[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެންމެ އެކަށޭނެ މީހާއެވެ. ދެން އެންމެ އެކަށޭނެ މީހާއެވެ! – 4

މީސްތަކުންގެ މެދުގައި ޙުކުމު ކުރުމުގައި އެ މީހަކަށް ޤުއްވަތު (ބާރު) ލިބިގެން ވުން ވަޒަން ކުރާނީ ޤުރުއާނާއި ސުންނަތުން މަގު ދައްކާފައިވާ ޢަދުލުވެރިކަމުގެ ޢިލްމު އެ މީހަކަށް ލިބިފައިވުމުގެ މައްޗަށް ބިނާކޮށެވެ. އަދި އެ ޙުކުމުތައް ތަންފީޛުކުރުމުގެ ކުޅަދާނަކަން އެ މީހަކަށް ލިބިގެންވުމުގެ މައްޗަށް ބިނާ ކުރެވިގެންނެވެ.

ޤަޟާއަށް ޚިޔާރު ކުރެވޭ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ދެވަނަ ރުކުންކަމުގައިވާ އަމާނާތްތެރިކަން ރުޖޫޢަވަނީ ﷲއަށް އެ މީހަކު ބިރުވެތިވުމުގެ މައްޗަށެވެ. އެއީ އެކަލާނގެ އާޔަތްތައް ކުޑަ އަގެއްގައި ނުގަތުމެވެ. [އެބަހީ: އެކަލާނގެ ފޮތުގައި އަންގަވައިފައިވާ ކަންކަން އޮޅުވައިލައި ފޮރުވައި ނޫޅުމެވެ. އަދި ރިޝްވަތުގައި ހިފުންފަދަ ކަންކަން ނުކުރުމެވެ.] އަދި މީހަކު ބުނެފާނޭ ބަހަކަށް ނުވަތަ ދީފާނޭ ޙަމަލާއަކަށް މީސްތަކުން ދެކެ ބިރު ނުގަތުމެވެ. މި ތިން ކަންތަކަށް ރައްކާތެރިވުން ﷲ ވަނީ މީސްތަކުންގެ މެދުގައި ޙުކުމު ކުރާ ހަމަ ކޮންމެ މީހެއްގެ މައްޗަށް ލައްވައިފައެވެ. އެކަލާނގެ ވަޙީ ކުރައްވައިފައި ވެއެވެ.

﴿فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ‎﴾‏ [المَائِدَة 44]

މާނައީ: “ފަހެ، ތިޔަބައިމީހުން މީސްތަކުން ދެކެ ބިރުނުގަންނާށެވެ! ތިމަން އިލާހަށް ބިރުވެތި ވާށެވެ! އަދި ތިމަން އިލާހުގެ އާޔަތްތަކަށް ކުޑަ އަގެއް ތިޔަބައިމީހުން ނުގަންނާށެވެ! ﷲ ބާވައިލެއްވި ޙުކުމުން ޙުކުމު ނުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ ކާފިރުންނެވެ.”  

މިކަން ބަޔާން ކުރައްވައި ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައި ވެއެވެ.

«الْقُضَاةُ ثَلَاثَةٌ: قَاضِيَانِ فِي النَّارِ، وَقَاضٍ فِي الْجَنَّةِ. فَرَجُلٌ عَلِمَ الْحَقَّ وَقَضَىٰ بِخِلَافِهِ، فَهُوَ في النار. وَرَجُلٌ قَضَىٰ بَيْنَ النَّاسِ عَلَى جَهْلٍ، فَهُوَ فِي النَّارِ، وَرَجُلٌ عَلِمَ الْحَقَّ وَقَضَىٰ بِهِ، فَهُوَ فِي الْجَنَّةِ»[1] (މި ޙަދީޘް ސުނަނު ފޮތްތަކުގެ ބޭކަލުން ރިވާ ކުރައްވައިފައި ވެއެވެ.)

މާނައީ: “ޤާޟީން ވަނީ ތިން ބާވަތަކަށެވެ. އޭގެ ތެރެއިން ދެ ބާވަތެއްވަނީ ނަރަކައިގައެވެ. އަދި ސުވަރުގޭގައި ވަނީ އެންމެ ބާވަތެކެވެ. ޙައްޤު އެނގިހުރެ ޙައްޤާ ޚިލާފަށް ޙުކުމު ކުރި މީހާ ވަނީ ނަރަކައިގައެވެ. އެ މީހެއްގެ ޖާހިލުކަމާ އެކު މީސްތަކުންގެ މެދުގައި ޙުކުމު ކުރި މީހާ ވަނީ ނަރަކައިގައެވެ. އަދި ޙައްޤު އެނގި ހުރެ، ޙައްޤަށް ޙުކުމު ކުރި މީހާ ވަނީ ސުވަރުގޭގައެވެ.”

ދަންނައެވެ! “ޤާޟީ” މިއީ ކޮންމެ ދެ މީހެއްގެ ދެމެދު ގޮތް ނިންމާ، ފައިސަލާކޮށްދޭ ކޮންމެ މީހަކަށް ކިޔާ ނަމެކެވެ. އެއީ ޚަލީފާއެއް ނުވަތަ ސުލްޠާނެއް ނުވަތަ އޭގެން މީހެއްގެ ނާއިބެއް ވިޔަސް މެއެވެ. ނުވަތަ އެއީ ރަށެއްގެ ބެލެހެއްޓުމާ ހަވާލު ކުރެވިފައިވާ މީހެއްކަމުގައި ވިޔަސް މެއެވެ. ނުވަތަ އެއީ ޝަރުޢުގައި އައިސްފައިވާ ގޮތުގެ މަތިން ގޮތް ނިންމުމަށް ޚިޔާރު ކުރެވިފައިވާ މީހާ ނުވަތަ އެ މީހާގެ ނާއިބުކަމުގައި ވިޔަސް މެއެވެ. ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ އަޞްޙާބު ބޭބޭކަލުން ބަޔާން ކުރައްވާފައިވަނީ މިފަދައިންނެވެ. އަދި މިއީ ސާފުކޮށް ފެންނަން ހުރި ކަންކަމެވެ.

 

=ނިމުނީ=


 

މި ލިޔުމުގެ އެހެން ބައިތައް

 

[1] އަބޫ ދާވޫދު (3573)