-
ޢުޘްމާނުގެފާނު ޖަވާބުދާރީކުރުވުމަށް އެބައިމީހުން ބޭނުންވި ކަންތައްތައް
ޢުޘްމާނުގެފާނު އެކަލޭގެފާނުގެ ގެކޮޅުގައި ޙިޞާރުކުރުމަށް މެދުވެރިވި ފިތުނައަށް މަގުފަހިވީ، އެކަލޭގެފާނާ ދެކޮޅުވީ މީހުން ޢާންމުންގެ ތެރޭގައި އެކަލޭގެފާނާ ބެހޭގޮތުން ފެތުރި ޝުބުހަތަކުގެ ސަބަބުންނެވެ. އެއީ ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމުގެ ނަމުގައި އެބައިމީހުން ހިންގި ޖަރީމާއެކެވެ. އެގޮތުން ޢުޘްމާނުގެފާނުގެ ޝަޚްޞިއްޔަތާ ބެހޭގޮތުން އެބައިމީހުން ފެތުރި ވާހަކަތަކުގެ ތެރޭގައި ބަދުރު ހަނގުރާމައިގައި އެކަލޭގެފާނު ބައިވެރިވެވަޑައިނުގަންނަވާކަމާއި، އުޙުދު ހަނގުރާމައިގައި އެކަލޭގެފާނު ހަނގުރާމައިން ފިއްލެވިކަމާ އަދި ބައިޢަތުއް ރިޟްވާނުގައިވެސް ބައިވެރިވެވަޑައިނުގަންނަވާ ވާހަކަ ހިމެނެއެވެ. ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ވަނީ އެބައިމީހުންގެ މި ޝުބުހަތަކުގެ ޙަޤީޤަތް ބަޔާންކޮށްދެއްވާ، އެއަށް ރައްދު ދެއްވާފައެވެ. އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވެއެވެ.
جَاءَ رَجُلٌ مِنْ أَهْلِ مِصْرَ حَجَّ البَيْتَ، فَرَأَى قَوْمًا جُلُوسًا، فَقَالَ: مَنْ هَؤُلاَءِ القَوْمُ؟ فَقَالُوا هَؤُلاَءِ قُرَيْشٌ، قَالَ: فَمَنِ الشَّيْخُ فِيهِمْ؟ قَالُوا: عَبْدُ اللَّهِ بْنُ عُمَرَ، قَالَ: يَا ابْنَ عُمَرَ، إِنِّي سَائِلُكَ عَنْ شَيْءٍ فَحَدِّثْنِي، هَلْ تَعْلَمُ أَنَّ عُثْمَانَ فَرَّ يَوْمَ أُحُدٍ؟ قَالَ: نَعَمْ، قَالَ: تَعْلَمُ أَنَّهُ تَغَيَّبَ عَنْ بَدْرٍ وَلَمْ يَشْهَدْ؟ قَالَ: نَعَمْ، قَالَ: تَعْلَمُ أَنَّهُ تَغَيَّبَ عَنْ بَيْعَةِ الرِّضْوَانِ فَلَمْ يَشْهَدْهَا؟ قَالَ: نَعَمْ، قَالَ: اللَّهُ أَكْبَرُ، قَالَ: ابْنُ عُمَرَ: تَعَالَ أُبَيِّنْ لَكَ، أَمَّا فِرَارُهُ يَوْمَ أُحُدٍ، فَأَشْهَدُ أَنَّ اللَّهَ عَفَا عَنْهُ وَغَفَرَ لَهُ، وَأَمَّا تَغَيُّبُهُ عَنْ بَدْرٍ فَإِنَّهُ كَانَتْ تَحْتَهُ بِنْتُ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَكَانَتْ مَرِيضَةً، فَقَالَ لَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ لَكَ أَجْرَ رَجُلٍ مِمَّنْ شَهِدَ بَدْرًا، وَسَهْمَهُ» وَأَمَّا تَغَيُّبُهُ عَنْ بَيْعَةِ الرِّضْوَانِ، فَلَوْ كَانَ أَحَدٌ أَعَزَّ بِبَطْنِ مَكَّةَ مِنْ عُثْمَانَ لَبَعَثَهُ مَكَانَهُ، فَبَعَثَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عُثْمَانَ وَكَانَتْ بَيْعَةُ الرِّضْوَانِ بَعْدَ مَا ذَهَبَ عُثْمَانُ إِلَى مَكَّةَ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِيَدِهِ اليُمْنَى: «هَذِهِ يَدُ عُثْمَانَ». فَضَرَبَ بِهَا عَلَى يَدِهِ، فَقَالَ: «هَذِهِ لِعُثْمَانَ» فَقَالَ لَهُ ابْنُ عُمَرَ اذْهَبْ بِهَا الآنَ مَعَكَ. [رواه البخاري (3698)]
މާނައީ: “މިޞްރުގެ އަހުލުވެރިންގެ ތެރެއިން މީހަކު ގެފުޅަށް ޙައްޖުވުމަށް އައެވެ. ފަހެ، ބަޔަކު އިށީނދެ ތިއްބާ އޭނާއަށް ފެނުނެވެ.
އޭނާ ބުންޏެވެ. “އެއީ ކޮން ބައެއް ހެއްޔެވެ؟”
ފަހެ، މީސްތަކުން ބުންޏެވެ. “އެއީ ޤުރައިޝުންނެވެ.”
އޭނާ ބުންޏެވެ. “ފަހެ، އެބައިމީހުންގެ ތެރޭގައި އެ ހުންނެވި ޝައިޚަކީ ކޮން ބޭކަލެއް ހެއްޔެވެ؟”
މީސްތަކުން ބުންޏެވެ. “ޢަބްދުﷲ ބުން ޢުމަރެވެ.”
ދެން އޭނާ އެކަލޭގެފާނަށް ދެންނެވިއެވެ. “އޭ އިބްނު ޢުމަރެވެ. ހަމަކަށަވަރުން ކަމަކާ ބެހޭގޮތުން ކަލޭގެފާނަށް ތިމަން ސުވާލު ދަންނަވާނަމެވެ. ފަހެ، ތިމަންނާއަށް ކިޔައިދެއްވާށެވެ. ޢުޘްމާނުގެފާނު އުޙުދު ހަނގުރާމައިގެ ދުވަހު ހަނގުރާމައިން ފިއްލެވިކަން އެނގިވަޑައިގަންނަވާ ހެއްޔެވެ؟”
(އިބްނު ޢުމަރު) ވިދާޅުވިއެވެ. “އާއެކެވެ.”
އޭނާ ދެންނެވިއެވެ. “ބަދުރު ހަނގުރާމައިގައި އެކަލޭގެފާނު ބައިވެރިވެވަޑައިނުގަންނަވާކަން އެނގިވަޑައިގަންނަވާ ހެއްޔެވެ؟”
(އިބްނު ޢުމަރު) ވިދާޅުވިއެވެ. “އާއެކެވެ.”
އޭނާ ދެންނެވިއެވެ. “ބައިޢަތުއްރިޟްވާނުގައި އެކަލޭގެފާނު ބައިވެރިވެވަޑައިނުގަންނަވާކަން އެނގިވަޑައިގަންނަވާ ހެއްޔެވެ؟”
(އިބްނު ޢުމަރު) ވިދާޅުވިއެވެ. “އާއެކެވެ.”
ދެން އޭނާ اللَّهُ أَكْبَرُ އޭ ބުންޏެވެ. އަދި އިބްނު ޢުމަރު ވިދާޅުވިއެވެ. “އަންނާށެވެ. ތިމަންކަލޭގެފާނު އެކަންކަން ހިނގައިދިޔަގޮތް ބަޔާންކޮށްދެއްވާނަމެވެ. އުޙުދު ހަނގުރާމައިގެ ދުވަހު ފިއްލަވާވަޑައިގެންނެވުމާމެދު ދަންނައެވެ. ފަހެ، ﷲ އެކަލޭގެފާނަށް އެކަމަށް ޢަފޫކުރައްވާ، ފާފަފުއްސަވައިދެއްވިކަމަށް ތިމަންކަލޭގެފާނު ހެކިވަމެވެ. [1] އަދި ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިނުގެންނެވުމާމެދު ދަންނައެވެ. އެކަލޭގެފާނުގެ ބެއްލެވުމުގެ ދަށުގައި (އެބަހީ: އެކަލޭގެފާނުގެ އަނބިކަނބަލެއްގެ ގޮތުގައި) ރަސޫލުﷲ صلى الله عليه وسلم ގެ ދަރިކަނބަލަކު ހުންނެވިއެވެ. އަދި (މުސްލިމުން ބަދުރު ހަނގުރާމައަށް ނުކުތްއިރު) އެކަމަނާ އުޅުއްވީ އާލާސްކަންފުޅުގައެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم، އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ބަދުރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެންނެވި ބޭކަލެއްގެ އަޖުރާއި ޣަނީމާއިން ބައެއްވެސް ކަލޭގެފާނަށް ލިބިވަޑައިގަންނަވާނެއެވެ.” އަދި ބައިޢަތުއްރިޟްވާނުގައި ބައިވެރިވެވަޑައިނުގެންނެވުމާމެދު ދަންނައެވެ. ފަހެ، މައްކާގައި ޢުޘްމާނުގެފާނަށް ވުރެ ޢިއްޒަތްތެރި ބޭކަލަކު ހުންނެވިނަމަ، އެކަލޭގެފާނުގެ ބަދަލުގައި އެބޭކަލަކު ފޮނުއްވީހެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم (އެކަލޭގެފާނުގެ ފަރާތްޕުޅުން މައްކާގެ މުޝްރިކުންގެ ގާތަށް) ފޮނުއްވީ ޢުޘްމާނުގެފާނެވެ. ބައިޢަތުއްރިޟްވާންގެ ބައިޢަތު ހިއްޕެވީ ޢުޘްމާނުގެފާނު މައްކާއަށް ވަޑައިގެންނެވި ފަހުންނެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ ކަނާއަތްޕުޅު ދިއްކުރައްވާފައި ވިދާޅުވިއެވެ. “މިއީ ޢުޘްމާނުގެފާނުގެ އަތްޕުޅެވެ.” ފަހެ، އެ އަތްޕުޅުން އެކަލޭގެފާނު އަނެއް އަތްޕުޅުގައި ޖައްސަވާފައި ޙަދީޘްކުރެއްވިއެވެ. “މިއީ ޢުޘްމާނުގެފާނަށެވެ.”
ފަހެ، އެމީހާއަށް އިބްނު ޢުމަރު ވިދާޅުވިއެވެ. “މި ޙުއްޖަތްތަކާއިގެން އެނބުރި ދާށެވެ.” “
މި ކަންކަންމުގެ ޚުލާޞާއަކީ:
- ޢުޘްމާނުގެފާނު ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިނުގެންނެވީ އެކަލޭގެފާނުގެ އަނބިކަނބަލުން އަލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން، އެކަމަނާގެ އަރިހުގައި މަޑުކުރެއްވުމަށް ރަސޫލުﷲ صلى الله عليه وسلم އެންގެވުމުންނެވެ. މުސްލިމުން ބަދުރު ހަނގުރާމައިން އެނބުރި އައުމުގެ ކުރިން އެކަމަނާ އަވަހާރަވެއްޖެއެވެ.
- އުހުދު ހަނގުރާމައިގެ ދުވަހަކީ ވަރަށް ބޮޑެތި ކަންތައްތަކަކާ މުސްލިމުން ކުރިމަތިލާން ޖެހުނު ދުވަހެކެވެ. އެންމެ ފުރަތަމަ ހަނގުރާމައިގެ ލަޝްކަރައިގެން ރަސޫލުﷲ صلى الله عليه وسلم އުހުދުގެ މައިދާނަށް ނުކުންނެވިއިރު މުނާފިޤުންގެ ބަހަށް ހެއްލި އެއް ބަޔަކު ލަޝްކަރާ ވަކިވެ އެނބުރި ދިޔައީއެވެ. ދެން ހަނގުރާމައިގެ ތެރޭގައި، ފުރަތަމަ މުޝްރިކުންނަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުމުން އެނބުރިދާން ފެށުމުން، ރުމާތު ފަރުބަދައިގައި ދުނި އުއްކަވަން ތިއްބެވި ބޭކަލުންނަށް ހީފުޅުވީ ހަނގުރާމަ ނިމުނީ ކަމަށެވެ. އަދި ރަސޫލުﷲ صلى الله عليه وسلم އަމުރުފުޅު ނުކުރައްވަނީސް އެތަނުން އެއްބަޔަކު ފަރުބަދައިން ފޭބީއެވެ. އެތަން މުޝްރިކުންގެ ލަޝްކަރަށް ފެނި އެނބުރި އައިސް މުސްލިމުންނަށް ކުއްލިއަކަށް ހަމަލާ ދިނީއެވެ. ދެން ކުރިއަށް ދިޔަ ހަމަލާތަކުގައި މުސްލިމުންނަށް ވާނުވާ ނޭނގި، މުސްލިމުންގެ ތެރެއިން ބަޔަކުވެސް ޤަތުލުކުރެވުނެވެ. ހަމައެއާއެކު ރަސޫލުﷲ صلى الله عليه وسلم އަވަހާރަކޮށްލި ޚަބަރުވެސް މުސްލިމުންގެ ތެރޭގައި ފެތުރިގެން ދިޔައެވެ. އަދި އެކަންތައްތަކުގެ ތެރޭގައި އެއް ބަޔަކު މައިދާން ދޫކޮށް ފިލަންވެސް ދިޔައެވެ.
﴿إِنَّ الَّذِينَ تَوَلَّوْا مِنكُمْ يَوْمَ الْتَقَى الْجَمْعَانِ إِنَّمَا اسْتَزَلَّهُمُ الشَّيْطَانُ بِبَعْضِ مَا كَسَبُوا وَلَقَدْ عَفَا اللَّهُ عَنْهُمْ إِنَّ اللَّهَ غَفُورٌ حَلِيمٌ﴾ [سورة آل عمران ١٥٥] މާނައީ: “ހަމަކަށަވަރުން، (އުޙުދު ހަނގުރާމައިގައި) ދެ ލަޝްކަރު ބައްދަލުވީ ދުވަހު، ތިޔަބައިމީހުންގެ ތެރެއިން (ހަނގުރާމަށް) އެނބުރި ފުރަގަސްދިން މީހުން، ޝައިޠާނާ އެބައިމީހުންގެ މަގުން އެއްކިބާ ކުރިކަން ކަށަވަރީ، އެބައިމީހުން ހޯދި ބައެއް ކަންތަކުގެ ސަބަބުންނެވެ. (އެބަހީ: ރަސޫލާގެ އެންގެވުންތަކާ ޚިލާފުވުމުގެ ސަބަބުންނެވެ.) ހަމަކަށަވަރުން ﷲ އެބައިމީހުންނަށް ޢަފޫކުރައްވައިފިއެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ޙަލީމުވަންތަ އިލާހެވެ.”
މި އާޔަތުގައި ﷲ ތަޢާލާ އެ ހުރިހާ އެބޭކަލުންނަށް ޢަފޫކުރެއްވިކަން އަންގަވާފައެވެ.
- ބައިޢަތުއް ރިޟްވާނަކީ ޢުޘްމާނުގެފާނުގެ ސަބަބުން ހިފި ބައިޢަތެކެވެ. ރަސޫލުﷲ صلى الله عليه وسلم ގެ ފަރާތްޕުޅުން މައްކާގެ މުޝްރިކުންނާ ވާހަކަދެއްކުމަށް ޢުޘްމާނުގެފާނު ފޮނުއްވުމުން، އެބައިމީހުން ޢުޘްމާނުގެފާނު މައްކާގައި ބަންދުކުރިއެވެ. ދެން މައްކާގެ މުޝްރިކުން އެކަލޭގެފާނު ޤަތުލުކޮށްލިކަމުގެ ޚަބަރު މުސްލިމުންނަށް ލިބުނެވެ. ފަހެ ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ޞަޙާބީންގެ ކިބައިން ބައިޢަތު ހިއްޕެވީ މަރަށް ޖެހިލުމެއް ނެތި މައްކާގެ މުޝްރިކުންނާ ދެކޮޅަށް ހަނގުރާމަކުރުމަށެވެ. އެހެންކަމުން މި ބައިޢަތަކީ ޢުޘްމާނުގެފާނު އެތަނުގައި ޙާޟިރުވެ ނެތީސް ހިނގިކަމެކެވެ. އަދި ޚުދު ރަސޫލުﷲ صلى الله عليه وسلم ވަނީ ޢުޘްމާނުގެފާނުގެ ފަރާތްޕުޅުން އެ ބައިޢަތު ހިއްޕަވާ، އެކަލޭގެފާނުގެ އެއް އަތްޕުޅަކީ އުޘްމާނުގެފާނު ފަރާތްޕުޅުން ލެއްވި އަތްޕުޅެއްކަން ބަޔާންކުރައްވާފައެވެ.
الخلفاء الراشدون لسليمان بن عبد الله الرومي – رحمه الله –
ތިންވަނަ ޚަލީފާ: ޢުޘްމާން ބުން ޢައްފާން – رضي الله عنه –
[1] އެކަލޭގެފާނު އެ އިޝާރާތް ކުރައްވަނީ އަންނަނިވި އާޔަތަށެވެ. ﴿إِنَّ الَّذِينَ تَوَلَّوْا مِنكُمْ يَوْمَ الْتَقَى الْجَمْعَانِ إِنَّمَا اسْتَزَلَّهُمُ الشَّيْطَانُ بِبَعْضِ مَا كَسَبُوا وَلَقَدْ عَفَا اللَّهُ عَنْهُمْ إِنَّ اللَّهَ غَفُورٌ حَلِيمٌ﴾ [سورة آل عمران ١٥٥] މާނައީ: “ހަމަކަށަވަރުން، (އުޙުދު ހަނގުރާމައިގައި) ދެ ލަޝްކަރު ބައްދަލުވީ ދުވަހު، ތިޔަބައިމީހުންގެ ތެރެއިން (ހަނގުރާމަށް) އެނބުރި ފުރަގަސްދިން މީހުން، ޝައިޠާނާ އެބައިމީހުންގެ މަގުން އެއްކިބާ ކުރިކަން ކަށަވަރީ، އެބައިމީހުން ހޯދި ބައެއް ކަންތަކުގެ ސަބަބުންނެވެ. (އެބަހީ: ރަސޫލާގެ އެންގެވުންތަކާ ޚިލާފުވުމުގެ ސަބަބުންނެވެ.) ހަމަކަށަވަރުން ﷲ އެބައިމީހުންނަށް ޢަފޫކުރައްވައިފިއެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ޙަލީމުވަންތަ އިލާހެވެ.”