الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ ރިސާލާއެއްކަމުގައިވާ “السياسة الشرعية في إصلاح الراعي والرعية” ގެ ބައެއް ބައިތަކުގެ ތަރުޖަމާއެކެވެ.
*************************************************
އަމާނާތް އަދާކުރުންވަނީ ދެ ބާވަތަކަށެވެ.
އޭގެ ތެރެއިން ފުރަތަމަ ބާވަތަކީ ވެރިކަމުގެ އަމާނާތެވެ. މިއީ ކުރީން ބުނެވުނު [ނިސާ ސޫރަތުގެ ދެ އާޔަތް] ބާވައިލެއްވުމުގެ ސަބަބެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ މައްކާ ފަތަޙަކުރައްވައި ޝައިބަތުގެ ދަރީންގެ އަތުގައި އޮތް ގެފުޅުގެ ތަޅުދަނޑިކޮޅު ގެންނެވިއެވެ. އެ ތަޅުދަނޑިކޮޅު ދެއްވުމަށް ޢައްބާސްގެފާނު އެދި ވަޑައިގަތެވެ. އެއީ ޙައްޖުވެރީންނަށް ފެން ދިނުމުގެ ވެރިކަމާއި ގެފުޅު ބެލެހެއްޓުމުގެ ވެރިކަމާ، މި ދެ ކަންތައް އެކަލޭގެފާނުގެ އަތްޕުޅުގައި ޖަމާކުރެއްވުމަށެވެ. ދެން ބުނެވުނު އާޔަތް ﷲ ބާވާއިލެއްވިއެވެ. [1] ފަހެ ގެފުޅުގެ ތަޅުދަނޑިކޮޅު ޝައިބަތުގެ ދަރީންނަށް ރައްދު ކުރެވުނެވެ. އެހެންކަމުން ވަލިއްޔުލްއަމުރުގެ މައްޗަށް އޮތީ މުސްލިމުންގެ ކަންކަން މީހުންނާ ޙަވާލު ކުރާއިރު، ކޮންމެ ކަމެއްވެސް އެ ކަމަކަށް އެންމެ ހެޔޮރަނގަޅު މީހަކާ ހަވާލު ކުރުމެވެ.
ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.
«مَنْ وَلِيَ مِنْ أَمْرِ الْمُسْلِمِينَ شَيْئًا، فَوَلَّى رَجُلًا وَهُوَ يَجِدُ مَنْ هُوَ أَصْلَحُ لِلْمُسْلِمِينَ مِنْهُ فَقَدْ خَانَ اللَّهَ وَرَسُولَهُ» [2]
މާނައީ: “މުސްލިމުންގެ ވެރިއެއްގެ ގޮތުގައި ހުރި މީހާ، މުސްލިމުންގެ ކަމެއްގައި ވެރިއެއް ހޮވާއިރު، އެމީހަކަށް ވުރެ އެކަމުގައި މުސްލިމުންނަށް މާ އެކަށޭނެ މީހަކު ހުރިކަން އެނގިހުރެ، އެހެން މީހަކާ ހަވާލުކޮށްފި މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އޭނާ ﷲއާއި އެކަލާނގެ ރަސޫލާއަށް ޚިޔާނާތްތެރި ވެއްޖެކަން ކަށަވަރެވެ.”
އެހެން ރިވާޔަތެއްގައި ވެއެވެ.
«مَنْ قَلَّدَ رَجُلًا عَلَىٰ عِصَابَةٍ، وَهُوَ يَجِدُ فِي تِلْكَ الْعِصَابَةِ من هو أَرْضَىٰ مِنْهُ؛ فَقَدْ خَانَ اللهَ وَرَسُولَه وَخَانَ الْمُؤْمِنِين»
މާނައީ: “ބައެއްގެ މައްޗަށް މީހަކު އިސް ކުރާއިރު، އެ އިސް ކުރެވޭ މީހާއަށް ވުރެ ހެޔޮކަން ބޮޑު މީހެއް އެ މީހުންގެ ތެރޭގައިވާކަން އެނގި ހުރެ، އެ ނޫން މީހަކު އިސްކޮށްފި މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހަކު ﷲއާއި އެކަލާނގެ ރަސޫލާއާއި މުއުމިނުންނަށް ޚިޔާނާތްތެރި ވެއްޖެއެވެ.”
މި ޙަދީޘް ޙާކިމު އެ ކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރެއްވިއެވެ. އަދި ބައެއް ބޭކަލުން ރިވާ ކުރައްވާފައިވާ ގޮތުގައި މިއީ ޢުމަރުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވި ބަސްފުޅެކެވެ. އެކަލޭފާނުގެ އަރިހުން ރިވާވެގެން އައިސްފައި ވެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ.
«مَنْ وَلِيَ مِنْ أَمْرِ الْمُسْلِمِينَ شَيْئًا فَوَلَّى رَجُلًا لِمَوَدَّةٍ أَوْ قَرَابَةٍ بَيْنَهُمَا؛ فَقَدْ خَانَ اللَّهَ وَرَسُولَهُ وَالْمُسْلِمِينَ»
މާނައީ: “މުސްލިމުންގެ ވެރިއެއްގެ ގޮތުގައި ހުރި މީހާ އޭނާގެ ގާތްތިމާގެކަމަށްޓަކައި ނުވަތަ މީހަކާ އޮތް ރަޙުމަތްތެރިކަމަކަށްޓަކައި މުސްލިމުންގެ ކަމެއްގެ މަސްއޫލިއްޔަތު އެއިން މީހަކާ ހަވާލު ކޮށްފިނަމަ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެ ޙަވާލު ކުރި މީހާ ﷲއާއި އެކަލާނގެ ރަސޫލާއާއި މުސްލިމުތަކުންނަށް ޚިޔާނާތްތެރި ވެއްޖެއެވެ.”
ވަލިއްޔުލްއަމުރުގެ މައްޗަށް ވާޖިބު ވެގެންވަނީ މި ބުނި މަގަށް މުސްލިމުންގެ ކަންކަން އެންމެ ޤާބިލު އަދި ކުޅަދާނަ މީހާއާ ޙަވާލު ކުރުމެވެ. މިހެންކަމުން ވަލިއްޔުލްއަމުރުގެ މައްޗަށް އޮތީ އޭނާ އެކިއެކި ރަށްރަށަށް އޭނާގެ ނާއިބުންގެ ގޮތުގައި ފޮނުވާ މީހުންނަކީ ވެރިކަން ޙައްޤު މީސްމީހުންތޯ ހޯދައިބަލައި ކަށަވަރު ކުރުމެވެ. އެއީ ބާރުވެރި އަމީރުންގެ ގޮތުގައިކަމުގައިވިޔަސް ނުވަތަ ޤާޟީންގެ ގޮތުގައި ފޮނުވި ކަމުގައިވިޔަސް މެއެވެ. އަދި އެއީ ލަޝްކަރުތަކުގެ ކޮމާންޑަރުންގެ ގޮތުގައި ފޮނުވާން ކަމުގައި ވިޔަސްމެއެވެ. ނުވަތަ ލަޝްކަރުގެ އިސް ސަފުގެ ބޮޑެތި މަޤާމުތަކާއި ކުދި މަޤާމުތަކަށް ވިޔަސް މެއެވެ.
ވަޒީރުން ކުރެ މުސްލިމުންގެ މުދަލުގެ ކަންކަމުގެ މަސްއޫލިއްޔަތު އުފުލާ މީހުނާއި ކާތިބުންނާއި ޝާއްދީންނާއި[3] ޚަރާޖާއި ޒަކާތް ނެރޭން މަތި ކުރެވިފައިވާ މީހުންނާއި އަދި މި ނޫން ވެސް މުސްލިމުންގެ މުދަލުގެ މައްޗަށް ބާރެއް ލިބިފައިވާ މީހުންގެ މައްޗަށް ވެސް އޮތީ އެ މީސްމީހުންގެ ނާއިބުންގެ ގޮތުގައި އެންމެ ކުޅަދާނަ ޤާބިލު މީހަކު ޚިޔާރު ކުރެމެވެ.
މިކަން ގޮސް ނިމެނީ މީސްތަކުންނާއިގެން ނަމާދު ކުރުމަށް ޚިޔާރު ކުރެވޭ އިމާމުންނާއި ނަމާދަށް ބަންގި ގޮވުމަށް ޚިޔާރު ކުރެވޭ މީހުންނާއި، ޤާރީވެރީންނާއި މުދައްރިސުންނާއި، ޙައްޖުގެ އަމީރުންގެ ގޮތުގައި ޚިޔާރު ކުރެވޭ މީހުންނާއި ސިޓީ އުލުލާ މީހުންގެ ގޮތުގައި ޚިޔާރު ކުރެވޭ މީހުންނާއި ޖާސޫސުންނާއި މުދަލުގެ ބަނޑޭރީންނާއި ގަނޑުވަރުތަކުގެ ބަނޑޭރީންގެ ގޮތުގައި ޚިޔާރު ކުރެވޭ މީހުންނާއި ކަނބުރުވެރީންނާއި ޢަސްކަރިއްޔާގެ އެކި ފަންތިތަކުގެ ކޮމާންޑަރުންނާއި ޤަބީލާޤަބީލާތަކުގެ ވެރީންނާއި ބާޒާރުތަކާއި ރަށްރަށުގެ މައްޗަށް ވެރި ކުރުމަށް ޚިޔާރު ކުރެވޭ މީހުންނާއި ހަމައަށެވެ. މި މީހުންނާއި އަދި މި ނޫނަސް މުސްލިމުންގެ ކަމެއްގެ މަސްއޫލިއްޔަތު އެ މީހެއްގެ ބޮލުގައި އެޅުނު ހަމަ ކޮންމެ މީހަކަށްމެ ވާޖިބު ވެގެންވަނީ އެއިން ކޮންމެ މަޤާމަކަށްމެ އެންމެ ކުޅަދާނަ ޤާބިލު މީހަކު ޢައްޔަނު ކުރުމެވެ.
މީހަކު އެ މަސްއޫލިއްޔަތެއްގެ ޒިންމާ ނެގުމަށް އެދި ހުށަހެޅުމުން އެ މީހަކަށް އެ މަސްއޫލިއްޔަތެއް ހަވާލު ނުކުރުމެވެ. ނުވަތަ އެ ޒިންމާ ބޮލުގައި އަޅާން މީހުން އެދޭ ތަރުތީބުގެ މައްޗަށް ބަލައި މީހަކު ޚިޔާރު ނުކުރުމެވެ. އަދި ކިއެއް ހެއްޔެވެ! އެ ވެގެން ދާނީ އެފަދަ މީހަކަށް އެ މަސްއޫލިއްޔަތު ދިނުން މަނާ ކުރެވޭނޭ ކަމަކަށެވެ.
ޞަޙީޙުގައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ އަރިހުން ސާބިތުވެގެން އައިސްފައި ވަނީ:
ޤައުމެއްގެ ބަޔަކު ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ އަރިހަށް އައިސް ވެރިކަމަކަށް އެދުނެވެ. އެ ހިނދު އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
«إِنَّا لاَ نُوَلِّي هَذَا مَنْ سَأَلَهُ» [صحيح البخاري (7149)] [4]
މާނައީ: “އަހަރެމެންގެ މި ކަންތަކަށް އެދެފި މީހަކު މި ކަންތަކަށް ވެރި ނުކުރަމެވެ.”
އަދި ޢަބްދުއްރަޙްމާން ބްނު ސަމުރާއަށް ޙަދީޘް ކުރެއްވިއެވެ.
«لاَ تَسْأَلِ الإِمَارَةَ، فَإِنَّكَ إِنْ أُعْطِيتَهَا مِنْ غَيْرِ مَسْأَلَةٍ أُعِنْتَ عَلَيْهَا، وَإِنْ أُعْطِيتَهَا عَنْ مَسْأَلَةٍ وُكِلْتَ إِلَيْهَا» [صحيح البخاري (6722)]
މާނައީ: “ވެރިކަމަށް ކަލޭގެފާނު އެދިވަޑައިނުގަންނަވާށެވެ! ފަހެ ހަމަކަށަވަރުން ކަލޭގެފާނު އެދިވަޑައިގެންނެވުމަކާ ނުލައި އެ ކަން ޙަވާލު ކުރެވިއްޖެނަމަ؛ ކަލޭގެފާނުގެ އެ މަސައްކަތުގައި އެހީތެރިކަމާއި މަދަދު ލިބޭނެއެވެ. އެހެނަސް ކަލޭގެފާނު އެ ކަމަށް އެދިވަޑައިގެންނެވިނަމަ އެ ކަންތަކުގައި ކަލޭގެފާނަށް އެހީތެރިކަމެއް މަދަދެއް ނުލިބޭނެއެވެ.”
މި ޙަދީޘް ދެ ޞަޙީޙުގައިވެސް ގެންނަވާފައި ވެއެވެ. އަދިވެސް އިތުރުއެކަލަގޭފާނު ޙަދީޘް ކުރައްވައިފައި ވެއެވެ.
«مَنْ طَلَبَ الْقَضَاءَ وَاسْتَعَانَ عَلَيْهِ، وُكِلَ إِلَيْهِ، وَمَنْ لَمْ يَطْلُبْهُ وَلَمْ يَسْتَعِنْ عَلَيْهِ، أَنْزَلَ اللَّهُ مَلَكًا يُسَدِّدُهُ» [سنن أبي داود (3578) وضعيف الجامع الصغير للألباني (5688)]
މާނައީ: “ޤަޟާއަށް އެދިގެން އެ ކަންތައް ހޯދުމުގައި އެހީތެރިކަމަށް އެދޭ މީހާއަށް އެ ކަންތައް ވަކީލު ކުރެވިއްޖެއެވެ. އަދި ޤަޟާއަށް އެދުމަކާ ނުލައި، އަދި އެ ހޯދުމުގައި އެހީތެރިކަމަކަށް ވެސް ނުއެދޭ މީހާއަށް އެ މަސައްކަތުގައި ތެދުމަގަށް މަގު ކޮށައިދޭނޭ މަލާއިކަތެއް، ﷲ ފޮނުއްވާނެއެވެ.”
[1] އެއީ ނިސާ ސޫރަތުގެ 58 ވަނަ އާޔަތާއި 59 ވަނަ އާޔަތެވެ.
[2] މި ލިޔުމުގައި މިވާ ދެ ޙަދީޘްގެވެސް ސީދާ ދިމާވާ ލަފްޒެއް އެނގޭކަށް ނެތެވެ. ފަހަރުގައި މި ދެ ޙަދީޘްވެސް ޞައްޙަ ނުވާތީ މާނައިން ގެންނަވާފައިވުން އެކަށީގެން ވެއެވެ. ފަހެ މި ދެ ޙަދީޘާއި މާނައިގެ ގޮތުން ގާތް ކުރާ 2 ޙަދީޘެއް ވެއެވެ. މި ދެ ޙަދީޘް ބައެއް ޢިލްމުވެރިން ޞައްޙަކުރެއްވިޔަސް ރަނގަޅު ގޮތަކީ މި ދެ ޙަދީޘް ޞައްޙަ ނޫންކަމެވެ. އެހެނަސް މި ދެ ޙަދީޘްގެވެސް މާނަ ރަނގަޅެވެ. އަދި އިސްލާމްދީނުގެ ޢާންމު އުޞޫލުތަކާއި ޤަވާޢިދުތައް މިކަމަށް ބާރުދެއެވެ.
- «مَنْ وَلِيَ مِنْ أَمْرِ الْمُسْلِمِينَ شَيْئًا فَأَمَّرَ عَلَيْهِمْ أَحَدًا مُحَابَاةً فَعَلَيْهِ لَعْنَةُ اللَّهِ لَا يَقْبَلُ اللَّهُ مِنْهُ صَرْفًا وَلَا عَدْلًا حَتَّى يُدْخِلَهُ جَهَنَّمَ» [رواه الحاكم (7024) وضعفه الألباني في ضعيف الترغيب (1340)]
މާނައީ:”މުސްލިމުންގެ ވެރިއެއްގެ ގޮތުގައި ހުރި މީހާ، މުސްލިމުންގެ ކަމެއްގައި ވެރިއެއް ހޮވާއިރު، (އެމީހަކަށް ވުރެ އެކަމުގައި މުސްލިމުންނަށް މާ އެކަށޭނެ މީހަކު ހުރިކަން އެނގިހުރެ) ގާތްމީހަކަށް ވާތީ އެމީހަކާ ހަވާލުކޮށްފި މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހެއްގެ ކިބައިން ސުންނަތެއްވެސް އަދި ފަރުޟެއްވެސް ﷲ ޤަބޫލުނުކުރައްވާނެއެވެ. އެއީ (އެކަމުގެ ސަބަބުން) އެމީހަކު ނަރަކަށް ވެއްދުމަށް ދާންދެނެވެ.”
- «مَنِ اسْتَعْمَلَ رَجُلًا مِنْ عِصَابَةٍ وَفِي تِلْكَ الْعِصَابَةِ مَنْ هُوَ أَرْضَى لِلَّهِ مِنْهُ فَقَدْ خَانَ اللَّهَ وخانَ رَسُولَهُ وخانَ الْمُؤْمِنِينَ» [رواه الحاكم (7023) وضعفه الألباني في السلسلة الضعيفة (4545)]
މާނައީ: “ބައެއްގެ މައްޗަށް މީހަކު އިސް ކުރާއިރު، އެ އިސް ކުރެވޭ މީހާއަށް ވުރެ ހެޔޮކަން ބޮޑު މީހެއް އެ މީހުންގެ ތެރޭގައިވާކަން އެނގި ހުރެ، އެ ނޫން މީހަކު އިސްކޮށްފި މީހާ ދަންނައެވެ. ފަހެ ހަމަކަށަވަރުން އެމީހަކު ﷲއާއި އެކަލާނގެ ރަސޫލާއަށް ޚިޔާނާތްތެރިވެއްޖެކަން ކަށަވަރެވެ. އަދި މުއުމިނުންނަށްވެސް ޚިޔާނާތްތެރި ވެއްޖެއެވެ.”
[3] “މި ފޮތުގެ ނުސްޚާއެއްގެ ހަވާސާގައި ވެއެވެ: “އެއީ ޢިލްމާއި އަދަބާއި މުދާ ފަދަ އެއްޗެހި ޖަމާ ކުރާ ފަރާތެވެ.” ا.هـ. އެހެންކަމުން ޝާއްދީންނަކީ ޖަމާ ކުރާ މީހުންނެވެ.” التَّعْلِيق عَلَىٰ السِّيَاسَةِ الشَّرْعِيَّةِ لِشَيْخِ الإِسْلَام اِبْن تَيْمِيَّةَ (ޞ 23)، مُؤَسَّسَة الشَّيْخ مُحَمَّد بْن صَالِح العُثَيْمِين الخَيْرِيَّةِ، 1440.
[4] مستخرج أبي عوانة 7457، 7458 لفظ البخاري برقم (6923) ومسلم برقم (1733) «أَوْ لَا نَسْتَعْمِلُ عَلَى عَمَلِنَا مَنْ أَرَادَهُ».