[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުއްވަތާއި (ބާރުވެރިކަމާއި) އަމާނާތްތެރިކަން ވެރިމީހާގެ ކިބައިގައި ޖަމާވުން – 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ ރިސާލާއެއްކަމުގައިވާ “السياسة الشرعية في إصلاح الراعي والرعية” ގެ ބައެއް ބައިތަކުގެ ތަރުޖަމާއެކެވެ.

 

*************************************************

 

ޤުއްވަތާއި އަމާނާތްތެރިކަމާ، މި ދެ ޞިފަ އެ މީހެއްގެ ކިބައިގައި ޖަމާވެފައިވާ މީހުންނަކީ މަދު ބައެކެވެ. މި ސަބަބަށްޓަކައި ﷲ އެ ބޭކަލަކަށް ރުއްސުން ލެއްވި ޢުމަރު ބުން އަލްޚައްޠާބު ދުޢާގައި ވިދާޅުވާ

ކަމުގައި ވެއެވެ.

«اللَّهُمَّ أَشْكُو إلَيْكَ جَلَدَ الْفَاجِرِ، وَعَجْزَ الثِّقَةِ» [1]

މާނައަކީ: “އޭ ﷲ! ފާޖިރުމީހާގެ އެ ހުންނަ ކެތްތެރިކަމާ ވަރުގަދަކަމުގެ ޝަކުވާ އަދި އިތުބާރުހިފޭ މީހާގެ އެ ހުންނަ ނުކުޅެދުންތެރިކަމުގެ ޝަކުވާ، މިއަޅާ އިބާ އިލާހުގެ ޙަޟްރަތުގައި ދަންނަވަމެވެ.”

އެހެންކަމުން ކޮންމެ ވިލާޔަތަކަށް މީހަކު ޚިޔާރު ކުރުމުގައިވެސް ވާޖިބުވެގެންވަނީ އެ ހަވާލު ކުރެވޭ މަސްއޫލިއްޔަތާ އެކަށޭނަހެން، އެންމެ ޤާބިލު އަދި ކުޅަދާނަ މީހަކު ޚިޔާރު ކުރުމެވެ. މަޤާމަކަށް ދެ މީހަކު ހޮވިފައި، އޭގެ ތެރެއިން އެކަކު އެއީ އަމާނާތްތެރިކަމުގައި އަރައިހުރި މީހަކަށްވެފައި، ދެވަނަ މީހާއީ އެ މީހެއްގެ ކިބައިގައި އިންތިހާއަށް ޤުއްވަތު ހުރި މީހެއްނަމަ؛ އޭގެ ތެރެއިން އެކެއް އިސްކުރެވޭ ވެރިކަމެއްގެ ބާވަތަށް ރިޢާޔަތްކޮށް އެ ވެރިކަމަކަށް އެންމެ މަޞްލަޙަތު ބޮޑު އަދި އެ މީހެއްގެ ސަބަބުން އެންމެ ގެއްލުން ކުޑަ މީހާ އިސް ކުރާނީއެވެ. މި ގޮތުން މިސާލަކަށް ހަނގުރާމައިގެ ވެރިކަމަށް ދެ މީހަކު ހުރެފައި، އޭގެ ތެރޭގައިވާ ޖެހިލުން ކުޑަ އަދި ޤުއްވަތުގެ ގޮތުން އެންމެ ވަރުގަދަ މީހާ ބަލިކަށިފިނޑި މީހާގެ މައްޗަށް އިސް ކުރާނީއެވެ. އެއީ ފުރަތަމަ މި ބުނި މީހާގެ ކިބައިގައި ފާޖިރުކަން ހުރެފައި އަދި ދެވަނަ މީހާއީ އަމާނާތްތެރިކަމުގައި އަރައިހުރި އަމީނެއްކަމުގައި ވިޔަސް މެއެވެ.

އިމާމު އަޙްމަދަށް މިފަދަ ސުވާލެއް ކުރިމަތި ކުރެވުނެވެ.

ހަނގުރާމައިގައި އަމީރެއްގެ ގޮތުގައި ޢައްޔަނު ކުރުމަށް ހުރި ދެ މީހުން ކުރެ އެކަކީ ޤުއްވަތުގެ ގޮތުން ވަރުގަދަ ނަމަވެސް ފާޖިރު މީހެކެވެ. އަދި ދެވަނަ މީހާއީ ޤުއްވަތުގެ ގޮތުން ބަލިކަށި، އެހެނަސް ޞާލިޙެކެވެ. މި ދެ މީހުން ކުރެ ހަނގުރާމާގައި އަމީރެއްކަމުގައި ޚިޔާރު ކުރާނީ ކާކު ތޯއެވެ؟ ޖަވާބުގައި އިމާމު ވިދާޅުވިއެވެ.

“ޤުއްވަތުގެ ގޮތުން ވަރުގަދަ، އެހެނަސް ފާޖިރު މީހާއާ މެދު ދަންނައެވެ! އޭނާގެ ޤުއްވަތާއި ބާރުވަނީ މުސްލިމުންނަށެވެ. އަދި އޭނާގެ ކިބައިގައިވާ ފާޖިރުކަން އެއީ އޭނާގެ އަމިއްލަ ނަފުސުގެ މައްޗަށްވާ ކަމެކެވެ. އަދި ޤުއްވަތުގެ ގޮތުން ބަލިކަށި ޞާލިޙު މީހާއާ މެދު ދަންނައެވެ! އޭނާގެ ޞާލިޙުކަން ވަނީ އޭނާގެ އަމިއްލަ ނަފުސަށެވެ. ނަމަވެސް އޭނާގެ ބަލިކަށިކަން ވަނީ މުސްލިމުންނަށެވެ. އެހެންކަމުން ހަނގުރާމަ ކުރެވޭނީ [އެ ދެ މީހުން ކުރެ] ފާޖިރު އެހެނަސް ޤުއްވަތުގެ ގޮތުން ވަރުގަދަ މީހާއާ އެކުއެވެ.”  

ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައި ވެއެވެ.

«إنَّ اللَّهَ يُؤَيِّدُ هَذَا الدِّينَ بِالرَّجُلِ الْفَاجِرِ» [صحيح البخاري 3062]

މާނައީ: “ހަމަކަށަވަރުން ފާޖިރެއް މެދުވެރި ކުރައްވައިވެސް ﷲ މި ދީނަށް ގަދަކަން ދެއްވާނެއެވެ.” އަދިވެސް ރިވާވެގެން ވެއެވެ.

«بِأَقْوامٍ لَا خَلاقَ لَهُم » [أحمد (20454) وقال البخاري: حديث حسن]

މާނައީ: “(އާޚިރަތުގައި) އެބަޔަކަށް ހެވެއް ނުވާ ބައެއްގެ ކިބައިންނެވެ.”

 

އެހެންކަމުން އެ މީހާއަކީ ފާޖިރެއް ނޫން ނަމަ، ދީނުގައި އެ މީހާއަށް ވުރެ ހެޔޮ މީހާގެ މައްޗަށް ހަނގުރާމައިގެ ވެރިކަމުގައި އިސްކުރުން އައުލާއެވެ. އެއީ އެ މީހެއްގެ ދީންވެރިކަން ބޮޑު މީހާއަށް އެ މަސްއޫލިއްޔަތު އަދާ ނުވާނޭ ނަމައެވެ.

 

=ނުނިމޭ=

 


 

[1] މި ފޮތް ތަޙުޤީޤުކުރެއްވި الشيخ على بن محمد العمران ވިދާޅުވެފައިވަނީ މި ބަސްފުޅުގެ ހަވާލާ އެއްވެސް ފޮތަކުން އެބޭފުޅާއަށް ފެނިފައި ނުވާ ކަމަށެވެ.

 

މި ލިޔުމުގެ އެހެން ބައިތައް