ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި އަދި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތުގައި ހުކުރު ނަމާދުގެ ކުރިން ގޮވަނީ އެއް ބަންގިއެވެ. ބަންގިއަށް ފަހުގައި ޚުޠުބާ ދެއްވާ ނަމާދުކުރައްވައެވެ. ޢުޘްމާނުގެފާނުގެ ޚިލާފަތު ފެށުނުއިރު މަދީނާގައި މީހުން ދިރިއުޅޭ ސަރަހައްދު ވަނީ ބޮޑުވެފައެވެ. އެހެންކަމުން ހުކުރު ނަމާދުގެ ވަގުތު ވަނުމުގެ ކުރިން ނަމާދަށް ތައްޔާރުވުމަށް ގޮވާލުމަކީ ޟަރޫރީކަމެއްކަމުގައި އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އެގޮތުން ހުކުރު ނަމާދުގެ ވަގުތު ވަނުމުގެ ކުރިން ފުރަތަމަ ބަންގި ގޮވަން ފެއްޓެވިއެވެ.
ދީނުގައި ބިދުޢަތައް ފާޅުވުމުން، ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި ތެދުމަގު ލިބިގެންވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ހިފުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ ބާރުއަޅުއްވާފައިވެއެވެ. ފަހެ، އެންމެހާ ޞަޙާބީބޭކަލުން މިކަމުގައި ޢުޘްމާނުގެފާނާ އެއްބަސްވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނަށް ފަހުގައިވެސް އިސްލާމީ އުންމަތުގައި އެކަލޭގެފާނުގެ މި ޢަމަލުފުޅަށް ތަބާވަމުން ދިޔައެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«فَإِنَّهُ مَنْ يَعِشْ مِنْكُمْ يَرَى اخْتِلَافًا كَثِيرًا، وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّهَا ضَلَالَةٌ فَمَنْ أَدْرَكَ ذَلِكَ مِنْكُمْ فَعَلَيْهِ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيِّينَ، عَضُّوا عَلَيْهَا بِالنَّوَاجِذِ» [رواه الترمذي (2676) وصححه الألباني في مشكاة المصابيح (165)]
މާނައީ: “ފަހެ ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ތިމަންކަލޭގެފާނަށް ފަހު އުޅެއްޖެ މީހަކު ދަންނައެވެ. އޭނާއަށް ގިނަ އިޚްތިލާފުތައް ފެންނާނެއެވެ. ފަހެ އަލަށް ތަޢާރަފުވާ (ބިދުޢަތަކުން) ތިޔަބައިމީހުން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އެއީ މަގުފުރެދުމެކެވެ. ފަހެ އެކަންކަމާ ބައްދަލުވެއްޖެ މީހާ ދަންނައެވެ. އޭނާއަށް އޮތީ ތިމަންކަލޭގެފާނުގެ ސުންނަތާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ ސުންނަތުގައި ހިފުމެވެ. ކޮލުދަތްތަކުން އޭގައި ގަދައަށް ހިފަހައްޓާށެވެ.”
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه