ހަވަނަ ބާބު
ރޯދަ ޤަޟާކުރުމުގައި އެކުލެވިގެންވާ ޢާންމު ޙުކުމުތައް
ފުރަތަމަ ބައި: ޤަޟާކުރުމުގައި ވިދިވިދިގެން ހިފުމާއި ޤަޟާކުރުން ފަސްކުރުން
ފުރަތަމައީ: ވިދިވިދިގެން ޤަޟާކުރުން
ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުމުގައި ވިދިވިދިގެން ޤަޟާކުރުން ވާޖިބުވެގެން ނުވެއެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ. އަދި ދަންނަބޭކަލުން ކުރެ ގިނަ ބޭކަލުން ދެކިވަޑައިގަންނަވަނީވެސް މި ފަދައިންނެވެ.
ދެވަނައީ: ޤަޟާ ކުރުމުގައި ފަސްކުރުން
- އެއް ރަމަޟާން މަހުގެ ރޯދަ، އަނެއް ރަމަޟާން ގާތްވަންދެން ފަސް ކުރުމުގެ ޙުކުމް:
ރަމަޟާން މަހުގެ ރޯދައިން ޤަޟާ ކުރާން ޖެހޭ ރޯދަ އަހަރުގެ ކޮންމެ ދުވަހަކަށް ފަސްކޮށްގެން[1] ހިފުންވެސް ޖާއިޒުވެގެން ވެއެވެ. ޝަރުޠަކީ ކުރިމަތިވަމުން އަންނަ ރަމަޟާން މަސް ވަނުމުގެ ކުރިން ހިފައި ފުރިހަމަ ކުރުމެވެ. މިއީ ފިޤުހީ ހަތަރު މަޛްހަބުގެ އިއްތިފާޤުންނެވެ.
- އެއް ރަމަޟާން މަހުގެ ރޯދަ، އަނެއް ރަމަޟާން މަހެއް ވަދެއްޖައުމަށް ދާންދެން ފަސްކުރުމުގެ ޙުކުމް:
އެމީހެއްގެ މައްޗަށް ޤަޟާކުރަން ޖެހޭ ރޯދަ ޤަޟާ ނުކޮށް ހުއްޓައި، އަނެއް ރޯދަމަސް ވަދެއްޖެނަމަ؛ ފަހެ މިފަދަ މީހާގެ ރޯދައާ މެދު ދަންނަބޭކަލުން ދެ ރައުޔަކަށް ޚިލާފުވެގެން ވެއެވެ.
ފުރަތަމަ ރައުޔު: އޭނާގެ އެ ރޯދަތައް ޤަޟާ ކުރުމާއެކު ފިދުޔަ ދިނުން ވާޖިބު ވާނެއެވެ. އެއީ ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާން ދިނުމެވެ. މިއީ ޖުމުހޫރު – މާލިކީން، ޝާފިޢީން އަދި ޙަންބަލީން – ދަންނަބޭކަލުންގެ މަޛްހަބެވެ.
ދެވަނަ ރައުޔު: އޭނާގެ މައްޗަށް ރޯދަ ޤަޟާކުރުން ނޫން ކަމެއް ނުވެއެވެ. މިއީ ޙަނަފީންގެ މަޛްހަބެވެ. އަދި އިބްނު ޙަޒްމާއި އައްޝައުކާނީއާއި އިބްނު ޢުޘައިމީންގެ އިޚްތިޔާރުކުރެއްވީވެސް މި ރައުޔެވެ. ހަމަ އެހެންމެ މިއީ ބައެއް ސަލަފުންގެ ބޭކަލުންގެވެސް ރައުޔެވެ. [2]
- ފަރުޟު ރޯދަ ހިފައި ނިމުމުގެ ކުރިއަށް ސުންނަތް ރޯދަ ހިފުމުގެ ޙުކުމް:
ޤަޟާ ކުރަން ޖެހޭ ރޯދައެއް ހުރި މީހަކު، ސުންނަތް ރޯދަ ހިފުމުގެ ކުރިއަށް ރޯދަ ޤަޟާކޮށް ފުރިހަމަ ކުރުން ވާޖިބު ވެގެން ނުވެއެވެ[3]. އެއީ ރޯދަ ޤަޟާކުރުމުގެ ވަގުތު ތަނަވަސް ވެގެން ވާނަމައެވެ. މިއީ ޖުމުހޫރު – ޙަނަފީން، މާލިކީން، ޝާފިޢީން އަދި އިމާމް އަޙްމަދުގެ އެއް ރިވާޔަތް – ދަންނަބޭކަލުންގެ މަޛްހަބެވެ. [4]
[1] ނަމަވެސް ޤަޟާ ކުރުމުގައި އަވެސްވެގަތުން އައުލާ ވެގެން ވެއެވެ.
[2] އިތުރު ތަފްޞީލު: https://www.youtube.com/watch?v=qj19JZnSl5Y
[3] އޭގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވަނީ ޖާއިޒު ކަމުގައެވެ. އަދި އަނެއްބައި ބޭކަލުން ވިދާޅުވަނީ މަކުރޫހަ ކަމުގައެވެ.
[4] ޤަޟާ ރޯދަތަކުގެ ކުރިން ޝައްވާލު މަހުގެ ހަ ރޯދަ ހިފުމާ ބެހޭ ގޮތުން އިތުރަށް ވިދާޅުވުމަށް: https://dhisalafiyyah.net/article/36124
މަޞްދަރު: ملخص فقه العبادات