[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ އާޔަތްތައް ބާވައިލެއްވުން ބެހިގެންވާ ބައިތައް – 4

ނ. އާޔަތެއް ބާވައިލެއްވުނު ސަބަބަކީ ހިނގާދިޔަ ކަމެއްގެ ޙުކުމް ބަޔާންކޮށްދިނުން ކަމުގައި ބައެއް ފަހަރު ވެދާނެއެވެ. މިޘާލަކަށް އަންނަނިވި އާޔަތެވެ.

﴿قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ﴾ [1]

މާނައީ: ހަމަކަށަވަރުން އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ތަކުރާރުކޮށް ބަސް ދަންނަވާ އަދި اللَّه ގެ ޙަޟްރަތަށް ޝަކުވާ ދަންނަވާ ކަނބުލޭގެ ބަސް، ﷲ އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް ﷲ އައްސަވާވޮޑިގަންނަވައެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.

 

ޝަރަޙަ

މި އާޔަތް ބާވައިލެއްވުނީ މީހަކު ޡިހާރު ކުރުމުންނެވެ. (ޡިހާރު ކުރުމަކީ ފިރިމީހާ އޭނާގެ ދާއިމީ މަހުރަމަކާއި އޭނާގެ އަނބިމީހާ އެއްފަދަ ކުރުމެވެ.) އެމީހަކު ބުންޏެވެ: ‘ތިބާ އަހަރެންގެ މައްޗަށް ވަނީ އަހަރެންގެ މަންމަ ފަދައިންނެވެ.’ ޖާހިލިއްޔަ ޒަމާނުގައި ޡިހާރުކުރުން ބަލައި އުޅުނީ އެއީ ބާއިނު ވަރިއެއްގެ ގޮތުގައެވެ. މި އަންހެނާ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ގެ އަރިހަށް އައިސް މިކަމާއި ޝަކުވާ ދެންނެވުމުން މިކަމުގެ ޙުކުމް ބަޔާންކުރައްވައި މި އާޔަތް ބާވައިލެއްވުނެވެ.

މި އާޔަތުގައި އަޤީދާއާއި ގުޅޭ މުހިންމު ފިލާވަޅެއް ވެއެވެ. އެއީ ﷲ ތަޢާލާ ހުރިހާކަމެއް މޮޅަށް އައްސަވާވޮޑިގެންވާކަމެވެ. ޢާއިޝާ رَضِي اللهُ عَنْهَا ވިދާޅުވިއެވެ.

“ޙަމްދުހުރީ އަޑުތައް އައްސަވާވޮޑިގަތުން ތަނަވަސްވެގެންވާ ﷲ އަށެވެ. ތިމަންކަމަނާ ހުންނެވީ ކޮޓަރިކޮޅުގެ އަނެއް ފަރާތުގައެވެ. އެކަނބުލޭގެ ވާހަކަތަކުން ބައެއް ތަންތަންކޮޅު ތިމަންކަމަނާއަށް ސާފު ނުވެއެވެ. އެހެންނަމަވެސް ހަތްއުޑުގެ މަތިން މާތް ﷲ އެވާހަކަތައް އައްސަވާވޮޑިގަތެވެ.” [2]

ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.

﴿أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُم﴾ [3]

މާނައީ: “ނުވަތަ އެމީހުން ހީކުރަނީ އެމީހުންގެ ސިއްރު ވާހަކަތަކާއި، ސިއްރު ޖަލްސާތައް ތިމަން އިލާހު އައްސަވާވޮޑިގެން ނުވާކަމަށް ހެއްޔެވެ؟”

ހަމަކަށަވަރުން ﷲ ތަޢާލާ އިންސާނާގެ ނަފުސުގައިވާ އެންމެހާ ޚިޔާލުތަކާ އަދި ކަންތައްތަކެއް ދެނެވޮޑިގެންވެއެވެ. އަދި ސިއްރުގައި ހިނގާ ކޮންމެ ކަމަކާއި ފާޅުގައި ހިނގާ ކޮންމެ ކަމެއްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި ސިއްރުގައި ބުނާ ކޮންމެ ބަހަކާއި ފާޅުގައި ބުނާ ކޮންމެ ބަހެއްވެސް އެއިލާހު އައްސަވާވޮޑިގެންވެއެވެ.

 


މަޞްދަރު: شرح أصول في التفسير للشيخ محمد بن صالح العثيمين – رحمه الله –


 

[1] سُورَةُ المُجَادِلَة (1)

[2] أخرجه أحمد برقم (23675)، والنسائي: كتاب الطلاق، باب الظهار، رقم (3460)، وابن ماجه: في المقدمة، باب فيها أنكرت الجهمية، رقم (188)

[3] سُورَةُ الزُّخرُف (80)