[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އާދަމް ޢަލައިހިއްސަލާމް އަވަހާރަވުން

ފެށުން:

މި ވާހަކައަކީ އަޅުގަނޑުމެންގެ ބައްޕާފުޅު އާދަމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅުގެ އެންމެ ފަހުގެ ވަގުތުތަށް ހޭދަކުރެއްވިގޮތުގެ ޚަބަރު އަޅުގަނޑުމެންނަށް ލިއްބައިދޭ ވާހަކައެކެވެ. މަރުގެ އާލާސްކަންފުޅުގައި އެކަލޭގެފާނުގެ ޙާލުކޮޅު ހުރިގޮތް މިވާހަކައިން އަޅުގަނޑުމެންނަށް އެނގިގެންދާނެއެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު ހިނަވައި ކަފުންކޮށް މީރުވަސްދުވާތަކެތިލައި އެކަލޭގެފާނުގެ ކަށްވަޅު ކޮނެ އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދުކޮށް އެކަލޭގެފާނުގެ ކަށަވަޅުގެ ތެރެޔަށް އެކަލޭގެފާނު ލައި އަދި އެކަލޭގެފާނުގެ ކަށަވަޅަށްފަސް އަޅައި، މި ހުރިހާކަމެއް ކުރެއްވީ މަލާއިކަތްބޭކަލުންނެވެ. އެބޭކަލުން މިގޮތަށް ކަންތައްކުރެއްވީ އާދަމް ޢަލައިހިއްސަލާމްގެ ދަރިންނަށް އުނގައްނަވައި ދެއްވުމަށްޓަކައެވެ. އަދި އެބައިމީހުންގެ ތެރެއިން މައްޔިތުން ވަޅުލުމުގައި އެބައިމީހުން ޢަމަލުކުރަންޖެހޭ ގޮތަކީ މިއީކަން އެންގުމަށްޓަކައެވެ.

ހަދީޘް:

عن عتي قال: رَأَيْتُ شَيْخًا بِالْمَدِينَةِ يَتَكَلَّمُ، فَسَأَلْتُ عَنْهُ، فَقَالُوا: هَذَا أُبَيُّ بْنُ كَعْبٍ، فَقَالَ: “إِنَّ آدَمَ عَلَيْهِ السَّلَامُ لَمَّا حَضَرَهُ الْمَوْتُ قَالَ لِبَنِيهِ: أَيْ بَنِيَّ إِنِّي أَشْتَهِي مِنْ ثِمَارِ الْجَنَّةِ، فَذَهَبُوا يَطْلُبُونَ لَهُ، فَاسْتَقْبَلَتْهُمُ الْمَلَائِكَةُ وَمَعَهُمْ أَكْفَانُهُ وَحَنُوطُهُ، وَمَعَهُمُ الْفُؤُوسُ وَالْمَسَاحِي وَالْمَكَاتِلُ، فَقَالُوا لَهُمْ: يَا بَنِي آدَمَ، مَا تُرِيدُونَ وَمَا تَطْلُبُونَ، أَوْ مَا تُرِيدُونَ وَأَيْنَ تَذْهَبُونَ؟، قَالُوا: أَبُونَا مَرِيضٌ فَاشْتَهَى مِنْ ثِمَارِ الْجَنَّةِ، قَالُوا لَهُمْ: ارْجِعُوا فَقَدْ قُضِيَ قَضَاءُ أَبِيكُمْ. فَجَاءُوا، فَلَمَّا رَأَتْهُمْ حَوَّاءُ عَرَفَتْهُمْ، فَلَاذَتْ بِآدَمَ، فَقَالَ:  إِلَيْكِ إِلَيْكِ عَنِّي فَإِنِّي إِنَّمَا أُوتِيتُ مِنْ قِبَلِكِ، خَلِّي بَيْنِي وَبَيْنَ مَلَائِكَةِ رَبِّي تَبَارَكَ وَتَعَالَى. فَقَبَضُوهُ، وَغَسَّلُوهُ وَكَفَّنُوهُ وَحَنَّطُوهُ، وَحَفَرُوا لَهُ وَأَلْحَدُوا لَهُ، وَصَلَّوْا عَلَيْهِ، ثُمَّ دَخَلُوا قَبْرَهُ فَوَضَعُوهُ فِي قَبْرِهِ وَوَضَعُوا عَلَيْهِ اللَّبِنَ، ثُمَّ خَرَجُوا مِنَ الْقَبْرِ، ثُمَّ حَثَوْا عَلَيْهِ التُّرَابَ، (1) ثُمَّ قَالُوا: يَا بَنِي آدَمَ هَذِهِ سُنَّتُكُمْ “

މާނަ: ޢުތައްޔުގެ ފަރާތުން ރިވާވެގެން ވެއެވެ. އޭނާ ވިދާޅުވިއެވެ. މުސްކުޅި ބޭކަލަކު މަދީނާގައި ވާހަކަ ދައްކަވަންހުއްޓާ ތިމަންކަލޭގެފާނަށް ފެނުނެވެ. ތިމަންކަލޭގެފާނު އެއީ ކާކުތޯ ސުވާލުކުރީމެވެ. މީސްތަކުން ބުންޏެވެ. އެއީ އުބައްޔު ބުން ކަޢުބު ރަޟިޔަﷲ ޢަންހު އެވެ. އުބައްޔު ބުން ކަޢުބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ: ( ހަމަކަށަވަރުން އާދަމް ޢަލައިހިއްސަލާމަށް މަރު އައިސްޖެހުނު އިރު އެކަލޭގެފާނުގެ ދަރިންނަށް ވިދާޅުވިއެވެ: އޭ އަހަރެންގެ ދަރިންނޭވެ. އަހަރެން ސުވަރުގޭގެ މޭވާއަށް ބޭނުންވަނީއެވެ. ދެން އެކުދިން ސުވަރުގޭގެ މޭވާ ހޯދުމަށްޓަކައި ނިކުމެއްޖެއެވެ. އެ ކުދިންނާއި ދިމާވީ އާދަމް ޢަލައިހިއްސަލާމްގެ ކަފުނާއި، ކަފުނަށް މީރުވަސްދުއްވަން އާޅާތަކެއްޗާއި ކޯރާޑީތަކާއި މިންއަޅާ އާލާތްތަކާއި ވަޅުކޮންނަ ސާމާނުތައް ހިފައިގެން ތިއްބެވި މަލާއިކަތުން ތަކަކާއެވެ. އެބޭކަލުން އެކުދިންނަށް ވިދާޅުވިއެވެ.: އޭ އާދަމްގެ ދަރިންނޭވެ. ތިޔަބައިމީހުން ބޭނުންވަނީ ކޮންކަމެއްތޯއެވެ؟ އަދި ތިހޯދަނީ ކޮންއެއްޗެއްތޯއެވެ؟ ނުވަތަ، ތިޔަބައިމީހުން ބޭނުންވަނީ ކޮންކަމެއްތޯއެވެ؟ އަދި ތިދަނީ ކޮންތަނަކަށްތޯއެވެ؟ އެކުދިން ބުންޏެވެ: މިއުޅެނީ އަހަރެމެންގެ ބައްޕާފުޅު ބަލިވެގެންނެވެ. ބައްޕާފުޅު ސުވަރުގޭގެ މޭވާ ބޭނުންފުޅުވެގެންނެވެ. އެބޭކަލުން ވިދާޅުވިއެވެ: ތިޔަކުދިން އެނބުރި ދާށެވެ. ހަމަކަށަވަރުން ތިޔަކުދިންގެ ބައްޕާފުޅުގެ އަޖަލު ހަމަވެއްޖެއެވެ. ދެން މަލާއިކަތްބޭކަލުން ވަޑައިގެންނެވިއެވެ. ޙައްވާގެފާނަށް  އެބޭކަލުން ފެނިވަޑައިގަތުމުން އެއީ ކޮންބައެއްކަން އެނގިވަޑައިގަތެވެ. އެކަމަނާ އާދަމްޢަލައިހިއްސަލާމާއިގެން ފިއްލެވިއެވެ. އާދަމް ޢަލައިހިސަލާމް ވިދާޅުވިއެވެ: ކަމަނާ ތިމަންކަލޭގެފާނާ ދުރުވާށެވެ. ތިމަންކަލޭގެފާނަށް މިތަނަށް އަންނަން ޖެހުނީ ކަމަނާގެ ސަބަބުންނެވެ. ތިމަންކަލޭގެފާނުގެ ރައްބަށާ އެކަލާންގެ މަލާއިކަތުންނަށް ތިމަންކަލޭގެފާނު ދޫކޮށްލާށެވެ. އަދި އެއަށްފަހު އެ މަލާއިކަތުން އާދަމް ޢަލައިހިއްސަލާމްގެ ފުރާނަފުޅުހިއްޕެވިއެވެ. އަދި އެކަލޭގެފާނު ހިނަވައި ކަފުންކުރެއްވިއެވެ. އަދި ކަފުނުގައި މީރުވަސްދުވާތަކެތި ބޭނުންކުރެއްވިއެވެ. އަދި އެކަލޭގެފާނު ވަޅުލުމަށްޓަކައި ވަޅެއްކޮންނެވިއެވެ. އަދި އެވަޅުގައި އެކަލޭގެފާނަށްޓަކައި ލަޙްދެއް ކޮންނެވިއެވެ. (ލަޙްދު: ބޮޑު ވަޅުގެ ތިރީ އަރިމަތިން މައްޔިތާ ލުމަށްޓަކައި ކޮންނަ ވަޅެއް). އަދި އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެއްވިއެވެ. އަދި ވަޅުތެރެޔަށް އެބޭކަލުން ފޭބިއެވެ. އަދި އާދަމް ޢަލައިހިއްސަލާމްގެ ޤަބުރުފުޅު ލަޙުދު ތެރެޔަށް ލިއެވެ. އަދި ލަޙްދު މަތީގައި  ގާތަކެއް ޖެއްސިއެވެ. އަދި އެވަޅުން ނިކުމެ އެވަޅަށް ފަސްއެޅުއްވިއެވެ. ދެން ވިދާޅުވިއެވެ: އޭ އާދަމްގެ ދަރިންނޭވެ. މިއީ ތިޔަބައިމީހުން ކަންތައްކުރަންވީގޮތެވެ.)

ތަޚްރީޖް: މި ޙަދީޘް ރިވާކުރައްވާފައި ވަނީ ޢަބްދުﷲ ބުން އަޙްމަދު -ރަޙިމަހުމަﷲ- ޒަވާއިދުލް މުސްނަދުގައެވެ. މި ޙަދީޘްގެ ސަނަދު އުބައްޔު ބުން ކަޢުބާއި ހަމަޔަށް ޞައްޙަކަމުގައި އިބްނު ކަޘީރު ރަޙިމަހުﷲ އަލްބިދާޔާ ވައްނިހާޔާ ގައި ވިދާޅުވެފައި ވެއެވެ. އަދި މިޙަދީޘަކީ އުބައްޔު ކަޢުބާއި ހަމަޔަށް މަވްޤޫފު ވެގެންވާ ޙަދީޘަކަށްވިޔަސް މީގެ ޙުކުމަކީ މަރްފޫޢު އެވެ. ސަބަބަކީ އަބައްޔު ބުން ކަޢްބު ރަޟިޔަﷲ ޢަންހު އަމިލްފުޅު ރައްޔަށް ވިދާޅުނުވާނެއެވެ.

ޙަދީޘްގެ ޝަރަޙަ:

މި ޙަދީޘް އަޅުގަނޑުމެންނަށް ކިޔައިދެނީ ﷲ ގެ ނަބިއްޔާ އާދަމްޢަލައިހިއްސަލާމްގެ އަރިހަށް މަރު ޙާޟިރުވިއިރު އެކަލޭގެފާނުގެ ޙާލުކޮޅު ހުރިގޮތާއި ކަންތައްތައް ދިމާވިގޮތެވެ. އެވަގުތު އެކަލޭގެފާނު ސުވަރުގޭގެ މޭވާއަށް ބޭނުންފުޅުވެވަޑައިގަތެވެ. މިއިން ދޭހަކޮށްދެނީ އެކަލޭގެފާނުގެ ހިތްޕުޅުގައި ސުވަރުގެއަށް ހުރި ލޯބީގެ ބޮޑުކެމެވެ. އަދި ސުވަރުގެއަށް އެނބުރިދިޔުމަށް އެކަލޭގެފާނު އެދިވަޑައިގަންނަވާ މިންވަރުގެ ބޮޑުކަމެވެ. ފަހެ އެކަލޭގެފާނު އެގޮތަށް ނޭދެންވީ ފަހެ ކީވެގެންތޯއެވެ! އެކަލޭގެފާނު ވަނީ އެތާނގައި އުޅެފައެވެ. އަދި އެތަނުގެ ނިޢުމަތްތައް އެކަލޭގެފާނަށް ލިބިގެންވިއެވެ. އަދި އެކަލޭގެފާނަށް އެތަންފެނިފައިވެއެވެ. އަދި އެތާނގައި އުފާވެރިކަމާއިއެކު އެއްޒަމާނެއްގައި އެކަލޭގެފާނު އުޅުއްވާފައިވެއެވެ.

އެކަލޭގެފާނު ސުވަރުގޭގެ މޭވާއަށް ބޭނުންފުޅުވެވަޑައިގަތީ އެކަލޭގެފާނުގެ އަޖަލުފުޅު އައިސް ޖެހިއްޖެކަމުގެ އިޙްސާސް އެކަލޭގެފާނަށް ކުރެއްވުމުން ކަމަށްވެދާނެއެވެ. ބައެއް އެހެނިހެން ޙަދީޘްތަކުން އެނގޭގޮތުގައި އެކަލޭގެފާނަށް އެކަލޭގެފާނުގެ ޢުމުރު އެނގިވަޑައިގަންނަވައެވެ. އަދި މިޙަދީޘްތަކުން ފެންނަގޮތުގައި އެކަލޭގެފާނު ވަޑައިގެންނެވީ އެކަލޭގެފާނުގެ އުމުރުފުޅުން ބާކީ އޮތީ ކިހާވަރެއްތޯ ބަލައި ގުނަމުންނެވެ. އެހެންކަމުން އެކަލޭގެފާނުގެ ޢުމުރު ހުސްވަނީކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި ޢާޚިރަތުގެ ޙަޔާތާއި ގާތްވެއްޖެކަން އެކަލޭގެފާނަށް އެނގިވަޑައިގެންފިއެވެ. އެކަލޭގެފާނުގެ ދަރިންނަށް އެކަލޭގެފާނު އެދުނުގޮތަށް ސުވަރުގެއިން މޭވާ ނުގެނެވޭނެކަން ރަގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ސަބަބަކީ އެ ކުދިންނަށް ސުވަރުގެއާއި ހަމަޔަށް ނުދެވޭނެކަން އާދަމް ޢަލައިހިއްސަލާމަށް އެނގިވަޑައިގަންނަވާނެއެވެ. އަދި އެކުދިންނަށްވެސް މިކަން އެނގޭނެއެވެ. އެހެން ނަމަވެސް އެކުދިންގެ ބައްޕާފުޅަށް އެކުދިން ކިޔަމަންތެރިވާލެއް ބޮޑުކަމުން އެކުދިން އެ މޭވާތައް ހޯދުމުގެ ބޭނުމުގައި ނިކުމެގެން ދިޔައީއެވެ.

އަދި އެކުދިންގެ ބައްޕަގެ އެދުންފުޅު ފުއްދައިދެވޭތޯ އެކުދިން ގަދައަޅައި މަސައްކަތްކުރިއެވެ. މިކަމުގައި އެކުދިން އުޅެނިކޮށް އިންސާނުންގެ ސިފަޔަށް ބަދަލުވެގެންތިއްބެވި މަލާއިކަތުންގެ ޖަމާޢަތަކާއި އެކުދިންނާއި ބައްދަލުވިއެވެ. އެބޭކަލުންގެ އަތުގައި މައްޔިތާ ހިނަވައި ކަފުންކޮށް ވަޅުލަން ބޭނުންވާ ހުރިހާ ސާމާނެއް ހުއްޓެވެ. އެބޭކަލުންގެ އަތުގައި ކަފުނާއި ކަފުނުގައި ބޭނުންކުރާ މީރުވަސްދުވާ އެއްޗެއްސާއި ކޯރާޑީތަކާއި މިންއަޅާ އާލާތްތަކާއި ވަޅުކޮންނަށް ބޭނުންވާ ސާމާނުތައް ހުއްޓެވެ.

އެބޭކަލުންނާއި އާދަމް ޢަލައިހިއްސަލާމްގެ ދަރިންނާއި ބައްދަލުވުމުން އެކުދިން ދަނީ ކީއްކުރަން ކޮންތަނަކަށްތޯ އެބޭކަލުން ސުވާލުކުރެއްވިއެވެ. އަދި އެކުދިންގެ މަޤްސަދު އެބޭކަލުންނަށް ދެންނެވުމުން އެކުދިން އެނބުރި ދިޔުމަށް އެދުނެވެ. އަދި އެކުދިންގެ ބައްޕާފުޅުގެ އަޖަލު އައިސް ޖެހިއްޖެ ކަމުގައި މަލާއިކަތްބޭކަލުން ވިދާޅުވިއެވެ.

އާދަމްޢަލައިހިއްސަލާމްގެ ފުރާނަފުޅުހިއްޕަވާ މަލާއިކަތްބޭކަލުން ވަޑައިގަތުމުން ޙައްވާގެފާނަށް އެއީ ކޮން ބަޔެއްކަން އެނގިވަޑައިގަތެވެ. ދެން ޙައްވާގެފާނު އާދަމް ޢަލައިހްސަލާމާއިގެން ފިއްލެވިއެވެ. އަދި މިކަމުން ޙައްވާގެފާނު ބޭނުންފުޅުވަނީ އާދަމް ޢަލައިހިއްސަލާމް ދުނިޔޭގައި ހުރުން އިޚްތިޔާރުކުރުމަށް ހިއްޖައްސަވަން ކަމުގައި އެކަލޭގެފާނަށް ވިސްނިވަޑައިގަތެވެ. ރަސޫލު ބޭކަލުންގެ ފުރާނަފުޅު ހިއްޕަވަނީ އެބޭކަލުން އެކަން އިޚްތިޔާރު ކުރެއްވުމުންނެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ކަމަނާ ތިމަންކަލޭގެފާނަށް ހުރަސްނާޅާ ދުރުވާށެވެ. އަދި ތިމަންކަލޭގެފާނު މިތަނަށް އަންނަންޖެހުނީ ކަމާނާއާއިހެދިއެވެ. ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާންގެއާއި އެ ކަލާންގެ މަލާއިކަތުންނަށް ތިމަންކަލޭގެފާނު ދޫކޮށްލާށެވެ. އެކަލޭގެފާނު އެއިޝާރާތްކުރެއްވީ ސުވަރުގޭގެގަހުން އެ މޭވާ ކެއުމަށް ޙައްވާގެފާނު އެކަލޭގެފާނަށް މަޝްވަރާދެއްވުމުގެ ހާދިޘާއަށެވެ. އަދި މި ޙާދިޘާއަށްފަހު ދެކަނބަލުން ﷲ ތަޢާލާއަށް ތައުބާވެވަޑައިގެންނެވިއެވެ.

ދެން މަލާއިކަތްބޭކަލުން އާދަމް ޢަލައިއްސަލާމްގެ ފުރާންހިއްޕެވިއެވެ. އަދި އެކަލޭގެފާނުގެ ޖަނާޒާގެ ކަންތައް ކުރިޔަށް ގެންދެވިއެވެ. އެބޭކަލުން އެކަލޭގެފާނު ވަޅުލެއްވިއިރު އެކަލޭގެފާނުގެ ދަރިން ތިއްބެވީ ބައްލަވާށެވެ. އެބޭކަލުން އެކަލޭގެފާނު ހިނަވައި ކަފުންކޮށް މީރުވަސްދުވާ އެއްޗެހި އުނގުޅައި އެކަލޭގެފާނު ވަޅުލުމަށްޓަކައި ވަޅެއް ކޮންނެވިއެވެ. އަދި އެވަޅުގެ ތެރޭގައި ލަޙްދެއް ކޮންނެވިއެވެ. އަދި އެއަށްފަހު އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދު ކުރެއްވިއެވެ. އަދި އެ ވަޅުތެރެޔަށް ފައިބައި އެވަޅުގެ ތެރޭގައިވާ ލަޙްދުގެ ތެރެޔަށް އާދަމްޢަލައިހިއްސަލާމްގެ ހަށިކޮޅުލެއްވިއެވެ. އަދި ލަޙްދުގެ މަތީގައި ގާތަކެއް ޖެއްސެވިއެވެ.  އެއަށްފަހު އެ ވަޅުން ނުކުތުމަށްފަހު އެބޭކަލުން އާދަމްގެ ޢަލައިހިއްސަލާމްގެ ދަރިންނަށް ވިދާޅުވިއެވެ. މިއީ ތިޔަބައިމީހުންގެ ތެރެއިން މަރުވާ މީހުންނާއިމެދު ކަންތައް ކުރަންވީގޮތެވެ.

އެހެންކަމުން މަތީގައި ބަޔާންވެދިޔަ ގޮތަށް މީހުން ވަޅުލުމަކީ ﷲ ތަޢާލާ ފޮނުއްވި ކޮންމެ ރަސޫލުބޭކަލެއްގެވެސް ގޮތެވެ. އަދި ދުނިޔޭގައި އެކިޒަމާނުގައި އުޅެފައިވާ މުއުމިނުންގެ ޢަމަލުކޮށްފައިވާ ގޮތަކީވެސް މިއީއެވެ. އަދި މަލާއިކަތްބޭކަލުން މިދަސްކޮށްދެއްވި ގޮތާއި ޚިލާފުވާ ކޮންމެ ގޮތަކީ އެޚިލާފުވާ މިންވަރަކަށް ﷲ ތަޢާލަ އެންގެވި ގޮތާއި ޚިލާފުވާ ގޮތެކެވެ.

އެހެންކަމުން އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވި ގޮތަކީ ހަމަ މަލާއިކަތްބޭކަލުންވެސް އާދަމް ޢަލައިހިއްސަލާމްގެ ދަރިންނަށް ދަސްކޮށްދެއްވި ގޮތެވެ.

އަދި އިންސާނީ ތާރީޚްގައި އިންސާނުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ވަނީ މިގޮތަށް މީހުން ވަޅުލުމާއި ޚިލާފުވެފައެވެ. މީގެތެރެއިން ބައެއްމީހުން އެބަމީހުންގެ މީހުން މަރުވުމުން އަންދާލަނީއެވެ. މިހާރުވސް އިންޑިޔާގެ ހިންދޫން ޢަމަލުކުރަނީ މިގޮތަށެވެ. އަދި ބައެއްމީހުން، މީހުން މަރުވުމުން އެބައިމީހުންނަށްޓަކައި ބޮޑެތި ބިނާތައް ހަދައި އޭގެތެރެޔަށް ލައެވެ. މިޟްރުގެ ޢަހްރާމްތައް ނުވަތަ ޕިރަމިޑް ތަކަކީ މިގޮތަށް ހުރި ތަންނެވެ. އަދި މިގޮތަށް ތަންތަން އެޅުމަށްފަހު މައްޔިތުންނަށްޓަކައި ކެއުމާއި ބުއިމާއި ޖަވާހިރާއި ޔަޤޫތާއި އެހެނިހެން އަގުބޮޑެތި އެއްޗެހިވެސް ބަހައްޓައެވެ. އަދި ބައެއްމީހުން ހިލައިން ހަދާފައި ހުންނަ ސަދޯއްތަކަށާއި ވަރުގަދަކޮށް ވަކަރުން މަތީފެންވަރުގައި ގޮދަޑިއާއި އެއްޗެހިޖަހާފައި ހަދާފައިހުންނަ ސަންދޯއްތަކަށް މައްޔިތުން އަޅައެވެ. މިގޮތުން މިމީހުން އެއްވެސް އަގެއް ނެތްގޮތުގައި ބޮޑެތި ތަކުލީފުތައް އުފުލައި އެތައް ހޭދަތައްކޮށްއުޅެއެވެ. އަދި މިމީހުން ކުރިހާ މަސައްކަތެއްވެސް އާޚީރުގައި ޚީލާފުވެގެންދަނީ ﷲ ތަޢާލާ ހުރިހާ އާދަމްގެ ދަރިން ވަޅުލުމަށް ޝަރުޢު ކުރައްވާފައިވާ ގޮތާއެވެ.

މި ޙަދީޘުން ލިބޭ ފިލާވަޅުތަކާއި ފާއިދާތައް:

1-     މައްޔިތުން މަރުވުމުން ޢަމަލުކުރަންވީގޮތް ޝަރުޢުގައި ވާގޮތް މިޙަދީޘުން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.

2-      މީހުން ވަޅުލުމުގައި މިގޮތަށް ވަޅުލުމަކީ ހުރިހާ ރަސޫލުބޭކަލުންގެ ޝަރީޢަތުގައިވެސް ޝާމިލްވެގެންވާކަމެއްކަން ޙަދިޘުން އެނގިގެންދެއެވެ.

3-      މަލާއިކަށް ބޭކަލުން މިގޮތަށް މީހުން ވަޅުލުމަށް އާދަމްގެ ދަރިންނަށް ބަހުގެ ގޮތުންނާއި ޢަމަލީގޮތުންވެސް ދަސްކޮށްދެއްވާފައިވާކަން ޙަދީޘުން އެނގިގެންދެއެވެ.

4-      ޙަދީޘުގައިވާ ގޮތާއި ޚިލާފަށް މީހުން ވަޅުލުމަކީ ﷲ ތަޢާލާގެ މަންހަޖާއި ޚިލާފަތްކުރެވޭ ކަމެއްކަން ޙަދީޘުން އެނގެއެވެ.

5-      އަޅުގަނޑުމެންގެ ބައްޕާފުޅު އާދަމް ޢަލައިހިއްސަލާމްގެ ޖަނާޒާގެ ކަންތައް މަލާއިކަތްބޭކަލުން ކުރިޔަށް ގެންދެވުމުން އެނގިގެންދަނީ އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމެވެ. އެބޭލަކުން އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދުކުރައްވައި ވަޅުލެއްވިއެވެ.

6-      މާލާއިކަތްބޭކަލުންނަށް އިންސާނުންގެ ސިފަޔަށް ބަދަލުވުމުގެ ކުޅަދާނަކަން ލިބިގެންވާކަން މިޙަދީޘުން އެނގެއެވެ. އަދި އެބޭކަލުންނަށް އިންސާނުންކުރާ މަސައްކަތްތައް ކުރުމުގެ ޤަބިލްކަން ލިބިގެންވާކަންވެސް މިޙަދީޘުން އެނގެއެވެ.

7-      އިންސަނުން ދުނިޔެއަށް ފޮނުވުނީއްސުރެ ބައެއް އާލާތްތައް ދުނިޔޭގައި ހުރިކަން މިޙަދީޘުން އެނގެއެވެ. މިގޮތުން ވަޅުކޮންނަ ސާމާނާއި މިންއަޅާ އާލާތާއި ކޯރާޑީތައް މަލާއިކަތުންގެ އަތްޕުޅުގައި ހުރިކަމަށް މި ޙަދީޘުގައިވެއެވެ.

8-      ފިރިހެންވެރިން އެބައިމީހުންގެ އަނބިން އެބައިމީހުން ހެޔޮމަގުން ގޯޅިއެޅުވުމާއިމެދު ހުށިޔާއުވުމަށް މިޙަދީޘުން އިޝާރާތްކުރެއެވެ. އާދަމް ޢަލައިހިއްސަލާމް ސުވަރުގޭގެ ގަހުން ފަރިކުޅުއްވީ ޙައްވާގެފާނުގެ މަޝްވަރާގެ މަތިންނެވެ. ﷲ ތަޢާލާވަނީ އަޅުގަނޑުމެންގެ ބައެއް އަނބިންނާއި ބައެއް ދަރިންނާއިމެދު އަޅުގަނޑުމެންނަށް އިންޒާރުކުރައްވާފައެވެ. އެއިލާހު ވަޙީކުރައްވާފައި ވެއެވެ ( يَا أَيُّهَا الَّذِينَ آمَنُوا إِنَّ مِنْ أَزْوَاجِكُمْ وَأَوْلَادِكُمْ عَدُوًّا لَّكُمْ فَاحْذَرُوهُمْ) (އައްތަޣާބުން 14) މާނައީ: ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަނބީންނާއި، ތިޔަބައިމީހުންގެ ދަރިންގެ ތެރެއިން، ތިޔަބައިމީހުންނަށް ޢަދާވާތްތެރިންވެއެވެ. ފަހެ، އެއުރެންނަށް ތިޔަބައިމީހުން ރައްކާތެރިވެ ތިބޭށެވެ! “