدقت ، فعجبنا له، يسأله ويصدقه ، قال: فأخبرني عن الإيمان؟ قال:  (أن تؤمن بالله وملائكته وكتبه ورسله واليوم الآخر وتؤمن بالقدر خيره وشره ) قال: صدقت. قال: فأخبرني عن الإحسان؟ قال: ( أن تعبد الله كأنك تراه، فإن لم تكن تراه فإنه يراك) قال: فأخبرني عن الساعة؟ قال:  ( ما المسؤول عنها بأعلم من السائل ) قال: فأخبرني عن أماراتها؟ قال:  ( أن تلد الأمة ربتها، وأن ترى الحفاة العراة العالة رعاء الشاء يتطاولون في البنيان ) قال : ثم انطلق، فلبثت ملياً، ثم قال لي : ( يا عمر أتدري من السائل ؟ قلت: الله ورسوله أعلم. قال: فإنه جبريل ، أتاكم يعلمكم دينكم )

މާނައީ: ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ” އެއްދުވަހަކު ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގައި ތިމަންބޭކަލުން ތިއްބަވަނިކޮށް، ހުދުކުލައިގަދަ ފޭރާމެއްގައިހުރި، ބޮލުގެ އިސްތަށިތަކުގެ ކަޅުކުލަގަދަ މީހަކު އެތަނަށް އަތުވެއްޖެއެވެ. އެމީހާގެ ކިބައިން ދަތުރުވެރިއެއްގެ އަސަރުތަކެއް ނުފެނެއެވެ. އަދި ތިމަންބޭކަލުންގެ ތެރެއިން އެއްވެސް މީހަކަށް އެއީ ކާކުކަމެއް ނޭނގެއެވެ. ދެން އެމީހާގެ ދެކަކޫ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދެކަކޫފުޅުގައި ޖައްސައި، އިށީންދެއްޖެއެވެ. އަދި އެމީހާގެ މާކަޅުވާ ދެމަސްގަނޑުމަތީގައި، ދެއަތްބާއްވައިފިއެވެ. އަދި ދެންނެވިއެވެ. ” އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމަކީ ކޮބައިކަން އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ. ” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. ” – އިސްލާމްކަމަކީ – މާތްﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމް ކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހުގެ ރޯދަހިފުމާއި، ކުޅަދާނަވެގެންވާމީހާ ގެފުޅަށްގޮސް ޙައްޖުވުމެވެ. ” އެމީހަކު ދެންނެވިއެވެ. ” ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ” ޢުމަރުގެފާނު ވިދާޅުވިއެވެ. ” އެމީހަކުގެ ކިބައިން ތިމަންބޭކަލުން ޢަޖައިބުވީމެވެ. ( އެހެނީ ) އިތުރުއެކަލޭގެފާނާއި ސުވާލުކޮށް އަދި އެކަލޭގެފާނުގެ ބަސްފުޅު އެއީ ތެދުބަސްފުޅެއްކަމުގައި ބުނެއެވެ.” އެމީހާ ދަންނަވައިފިއެވެ. ” އީމާންކަމަކީ ކޮބައިކަން އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ. ” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ( އެއީ ) ” ތިބާ މާތްﷲއަށާއި ، އެކަލާނގެ މަލާއިކަތުންނަށާއި ، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި ، އެކަލާނގެ ރަސޫލު ބޭކަލުންނާއި ، އާޚިރަތްދުވަހަށް އީމާންވުމެވެ. އަދި ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. ” އެމީހަކު ދެންނެވިއެވެ. ” ކަލޭގެފާނު ތިޔަ ވިދާޅުވީ ތެދުފުޅެކެވެ. ފަހެ އިޙްސާންކަމަކީ ކިބައިކަން އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ. ” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ( އެއީ ) ” ﷲ ތަޢާލާ ފެންނަ ފަދައިން ތިބާ އެއިލާހަށް އަޅުކަންކުރުމެވެ. ފަހެ ތިބާއަށް ﷲ ތަޢާލާ ފެންނަކަމުގައި ނުވިޔަސް އެއިލާހު ތިބާ ދެކެވޮޑިގެންވާނެއެވެ. ” އެމީހަކު ދެންނެވިއެވެ. ” ފަހެ ޤިޔާމަތް ވާނެ ވަގުތެއް އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ. ” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ” ސުވާލު ކުރި މީހާއަށްވުރެ ، އެވަގުތެއްގެވާހަކަ ، ދެނެހުރުން ބޮޑުކަމުގައި، ސުވާލު ވެވުނު މީހާ ނުވެއެވެ. ” އެމީހާ ދެންނެވިއެވެ. ” ޤިޔާމަތުގެ އަލާމާތްތައް އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ. ” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ” އަޅުއަންހެނާ އޭނާގެ ސާހިބު މީހާ ވިއެހުމެވެ. އަދި ފައިވާނަށް ނާރާމިހުންނާއި، އޮރިޔާމުން އުޅޭމީހުންނާއި ، އަދި ބަކަރި ހުއިހައްޕާ ފަޤީރުން އުސް ޢިމާރާތްތައް ހަދާނެއެވެ. ” ދެން އެމީހަކު ހިގައްޖެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ” ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ” އޭ ޢުމަރެވެ! އެސުވާލު ކުރީ ކާކުކަން ކަލޭގެފާނަށް އެނގިވަޑައިގެންނަވާތޯއެވެ؟ ” ތިމަންކަލޭގެފާނު ދެންނެވީމެވެ. ﷲއާއި އެއިލާހުގެ ރަސޫލާ ދެނެވޮޑިގަތުން ބޮޑެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރެއްވިއެވެ. ” ހަމަކަށަވަރުން އެއީ ޖިބްރީލުގެފާނެވެ. ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް އުނގަންނައިދެއްވުމަށްޓަކައި ވަޑައިގެންނެވީއެވެ. ” ”  صحيح مسلم