[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 21

ފަހެ ޚުލާޞާއަކީ: މުނާޤަޝާކުރުމުގައި އަދި އެބައިމީހުންގެ ފިކުރު ފެތުރުމުގައި މުލްޙިދުންގެ އުސްލޫބާއި މަންހަޖުތަކުގެ ތެރޭގައި އެ ވާހަކަ ދައްކާ މީހާއަށް އޮޅުވާލުމާއި އޭނާގެ ކުށް ބަޔާންކުރުމުގެ އުސްލޫބުގެ މައްޗަށް ބަރޯސާވެއެވެ. އެހެންކަމުން މުނާޡަރާ (debate) ކުރުމުގެ ރަނގަޅު ޢިލްމީ މަންހަޖަށް އެބައިމީހުން އިޙްތިރާމު ނުކުރެއެވެ. ފަހެ އެގޮތުން އެބައިމީހުން އިސްލާމްދީނަށް އެއްޗެތި ކިޔާ ތަން ފެނިގެންދާނެއެވެ. އަދި މުލްޙިދުން ބޭނުން ކުރާ މަންހަޖުގެ ބަލިކަށިކަން ފޮރުވުމަށްޓަކައި އިސްލާމްދީނަށް ވަރަށް ހުތުރުކޮށް، އެއްވެސް ޖެހިލުމެއް ނެތި އެއްޗެތި ކިޔާތަން ފެނިގެންދާނެއެވެ. ދެން ފަހެ އެފަދައިން އެއްޗެތި ކިޔާ އިރުގައި އެބައިމީހުންނަށް ބޮޑެތި އޮޅުންތައް އަރާފައި ހުންނަކަމަށް ފާހަގަވެއެވެ. އެގޮތުން ދީނާ ބެހޭގޮތުން އެބައިމީހުން ވާހަކަ ދައްކަނީ ޙައްޤާއި ބާޠިލާ އަދި ޞައްޙަ ވާހަކަތަކާއި ޞައްޙަ ނޫން ވާހަކަތައް މައްސުނިކޮށްގެންނެވެ.

ނުވަތަ އެބައިމީހުން ކުށް ބަޔާން ކުރާ އިރުގައި ބަޔާންކުރަނީ ބިދުޢަވެރި ބައެއް ފިރުޤާތައް ކުރާ ކަންތައްތަކެވެ.

ނުވަތަ ކުށް ބަޔާންކުރާ އިރުގައި ބަޔާންކުރަނީ ބައެއް ފަރުދުންނަށް ކުރެވިފައި ހުންނަ ކުށެވެ. ފަހެ އެ ނަގާފައި މުޅި ދީނަށް އެކުއެކީ އެބައިމީހުން ޙުކުމް ޖަހައެވެ.

ނުވަތަ އެބައިމީހުން މުސްލިމުންގެ ޙާލަތަށް ބަލާފައި، އެބައިމީހުންގެ މައްޗަށް މި ޒަމާނުގައި ވެރިވެފައި މިވާ ބަލިކަށިކަމަށް ބަލާފައި ކުށް ބަޔާންކުރެއެވެ.

ނުވަތަ އެބައިމީހުން އިސްލާމްދީނަށް އެއްޗެތި ކިޔަނީ އިސްލާމްދީނާއި އަދުގެ ޒަމާނީ ޢިލްމުތަކާއި ތަޢާރުޟުވެ، އެކު ނުވާނެކަމުގެ ދަޢުވާގައެވެ.

އެއްވެސް ޝައްކެތް ނެތް ގޮތުގައި އިސްވެ ދިޔަ ހުރިހާ ވާހަކައަކީވެސް އަނިޔާވެރިކަމާއި އޮޅުންތަކެވެ. ރަނގަޅު ޢިލްމީ މަންހަޖަކީ ޢަދުލު އިންސާފުގެ މަތިން އިސްލާމްދީނަށް ބެލުމެވެ. އަދި އެދީނުގެ ޙުކުމްތަކުގެ ޛަރީޢާއިން އެދީނުގެ މައްޗަށް ގޮތް ކަނޑައެޅުމެވެ.

އަދި އިސްލާމްދީނުގެ އަހުލުވެރިންގެ ޛަރީޢާއިން އެދީނާ މެދު ގޮތް ކަނޑައަޅަންޏާ: އެ ދީނަށް ޢަމަލުކުރަންވީ ގޮތުގައި ޢަމަލުކޮށް، ހެޔޮ ގޮތުގައި އެދީނަށް ޢަމަލުކުރެއްވި ބޭކަލުންގެ ޢަމަލުފުޅުތަކުގެ ޛަރީޢާއިން ގޮތް ކަނޑައަޅާށެވެ. އެއީ މި އުންމަތުގެ ކުރީކޮޅުގައި އުޅުއްވި ބޭކަލުންނެވެ. އެބޭކަލުންގެ ޢަމަލުފުޅުތަކުގެ ސަބަބުން ޢިއްޒަތާއި ބާރުވެރިކަން އެބޭކަލުންނަށް ލިބިވަޑައިގެންނެވިއެވެ. އަދި އެބޭކަލުން ވެވަޑައިގެންނެވީ އިންސާނީ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ ބޭކަލުންތަކަކަށެވެ. އަދި ތާރީޚުގައިވާ ހުދު ޞަފްޙާއަކަށެވެ. އޭގެ ކުރިންވެސް އަދި ފަހުންވެސް އެފަދަ ބަޔަކު ނާދެއެވެ.

= ނުނިމޭ =

 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް