[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ގުނަވަން ބަދަލުކުރުން (ORGAN TRANSPLANTATION)

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

އެއް އިންސާނެއްގެ ގުނަވަން އެހެން އިންސާނަކަށް ލެއްވުމާ (Organ Transplantation) ގުޅޭގޮތުން المجمع الفقهي الإسلامي އިން ނެރެފައިވާ ޤަރާރުގައިވެއެވެ.

 

ފުރަތަމައީ: ދިރިހުރި އިންސާނެއްގެ ގުނަވަނެއް ނަގާ އެހެން އިންސާނަކަށް ލެއްވުމާ މެދު ދަންނައެވެ. އޭނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ނުވަތަ އަސާސީ ގުނަވަނެއް މަސައްކަތްކުރުމަށްޓަކައި އެކަމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައިވާނަމަ އެއީ ހުއްދަ ކަމެކެވެ.

ގުނަވަން ނަގާ މީހާއަށް ބަލާއިރުގައި އެ ޙާލަތުގައި އެއީ އިންސާނީ ކަރާމާތް ނަފީކުރާ ކަމެއް ނޫނެވެ. އެއީ އެކަމުގައި ބޮޑުވެގެންވާ މަޞްލަޙަތެއް އޮތުމުންނެވެ. އަދި ހެޔޮކަމަކަށް އެހީތެރިވުން އެކަމުގައި ވާތީއެވެ.

ގުނަވަން ލައްވާ މީހާއަށް ބަލާއިރު އެއީ އޭނާ ކުރުން ހުއްދަވެގެންވާ ޢަމަލެކެވެ. އެއީ އަންނަނިވި ޝަރުޠުތަކާ އެކުގައެވެ.

  1. ގުނަވަން ހަދިޔާކުރާ މީހާއަށް އެކަމުގެ ސަބަބުން އާދައިގެ މަތިން ދިރިއުޅުމަށް ބުރޫއަރާފަދަ ގެއްލުމެއް ނެތުން.

ޝަރުޢީ ޤަވާޢިދުގައިވަނީ: “ގެއްލުމެއް ދުރުކުރުމަށް އެފަދަ ނުވަތަ އެއަށްވުރެ ބޮޑު ގެއްލުމެއް ދިނުމެއް ނުވެއެވެ.”

ގުނަވަން ހަދިޔާކުރާ މީހާގެ ނަފްސަށް އެކަމުގެ ސަބަބުން ގެއްލުމެއްވާނަމަ އެއީ ޝަރުޢީ ގޮތުން ހުއްދަ ކަމެއް ނޫނެވެ.

 

  1. ގުނަވަން ހަދިޔާކުރާ މީހާ އެކަން ކުރަނީ އެއްވެސް ނުރުހުންތެރިކަމެއް ނެތި އެކަން ކުރަން ބޭނުންވެގެން ކަމުގައިވުން.
  2. ގުނަވަން ބަދަލުކުރުމަކީ ބަލިމީހާއަށް ކުރަން މަޖުބޫރުވެފައި އޮތް ފަރުވާއަކަށް ވުން އަދި އެއީ ކުރެވެން އޮތް ހަމައެކަނި ފަރުވާކަމުގައިވެސް ވުން.
  3. އެ ނަގާ ގުނަވަން ނެގުމާއި އަނެއް މީހާއަށް އެ ގުނަވަން ލެއްވުމަކީވެސް ޢާންމުކޮށް ކާމިޔާބުކަމާއެކު ކުރެވޭ އޮޕަރޭޝަނަކަށް ވުން.

 

ދެވަނައީ: އަންނަނިވި ޙާލަތްތަކުގައި އެފަދައިން ޢަމަލުކުރުން އަދި މާ އައުލާވެގެންވެއެވެ. އަދި އެއީ ޝަރުޢީ ގޮތުން ހުއްދަ ކަމެކެވެ.

  1. މަރުވެފައިވާ މީހެއްގެ ގުނަވަނެއް ނަގައިގެން، އެ ގުނަވަނުގެ ބޭނުންޖެހިފައިވާ އެހެން އިންސާނަކު ސަލާމަތްކޮށް ދިނުން.

މި ޙާލަތުގައި ޝަރުޠަކީ އެ ގުނަވަން ނަގާ މީހާއަކީ މުކައްލަފަކަށް ވެފައި، އޭނާ ދިރިހުރި އިރު އެކަމަށް އިޛުނަ ދީފައިވުމެވެ.

 

  1. މަސް ކެއުން ހުއްދަ ޖަނަވާރެއް ކަތިލުމަށް ފަހު އޭގެ ގުނަވަނެއް ނަގައިގެން، އެ ގުނަވަނުގެ ބޭނުންޖެހިފައިވާ އިންސާނަކަށް އެ ގުނަވަން ލުން.

ޟަރޫރީ ޙާލަތެއްގައި އެނޫން ޖަނަވާރެއްގެ ގުނަވަންވެސް އެފަދައިން ބޭނުން ކުރެވިދާނެއެވެ.

 

  1. ހަން ނުވަތަ ކަށިފަދަ އިންސާނެއްގެ ހަށިގަނޑުން ބައެއް ނެގުމަށް ފަހު، ހަމަ އެމީހާގެ ހަށިގަނޑުގެ ބަޔަކަށް އެ ލެއްވުން (Skin Grafting / Bone Grafting).

އެއީ އޭނާގެ ހަށިގަނޑުގެ އެހެން ދިމާލަކަށް އެ ލައްވަން ޖެހިފައިވާނަމައެވެ.

 

  1. ބައްޔަކަށް ފަރުވާކުރުމުގެ ގޮތުން މަޢުދަނުން ނުވަތަ އެނޫން އެއްޗަކުން ހަދަފައިވާ ހުޅެއް ނުވަތަ ހިތުގެ ވޭލެއް (Valve) ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް އިންސާނާގެ ހަށިގަނޑަށް ލެއްވުން.

 

މި މަޖުލީހުން ދެކެނީ އިސްވެ ބަޔާންވެ ދިޔަ ޝަރުޠުތަކާއެކު މި ހަތަރު ޙާލަތްވެސް ހުއްދަވާނެ ކަމުގައެވެ.”


 

މަޞްދަރު: قرارات المجمع الفقهي الإسلامي في دوراته العشرين – الدورة الثامنة – (ص: 169 – 170).

ގުޅުންހުރި ލިޔުން:

ޖިންސު ބަދަލުކުރުން