[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ ތަޢާލާ ގެ އިސްމުފުޅުތައް إحصاء ކުރުން

ސުވާލު:

 «مَنْ أَحْصَاهَا دَخَلَ الجَنَّةَ» މި ޙަދީޘްގެ މާނައަކީ ކޮބާ ހެއްޔެވެ؟

 

ޖަވާބު:

ޙަމްދު ހުރީ ﷲ  އަށެވެ.

 

ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރާގެފާނުގެ އަރިހުން ބުޚާރީއާއި ( 2736 ) މުސްލިމް ( 2677 ) ރިވާކުރައްވާފައިވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى ﷲ عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

 «إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلَّا وَاحِدًا، مَنْ أَحْصَاهَا دَخَلَ الجَنَّةَ» [رواه البخاري (2736) ومسلم (6 – (2677))]

މާނައީ: “ހަމަކަށަވަރުން ﷲ އަށް ނުވަދިހަ ނުވަ އިސްމުފުޅުވެއެވެ. ސަތޭކަ ހަމަނުވެ އެންމެ އިސްމުފުޅެކެވެ. އެ އިސްމުފުޅުތައް ދަސްކޮށް، އެ އިސްމުފުޅުތަކަށް ދޭންވާ ޙައްޤުތައް ދީފިމީހަކު ސުވަރުގެ ވަދެއްޖެއެވެ.”

 

މި ޙަދީޘްފުޅުގައި ޒިކުރުކުރެވިފައިވާ «أَحْصَاهَا» ގެ މާނައިގައި ތިރީގައިވާ ކަންތައްތައް ހިމެނިގެންވެއެވެ.

  1. އެ އިސްމުފުޅުތައް ހިތުދަސްކުރުން.
  2. އެ އިސްމުފުޅުތަކުގެ މާނަތައް ދެނެގަތުން.
  3. އެ އިސްމުފުޅުތައް ދޭހަކޮށްދޭ ގޮތަށް ޢަމަލުކުރުން:

ފަހެ، ﷲ އީ އެއްކައުވަންތަ އިލާހުކަން މީހަކަށް ރަނގަޅަށް އެނގޭ ނަމަ، އޭނާ އެއިލާހާ އެހެން ފަރާތަކާ ޝަރީކުނުކުރާނެއެވެ. އަދި އެއިލާހީ ރިޒުޤުދެއްވާ ފަރާތްކަން ރަނގަޅަށް އެނގޭ ނަމަ، އެއިލާހު ފިޔަވައި އެހެން ފަރާތެއްގެ ކިބައިން ރިޒުޤުދެއްވުމަކަށް އޭނާ ނޭދޭނެއެވެ. އަދި އެއިލާހީ ރަޙީމުވަންތަ އިލާހުކަން ރަނގަޅަށް އެނގޭ ނަމަ، އޭނާ އެއިލާހަށް ކިޔަމަންތެރިކަން އަދާކުރާނެއެވެ. އެއީ ﷲގެ ރަޙުމަތް ލިބުމުގެ ސަބަބަކީ އެއިލާހަށް ކިޔަމަންތެރިކަން އަދާކުރުންކަމުގައި ވާތީއެވެ. އަދި މިފަދަ އެހެން ކަންކަންވެސް މިކަމުގައި ހިމެނެއެވެ.

  1. އެ އިސްމުފުޅުތަކުގެ ޛަރީޢާއިން އެއިލާހަށް ދުޢާކުރުން: އެއީ ﷲ عز وجل ވަޙީކުރައްވާފައިވާ ފަދައިންނެވެ. ‎﴿وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا﴾ [سورة الأعراف 180] ‏ މާނައީ: “އެންމެ ރިވެތި އިސްމުފުޅުތައް މިލްކުވެގެންވަނީ ﷲ އަށެވެ. ފަހެ، އެ އިސްމުފުޅުތަކުން ތިޔަބައިމީހުން އެއިލާހުގެ ޙަޟްރަތަށް ދުޢާ ކުރާށެވެ!”

އެއީ މީހަކު މި ފަދައިން ދުޢާކުރުމެވެ:

“يا رحمن ، ارحمني”

މާނައީ: “އޭ ރަޙްމާނުވަންތަ އިލާހު! މިއަޅާއަށް ރަޙުމަތް ލައްވާނދޭވެ!”

“يا غفور ، اغفر لي”

މާނައީ: “އޭ ގިނަގިނައިން ފާފަފުއްސަވާ އިލާހު! މިއަޅާއަށް ފާފަފުއްސަވާނދޭވެ!”

“يا توّاب ، تُبْ عليّ”

މާނައީ: “އޭ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ އިލާހު! މިއަޅާއަށް ތައުބާ ލައްވާނދޭވެ!”

 

އައްޝައިޚް މުޙައްމަދު ބްނު ޞާލިޙު އަލްޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. «أَحْصَاهَا» މާނައަކީ ކަރުދާސް ގަނޑެއްގައި އެ ނަންފުޅުތައް ލިޔުމަށް ފަހު ހިތުދަސްވަންދެން އެ އިސްމުފުޅުތައް ތަކުރާރުކުރުމެއް ނޫނެވެ. ނަމަވެސް އޭގެ މާނައަކީ:

  1. އެ އިސްމުފުޅުތަކުގެ ލަފުޒުތައް ރަނގަޅަށް ދެނެގަތުމެވެ.
  2. އެ އިސްމުފުޅުތަކުގެ މާނަ ފުރިހަމައަށް ދޭހަވުމެވެ.
  3. އެ އިސްމުފުޅުތަކުން ދޭހަކޮށްދޭ ގޮތަށް ﷲ އަށް އަޅުކަންކުރުމެވެ. އެކަން ދެ ގޮތަކަށް ބެހިގެންވެއެވެ.

ފުރަތަމަ ގޮތް: އެ އިސްމުފުޅުތަކުން ތިބާ އެއިލާހަށް ދުޢާކުރުން.

އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿فَادْعُوهُ بِهَا﴾ [سورة الأعراف 180] ‏ މާނައީ: “ފަހެ، އެ އިސްމުފުޅުތަކުން ތިޔަބައިމީހުން އެއިލާހުގެ ޙަޟްރަތަށް ދުޢާ ކުރާށެވެ!” އެއީ ތިބާ އެދޭ ކަންތައްތަކާ ގުޅުވައިދޭ ވަސީލަތަކަށް އެ އިސްމުފުޅުތައް ހެދުމެވެ. ފަހެ ތިބާ އެދޭ ކަންތައްތަކާ މުނާސަބު އިސްމުފުޅެއް އިޚްތިޔާރުކުރާނީއެވެ. ފަހެ ފާފަފުއްސަވައިދެއްވުމަށް އެދި ދަންނަވާއިރު މިފަދައިން ދަންނަވާނީއެވެ.

“يا غفور، اغفر لي”

“އޭ ގިނަގިނައިން ފާފަފުއްސަވާ އިލާހު! މިއަޅާއަށް ފާފަފުއްސަވާނދޭވެ!”

އަދި ފާފަފުއްސަވައިދެއްވުމަށް އެދި ދަންނަވާއިރު، މިފަދައިން ބުނުން މުނާސަބުވެގެން ނުވެއެވެ.

“يا شديد العقاب ، اغفر لي”

މާނައީ: “އޭ ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހު! މިއަޅާއަށް ފާފަފުއްސަވާނދޭވެ!”

އަދި ކިއެއްތަ، މިކަން ވައްތަރުވެގެންވަނީ ފުރައްސާރަކުރުމާއެވެ. އެހެންކަމުން ތިބާ އެއިލާހުގެ ޙަޟްރަތުގައި ދަންނަވަންވާނީ  މިފަދައިންނެވެ.

“أجرني من عقابك”

“އިބައިލާހުގެ ޢުޤޫބާތުން މިއަޅާ ދިންނަވާނދޭވެ!”

ދެވަނަ ގޮތް: އެ ނަންފުޅުތައް ދޭހަކޮށްދޭ ގޮތަށް ތިބާގެ ޢަމަލުތައް ބެހެއްޓުން.

ފަހެ الرحيم، މި އިސްމުފުޅުން ދޭހަކޮށްދެނީ އެއިލާހުގެ ރަޙުމަތުގެ ތަނަވަސްކަމެވެ. އެހެންކަމުން އެ ރަޙުމަތްފުޅާ ގުޅުވައިލައިދޭނެފަދަ ހެޔޮ ޢަމަލުތައް ތިބާ ކުރާށެވެ. އެ ޙަދީޘްފުޅުގައިވާ «أَحْصَاهَا» ގެ މާނައަކީ މިއީއެވެ. ފަހެ މިގޮތައް މީހަކު ޢަމަލުކޮށްފި ކަމުގައިވާނަމަ، މިކަންތައް އޭނާ ސުވަރުގެ ވަނުމަށްވާ އަގެއްގެ ގޮތުގައި ވެގެންދާނެއެވެ.” -ޝައިޚުގެ ބަސްފުޅު ނިމުނީ-

[مجموع الفتاوى ورسائل ابن عثيمين (1 / 74)]

 

والله أعلم.


 

މަޞްދަރު

 

ﷲ ތަޢާލާގެ އިސްމުފުޅުތަކާ ގުޅުންހުރި އެހެން ލިޔުންތައް