[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 19

ހަތަރުވަނައީ: އިލްޙާދުގެ އަހުލުވެރިން ބަރޯސާވާ އޮޅުވާލުންތަކާއި ބުއްދީގެ ގޮތުން ހަމަ ނުޖެހޭ ކަންތައްތައް

 

އެބައިމީހުންގެ ކިބައިގައިވާ އޮޅުވާލުމާއި ބުއްދީގެ ގޮތުން ހަމަ ނުޖެހޭ ކަންތައްތަކުގެ ތެރޭގައި (ފުރަތަމައީ): މުސްލިމަކު އެބައިމީހުންނާ މުނާޡަރާކޮށްފައި (debate ކޮށްފައި) ކޮންމެ ކަމެއްވެސް މެދުވެރިވާ ސަބަބެއްވާކަން (ސަބަބުގެ ޤާނޫނު) ބަޔާންކުރުމުން އަދި ކަމެއް ހިނގައިފިއްޔާ އެކަން ކުރި ފަރާތެއް ވާން ޖެހޭނެކަން ބަޔާންކުރުމުން އަދި ނެތުމުގެ ތެރެއިން އެއްޗެއް ވުޖޫދަށް އައިއްސިއްޔާ އެ ޚަލްޤުކުރެއްވި ފަރާތެއްވާނޭކަން ބަޔާންކުރުމުން، ފަހެ ބައެއް މުލްޙިދުން ތަންދޮރު ނުދަންނަ ބައެއްހެން ސުވާލުކުރެއެވެ.

“ﷲ ހުރިހާ އެއްޗެއް ޚަލްޤުކުރެއްވިކަމަށް އަހަރެމެން ޤަބޫލުކޮށްފިކަމަށް ބަލާށެވެ. އެހެންވެއްޖެއްޔާ ﷲ ޚަލްޤުކުރީ ކޮން ފަރާތެއް ހެއްޔެވެ؟ ކުރިން ބުނި ސަބަބާ ގުޅޭ ޤާނޫނު އެއިލާހަށް ނިސްބަތް ނުކުރަނީ ކީއްވެ ހެއްޔެވެ؟”

މިއީ ފާސިދު ސުވާލެކެވެ. ފަހެ އެފަދަ މުލްޙިދުންވެސް އެ އެއްބަސްވަނީ ﷲ އެއީ ޚާލިޤުކަމަށެވެ. ދެން އެއަށްފަހުގައި އެއިލާހު ޚަލްޤުކުރީ ކޮން ފަރާތެއްހޭ ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ ފަހެ ޚާލިޤުވަންތަ ﷲ، އެއީ ޚާލިޤުކަމަށް އަދި މަޚްލޫޤެއްކަމަށް އެއް ވަގުތެއްގައި، އެއް ޖުމުލައެއްގައި ހެދޭނީ ކިހިނަކުން ހެއްޔެވެ! އެހެނީ ޚާލިޤެއް މަޚްލޫޤަކަށް ވުމަކީ ވާނޭ ކަމެއް ނޫނެވެ. އަދި މަޚްލޫޤެއް ޚާލިޤަކަށް ވުމަކީ ވާނޭ ކަމެއް ނޫނެވެ. [1]

 

= ނުނިމޭ =

 


 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް

 

[1] މިކަމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި އިރުޝާދުތަކެއް ވާރިދުވެފައި ވެއެވެ. އޭގެ ދެ ލަފްޒެއް މިތަނުގައި ގެނެސްދޭނަމެވެ. إن شاء الله.

ފުރަތަމައީ: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «لَا يَزَالُ النَّاسُ يَتَسَاءَلُونَ حَتَّى يُقَالَ: هَذَا خَلَقَ اللهُ الْخَلْقَ، فَمَنْ خَلَقَ اللهَ؟ فَمَنْ وَجَدَ مِنْ ذَلِكَ شَيْئًا، فَلْيَقُلْ: آمَنْتُ بِاللهِ» [رواه مسلم 212 – (134)] މާނައީ: “މީސްތަކުން ސުވާލުކުރަމުން ގޮސް ބުނާނެއެވެ. ﷲ ތަޢާލާ މަޚްލޫޤާތުތައް ޚަލްޤުކުރެއްވިއެވެ. ފަހެ ﷲ ޚަލްޤުކުރީ ކޮން ފަރާތެއް ހެއްޔެވެ؟ ފަހެ އެފަދަ ކަމަކާ ދިމާވެއްޖެ މީހަކު ބުނާށެވެ. “ﷲއަށް، ތިމަން އީމާންވެއްޖައީމެވެ.” “

ދެވަނައީ: ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «يَأْتِي الشَّيْطَانُ أَحَدَكُمْ فَيَقُولَ: مَنْ خَلَقَ كَذَا وَكَذَا؟ حَتَّى يَقُولَ لَهُ: مَنْ خَلَقَ رَبَّكَ؟ فَإِذَا بَلَغَ ذَلِكَ، فَلْيَسْتَعِذْ بِاللهِ وَلْيَنْتَهِ» [رواه مسلم 214 – (134)] މާނައީ:”ތިޔަބައިމީހުން ކުރެ މީހެއްގެ ގާތަށް ޝައިޠާނާ އައިސް ބުނާނެއެވެ. މިވެނި އެއްޗެއް ޚަލްޤުކުރީ ކާކު ހެއްޔެވެ؟ ދެން އެންމެ ފަހުން އޭނާ ގާތު ބުނާނެއެވެ. ތިބާގެ ރައްބު ޚަލްޤުކުރީ ކާކު ހެއްޔެވެ؟ އެ ހިސާބަށް ގޮއްސިއްޔާ، ފަހެ ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދޭށެވެ. އަދި އެވަސްވާސްތައް ހުއްޓާލާށެވެ. (އެބަހީ: އެއަށް ފުރަގަސްދީ އެކަމުގައި ފިކުރު ނުކުރާށެވެ.) (ބައްލަވާ: إرشاد الساري للقسطلاني (5 / 294))”

އެހެންކަމުން އެފަދަ ވަސްވާހެއް މެދުވެރިވެއްޖެ މީހަކަށް ނަބިއްޔާ صلى الله عليه وسلم އިރުޝާދުދެއްވާފައި ވަނީ:

1) ޝައިޠާނާގެ އެ އޮޅުވާލުންތަކާއި ވަސްވާސްތަކުގެ ފަހަތުން ދިޔުން ހުއްޓާލުން [ބައްލަވާ: صحيح مسلم 214 – (134)]

2) “آمَنْتُ بِاللهِ” މާނައީ: “ﷲއަށް އީމާންވެއްޖައީމޭ” ބުނުން  [ބައްލަވާ: صحيح مسلم 212 – (134)]

3) އިޚްލާޞް ސޫރަތުގެ މި ބައިތައް ކިޔެވުން:  اللَّهُ أَحَدٌ ‎﴿١﴾‏ اللَّهُ الصَّمَدُ ‎﴿٢﴾‏ لَمْ يَلِدْ وَلَمْ يُولَدْ ‎﴿٣﴾‏ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ‎﴿٤﴾ މާނައީ: “އެއީ އެއްކައުވަންތަ ﷲ އެވެ. (1) (އެއީ) އެންމެހާ މަޚްލޫޤުން އެ އިލާހަށް ބޭނުންޖެހިގެންވާ އަދި އެއްވެސް މަޚްލޫޤަކަށް ބޭނުން ޖެހިވޮޑިގެން ނުވާ، ފުރިހަމަ ޞިފަފުޅުތައް ލިބިވޮޑިގެންވާ، ސާހިބުވަންތަ ﷲ އެވެ. (2) (އެއީ) ދަރިކަލަކު އުފަންވެގެން ނުވާ އިލާހެވެ. އަދި އެއިލާހުވެސް އުފަންވެވޮޑިގެން ނުވެއެވެ. (3) އަދި އެއިލާހާ ކުފޫ ހަމަވެގެންވާ ހަމަ އެއްވެސް ފަރާތެއް ނުވެއެވެ. (4)” [ބައްލަވާ: سنن أبي داود (4722) وحسنه الألباني في السلسلة الصحيحة (118)]

4) “أعوذ بالله من الشيطان الرجيم” މާނައީ: “ﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.” މިފަދައިން ކިޔުން [ބައްލަވާ: صحيح مسلم 214 – (134)]

5) ކުޑަކޮށް ތެތްކަމެއް އަންނާނޭހެން ވައަތް ފަރާތަށް 3 ފަހަރު ފުމެލުން [ބައްލަވާ: سنن أبي داود (4722) وحسنه الألباني في السلسلة الصحيحة (118)]

6) މި އާޔަތް ކިޔެވުން:﴿هُوَ الْأَوَّلُ وَالْآخِرُ وَالظَّاهِرُ وَالْبَاطِنُ﴾ [سورة الحديد ٣]  މާނައީ: “އެއިލާހީ (ފެށުމެއް ނެތި) އިސްވެވޮޑިގެންވާ، (ނިމުމެއް ނެތި) ފަސްވެވޮޑިގެންވާ އަބަދަށް ދެމިވޮޑިގެންވާ، މަތީގައި ވޮޑިގެންވާ، އަޅުތަކުންނާ ކުއްތަންވެވޮޑިގެންވާ އިލާހެވެ.” [ބައްލަވާ: سنن أبي داود (5110) وحسنه الألباني في تخريج الكلم الطيب (136)]

އަލްޚައްޠާބީ رحمه الله ވިދާޅުވިއެވެ.

” مَنْ خَلَقَ رَبَّكَ؟ މާނައީ: “ތިބާގެ ރައްބު ޚަލްޤުކުރީ ކާކު ހެއްޔެވެ؟” މިއީ ވަރަށް ތާކުންތަކު ނުޖެހޭ ސުވާލެކެވެ. މި ސުވާލުގެ ކުރީކޮޅު ފަހުކޮޅު ނަފީކުރެއެވެ. އެހެނީ ޚާލިޤު މަޚްލޫޤަކަށް ވުމަކީ މުސްތަޙީލުކަމެކެވެ. (އެބަހީ: ތިބާގެ ޚާލިޤަކީ ކޮން ފަރާތެއްތޯ އެހޭނީ މަޚްލޫޤެއްގެ ގާތުގައެވެ. ޚާލިޤު ޚަލްޤުކުރި ފަރާތެއް ނުވާނެއެވެ.) އެއީ ރަނގަޅު ސުވާލެއް ނަމަ އެ ސުވާލުން ލާޒިމުވަނީ تسلسل (endless loop) ވުމެވެ. (އެބަހީ: ކޮންމެ ޚާލިޤެއްވެސް ޚަލްޤުކުރި ޚާލިޤެއްވާނަމަ އެކަމަކަށް ނިމުމެއް ނުވާނެއެވެ.)” [فتح الباري لابن حجر (6 / 341)].