الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިމާމުވެ ނޫނީ އެކަނި ހުރެ ނަމާދުކުރާ މީހާގެ ކުރިމަތީގައި ސުތުރާއެއް [1] ބެހެއްޓުމަކީ ގަދަވެގެންވާ ސުންނަތެކެވެ. ފިޤުހީ ހަތަރު މަޛްހަބު (ޙަނަފީ ، މާލިކީ، ޝާފިޢީ، ޙަންބަލީ މަޛްހަބު) ވަނީ މިކަމަށް އިއްތިފާޤުވެފައެވެ. އަދި އެއީ ސުންނަތެއްކަން ބަޔާންކުރައްވާ ބައެއް ޢިލްމުވެރިން ވަނީ އިޖުމާޢުވެސް ނަޤުލުކުރައްވާފައެވެ. [2]
ނަމާދުކުރާ މީހާގެ ކުރިމަތީގައި ސުތުރާ ބެހެއްޓުމަށް ސުންނަތުން އައިސްފައިވާ ބައެއް ދަލީލުތައް:
- އަބޫ ސަޢީދުލް ޚުދްރީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إذا صلَّى أحَدُكم فليُصَلِّ إلى سُترةٍ ولْيَدْنُ منها» [أخرجه أبو داود (698) واللفظ له، وابن ماجه (954)، والبيهقي في السنن الكبرى (3446) صحَّح إسنادَه النَّووي في الخلاصة (1 / 518)، وصحَّح الحديثَ ابنُ باز في فتاوى نور على الدرب (9 / 308)، والألباني في صحيح سنن أبي داود (698)].
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުކުރާ ކަމުގައިވާނަމަ، ސުތުރާއެއް ކުރިމަތީގައި ބަހައްޓައިގެން ނަމާދުކުރާ ހުށިކަމެވެ. އަދި އެއާ ކައިރިވާ ހުށިކަމެވެ.”
- އަބޫ ޛައްރުލް ޣިފާރީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إذا قام أحَدُكم يُصلِّي، فإنَّه يستُرُه إذا كان بين يديه مِثلُ آخِرَةِ الرَّحْلِ» [رواه مسلم (510)].
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދުކުރުމަށް ތެދުވާ ހިނދު، ފަހެ އެމީހާގެ ކުރިމަތީގައި ސުތުރާއެއް ބަހައްޓާ ހުށިކަމެވެ. އެއީ ޖަމަލު މަތީގައި ބައިންދާ ގޮނޑީގެ ފަހަތުބައިފަދަ އެއްޗަކުން ވިޔަސް މެއެވެ.”
- އަބޫ ސަޢީދުލް ޚުދްރީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެހީމެވެ.
«إذا صلَّى أحَدُكم إلى شيءٍ يستُرُه مِن النَّاسِ فأراد أحدٌ أنْ يجتازَ بين يديه فليدفَعْه، فإن أبى فليُقاتِلْه؛ فإنَّما هو شيطانٌ» [رواه البخاري (509)، ومسلم (505)].
މާނައީ: “ތިޔަބައިމީހުން ކުރެ މީހަކު އޭނާގެ ކުރިމަތީގައި ސުތުރާއެއް ބަހައްޓައިގެން ނަމާދުކުރަން ހުއްޓައި، އޭނާގެ ކުރިމަތިން މީހަކު ހުރަސްކުރަން އުޅެފިނަމަ، ފަހެ އެމީހާ ހުއްޓުވާ ހުށިކަމެވެ. އަދި އެމީހާ އެކަމަށް އިންކާރުކޮށްފިނަމަ (އެބަހީ: ދެވަނަ ފަހަރަށްވެސް އެމީހާ ހުރަސްކުރަން މަސައްކަތް ކޮށްފިނަމަ)، ފަހެ އެމީހާ ދުރުކުރާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެއީ ޝައިޠާނެކެވެ. (އެބަހީ: އޭނާ ލައްވާ އެކަން އެކުރުވަނީ ޝައިޠާނެކެވެ.)”
- ޢަބްދުﷲ ބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
«أقبَلْتُ راكبًا على حمارٍ أتَانٍ، وأنا يومَئذٍ قد ناهَزْتُ الاحتلامَ، ورسولُ اللهِ صلَّى اللهُ عليه وسلَّم يُصلِّي بمِنًى إلى غيِر جِدارٍ، فمرَرْتُ بين يدَيْ بعضِ الصَّفِّ، وأرسَلْتُ الأتَانَ ترتَعُ، فدخَلْتُ في الصَّفِّ، فلم يُنكَرْ ذلك علَيَّ» [رواه البخاري (76)، ومسلم (504)].
މާނައީ: “އަހުރެން ހިމާރެއްގެ މައްޗަށް ސަވާރުވެގެން (މިނާއަށް) އައީމެވެ. އަދި އެދުވަސްވަރުގައި އަހުރެންވަނީ ބާލިޣުވާން ކައިރިވެފައެވެ. އޭރު ﷲ ގެ ރަސޫލާ صلى الله عليه وسلم ހުންނެވީ މިނާގައި، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ފާރެއް ނެތް ޙާލު (މީސްތަކުންނާއިގެން) ނަމާދުކުރައްވާށެވެ. ފަހެ އަހުރެން ބައެއް ސަފުތަކުގެ ކުރިމަތިން ހުރަސްކުރީމެވެ. އަދި (އަހުރެން ސަވާރުވެގެން ހުރި) ހިމާރު ކައިބޮއި ހެދުމަށް ދޫކޮށްލާފައި، ސަފަށް ވަނީމެވެ. ފަހެ އަހުރެން އެކުރި ކަމަކަށް އެކަކުވެސް އިންކާރެއް ނުކުރެއެވެ.”
މި ޙަދީޘްފުޅުން ދަލީލު ނަގަނީ:
އެކަލޭގެފާނުގެ ބަސްފުޅު “އޭރު ﷲ ގެ ރަސޫލާ صلى الله عليه وسلم ހުންނެވީ މިނާގައި، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ފާރެއް ނެތް ހާލު ނަމާދުކުރައްވާށެވެ.” މި އިބާރާތުން ދަލީލުކޮށްދެނީ: ކުރިމަތީގައި ސުތުރާއެއް ނުބަހައްޓާވެސް އިމާމުވެ ނަމާދުކުރުން ހުއްދަކަމެވެ. [شرح صحيح البخاري لابن بطال (1 / 162)].
އެހެނަސް އެންމެ މޮޅު އިތުރު ގޮތަކީ ސުތުރާއެއް ބަހައްޓައިގެން ނަމާދުކުރުމެވެ. އަދި އިމާމު މީހާއާއި އެކަނި ނަމާދުކުރާ މީހާގެ ކުރިކެނޑުމެއް ނުވެއެވެ. އެހެނަސް ޖަމާޢަތުގައި ބަޔަކު ނަމާދަށް ތިއްބާ ހުރަސް ކުރަން ޖެހިއްޖެ މީހަކަށް އިމާމުމީހާ ފިޔަވާ ދެން ތިބި މީހުންގެ ކުރިމަތިން ހުރަސްކުރުމަކީ ހުއްދަކަމެއްކަން މި ޙަދީޘުން ދަލީލުކުރެއެވެ.
[1] ސުތުރާ: ލަފްޒީ ގޮތުން ‘ސުތުރާ’ އަކީ މީހާ ނިވާވުމަށް ބޭނުންކުރާ އެއްޗެކެވެ. ފިޤުހުވެރިން ޢާންމު ގޮތެއްގައި ‘ސުތުރާ’ މި ލަފްޒު ބޭނުންކުރަނީ: ނަމާދުކުރާއިރު ނަމާދުކުރާ މީހާ އޭނާގެ ކުރިމަތިން މީސްތަކުން ހުރަސްކުރުން ހުއްޓުވުމަށް ބަހައްޓާ އެއްޗަކަވެ. އެއީ އަސާއެއް ނުވަތަ ލޮންސިއެއް ނުވަތަ ދުނިދަނޑިއެއް ނުވަތަ ގަހެއް ނުވަތަ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެފަދަ ކޮންމެ އެއްޗެކެވެ. ސުތުރާއަށް ބޭނުންކުރާ އެތީގެ ދިގު މިނުގައި އެންމެ ކުޑަވެގެން ކައިވަތެއްވަރު ހުރުން ރަނގަޅެވެ. (ބައްލަވާ: منحة العلام لعبدالله الفوزان (2 / 395 ، 406)) އަދި ބައެއް މިސްކިތްތަކުގައި ސުތުރާއަކަށް ޚާއްޞަކޮށްގެން ލަކުޑިން ބައެއް އެއްޗިސް ހަދާފައި ހުރެއެވެ. އެފަދައިން އެއްޗެހި ހެދުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޒަމާނުގައިވެސް އެފަދައިން ސުތުރާއަށް ޚާއްޞަ އެއްޗެއް ހަދާފައި ނުވެއެވެ. މިސްކިތުގައި ނަމާދުކުރާއިރުގައި ފާރެއް ނުވަތަ ތަނބެއް ނުވަތަ އެނޫނަސް މިސްކިތުގައި ހުރި އެއްޗެއް ސުތުރާއެއްގެ ގޮތުގައި ބޭނުން ކުރުމުން ރަނގަޅުވާނެއެވެ. (ބައްލަވާ: فتاوى اللجنة الدائمة للإفتاء، س: 1 ، الرقم: (2613))
[2] ބައްލަވާ: بداية المجتهد لابن رشد (1 / 113) والمجموع للنووي (3 / 247)، އިބްނު ޤުދާމާ رحمه الله ވިދާޅުވިއެވެ. “ނަމާދުކުރާ މީހާ ސުތުރާއެއް ނަގައިގެން ނަމާދުކުރުމަކީ ސުންނަތެކެވެ. ފަހެ މިސްކިތުގައި ނުވަތަ ގޭގައި ނަމާދުކުރާއިރުގައި ފާރަކާ ދިމާލަށް ނުވަތަ ތަނބަކާ ދިމާލަށް ހުރެގެން ނަމާދުކުރާނީއެވެ. އަދި ބޭރުގައި ހުސްތަނެއްގައި ކުރާނަމަ އޭނާގެ ކުރިމަތީގައި ކޮންމެވެސް އެއްޗެއް ހުންނަ ގޮތަށް ކުރާނީއެވެ. ނުވަތަ ލޮންސިއެއް އަދި ޢަޞާއެއްފަދަ އެއްޗެއް ކުރިމަތީ ބަހައްޓައިގެން ކުރާނީއެވެ. ނުވަތަ އޭނާގެ ޖަމަލު ހުރަހަށް ބަހައްޓައިގެން ނަމާދުކުރާނިއެވެ. ނުވަތަ ސަވާރީގެ މަތީ ބަހައްޓާ ގޮނޑި ކުރިމަތީ ބަހައްޓައިގެން ކުރާނީއެވެ. އިމާމު އަޙްމަދު رحمه الله އާ ސުވާލުދެންނެވުނެވެ. ޤާއިމުވެ ހުންނައިރުވެސް އަދި ދަތުރުގައިވެސް ނަމާދުކުރާނީ ސުތުރާއެއް ބަހައްޓައިގެން ހެއްޔެވެ؟ ވިދާޅުވިއެވެ. އާނއެކެވެ. އެއީ ސަވާރީގެ މަތީގައި ބަހައްޓާ ގޮނޑިފަދަ އެއްޗެކެވެ. އަދި އެއީ ސުންނަތެއް ކަމާ މެދުގައި ޚިލާފެއް އޮތްކަން އެނގިފައި ނުވެއެވެ.” (المغني لابن قدامة (2 / 174)). އަދި ބައެއް ޢިލްމުވެރިން އެއީ ވާޖިބެއްކަމުގައިވެސް ދެކެވަޑައިގަންނަވައެވެ. (ބައްލަވާ: منحة العلام لعبدالله فوزان (2 / 407)).
ސުތުރާއާ ގުޅުން ހުރި އިތުރު ލިޔުންތައް