[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަ – 24 (ރޯދަހިފުން ނަހީވާ ގޮތް)

ދެވަނަ ބައި: ރޯދަހިފުން ނަހީވާ ގޮތް

 

ފުރަތަމައީ: މުޅި އަހަރު ރޯދަ ހިފުން

މުޅިއަހަރު ރޯދަ ވީއްލުމަކާ ނުލައި ރޯދަ ހިފުމަކީ މަކުރޫހަ ކަމެކެވެ. މިއީ ޙަނަފީ މަޛްހަބުގެ ރައުޔެވެ. އަދި މިއީ މާލިކީންގެ އެއް ބަސްފުޅެވެ. އަދި މިއީ ޝާފިޢީންގެވެސް އެއްބަސްފުޅެވެ. އަދި މިއީ ބައެއް ޙަންބަލީ ދަންނަބޭކަލުންގެ ބަސްފުޅުވެސް މެއެވެ. ހަމަ އެހެންމެ މިއީ އައްޝައުކާނީ އިޚްތިޔާރު ކުރެއްވި ރައުޔެވެ.[1]

 

ދެވަނައީ: ޙައްޖުވެރިޔާ ޢަރަފާތުގައި ރޯދަ ހިފުން

ޙައްޖުވެރިޔާ ޢަރަފާތުގައި ރޯދަ ހިފުމަކީ މަކުރޫހަ ކަމެކެވެ. މިއީ ޖުމުހޫރު – މާލިކީ، ޝާފިޢީ އަދި ޙަންބަލީ – ދަންނަބޭކަލުންގެ ރައުޔެވެ.

 

ތިންވަނައީ: ހުކުރު ދުވަސް އެކަހެރިކޮށް ރޯދަ ހިފުން

ހުކުރު ދުވަސް އެކަހެރިކޮށް ރޯދަ ހިފުމީ މަކުރޫހަ ކަމެކެވެ. އެއީ ދެ ދުވަހުން އެއް ދުވަހު ރޯދަ ހިފާ މީހާގެ ރޯދަ ހުކުރު ދުވަހަކާ ދިމާވެގެން އެ ދުވަހު ރޯދަ ހިފުން ފިޔަވައެވެ. މިއީ ޝާފިޢީންނާއި ޙަންބަލީންނާއި ބައެއް ޙަނަފީންގެ ރައުޔެވެ. އަދި ސަލަފުވެރި ބައެއް ބޭބޭކަލުންގެވެސް ބަސްފުޅެވެ. މި ރައުޔު އިބްނުލްޤައްޔިމުއާއި އައްޝައުކާނީއާއި އައްޝަންޤީޠީ އިޚްތިޔާރު ކުރެއްވިއެވެ.

 

ހަތަރުވަނައީ: ހޮނިހިރު ދުވަސް އެކަހެރިކޮށް ރޯދަ ހިފުން

ސަބަބަކަށްޓަކައި ހޮނިހިރު ދުވަސް އެކަހެރިކޮށް ރޯދަ ހިފުން ހުއްދަވެގެން ވެއެވެ. ނުވަތަ އާދަވެގެން ރޯދަ ހިފާ މީހާގެ ރޯދަ ހޮނިހިރަކާ ދިމާވުމުން އެ ދުވަހު ރޯދަ ހިފުން ހުއްދައެވެ. އަދި އެހެން ދުވަހަކާ އެކުގައި ހޮނިހިރު ދުވަހު ރޯދަ ހިފުންވެސް ހުއްދައެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.[2]

 

ފަސްވަނައީ: ރަޖަބު މަސް ރޯދަ ހިފުމަށް ޚާއްޞަކުރުން

ރަޖަބު މަސް ރޯދަ ހިފުމަށް ޚާއްޞަކުރުމަކީ މަކުރޫހަ ކަމެކެވެ. މިކަމުގެ މައްޗަށް މާލިކީ ފިޤުހުވެރީންނާއި ޙަންބަލީ ފިޤުހުވެރީން ނައްޞު ކުރައްވާފައި ވެއެވެ. އަދި މިއީ އައްޝައުކާނީ އިޚްތިޔާރު ކުރެއްވި ރައުޔެވެ.

 


 

[1] ނަވަވީ ވިދާޅުވިއެވެ. “‘މުޅި އަހަރު ރޯދަ ހިފުމޭ’ މި ބުނެވެނީ އަހަރުގެ ރޯދަ ޞައްޙަ ނުވާ ދުވަސްތައްކަމުގައިވާ، ދެ ޢީދު ދެ ދުވަހާއި އައްޔާމު ތަޝްރީޤުގެ ތިން ދުވަސް، ފިޔަވައި ދެން ހުރިހާ ދުވަހެއްގައި ރޯދަ ހިފުމެވެ. މި މައްސަލައިގައި އަހަރެމެންގެ ގާތުގައި ޙުކުމު އޮތީ އަންނަނިވި ފަދައިންނެވެ.

  • މީހަކަށް އެފަދައިން ރޯދަ ހިފައިގެން ގެއްލުމެއް ލިބިދާނޭކަމުގެ މައްޗަށް ބިރުގަންނަ ނަމަ އަދި ޙައްޤެއް އަދާ ނުކުރެވިދާނޭކަމަށް ފެންނަނަމަ، ފަހެ އޭނާއަށް މަކުރޫހައެވެ.
  • ނަމަވެސް އެފަދައިން ރޯދައެއް ހިފުމުން ގެއްލުމެއް ލިބިދާނޭކަމަށް އަދި ބިރުގަތަސް، ޙައްޤެއް ނަގައި ނުލާނޭ ނަމަ، އެފަދަ މީހަކަށް މަކުރޫހަ ނުވާނެއެވެ. މިއީ ޝާފިޢީގެފާނު އެ ގޮތަކަށް ވިދާޅުވެފައިވާ ޞަޙީޙު ގޮތެވެ.” އަލްމަޖުމޫޢު (6/ 388-389)

[2] މި ބޭބޭކަލުންގެ އަރިހުގައި ހޮނިހިރު ދުވަސް އެއްވެސް ސަބަބަކާ ނުލައި އެކަހެރިކޮށް ރޯދަ ހިފުން މަކުރޫހަވެގެން ވެއެވެ. ދަންނަބޭކަލުން ކުރެ، އިބްނު ތައިމިއްޔާ އަދި އިބްނު ޙަޖަރުފަދަ ބައެއް ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ދުވަސް އެކަހެރިކޮށް ރޯދަ ހިފުމީ މަކުރޫހަކަމެއް ނެތި ހުއްދަ ކަމެކެވެ.

 

މަޞްދަރު: ملخص فقه العبادات

 

މި ލިޔުމުގެ އެހެން ބައިތައް