[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުން ބެހިގެންވާ ބައިތައް – 2

ދެވަނަ ބަޔަކީ ސަބަބީގެ ނަމުން ނަން ދެވިފައިވާ ބައެވެ. މިއީ ކޮންމެވެސް ސަބަބަކާ ގުޅިގެން ބާވައިލައްވާފައިވާ  އާޔަތްތަކެވެ. މި ސަބަބު އެކި ޙާލަތްތަކުގައި ތަފާތުވެއެވެ.

ހ. އާޔަތެއް ބާވައިލެއްވުނީ ކުރިމަތިވާ ސުވާލަކަށް ޖަވާބު ދެއްވުމަށްކަމުގައި ވެދާނެއެވެ. ސުވާލެއް ކުރެއްވުމުން އެކަމުގެ ޖަވާބު އަންގަވައިދެއްވައި الله ތަޢާލާ އާޔަތް ބާވައިލައްވައެވެ. މިޘާލަކަށް އަންނިވި އާޔަތެވެ.

﴿يَسْأَلُونَكَ عَنِ الْأَهِلَّةِ ۖ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ﴾ [1]

މާނައީ: “ހުޅެވިހަނދާއި ބެހޭގޮތުން އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ޙައްޖުގެ ކަންކަމުގައްޔާއި އެހެނިހެން ކަންކަމުގައިވެސް މީސްތަކުން ވަޤުތު ބެލުމަށްވާ އެއްޗެކެވެ.”

 

ޝަރަޙަ

(﴿يَسْأَلُونَكَ عَنِ الْأَهِلَّةِ﴾ “ހުޅެވިހަނދާއި ބެހޭގޮތުން އެބައިމީހުން ކަލޭގެފާނާއި ސުވާލު ކުރެއެވެ.”)

ސުވާލު ކުރެއްވި ބޭކަލުންނަކީ އަޞްޙާބު ބޭކަލުންނެވެ. ފަހަރުގައި އެހެން ބަޔަކަށްވުން ވެސް އެކަށީގެންވެއެވެ. ނަމަވެސް އާޔަތުގެ މާނައަށް ބަލާއިރު ބެލެވެނީ އެއީ އަޞްޙާބު ބޭކަލުން ކަމަށެވެ. މުޝްރިކުންނެއް ނޫނެވެ.

 

(﴿الْأَهِلَّةِ﴾ “ހުޅެވިހަނދު”) ހުޅެވިހަނދަކީ (ހަނދުމަހުގެ) ފުރަތަމަ ރޭ ފެންނަ ހަނދެވެ. މި ހަނދު ފުރަތަމަ ތިން ރޭ ފެންނާނެއެވެ. އެހެންނަމަވެސް (މަސް ފެށުމުގެ) ޙުކުމް ގުޅުފައިވަނީ ފުރަތަމަ ރޭ ފެންނަ ހަނދަށެވެ. މިކަމާ ބެހޭގޮތުން ސުވާލުކުރެއްވުމުން ހުޅެވިހަނދުގެ ޙިކުމަތް الله ތަޢާލާ މިވަނީ ބަޔާންކޮށްދެއްވާފައެވެ.

﴿قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ﴾

މާނައީ: “އެއީ ޙައްޖުގެ ކަންކަމުގައްޔާއި އެހެނިހެން ކަންކަމުގައިވެސް މީސްތަކުން ވަގުތު ބެލުމަށްވާ އެއްޗެކެވެ.”

 

(﴿مَوَاقِيتُ لِلنَّاسِ﴾ “މީސްތަކުން ވަޤުތު ބެލުމަށްވާ އެއްޗެކެވެ.”)

މާނައަކީ ޢަރަބިންނާ އަދި ޢަޖަމީންގެ ތެރެއިން ހުރިހާ އިންސާނުންނެވެ. ހަނދު ޚަލްޤު ކުރެވުން ދުވަހުން ފެށިގެން، ﷲ އިރާދަ ކުރާއްވާ ދުވަހަކާއި ހަމައަށް އެއީ މީސްތަކުން އެމީހުންގެ ކަންކަމުގައި ވަޤުތު ކަނޑައެޅުމަށްވާ އެއްޗެކެވެ.

 

(﴿وَالْحَجِّ﴾ “އަދި ޙައްޖުގެ ވަޤުތު ބެލުމަށް ވާ އެއްޗެކެވެ.”)

ޙައްޖުގެ އަޅުކަމަށް ނައްޞު ކުރައްވާފައި މިވަނީ, ޙައްޖުގެ އަޅުކަމަކީ މައްސަރަށް ބަލައިގެން ކުރެވޭ އަޅުކަމެކެވެ. ނަމާދަކީ ކޮންމެ ދުވަހަކުވެސް އަދާ ކުރާ އަޅުކަމެކެވެ. ނަމާދުގެ ވަޤުތު ބެލުން ވަނީ އިރު އެރުމާއި އޮއްސުމަށް ބަލައިގެންނެވެ. ރަމަޟާން މަހުގެ އަޅުކަމަކީވެސް މައްސަރު ބަލައިގެން އަދާކުރެވޭ އަޅުކަމަށް ވީއިރުވެސް ރަމަޟާން މަހުގެ ވާހަކަ ޛިކުރު ނުވެ، ޙައްޖުގެ ވާހަކަ ބަޔާންކުރައްވާފައި އެވަނީ ޙައްޖުގެ އަޅުކަމަށް މީސްތަކުން ދަތުރުކުރަން ޖެހޭތީއެވެ.

ހަނދު ކުޑަވެ އަދި ބޮޑުވާ ސަބަބާ ބެހޭގޮތުން ޞަޙާބީ ބޭކަލުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އާއި ސުވާލުދެންނެވުމުން، މިކަމުގެ ޙިކުމަތް ބަޔާންކުރައްވައި الله މިވަނީ އާޔަތް ބާވައިލައްވާފައެވެ.

 

މި އާޔަތުން ލިބިދޭ ބައެއް ފައިދާތައް:

– ﷲ ތަޢާލާގެ ޢިލްމުފުޅާއި, އެއިލާހުގެ ފުރިހަމަ އަދި ތަނަވަސްވެގެންވާ އައްސަވާވޮޑިގެންވުމުގެ ޞިފަ ޘާބިތުކުރުން.

– މީސްތަކުން އެކަމަކަށް ބޭނުންވާނެ އެއްވެސް ކަމެއް ބަޔާން ނުވެ ވާނަމަ އެކަމަކާއި ބެހޭގޮތުން ޞަޙާބީ ބޭކަލުން ސުވާލުކުރައްވާފައި ވާކަން އެނގިގެންދެއެވެ. މިއީ އިސްލާމް ދީނުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.

 


މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –


 

[1] سورة البقرة 189

 

ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުން ބެހިގެންވާ ބައިތައް – 1