ކީރިތި ޤުރުއާން ބާވައިލެއްވުން ދެ ބަޔަކަށް ބެހިގެންވެއެވެ.
ފުރަތަމަ ބަޔަކީ އިބްތިދާއީގެ ނަމުން ނަން ދެވިފައިވާ ބައެވެ. މިއީ އެއްވެސް ސަބަބަކާއި ގުޅުމެއް ނެތި ބާވައިލައްވާފައިވާ އާޔަތްތަކެވެ. ޤުރުއާނުގެ ގިނަ އާޔަތްތަކަކީ މިފަދަ އާޔަތްތަކެވެ. މީގެ ތެރޭގައި:
﴿وَمِنْهُم مَّنْ عَاهَدَ اللَّهَ لَئِنْ آتَانَا مِن فَضْلِهِ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ الصَّالِحِينَ﴾ [1]
މާނައީ: “އަދި އެބައިމީހުންގެ (މުނާފިޤުންގެ) ތެރޭގައި ﷲ އާއި ޢަހުދުކުރި މީހުންވެއެވެ. އެއީ އެއިލާހުގެ ފަޟްލުވަންތަ ކަމުން އަހުރެމެންނަށް (މުދަލާއި ތަނަވަސްކަން) ދެއްވައިފިއްޔާ ހަމަކަށަވަރުން އަހުރެމެން ޞަދަޤާތްކުރާ ހުށީމެވެ. އަދި ހަމަކަށަވަރުން ޞާލިޙުންގެ ތެރެއިން އަހުރެމެންވާ ހުށީމެވެ.”
މިއީ މުނާފިޤުންގެ ޙާލަތު ބަޔާންކުރައްވާފައިވާ އިބްތިދާއީ އާޔަތެކެވެ. މަޝްހޫރުވެގެންވާ ގޮތުގައި މި އާޔަތް ބާވައިލެއްވުނީ ޘަޢުލަބަތު ބުން ޙާޠިބު އާ ބެހޭގޮތުންނެވެ. ވަރަށް ގިނަ މުފައްސިރުންނާ އަދި ނަޞޭޙަތް ދޭ މީހުންވެސް މިގޮތަށް ޛިކުރުކުރައްވާފައި ވެއެވެ. އެހެންނަމަވެސް މިއީ ޞައްޙަކަމެއް ނުވާ ބަލިކަށި ބަހެކެވެ. [2]
ޝަރަޙަ
ޤުރުއާން ބާވައިލެއްވުން ބެހެނީ ދެ ބަޔަކަށެވެ. އެއީ އިބްތިދާއީ އަދި ސަބަބީ އެވެ. އިބްތިދާއީ އަކީ ސަބަބަކާއި ނުލައި ބާވައިލައްވާފައިވާ އާޔަތްތަކެވެ. ޤުރުއާނުގެ ގިނަ އާޔަތްތައް ވަނީ މި ބައިގައެވެ. މި ބައިގެ އާޔަތްތަކުގެ ތެރޭގައި:
﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ﴾ [3]
މާނައީ: “ކަލޭގެފާނު ރައްބުގެ އިސްމުފުޅުން ކިޔަވާ ވިދާޅުވާށެވެ!”
﴿يَا أَيُّهَا الْمُدَّثِّرُ﴾ [4]
މާނައީ: “އޭ ފޭރާންތައް އޮޅުއްވައިގެން ނިވާވެގެންވާ ކަލޭގެފާނެވެ!”
﴿الم * ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ﴾ [5]
މާނައީ: “الم (މިއަކުރުތަކުގެ މާނަ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.) މިފޮތާ މެދު (އެބަހީ: ޤުރުއާނާ މެދު) އެއްވެސް ޝައްކެއް ނެތެވެ. އެއީ ތަޤުވާވެރިންނަށްވާ ތެދުމަގެކެވެ.”
)ޤުރުއާނުގެ ގިނަ އާޔަތްތައް ވަނީ މި ބައިގައެވެ. މީގެ ތެރޭގައި:
﴿وَمِنْهُم مَّنْ عَاهَدَ اللَّهَ﴾ [6]
މާނައީ: “އަދި އެބައިމީހުންގެ (މުނާފިޤުންގެ) ތެރޭގައި ﷲ އަށް ޢަހުދުކުރި މީހުންވެއެވެ.”(
އިބްތިދާއީ އާޔަތްތަކުގެ ގިނަކަމާއި އެކުވެސް މި އާޔަތް މިޘާލެއްގެ ގޮތުގައި ނަގާފައި މިވަނީ ޛިކުރުކޮށްފައިވާ ވާހަކައަށް އިޝާރަތް ކުރުމަށެވެ.
އާޔަތުގައިވާ ‘އެބައިމީހުން’ގެ މާނައަކީ މުނާފިޤުންނެވެ. ފަހެ އެބައިމީހުން ﷲ އަށް ޢަހުދު ކުރިއެވެ. ﷲ އެއިލާހުގެ ފަޟްލަވަންކަމުން އެބައިމީހުންނަށް މުދާ ދެއްވައި، މުއްސަނދި ކުރައްވައިފި ނަމަ ހަމަކަށަވަރުން ޞަދަޤާތް ދޭނެކަމަށާއި އަދި ޞާލިޙުންގެ ތެރެއިން ވާނެ ކަމަށެވެ.
﴿وَمِنْهُم مَّنْ عَاهَدَ اللَّهَ لَئِنْ آتَانَا مِن فَضْلِهِ لَنَصَّدَّقَنَّ وَلَنَكُونَنَّ مِنَ الصَّالِحِينَ * فَلَمَّا آتَاهُم مِّن فَضْلِهِ بَخِلُوا بِهِ وَتَوَلَّوا وَّهُم مُّعْرِضُونَ * فَأَعْقَبَهُمْ نِفَاقًا فِي قُلُوبِهِمْ إِلَىٰ يَوْمِ يَلْقَوْنَهُ بِمَا أَخْلَفُوا اللَّهَ مَا وَعَدُوهُ وَبِمَا كَانُوا يَكْذِبُونَ * أَلَمْ يَعْلَمُوا أَنَّ اللَّهَ يَعْلَمُ سِرَّهُمْ وَنَجْوَاهُمْ وَأَنَّ اللَّهَ عَلَّامُ الْغُيُوبِ﴾ [7]
މާނައީ: “ހަމަކަށަވަރުން އެއިލާހުގެ ފަޟްލުވަންތަކަމުން ތިމަންމެންނަށް ދެއްވައިފިނަމަ، ހަމަކަށަވަރުން ތިމަންމެން ޞަދަޤާތް ކުރާ ހުށީމޭ އަދި ތިމަންމެން ޞާލިޙުންގެ ތެރެއިން ވާހުށީމޭ ކިޔައި، ﷲއަށް ޢަހުދުކޮށް އުޅުނު މީހުންވެސް އެބައިމީހުންގެ ތެރެއިން ވެއެވެ. (75) ފަހެ، އެއިލާހުގެ ފަޟްލުވަންތަކަމުން އެބައިމީހުންނަށް ދެއްވި ހިނދު، އެތަކެއްޗަށް އެބައިމީހުން ދަހިވެތިވިއެވެ. އަދި ފުރަގަސްދޭ ޙާލު އެނބުރި ދިޔައެވެ. (76) އޭގެ ސަބަބުން އެއަށްފަހުގައި އެބައިމީހުންގެ ހިތްތަކުގައި އެއިލާހު ނިފާޤުކަން ލެއްވިއެވެ. އެއީ އެއިލާހާ އެބައިމީހުން ބައްދަލުކުރާ ދުވަހާ ޖެހެންދެނެވެ. އެއީ އެބައިމީހުން ﷲ އަށް ވަޢުދުކުރި ކަންތަކާމެދު ޚިލާފުވީމައެވެ. އަދި އެބައިމީހުން ދޮގުހަދައި އުޅުނީމައެވެ. (77)”
ބައެއް މީހުން ބުނެއެވެ. ހަމަކަށަވަރުން މި އާޔަތް ބާވައިލެއްވުނީ ޘަޢުލަބާ ބުން ޙާޠިބު އާއި ބެހޭގޮތުންނެވެ. އެކަލޭގެފާނު ތައުބާވުމަށް އެދިވަޑައިގެން، ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ގެ އަރިހަށް އައެވެ. އެހެންނަމަވެސް އެކަލޭގެފާނަށް އެކަމެއް ޙާޞިލެއް ނުވިއެވެ. މި ވާހަކަ ތަފްސީރުގައި ބަޔާންވެފައި ވެއެވެ. ނަމަވެސް މި ވާހަކަ ޘަޢުލަބާ ބުން ޙާޠިބު އާއި ބެހޭގޮތުން ޞައްޙައެއް ނޫނެވެ. މިއީ ޞައްޙަ ވާހަކައެއް ނޫނެވެ. ސަބަބަކީ އަޅާ ކިތަންމެ ގިނަ ފާފައެއް ކުރިކަމުގައިވިޔަސް އެމީހަކު ތައުބާވެ، الله ގެ މަގަށް ރުޖޫޢަވެއްޖެ ނަމަ ފަހެ އެއިލާހު އެމީހެއްގެ ކިބައިން ތައުބާ ޤަބޫލުކުރައްވާނެއެވެ. ފަހެ ޟަރޫރީކޮށް އެނގޭ ކަންކަމާއި މި ވާހަކަ ޚިލާފެވެ. އެއީ ތައުބާވާ މީހުންގެ ކިބައިން ﷲ ތައުބާ ޤަބޫލުކުރެއްވުމެވެ. ވުމާއެކު ކީރިތި ޤުރުއާނާއި ޚިލާފު މިފަދަ ޞައްޙަ ނޫން ވާހަކައެއް އަޑުއިވުމުން ކޮންމެ މީހެއްގެ މައްޗަށްވެސް ވަނީ އެވާހަކައަކުން ދުރުވެގަތުމެވެ.
މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –
[1] سُورَةُ التَّوبَة 75
[2] އެއީ ޠަބަރާނީ ގެންނަވާފައިވާ ރިވާޔަތެކެވެ. އެ ރިވާޔަތުގައި علي بن يزيد الألهاني ވެއެވެ. އޭނާއަކީ متروك (ދޫކޮށްލާފައިވާ، ބަލިކަށި) ރާވީއެކެވެ.
[3] سُورَةُ العَلَق 1
[4] سُورَةُ المُدَّثِّر 1
[5] سُورَةُ البَقَرَة 2,1
[6] سُورَةُ التَّوبَة 75
[7] سُورَةُ التَّوبَة 78,77,76,75