الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ ރިސާލާއެއްކަމުގައިވާ “السياسة الشرعية في إصلاح الراعي والرعية” ގެ ބައެއް ބައިތަކުގެ ތަރުޖަމާއެކެވެ.
*************************************************
ކަންކަމުގެ މަސްއޫލިއްޔަތު ޙަވާލު ކުރުމުގައި އެންމެ ޤާބިލު އަދި އެކަށޭނެ މީހާ ޚިޔާރުކުރުން ނޫން ގޮތެއް ވެރި މީހާއަކަށް ނުވެއެވެ. ފަހަރުގައި ރަށެއްގެ ވެރިކަމަށް އެންމެ ޤާބިލު އަދި އެންމެ އެކަށޭނެ މީހެއް އެ ރަށުން ނުލިބިދާނެއެވެ. އެހެން ވެއްޖެނަމަ، ދެން އެންމެ ޤާބިލު އަދި ކުޅަދާނަ މީހެއް ޚިޔާރު ކުރާނީއެވެ. އެއީ ކޮންމެ މަޤާމަކަށް ވެސް އެންމެ ޤާބިލު މީހާ ނުވަތަ ދެން އެންމެ ޤާބިލު މީހާއެވެ. މިފަދައިން މީހަކު ޚިޔާރު ކުރީ، މީހަކު ޚިޔާރުކުރުމުގެ ކުރިއަށް، އެންމެ ޤާބިލު އަދި އެންމެ އެކަށޭނެ މީހާ ހޯދުމަށް މަސައްކަތް ކުރުމަށް ފަހުގައި ކަމަށްވާނަމަ އަދި އޭނާ އެ ވިލާޔަތަށް އަދާ ކުރާން ޖެހޭ ޙައްޤު އަދާކޮށްފިކަމުގައި ވާނަމަ؛ އެ ކަންތަކުގައި ވެރި މީހާ އެވަނީ އެ އަމާނާތް ހެޔޮގޮތުގައި އަދާކުރުމުގެ ވާޖިބު ފުރިހަމަ ކޮށްފައެވެ. އަދި ﷲގެ ޙަޟުރަތުގައި، މި ކަމުގައި އޭނާ ވެގެންދާނީ ޢަދުލުވެރި، ޢަދުލަށް ޙުކުމު ކުރާ އިމާމުންގެ ތެރޭގައެވެ.
އެއީ އަދި އެހެން ސަބަބަކާ ހުރެ އޭނާގެ އެހެންކަމެއް އުނިވެފައި އަދި ހަމައެކަނި ފުރިހަމަވެފައި ވީ މި ކަންތަކުގައި އެކަނިކަމުގައި ވިޔަސް މެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވައިފައިވެއެވެ.
﴿فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ﴾ [التَغَابُن 16]
މާނައީ: “ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲއަށް ތަޤުވާވެރި ވާށެވެ!”
އަދިވެސް އެކަލާނގެ ވަޙީ ކުރައްވައިފައިވެއެވެ.
﴿لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا﴾ [البَقَرَة 286]
މާނައީ: “ﷲ، އެއްވެސް ނަފުސަކަށް، އެ ނަފުސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ.”
އަދި ﷲގެ މަގުގައި ޖިހާދު ކުރުމާ ގުޅޭގޮތުން ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿فَقَاتِلْ فِي سَبِيلِ اللَّهِ لَا تُكَلَّفُ إِلَّا نَفْسَكَ وَحَرِّضِ الْمُؤْمِنِينَ﴾ [النِّسَاء 84]
މާނައީ: “ފަހެ ﷲގެ މަގުގައި ކަލޭގެފާނު ހަނގުރާމަ ކުރައްވާށެވެ! ކަލޭގެފާނުގެ އަމިއްލަ ނަފުސަށް މެނުވީ ކަލޭގެފާނަކަށް ތަކުލީފެއް ނުޖައްސަވާ ހުށްޓެވެ. އަދި، (ހަނގުރާމަކުރުމުގެ މައްޗަށް) މުއުމިނުންނަށް ކަލޭގެފާނު ހިތްވަރު ދެއްވާށެވެ!”
އަދިވެސް ވަޙީ ކުރައްވައިފައި ވެއެވެ.
﴿يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنْفُسَكُمْ لَا يَضُرُّكُمْ مَنْ ضَلَّ إِذَا اهْتَدَيْتُمْ﴾ [المَائِدَة 105]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ރައްކާތެރިކޮށް، އިޞްލާޙު ކުރާށެވެ! ތިޔަބައިމީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ ކިބައިން، ތިޔަބައިމީހުންނަށް ގެއްލުމެއް ނުލިބޭ ހުށްޓެވެ.”
އެހެންކަމުން އެ މީހަކާ ޙަވާލު ކުރެވިފައިވާ ވާޖިބެއް އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އަދާކޮށްފި މީހަކު ހިދާޔަތު ލިބިގަނެއްޖެއެވެ.
ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައި ވެއެވެ.
«إذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ» [صَحِيح البخاري 7288]
މާނައީ: “ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އަމުރެއް ކުރައްވައިފިނަމަ، އެކަމެއް ތިބައިމީހުންނަށް ކުޅަދާނަވީ މިންވަރަކަށް އަދާ ކުރާށެވެ.”
މީހަކު އޭނާގެ މަސްއޫލިއްޔަތެއް އަދާ ނުކުރީ އޭނާގެ ފަރުވާ ކުޑަކަމުގެ ސަބަބުން ނަމަ، ނުވަތަ އޭނާ އެ އަމާނާތަށް ޚިޔާނާތްތެރިވުމުގެ ސަބަބުންނަމަ، އެކަމުގެ ޢުޤޫބާތް އޭނާއަށް ޙައްޤުވާނެއެވެ.
=ނުނިމޭ=