[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުކުރު ނަމާދުގައި ދެ ބަންގި ގޮވުމުގެ ޙުކުމް

ޙަމްދު ހުރީ ﷲ އަށެވެ.

ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައާއި އަބޫބަކުރުގެފާނާ އަދި ޢުމަރުގެފާނުގެ ދުވަސްވަރުގައިވެސް ހުކުރު ނަމާދުގެ ކުރިން ގޮވަމުން އައީ އެންމެ ބަންގިއެއްކަމާމެދު މުސްލިމުން ވަނީ އިޖުމާޢުވެފައެވެ. އަދި ޢުޘްމާނުގެފާނުގެ ދުވަސްވަރުގައި،  ގެތައް މަސްޖިދުއް ނަބަވީއާ – ދުރުވުމުގެ ސަބަބުން،  މާރުކޭޓުގައި ހުރި “އައްޒައުރާއު” އޭ ކިޔުނު ތަނުގައި، އިރު މެދު ޖެހުމުގެ ކުރިން އިތުރު ބަންގިއެއް ގޮވުމަށް އެކަލޭގެފާނު ފެނިވަޑައިގަތެވެ. އެއީ މީސްތަކުންނަށް ހުކުރު ވަގުތު ގާތްވެއްޖެކަން އަންގައިދީ، ހުކުރު ނަމާދަށް ދިއުމަށް ތައްޔާރުވަމަށް ވަގުތު ދިނުމަށްޓަކައެވެ. (ނޯޓު: މަސްޖިދުއް ނަބަވީ އެއީ އެޒަމާނުގައި މީސްތަކުން އެއްވެ އުޅޭ  މިސްކިތެވެ.)

عَنِ السَّائِبِ بْنِ يَزِيدَ، قَالَ: «كَانَ النِّدَاءُ يَوْمَ الجُمُعَةِ أَوَّلُهُ إِذَا جَلَسَ الإِمَامُ عَلَى المِنْبَرِ عَلَى عَهْدِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَأَبِي بَكْرٍ، وَعُمَرَ رَضِيَ اللَّهُ عَنْهُمَا، فَلَمَّا كَانَ عُثْمَانُ رَضِيَ اللَّهُ عَنْهُ، وَكَثُرَ النَّاسُ زَادَ النِّدَاءَ الثَّالِثَ عَلَى الزَّوْرَاءِ» [رواه البخاري (912)]

އައްސާއިބު ބުނު ޔަޒީދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ނަބިއްޔާ އާއި އަބޫބަކުރުގެފާނާ އަދި ޢުމަރުގެފާނުގެ ދުވަސްވަރުގައި ހުކުރު ދުވަހުގެ އެންމެ ފުރަތަމަ ބަންގި ގޮވަމުން އައީ އިމާމުމީހާ މިންބަރުގައި އިށީނީމައެވެ. ފަހެ ޢުޘްމާނުގެފާނުގެ ދުވަސްވަރުގައި މީސްތަކުން ގިނަވުމުގެ ސަބަބުން “އައްޒައުރާއު” އަށް ތިންވަނަ ބަންގިއެއް އެކަލޭގެފާނު އިތުރުކުރެއްވިއެވެ.”

قَالَ أَبُو عَبْد الله – أي : البخاري – : الزَّوْرَاءُ : مَوْضِعٌ بِالسُّوقِ بِالْمَدِينَةِ .

އަބޫ ޢަބްދު ﷲ – އެބަހީ: އަލްބުޚާރީ – ވިދާޅުވިއެވެ.

“”އައްޒައުރާއު” އެއީ މަދީނާގެ މާރުކޭޓުގައި ހުރި ތަނެކެވެ.”

ތިންވަނަ ބަންގިއެއް  އިތުރުކުރުމޭ ބުނާބަހުގެ މާނައަކީ:

ފުރަތަމަ ބަންގިއަކީ ޢުޘްމާނުގެފާނު އިތުރު ކުރެއްވި  ބަންގިއެވެ. ދެވަނައީ ޚުތުބާ ދިނުމުގެ ކުރިން ގޮވޭ ބަންގިއެވެ. ތިންވަނައީ ގަމަތެވެ. ގަމަތަށްވެސް النِّدَاء (ބަންގިއޭ ނުވަތަ ގޮވާލުމެކޭ) ކިޔައި އުޅެއެވެ.

ހަމަކަށަވަރުން އިބުނު ޢުމަރު رضي الله عنهما ފަދަ ބައެއް ސަޙާބީންނާ އަދި ސުފްޔާނުއް ޘައުރީ رحمه الله ފަދަ އަތުބާޢުއް ތާބިޢީން  މުޠުލަޤުކޮށް މި ބަންގިއަށް ވަނީ އިންކާރުކުރައްވައިފައެވެ. އަދި ޖުމްހޫރު ޢިލްމުވެރިން ވަނީ މި ބަންގިއާމެދު ރުހިވަޑައިގަންނަވައިފައެވެ. އެއީ މިސްކިތްތައް ގިނަވެ، ގެތައް ކައިރިވި ކަމުގައިވިޔަސް މެއެވެ.

އަދި ޢިލްމުވެރިންގެ ތެރެއިން ތިންވަނަ ޖަމާޢަތުގެ ބޭކަލުން ވަނީ މިކަމުގައި މެދު މިންވަރުގައި ހިފައި ޢުޘްމާނުގެފާނުގެ ބަންގި  ގަބޫލުކުރައްވާފައެވެ. ނަމަވެސް އެއީ ޝަރުޠުތަކާއެކު، އެ ބަންގިގޮވުމަށް ސަބަބެއް އޮތް ނަމައެވެ. އެއީ ގެތައް ގިނަވެ މިސްކިތާ ދުރުވުން ފަދަ ސަބަބެއްވާނަމަ ބަންގި ގޮވުމެވެ. އަދި މިފަދައިން އެ ބަންގިއަށް ޙާޖަތަށް ޖެހޭ އެއްވެސް ސަބަބެއް ނުވާނަމަ، ބަންގި ނުގޮވުމެވެ.

އަޅުގަނޑުމެންނަށް ބުރަވެވޭ ގޮތަކީ: ޢުޘްމާނުގެފާނުގެ ބަންގީގައި ހިފައިފި މީހަކަށް އެކަށީގެންވަނީ، އެ ބަންގި އެއީ ވަކިން ޝަރުޢުކުރެވުނު ބަންގިއެއް ގޮތުގައި ނުހެދުމެވެ. އަދި ކިއެއްތަ އެއީ މަތިވެރި ޞަޙާބީ ބޭކަލެއްގެ އިޖުތިހާދެކެވެ. އަދި ޢުޘްމާނުގެފާނުގެ ބަންގީގައި ހިފައިފި މީހަކު، އިރުމެދު ޖެހުމަށް ފަހު އެ ބަންގި ގޮވައިގެން ނުވާނެއެވެ. އަދި އެ ބަންގިއާ ދެވަނަ ބަންގިއާ ދެމެދުވާ ވަގުތު ކުރުކޮށްގެންވެސް ނުވާނެއެވެ. އެހެނީ މި ޙާލަތުގައި އެބަންގިން އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އަދި އެ ބަންގި ގޮވުމަށް ޙާޖަތެއް ނެތް ބަޔަކު އެކަން ކުރުމުގެ ބޭނުމެއް ނެތެވެ. އެއީ ބަންގި ގޮވާ ސްޕީކަރުތައް ހުރުމާއި، ނަމާދަށް ގޮވާލާ ގިނަ ޢަދަދެއްގެ މިސްކިތްތައް ހުރިނަމައެވެ.

އައްޝައިޚު އަލްބާނީ رحمه الله ވިދާޅުވެފައިވެއެވެ.

“ޢުޘްމާނުގެފާނުގެ މި ޢަމަލަށް އެއްވެސް ޝަރުތަކާ ނުލައި މުޠުލަޤުކޮށް ޢަމަލުކުރާކަށް އަޅުގަނޑުމެންނަކަށް ނުފެނެއެވެ. ކުރިން ހިނގައިފައިވާ ކަންތައްތަކަށް ބަލައިލުމުން އަޅުގަނޑުމެންނަށް ހާމަވެ އެނގިގެންދަނީ ޢުޘްމާނުގެފާނު މި ބަންގި އިތުރުކުރެއްވީ ބުއްދިވެރި ސަބަބަކާ އެކުގައިކަމެވެ. އެއީ މީސްތަކުންގެ ޢަދަދު ގިނަވުމާއި، އެބައިމީހުންގެ ގެތަށް  މަސްޖިދުއް ނަބަވީ އާ ދުރުވުމެވެ. މިކަމަށް ނަޒަރު ނުހިންގާ މުޠުލަޤުކޮށް ޢުޘްމާނުގެފާނުގެ ބަންގީގައި ހިފައިފި މީހަކު، ޢުޘްމާނުގެފާނުގެ ނަމޫނާއަށް ތަބާވި މީހަކުކަމުގައި ނުވެއެވެ. އެހެނަސް އެކަން ވާހުށީ ޢުޘްމާނުގެފާނާ ޚިލާފަށް ކުރެވުނު ކަމަކަށެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތަށާއި އެކަލޭގެފާނުގެ ފަހުގެއި އައި ދެ ޚަލީފާއިންގެ ސުންނަތަށް ވެސް އިތުރުކުރެވުނު ކަމަކަށެވެ.

ފަހެ އެހެންކަމުން ހައްގު ގޮތުގައި ޢުޘްމާނުގެފާނުގެ ނަމޫނާއަށް  ތަބާވީކަމަށް ވާނީ އެކަމަށްޓަކައި އެކަލޭގެފާނު ފުރުތަމަ ބަންގި އިތުރު ކުރެއްވި ސަބަބުގައި ހިފައި އެ ބަންގި ގޮވުމުންނެވެ. އެ ސަބަބަކީ ކުރިންވެސް ބުނެވުނު ގޮތަށް، މީސްތަކުން އިތުރުވުމާއި އެބައިމީހުންގެ ގެތަށް މިސްކިތާ ދުރުވުމެވެ.”

[الأجوبة النافعة عن أسئلة لجنة مسجد الجامعة (ص: 20)]

އައްޝައިޚު އަޙްމަދު ޝާކިރު رحمه الله ވިދާޅުވެފައިވެއެވެ.

“އިމާމު މީހާ ނުކުތުމުގެ ކުރިން ބަންގި ގޮވުމަށް އެބައިމީހުން ސަމާލުކަން ދިނެވެ. ނަމަވެސް އެ ބަންގި ގޮވުމުގެ ހާޖަތްވަނީ ގޮސްފައެވެ. އެހެނީ އޭރު މަދީނާގައި މަސްޖިދުއް ނަބަވީ ފިޔަވައި (ހުކުރު ކުރާ) އެއްވެސް މިސްކިތެއް ނުހުރެއެވެ. އަދި ހުރިހާ މީސްތަކުންވެސް ޖަމާވެ އުޅެނީ އެ މިސްކަތަށެވެ. މިސްކިތުގެ ދޮރު ކައިރިން ބަންގީގެ އަޑު އިވޭ ވަރަށް ވުރެ މީހުންގެ ޢަދަދު އިތުރުވުމުން، މާރުކޭޓާއި އަދި އެތަން ވަށައިގެން ދިރިއުޅޭ މީސްތަކުންނަށް ނަމާދުވަގުތު ހާޒިރުވެއްޖެކަން އެންގުމަށް ޢުޘްމާނުގެފާނު ފުރަތަމަ ބަންގި އިތުރުކުރެއްވިއެވެ. އެކަމަކު މިހާރު މިވަނީ މިސްކިތްތަށް ގިނަވެ، މުންނާރުތައް މިސްކިތްތަކުގައި ބިނާކުރެވިފައެވެ. މުންނާރުތަކުން ބަންގީގެ އަޑު މީސްތަކުންނަށް ފޯރުކޮށްދެއެވެ. މިކަމުގެ ސަބަބުން ނަމާދުވަގުތު ހާޒިރުވެއްޖެކަން މީސްތަކުންނަށް އެނގިގެންދެއެވެ. ފަހެ އަހަރުމެންނަށް ފެންނަ ގޮތަކީ މި ބަންގި ގޮވުން ދޫކޮށްލައި، ސުންނަތަށް ތަބާވުމުގެ ގޮތުން އިމާމު މީހާ ނުކުންނަ ވަގުތު ބަންގިގޮވުމެވެ. ނޫނީ އިމާމު މީހާ ނުކުންނަ ވަގުތު މިސްކިތްތަކުގެ ދޮރުކައިރީ ހުރެ ބަންގި ގޮވުމަށް މުއައްޒިނު މީހާއަށް އަމުރުކުރުމެވެ.”

[سنن الترمذي بتحقيق أحمد شاكر (2 / 392 ، 393)]

والله أعلم.


 

މަޞްދަރު