[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަމަކަށް އެދި އަންނަމީހާ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މީހަކަށް ކަމެއް ކޮށްދެންޏާ އެމީހަކާ ދިމާއަށް ހަޅޭއް ނުލަވާ އެކަން ކޮށްދިނުމަކީ އެއީ ރަނގަޅު ގޮތެވެ. ފަހެ މީހަކާ ދިމާއަށް ހަޅޭއްލަވައި އެއްޗެހި ކިޔުމަށް ފަހު އެކަން ކޮށްދިނުމުން އެކަމުން ދެފަރާތަށްވެސް ލިބެންޖެހޭ ޙަޤީޤީ ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އަދި އެކަން ކޮށްދިން މީހާއަށް ލިބޭ ޘަވާބު އުނިވެ ނުވަތަ ބާޠިލުވެގެން ދެއެވެ.

މީހަކު ކަމަކު އެދި އަންނަ އިރުގައި އޭނާ ހުންނާނީ ނަފްސާނީ ގޮތުން ވަރަށް ބަލިވެ “vulnerable” ވެފައެވެ. އެވަގުތުގައި ހެޔޮކޮށް ކުރާ މުޢާމަލާތް މުޅި ޢުމުރަށްވެސް އޭނާގެ ހަނދާނުގައި ހުރެދާނެއެވެ. އަދި ނުބައިކޮށް ކުރާ މުޢާމަލާތްވެސް ހަމަ އެފަދައެވެ.

އެކަމެއް ކޮށްދެވެން ނެތްނަމަ ފަހެ ރީތި ގޮތުގައި ކޮށްދެވެން ނެތްވާހަކަ ބުނެފައި ފޮނުވާލެވިދާނެވެ. އަދި އެކަން ކޮށްދެވެން އޮތްނަމަ އެކަން ކޮށްދިނުމާ އެކުގައި ރިވެތިބަސް ބުނެ އަދި ނަސޭޙަތް ދޭން އެދޭނަމަ ރިވެތި ގޮތުގައި ނަސޭޙަތް ދިނުމަކީވެސް ހަމަ އެންމެ ރަނގަޅު ކަމެކެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

وَأَمَّا السَّائِلَ فَلَا تَنْهَرْ ‎﴿١٠﴾ [سورة الضحى]

މާނައީ: “އަދި ދަންނާށެވެ! ފަހެ ކަމަކަށްއެދި އަންނަ މީހާއަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ!”

އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

قَوْلٌ مَّعْرُوفٌ وَمَغْفِرَةٌ خَيْرٌ مِّن صَدَقَةٍ يَتْبَعُهَا أَذًى ۗ وَاللَّهُ غَنِيٌّ حَلِيمٌ ‎﴿٢٦٣﴾‏ يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُم بِالْمَنِّ وَالْأَذَىٰ كَالَّذِي يُنفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۖ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا ۖ لَّا يَقْدِرُونَ عَلَىٰ شَيْءٍ مِّمَّا كَسَبُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ ‎﴿٢٦٤﴾ [سورة البقرة]

މާނައީ: “އެ ޞަދަޤާތަކާ ގުޅިގެން އުނދަގުލެއްދޭ ޞަދަޤާތަކަށް ވުރެ ބުނާ ރަނގަޅު ހެޔޮ ބަހަކާއި ޢަފޫކުރުމުގެ ހެޔޮކަން މާ ބޮޑެވެ. ﷲ އީ ފުދިވޮޑިގެންވާ، ޙިލްމުވެރިވެވޮޑިގެންވާ އިލާހެވެ. (263) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި، އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ޞަދަޤާތްތައް ބާޠިލު ނުކުރާ ހުށިކަމެވެ! އެއީ މީހުންނަށް ދެއްކުމަށްޓަކައި އެމީހެއްގެ މުދާ ހޭދަކުރާ މީހެއްގެ މިސާލު ފަދައިންނެވެ. ﷲއަށާއި އާޚިރަތް ދުވަހަށް އޭނާ އީމާނެއް ނުވެއެވެ. ފަހެ އޭނާގެ މިސާލީ، ހިލަޔެއްގެ މަތީގައި ވެލިތަކެއް ހުށްޓައި އެ ހިލައިގެ މައްޗަށް ބޯވާރޭއެއް ވެހި، އޭގެ މަތީގައި އެއްވެސް އެއްޗެއް ނެތް އޮމާން، ހިލަޔެއްގެ މިސާލެވެ. އެބައިމީހުން ކުރި މަސައްކަތުގެ އެއްވެސް މިންވަރެއްގެ މައްޗަށް އެބައިމީހުންނަކަށް ކުޅަދާނަކަމެއް ލިބިގެނެއް ނުވެއެވެ. (އެބަހީ: އެވެލިތައް ދިޔަ ފަދައިން އެ ޢަމަލުތައްވެސް ގެއްލެނިވެގެން ދާނެއެވެ.) ކާފިރުވެގެންވާ ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވައެވެ. (264)” ‏

މި އާޔަތުގައިވާ المَنِّ އަކީ: ކަލަގޮވުމެވެ. އަދި الأَذَىٰ އަކީ: އެކަމަށް އެދި އައި މީހާއަށް އެއްޗެހި ގޮވުމާ، އޭނާގެ މައްޗަށް ބޮޑާވުމާ އަދި އެކަމަށް އެދިގެން އައީތީ ޝަކުވާކުރުމެވެ. [ބައްލަވާ: فتح القدير للشوكاني (1 / 326)]

ﷲ ތަޢާލާ އަޅަމެން އެންމެން މިފަދަ ނުބައި ކަންކަމުން ދުރުކުރައްވާ ރިވެތި އަޚުލާޤުގެ ވެރި ބައެއްކަމުގައި ލައްވާށިއެވެ!