[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه – 18

ޢުޘްމާނުގެފާނު ޝަހީދުކޮށްލުމަށް މެދުވެރިވި ފިތުނައިގެ ފެށުން

 

މި ފިތުނަ ފެށުނީ ޢުޘްމާނުގެފާނުގެ ޚިލާފަތުގައި، ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅުނު ޔަމަނުގެ ޔަހޫދީއެއް ކަމުގައިވާ ޢަބްދުﷲ ބުން ސަބާގެ ފުށުންނެވެ. އޭނާގެ މަގުފުރެދިފައިވާ ފިކުރު ފަތުރަން މުސްލިމުންގެ ރަށްތަކަށް އޭނާ ދަތުރުކުރިއެވެ. އޭނާގެ އެ ދަތުރު ފެށީ ޙިޖާޒުކަރައިންނެވެ. ދެން ދިޔައީ ބަޞްރާއަށެވެ. އެއަށްފަހު، ކޫފާއިން ޝާމުކަރައަށެވެ. ބަޞްރާ އަދި ކޫފާއިން ބަޔަކު އޭނާއަށް އިޖާބަދިނެވެ. ނަމަވެސް ޝާމުކަރައިން އޭނާއަށް މާބޮޑު ކާމިޔާބެއް ނުލިބި، އެތަނުން އޭނާ ބޭރުކޮށްލީއެވެ. ދެން އޭނާ މިސްރާބުޖެހީ މިޞްރަށެވެ. އަދި އެތަނުގައި އޭނާގެ މަގުފުރެދިފައިވާ ފިކުރުގެ ވިހަ ފަތުރަން ފެށިއެވެ. އޭނާގެ ވާހަކަތައް އަޑުއަހާ މީހަކަށް އެއީ ވަރަށް ޢިލްމީ ވާހަކަތަކެއްކަމަށް ހީވެދާނެއެވެ. އަދި އޭނާއަކީ ނަބިއްޔާ صلى الله عليه وسلم ގެ އާލު ބައިތުން ދެކެ ވަރަށް ލޯބިވާ މީހެއްކަމުގައިވެސް ހީވެދާނެއެވެ.

 

އޭނާގެ މަގުފުރެދިފައިވާ ދަޢުވާތަކުގެ ތެރެއިން ބައެއް ދަޢުވާތަކަކީ:

ފުރަތަމަ ދަޢުވާ: ޢީސާގެފާނު އަލުން ވަޑައިގަންނަވާނެކަމަށް ދަޢުވާކޮށް މުޙައްމަދުގެފާނު އަލުން ވަޑައިގަންނަވާނެކަން ދޮގުކުރާ މީހެއްގެ އެ ވާހަކައިގެ އަޖައިބުކަމާއެވެ. ހަމަކަށަވަރުން ﷲ ވަޙީކުރެއްވިއެވެ.

﴿إِنَّ الَّذِي فَرَضَ عَلَيْكَ الْقُرْآنَ لَرَادُّكَ إِلَىٰ مَعَادٍ﴾ [سورة القصص 85]

މާނައީ: “ހަމަކަށަވަރުން ކަލޭގެފާނަށް ޤުރުއާން ބާވައިލެއްވި އިލާހު، ކަލޭގެފާނު (ކަލޭގެފާނުގެ އުފަން ރަށަށް -އެބަހީ: މައްކާއަށް-) އަލުން އަނބުރާ ފޮނުއްވާ ހުށްޓެވެ.”

 

މި ބުނުމަށް ހުރި ރައްދު: މިއީ މުޅިން ބާޠިލު ދަޢުވާއެކެވެ. ޢީސާގެފާނު އުޑަށް އުފުއްލެވުނުކަން ކީރިތި ޤުރުއާނުން ޘާބިތުވެއެވެ. އަދި ފަހު ޒަމާނުގައި އެކަލޭގެފާނު ފައިބައިވަޑައިގަންނަވާނެކަމަށް ކީރިތި ޤުރުއާނުގައި އިޝާރާތްކުރައްވާފައި ވެއެވެ. އަދި އެކަން ތަފްޞީލުކޮށް ސުންނަތުގައި ބަޔާންކުރައްވާފައި ވެއެވެ.

ނަބިއްޔާ صلى الله عليه وسلم އަވަހާރަވިކަމަކީ އެއްވެސް ޝައްކެއް ނެތި ޘާބިތުވާ ކަމެކެވެ. އަދި ޢީސާގެފާނު ފަދައިން އެކަލޭގެފާނު އަލުން ދުނިޔެއަށް ފޮނުއްވާނޭ ކަން ޘާބިތުވާނޭ އާޔަތެއް ނުވަތަ ޙަދީޘެއް ނުވެއެވެ.

އަދި އެ އާޔަތުގެ އެވާ “އަލުން އަނބުރާ ފޮނުއްވާ ހުށްޓެވެ.” ގެ މުރާދަކީ: އެކަލޭގެފާނު މައްކާ ފަތަޙަކުރައްވާ، އަލުން މައްކާއަށް ވެދެވަޑައިގަންނަވާނެކަމެވެ.

މި އާޔަތުގެ ތަފްސީރުގައި އިބްނު ޖަރީރު އައްޠަބަރީ رحمه الله ވިދާޅުވިއެވެ.

“ހަމަކަށަވަރުން ކަލޭގެފާނުގެ މައްޗަށް ޤުރުއާން ބާވައިލެއްވި އިލާހު، ކަލޭގެފާނު އަލުން އަނބުރާ މައްކާއަށް ފޮނުއްވާ ހުއްޓެވެ. އެއީ އެތަން ފަތަޙަކުރާ ޙާލުގައެވެ.” [1]

އަދިވެސް މި ނޫން އެހެން މާނަތައްވެސް އެކަލޭގެފާނު މި އާޔަތުގެ ތަފްސީރުގައި ޛިކުރުކުރައްވާފައި ވެއެވެ. އެހެނަސް ޢަބްދުﷲ ބުން ސަބާ އެ ބުނާ މާނައަކީ މި އާޔަތުގެ ޞައްޙަ މާނައެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ! އެއީ މުޅިން ބާޠިލު މާނައެކެވެ.

 

ދެވަނަ ދަޢުވާ: މުޙައްމަދުގެފާނީ خاتم الأنبياء އެވެ. (ނަބީކަން ޚަތިމުކުރެއްވި ބޭކަލެވެ.) އަދި ޢަލީގެފާނަކީ خاتم الأوصياء އެވެ. ރަސޫލުﷲ صلى الله عليه وسلم ގެ ވަޞިއްޔަތް ތަންފީޒު ނުކުރި މީހަކަށް ވުރެ އަނިޔާވެރިކަން ބޮޑު މީހަކު ކޮބާ ހެއްޔެވެ! ޢުޘްމާނުގެފާނުވަނީ ޢަލީގެފާނަށް ލިބިވަޑައިގެންނެވި ޚިލާފަތުގެ ޙައްޤު ފޭރިގަނެފައެވެ.

 

މި ބުނުމަށް ހުރި ރައްދު: މުޙައްމަދު صلى الله عليه وسلم އަކީ ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ‎﴾ [سورة الأحزاب ٤٠]

މާނައީ: “ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) ﷲގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ.”

ފަހެ ޢަލީގެފާނަކީ ވަޞިއްޔުކަން ޚަތިމުކުރެއްވި ބޭކަލެއްކަމުގައި ޢަބްދުﷲ ބުން ސަބާ ބުނި ބަހާ މެދު ދަންނައެވެ. “خاتم الأوصياء” މި އިޞްޠިލާޙަކީ ޢަބްދުﷲ ބުން ސަބާ ހެދި އިޞްޠިލާޙެކެވެ. އޭގެ މާނައަކީ “ވަޞިއްޔުކަން ޚަތިމުކުރެއްވި ބޭކަލެވެ.” ޢަރަބި ބަހުގައި ވަޞިއްޔުގެ މާނައަކީ ކަމަކަށް ވަޞިއްޔަތްކޮށްފައިވާ މީހާއެވެ. މި ޙާދިޘާއާ ގުޅޭ އެހެން ރިވާޔަތްތަކުން އެނގޭ ގޮތުގައި އޭނާ ދަޢުވާކޮށްފައި ވަނީ ކޮންމެ ނަބީބޭކަލަކުވެސް އެބޭކަލަކަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ބޭކަލަކަށް ވަޞިއްޔަތްކުރައްވާފައިވާ ކަމަށެވެ. އެގޮތުން ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނަށް ފަހު ވެރިކަމަށް ވަޑައިގަތުމަށް ޢަލީގެފާނަށް ވަޞިއްޔަތްކުރައްވާފައެވެ. އަދި އެބައިމީހުން ދަޢުވާކުރާ ގޮތުގައި އެކަލޭގެފާނަކީ ވަޞިއްޔުކަން ޚަތިމުކުރެއްވި ކަލޭގެފާނެވެ. މި ފިކުރަށް ދެން ތަބާވީ ޝީޢީންނެވެ. އަދި އެބައިމީހުންގެ ޤަބޫލުކުރަނީ ޢަލީގެފާނު، އަބޫބަކުރުގެފާނާއި ޢުމަރުގެފާނާ އަދި އުޘްމާނުގެފާނަށް ވުރެވެސް މާތްކަމަކަށެވެ. އަދި ޚިލާފަތަށް އެންމެ އައުލާ ބޭކަލަކީ އެކަލޭގެފާނު ކަމަށެވެ. ނަމަވެސް މިއީ ޞަޙާބީ ބޭކަލުންގެ އިޖުމާޢާ ޚިލާފު ބާޠިލު ޢަޤީދާއެކެވެ.

ޝީޢީން ދެކޭ ގޮތުގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތަކީ ރަނގަޅު ޚިލާފަތެއް ނޫނެވެ. ޢަލީގެފާނުގެ ޚިލާފަތުގެ ފަހު ދުވަސްކޮޅު އެކަލޭގެފާނަށް މިކަން ފާހަގަކުރެއްވުމުނެވެ. އަދި މީސްތަކުން އަބޫބަކުރުގެފާނާއި ޢުމަރުގެފާނަށް އެއްޗެހި ކިޔާކަން ފާހަގަވުމުން، އެކަލޭގެފާނު މިންބަރަށް އަރައިވަޑައިގެން އެކަމަށް އިންކާރުކުރެއްވިއެވެ. އަދި އެބޭކަލުންގެ މާތްކަމުގެ ވާހަކަ ބަޔާންކުރެއްވިއެވެ. ދެން ވިދާޅުވިއެވެ.

“ފަހެ ތިމަންކަލޭގެފާނު ދެކެ ލޯބިވާ މީހަކު ފަހެ އެ ދެ ބޭކަލުން ދެކެ ލޯބިވާ ހުށިކަމެވެ. ފަހެ އެ ދެ ބޭކަލުން ދެކެ ލޯބި ނުވާ މީހަކު ދެކެ ތިމަންކަލޭގެފާނު ރުޅިއަންނަމެވެ. އަދި އެމީހެއްގެ ކިބައިން ތިމަންކަލޭގެފާނު ބަރީއަވެގެން ވަމެވެ.”

އަދި ޢުޘްމާނު ވެރިކަމަށް ޚިޔާރުކުރެއްވުނީ ޞަޙާބީ ބޭކަލުންގެ އިޖުމާޢުންނެވެ. އަދި ޢަލީގެފާނުވެސް އެކަލޭގެފާނަށް އެކަމުގައި ބައިޢަތު ހިއްޕެވިއެވެ. [2]

 

ޢަބްދުﷲ ބުން ސަބާއާއި އޭނާއަށް ތަބާވީ މީހުން ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން މަނާކުރުމުގެ ނަމުގައި، ޢުޘްމާނުގެފާނުގެ ފަރާތްޕުޅުން ރަށްތަކަށް ކަނޑައަޅުއްވާފައިވާ ވެރިންނާ ދެކޮޅުވެރިވެ، އެބޭކަލުންގެ ނިންމުންތަކާމެދު ސުވާލު އުފައްދާ، ޝަކުވާކޮށް އަދި އެބޭކަލުންގެ ޢައިބުތައް ހާމަކުރަން ފެށިއެވެ. ދެން އެއަށްފަހު، ޢުޘްމާނުގެފާނަށްވެސް އެއްޗެހި ކިޔާ ހެދިއެވެ. މިފަދަ މަގުފުރެދިފައިވާ ގޮވުންތަކުގެ ނަތީޖާއަކަށްވީ މުސްލިމު މުޖުތަމަޢުތަކުގައި ހަމަނުޖެހުންތައް ގިނަވެ، ރައްޔިތުންގެ ކުރިމަތީގައި ވެރިންގެ ހައިބަތު ނެތިދިއުމެވެ. އަދި އުންމަތުގެ ޢާންމުންގެ ތެރެއިން ބައެއްގެ ހިތުގައި ޢުޘްމާނުގެފާނާމެދު ނަފްރަތާއި ދެކޮޅުވެރިކަން އުފެދުމެވެ. ހަމަކަށަވަރުން މިއީ ބޮޑުވެގެންވާ ފިތުނައެއްގެ ފެށުމެވެ. [3]

 

މުސްލިމުންގެ ތެރެއިން ބަޔަކު، އިބްނު ސަބާއާއި އޭނާގެ ބައިވެރިންގެ ދަޢުވާތަކަށް ހެއްލުނު މައިގަނޑު ދެ ސަބަބެއް ފާހަގަކޮށްލެވެއެވެ. އެއީ:

  1. ދުނިޔަވީ އެދުންތަކަށް ހެއްލިފައިވީ ބަޔަކަށް އެކަމަކީ މުދަލާއި ރިޔާސަތު ހޯދުމަށް ފަހިވި މަގެއްކަމުގައި ހީވުމުން.
  2. ޖާހިލުކަމުގެ ސަބަބުން ނުވަތަ ރަނގަޅު ނޫން އިޖުތިހާދެއްގެ މައްޗަށް ބުރަވުމުގެ ސަބަބުން.

 

މި ފިތުނައަށް ގޮވާލި މީހުންގެ ތެރެއިން ކޫފާގައި ފާހަގަކޮށްލެވެނީ އަލްއަޝްތަރު އައްނަޚަޢީއެވެ. އަދި ބަޞްރާގައި ޙަކީމު ބުން ޖަބަލާއެވެ. އަދި މިޞްރުގައި އަލްޣާފިޤީ ބުން ޙަރްބު އަލްއައްކީއެވެ.

 


 

الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –

 

ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –

 

[1] تفسير الطبري (18 / 348).

[2] ބައްލަވާ: الشريعة للآجري (4 / 1984) وعقيدة الواسطية لابن تيمية (ص: 117) وأصول مسائل العقيدة عند السلف لد. سعود الخلف (2 / 88).

[3] ބައްލަވާ: تاريخ الطبري (4 / 260 – 261) والبداية والنهاية لابن كثير (10 / 263 – 264).