[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންސު ބަދަލުކުރުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޖިންސު ބަދަލުކުރުމުގެ ޙުކުމާ ގުޅޭގޮތުން المجمع الفقهي الإسلامي އިން ނެރެފައިވާ ޤަރާރުގައި ވެއެވެ.

 

ފުރަތަމައީ: ޖިންސީ ގުނަވަން ފުރިހަމައަށް އުފެދިފައިވާ ފިރިހެނަކުވެސް އަދި އަންހެނަކުވެސް ޖިންސު ބަދަލުކުރުން ހުއްދަވެގެން ނުވެއެވެ. އެފަދަ ކަމެއް ކުރުމަށް މަސައްކަތްކޮށްފި މީހަކު އެވަނީ ﷲ ތަޢާލާގެ ޚަލްޤުކުރެއްވުން ބަދަލުކުރުމުގެ ސަބަބުން ޢުޤޫބާތް ޙައްޤުވެ، އަދަބު ދިނުން ޙައްޤުވެފައެވެ. ﷲ ތަޢާލާ ވަނީ މިކަން ޙަރާމްކުރައްވާފައެވެ. އަދި މިކަމާ ބެހޭގޮތުން ޝައިޠާނާ ބުނި ބަސް، ﷲ ތަޢާލާވަނީ ޤުރުއާނުގައި އަންގަވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَلَآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ﴾ [سورة النساء ١١٩] ‏

މާނައީ: “އަދި ﷲގެ ޚަލްޤު ބަދަލުކުރުމަށްވެސް އެބައިމީހުންނަށް ތިމަން އަމުރުކުރާހުށީމެވެ.”

ޞަޙީޙު މުސްލިމުގައި އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

“لَعَنَ اللهُ الْوَاشِمَاتِ وَالْمُسْتَوْشِمَاتِ، وَالنَّامِصَاتِ وَالْمُتَنَمِّصَاتِ، وَالْمُتَفَلِّجَاتِ لِلْحُسْنِ الْمُغَيِّرَاتِ خَلْقَ اللهِ”

މާނައީ: “ޓެޓޫ ޖަހައިދޭ އަންހެނުންނާއި (ހަށިގަނޑުގައި) ޓެޓޫ ޖަހާ އަންހެނުންނާއި ބުމަ އުފުރާދޭ އަންހެނުންނާއި ބުމަ އުފުރާ އަންހެނުންނާ އަދި ރީތިކަން ދެއްކުމަށްޓަކައި ދަތްތައް ދުރުކުރާ އަންހެނުންނާއި، ﷲ ގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ.” [1]

އަދި ވިދާޅުވިއެވެ.

“وَمَا لِي لَا أَلْعَنُ مَنْ لَعَنَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ؟ وَهُوَ فِي كِتَابِ اللهِ” [رواه مسلم (120 – (2125))]

މާނައީ: “ރަސޫލުﷲ صلى الله عليه وسلم ލަޢުނަތް ދެއްވި ބަޔަކަށް ތިމަންކަލޭގެފާނު ލަޢުނަތް ނުދޭންވީ ހެއްޔެވެ؟ އެކަން ވަނީ ﷲގެ ފޮތުގައި އަންގަވާފައެވެ.”

އެއީ އަންނަނިވި އާޔަތުގައެވެ.

﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا﴾ [سورة الحشر 7] ‏

މާނައީ: “އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!”

 

ދެވަނައީ: ޖިންސީ ގުނަވަނުގައި އަންހެންކަމުގެ ޢަލާމާތްތަކާއި ފިރިހެންކަމުގެ ޢަލާމާތްތައް އެކުވެފައިވާ މީހަކާމެދު ދަންނައެވެ. ފަހެ، އެފަދަ މީހެއްގެ ކިބައިގައި ބަލަން ޖެހޭނީ އެންމެ ބޮޑަށް ފާޅުވާން ހުރި ޖިންސަށެވެ. ފިރިހެންވަންތަކަން ބޮޑަށް ފާޅުވާން ހުރި މީހެއްނަމަ، އެމީހެއްގެ ފިރިހެންވަންތަކަމާމެދު ޝައްކު އުފައްދާ ކަންތައްތައް ޑޮކްޓަރީ ފަރުވާއިން ނައްތާލުން ހުއްދަވެގެން ވެއެވެ. ހަމަ އެފަދައިން އަންހެންވަންތަކަން ބޮޑަށް ފާޅުވާން ހުރި މީހެއްނަމަ، އެމީހެއްގެ އަންހެންވަންތަކަމާމެދު ޝައްކު އުފައްދާ ކަންތައްތައް ޑޮކްޓަރީ ފަރުވާއިން ނައްތާލުން ހުއްދަވެގެންވެއެވެ. އެއީ އޮޕަރޭޝަނަކުން ނުވަތަ ‘ހޯމޯނު’ ތައް (Hormones) ބޭނުންކޮށްގެން ކަމުގައިވިޔަސް މެއެވެ. އެހެނީ އެއީ ބައްޔެކެވެ. ފަރުވާކުރަނީ ބަލިން ޝިފާ ލިބުމަށެވެ. ﷲ ގެ ޚަލްޤުކުރެއްވުން ބަދަލުކުރާކަށް ނޫނެވެ.

 

وصلى الله على سيدنا محمد، وعلى آله وصحبه وسلم تسليما كثيرا والحمد لله رب العالمين.”


 

މަޞްދަރު: قرارات المجمع الفقهي الإسلامي في دوراته العشرين – الدورة الحادية عشرة – (ص: 291).

 

[1]  މިބަސްފުޅުގައިވާ ކަންތައްތަތަކީ އަންހެނުންނާ އަދި ފިރިހެނުންނަށްވެސް ނަހީކުރެވިފައިވާ ކަންތައްތަކެވެ. ނަމަވެސް ޚާއްޞަގޮތެއްގައި އަންހެނުންގެ ވާހަކަ ބަޔާންކުރެވިފައިވަނީ އެ ޒަމާނުގައި ޢާންމުކޮށް އެކަންކޮށް އުޅުނީ އަންހެނުންކަމުގައި ވާތީއެވެ.  والله أعلم.

 

 

ގުޅުންހުރި ލިޔުން:

ގުނަވަން ބަދަލުކުރުން (ORGAN TRANSPLANTATION)