ތިންވަނައީ: ޤަޟާޤަދަރާ ގުޅުން ހުރި ކަންތައްތައް
އެބައިމީހުން މިއަށް ނަން ދީފައި ވަނީ “ނުބައިކަމުގެ ފިކުރު” (concept of evil) ނުވަތަ “ނުބައިކަމުގެ ނަޒަރިއްޔާ” (theory of evil) އެވެ. އެބައިމީހުންގެ ދަޢުވާއަކީ ނުބައިކަން ނުވަތަ ޤަތުލު ނުވަތަ ދުނިޔޭގައި ދިމާވާ ބޮޑެތި ކާރިޘާތަކުން ދަލީލު ކުރަނީ ކުޅަދުންވަންތަ، ރަޙުމްކުރާ ރައްބަކު ނުވާ ކަމަށެވެ. އެބައިމީހުންގެ ދަޢުވާއަކީ ރައްބަކު ވާނަމަ އެކަންކަން މަނާކުރާނެ ކަމުގައެވެ.
އަދި “ހަމައެއް ނެތް ދުނިޔެ” (absurd world) އޭ ކިޔާ ފިކުރެއްވެސް ވެއެވެ. އެފިކުރުގެ އަހުލުވެރިން ދަޢުވާކުރަނީ ކައުނުގައި ދެކޮޅު ނުޖެހޭ، ބުއްދިއާ ތަޢާރުޟުވާ ކަންތައްތަކެއް ހިނގައެވެ. އެހެންކަމުން އެބައިމީހުން ބުނަނީ ކައުނު ޚަލްޤުކުރައްވާފައިވަނީ ބޭކާރު ގޮތުގައި ކަމަށެވެ. އަދި އެތަން ތަދުބީރުކުރައްވާ ފަރާތެއް ނުވާ ކަމަށެވެ.
ފަހެ މި ފިކުރުގެ އަޞްލަކީ ﷲ ތަޢާލާގެ ޢަމަލުފުޅުތަކާއި ނިޔާކުރައްވާ ކަންތައްތަކުގައި ޙިކުމަތެއްވާކަމާމެދު މިބައިމީހުން ޖާހިލުވެފައި ވުމެވެ. ނުވަތަ އެކަން ނުވާކަމަށް ޤަބޫލުކުރުމެވެ.
އިބްނު ތައިމިއްޔާ رحمه الله ޤަޟާޤަދަރާ ބެހޭ ގޮތުން ލިޔުއްވި ‘ތާއިއްޔާ’ އޭ ކިޔުނު ޅެމުގައި ވިދާޅުވިއެވެ.
وَأَصْلُ ضَلَالِ الْخَلْقِ مِنْ كُلِّ فِرْقَةٍ *** هُوَ الْخَوْضُ فِي فِعْلِ الْإِلَهِ بِعِلَّةِ
فإن همو لَمْ يَفْهَمُوا حِكْمَةً لَهُ *** فَصَارُوا عَلَى نَوْعٍ مِنْ الْجَاهِلِيَّةِ
މާނައީ: “އަދި ކޮންމެ ފިރުޤާއެއްގެ އަހުލުވެރިންވެސް މަގު ފުރެދުމުގެ އަޞްލަކީ އެއީ ﷲ ގެ ޢަމަލުފުޅުތަކުގެ ޙިކުމަތާމެދު (ޢިލްމެއް ނެތި) ވާހަކަދެއްކުމެވެ. އެބައިމީހުންނަށް އެކަމުގައި ޙިކުމަތެއް ނުވިސްނެއެވެ. އޭގެ ސަބަބުން އެބައިމީހުންވަނީ ޖާހިލިއްޔަ ކަމެއްގެ ތެރޭގައެވެ.”
މި ދުނިޔެ މަތީގައި ކުރިމަތިވާ މުޞީބާތްތަކަކީ އިމްތިޙާނެކެވެ.
﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ﴾ [سورة الملك ٢]
މާނައީ: “އެއިލާހީ ތިޔަބައިމީހުން ކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރާއި ދިރުން ޚަލްޤުކުރެއްވި އިލާހެވެ. އަދި އެއިލާހީ ޢިއްޒަތްތެރިވެވޮޑިގެންވާ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.”
ފަހަރުގައި އިމްތިޙާނުކުރެއްވުމުން މީސްތަކުން އިޞްލާޙުވެ، ރަނގަޅުވެ، އެބައިމީހުންގެ ފާފަތައް ފޮހެވި އަދި ޘަވާބު ލިބިގެން ހިނގައިދާނެއެވެ. އެހެނަސް ބައެއް މީހުންނަށް މިކަންކަން ނުފެނެއެވެ. އަދި އެބައިމީހުންނަށް ނުފެންނަ އަނެއްކަމަކީ ﷲ ތަޢާލާ ނިޔާ ކުރައްވާ އެއްވެސް ކަމެއްގައި ހުރިހާ ގޮތަކުން ނުބައެއް އެކުލެވިގެން ނުވާނެ ކަމެވެ.
ފަހެ އެއިލާހުގެ ޢަމަލުފުޅަށް ބަލާއިރު އެކަމުގައި އެއްވެސް ނުބައިކަމެއް ނުވެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«وَالشَّرُّ لَيْسَ إِلَيْكَ» [رواه مسلم 201 – (771)]
މާނައީ: “ނުބައިކަން އިބަ އިލާހަށް ނިސްބަތް ނުކުރެވެއެވެ.”
އަދި އެއިލާހު ނިޔާކުރެއްވި ކަމުގެ ނަތީޖާއަށް ބަލާއިރުގައި ނުބައެއްވާނަމަ އެކަން އޮންނާނީ އެއް ގޮތުން ބަލާއިރު ނުބައެކެވެ. ހުރިހާ ގޮތަކުން ނުބައެއް ނުވާނެއެވެ. އެހެނީ އެއިލާހަކީ ޙަކީމުވަންތަ އަދި މޮޅަށް ދެނެވޮޑިގެންވާ އިލާހަށްވީ ހިނދުގައި ކަމެއް ނިޔާކުރައްވަނީ އެކަމުން ބަޔަކަށް ވޭން އިޙުސާސް ވިޔަސް އެކަމުގައި ހެވާއި މަޞްލަޙަތުތަކެއް ވާތީއެވެ. އެއީ އެ މީހަކަށް ނުވަތަ އެހެން މީހަކަށް ކަމުގައިވެސް ވެދާނެއެވެ. އެއީ އޭނާއަށް އެކަން އެނގުނަސް އަދި ނޭނގުނަސް މެއެވެ.
ޚުލާޞާއަކީ: ﷲ ތަޢާލާ ނިޔާކުރައްވާ ކަންކަމުގައި ހެވެއް ނެތިއެއް ނުދާނެއެވެ. މިކަން ޘާބިތުވާ އެތައް ދަލީލެއް ވެއެވެ. އަދި ކިއެއް ހެއްޔެވެ. އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވަނީ ﷲ ތަޢާލާގެ ޢަމަލުފުޅުތަކުގެ ޙިކުމަތާއި ސަބަބުވާކަން އަންގައިދޭ ދަލީލުތައް ދިހަހާސް ދަލީލަށް ވުރެވެސް ގިނަކަމުގައެވެ. [1]
= ނުނިމޭ =
އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް
[1] ބައްލަވާ: شفاء العليل (2 / 573).