ޝޫރާގެ އަހުލުވެރިން ބައްދަލުކުރެއްވުމާއި ޢުޘްމާނުގެފާނަށް ބައިޢަތުހިއްޕެވުން
ޢުމަރުގެފާނު ފަސްދާނުލެއްވުމަށް ފަހު، ޝޫރާގެ އަހުލުވެރިން ބައްދަލުކުރެއްވިއެވެ. ޠަލްޙާ ބުން ޢުބައިދިއްﷲ މަދީނާއިން ބޭރުގައި ހުންނަވާފައި ވަޑައިގެން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. [1]
ފަހެ، ޢަބްދުއްރަޙްމާން ބުން ޢައުފު ވިދާޅުވިއެވެ. “ތިޔަބައިމީހުންގެ ކަންތަކުގައި (އެބަހީ: ޚަލީފާކަމަށް އައްޔަނުކުރާނެ ބޭކަލަކު ކަނޑައެޅުއްވުމަށް) ތިން ބޭކަލަކާ ހަވާލުކުރާށެވެ.”
ޒުބައިރުގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ޢަލީގެފާނާ ހަވާލުކޮށްފީމެވެ.”
ޠަލްޙަތުގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ޢުޘްމާނުގެފާނާ ހަވާލުކޮށްފީމެވެ.”
ސަޢުދުގެފާނު ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ޢަބްދުއްރަޙްމާނުގެފާނާ ހަވާލުކޮށްފީމެވެ.”
ދެން ޢަބްދުއްރަޙްމާނުގެފާނު ވިދާޅުވިއެވެ. “ތިޔަ ދެ ބޭކަލުންގެ (އެބަހީ: ޢަލީގެފާނާއި ޢުޘްމާނުގެފާނުގެ) ތެރެއިން މިކަން ދޫކޮށްލާނީ ކޮން ބޭކަލަކު ހެއްޔެވެ؟ އޭރުން ދެން ހުންނެވި ބޭކަލަކާ ތިމަންމެން (ޚަލީފާކަން) ހަވާލުކުރާނީއެވެ. ފަހެ، ﷲ އާއި އިސްލާމްދީން ހެކިވާނެއެވެ. އެ ދެ ބޭކަލުންގެ ތެރެއިން އެކަމަށް އެންމެ އެދެވިގެންވަނީ ކޮން ބޭކަލެއްތޯ ވިސްނަވާށެވެ.”
ފަހެ، ދެ ބޭކަލުން (އެބަހީ: ޢަލީގެފާނާއި ޢުޘްމާނުގެފާނު) ހަނު ތިއްބެވިއެވެ. ދެން ޢަބްދުއްރަޙްމާނުގެފާނު ވިދާޅުވިއެވެ. “ތިޔަބޭކަލުން ތިމަންކަލޭގެފާނަށް މިކަން ދޫކޮށްލައްވަނީ ހެއްޔެވެ؟ ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނުގެ މައްޗަށް އޮތީ ތިޔަ ބޭކަލުންގެ ތެރެއިން އެންމެ މާތް ބޭކަލަކަށް މެނުވީ (ޚަލީފާކަން) ހަވާލު ނުކުރުމެވެ.”
އެ ދެ ބޭކަލުން ދެންނެވިއެވެ. “އާދޭހެވެ.” [2]
އެއަށްފަހު، ތިން ދުވަސް ވަންދެން ޢަބްދުއްރަޙްމާނުގެފާނު ޝޫރާގެ ބޭފުޅުންގެ މަޝްވަރާއާއި އާންމުންގެ ޚިޔާލުހުރި ގޮތާމެދު ވިސްނާވަޑައިގެންނެވިއެވެ. އަދި ޖެހިގެން އައި ރޭ އަލްމިސްވަރު ބުން މަޚްރަމާގެ ގެކޮޅަށް ޝޫރާގެ ބޭކަލުން އެއްކުރެއްވިއެވެ. އަދި އެ ރޭގެ ފަތިސް ނަމާދަށް ފަހު، މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން އޭރު މަދީނާގައި ޙާޟިރުވެ ތިއްބެވި ބޭކަލުން އެއްކުރެއްވިއެވެ. އަދި ރަށްތަކުގެ އަމީރުންގެ ތެރެއިން އެ އަހަރުގެ ޙައްޖުގެ އަޅުކަމަށް ފަހު ޢުމަރުގެފާނުގެ އަރިހުގައި މަދީނާއަށް ވަޑައިގެން ތިއްބެވި ބޭކަލުން އެއްކުރެއްވިއެވެ. [3]
އެބޭކަލުން ޖަމާވުމުން ޢަބްދުއްރަޙްމާނުގެފާނު ވިދާޅުވިއެވެ.
“އޭ ޢަލީގެފާނެވެ. މީސްތަކުންގެ ކަންތަކުގައި ތިމަންކަލޭގެފާނު ވިސްނަވައިފީމެވެ. ފަހެ، ޢުޘްމާނުގެފާނާ އެއްފަދަ ބޭކަލަކު ވާކަމަށް މީސްތަކުން ނުދެކެއެވެ. ފަހެ، (ޚަލީފާކަމުގެ) އެއްވެސް ކަމެއް ކަލޭގެފާނުގެ ނަފްސަށް ނުނަންގަވާށެވެ.”
ފަހެ، ޢަލީގެފާނު (ޢުޘްމާނުގެފާނަށް) ވިދާޅުވިއެވެ. “ﷲ އާއި އެއިލާހުގެ ރަސޫލާ އަދި ކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ދެ ޚަލީފާއިންގެ ސުންނަތުގެ މަތިން ތިމަންކަލޭގެފާނު، ކަލޭގެފާނަށް ބައިޢަތު ހިއްޕަވައިފީމެވެ.”
ދެން ޢަބްދުއްރަޙްމާނުގެފާނު (ޢުޘްމާނުގެފާނަށް) ބައިޢަތު ހިއްޕެވިއެވެ. އަދި މުހާޖިރުންނާއި އަންޞާރުންނާއި ރަށްތަކުގެ އަމީރުން އަދި އެންމެހާ މުސްލިމުންގެ އެކަލޭގެފާނަށް ބައިޢަތު ހިއްޕެވިއެވެ. [4]
އެއީ ހިޖުރައިން 24 ވަނަ އަހަރުގެ މުޙައްރަމު މަހުގެ ފުރަތަމަ ދުވަހެވެ. [5]
ޝޫރާގެ މަޖުލީހުގެ ކަންތައް ހިނގާދިޔަ ގޮތަކީ މިއީއެވެ. އަދި މިކަމުން ދޭހަވަނީ އުންމަތުގެ މީސްތަކުންގެ ހިތްތަކުގައި ޢުޘްމާނުގެފާނަށް އޮތް ލޯތްބާއި އެބައިމީހުންގެ ޚަލީފާއަކަށް އެކަލޭގެފާނު ވުމަށް އެބައިމީހުން އެދި އެދި ތިބިކަމެވެ.
ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ވިދާޅުވިއެވެ.
“كُنَّا نُخَيِّرُ بَيْنَ النَّاسِ فِي زَمَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَنُخَيِّرُ أَبَا بَكْرٍ، ثُمَّ عُمَرَ بْنَ الخَطَّابِ، ثُمَّ عُثْمَانَ بْنَ عَفَّانَ رَضِيَ اللَّهُ عَنْهُمْ” [6].
މާނައީ: “ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައި މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ ބޭކަލަކީ ކޮބައިތޯ، ތިމަން ބޭކަލުންގެ މެދުގައި ވާހަކަދައްކާ އުޅުއްވީމެވެ. އެގޮތުން އެންމެ ހެޔޮ ބޭކަލަކީ އަބޫބަކުރުގެފާނުކަމުގައި ބުނެ އުޅެއެވެ. ދެން ޢުމަރު ބުން އަލްޚައްޠާބެވެ. ދެން ޢުޘްމާނު ބުން ޢައްފާނެވެ. رضي الله عنهم.”
އަދި ޢަބްދުﷲ ބުން މަސްޢޫދު رضي الله عنهވިދާޅުވިއެވެ.
“بايعنا خيرنا ولم نأل” [7].
މާނައީ: “ތިމަންބޭކަލުން ބައިޢަތު ހިއްޕެވީ ތިމަންބޭކަލުންގެ ތެރެއިން އެންމެ ހެޔޮ ބޭކަލަށެވެ. އަދި އެކަމުގައި ފަސްޖެހިވަޑައިނުގަންނަވަމެވެ.”
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން رضي الله عنه –
[1] ބައްލަވާ: فتح الباري لابن حجر (7 / 69).
[2] رواه البخاري (3700).
[3] ބައްލަވާ: فتح الباري لابن حجر (13 / 195 – 199).
[4] رواه البخاري (7207).
[5] ބައްލަވާ: الطبقات الكبرى لابن سعد (3 / 46)، وتاريخ الرسل والملوك للطبري (4 / 194).
[6] رواه البخاري (3655).
[7] ބައްލަވާ: الاستيعاب لابن عبد البر (3 / 1039)، والإصابة لابن حجر (505).