[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުއްވަތާއި (ބާރުވެރިކަމާއި) އަމާނާތްތެރިކަން ވެރިމީހާގެ ކިބައިގައި ޖަމާވުން – 2

[ޚާލިދުގެފާނަށް ވުރެ އިސްލާމުވުމުގެ ގޮތުން ކުރިއަރައިގެން ވަޑައިގެންނެވި އަދި ފިޤުހުވެރިކަމުގައި އަރާ ތިއްބެވި ކިތަންމެ ބޭކަލުންނެއް ތިއްބެވުމާ އެކު ވެސް]، އެކަލޭގެފާނު އިސްލާމު ވެވަޑައިގެންނެވުމާ އެކު، ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ހަނގުރާމައިގެ ވެރިކަމަށް ޚާލިދުގެފާނުގެ ބޭނުން ހިއްޕެވީ މި ސަބަބަށްޓަކައެވެ. އަދި ޙަދީޘް ކުރެއްވިއެވެ.

«نِعْمَ عَبْدُ اللَّهِ وَأَخُو الْعَشِيرَةِ خَالِدُ بْنُ الْوَلِيدِ، وَسَيْفٌ مِنْ سُيُوفِ اللَّهِ سَلَّهُ اللَّهُ عَزَّ وَجَلَّ عَلَى الْكُفَّارِ وَالْمُنَافِقِينَ» [مسند أحمد (43) وصححه أحمد شاكر (1 / 184 – 185)]

މާނައީ: “ޚާލިދުގެފާނީ ވަރަށް ރަނގަޅު ބޭކަލެކެވެ. އަދި ޤަބީލާގެ ގޮތުންވެސް އަޚެކެވެ. [1] އަދި އެކަލޭގެފާނަކީ މުޝްރިކުންނާއި މުނާފިޤުންގެ މައްޗަށް އުރައިގެންފައިވާ ﷲގެ ކަނޑިކޮޅުތަކުގެ ތެރެއިން ކަނޑިއެކެވެ!”

މިއާއެކުވެސް ބައެއް ފަހަރު އެކަލޭގެފާނުގެ ބައެއް ޢަމަލުފުޅުތަކާ މެދު ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އިންކާރު ކުރައްވާފައި ވެއެވެ.

އެއްފަހަރަކު ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އުޑާ ދިމާލަށް ދެ އަތްޕުޅު އުފުއްލަވައި ދުޢާ ކުރެއްވިއެވެ. «اللَّهُمَّ إِنِّي أَبْرَأُ إِلَيْكَ مِمَّا صَنَعَ خَالِدُ بْنُ الوَلِيدِ» [صحيح البخاري (7189)]

މާނައީ: “ޔާﷲ! ހަމަކަށަވަރުން ޚާލިދު ބުން އަލްވަލީދު އެ ކުރެއްވި ކަންތަކުން ތިމަންކަލޭގެފާނު ބަރީއަވެވަޑައިގަންނަވަމެވެ!”

އެއީ ޝުބުހައެއްގެ (އޮޅުން އަރާފަދަ ކަންތައްތަކެއްގެ) ތެރެއިން ޖަޛީމަތު ދަރިކޮޅުގެ މީހުން ޤަތުލުކުރައްވައި އެ މީހުންގެ މުދާ ހިއްޕެވިކަމުގެ ޚަބަރު ލިބިވަޑައިގެންނެވުމުންނެވެ. މި ޢަމަލު ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޖާއިޒު ނުކުރައްވައެވެ. ޚާލިދުގެފާނު އެ ދަރިކޮޅުގެ މީހުންނާމެދު އެ ކަންތައް ކުރެއްވި ތަނުގައި ތިއްބެވި ބައެއް ޞަޙާބީ ބޭބޭކަލުންވެސް އެ ކަލޭގެފާނުގެ އެ ޢަމަލުފުޅަށް އިންކާރު ކުރެއްވިއެވެ. އަދި ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ އެ މައްސަލައިގައި ޤަތުލު ކުރެވުނު މީހުންގެ ޢާއިލާތަކަށް މަރުގެ ދިޔަ ދެއްވިއެވެ. އަދި ނެގުނު މުދަލަށް ޖާމިނު ވެވަޑައިގެންނެވިއެވެ. ހަމައެއާއެކުވެސް ޚާލިދުގެފާނު ހަނގުރާމައިގެ ވެރިކަމުގައި އިސްކުރައްވައެވެ. އެއީ ޚާލިދުގެފާނަކީ އެ ބާބުގައި އެންމެ އެކަށީގެންވާ ޞަޙާބީކަމުގައި ވާތީއެވެ. ޚާލިދުގެފާނު އެ ޙާދިޘާގައި ޢަމަލުކުރެއްވި ކުރެއްވުން އެއީ އެކަލޭގެފާނު ކުރެއްވި އިޖުތިހާދެއްގެ މައްޗަށް ބިނާކުރައްވާ ކުރެއްވި ކަމެކެވެ.

ޚާލިދުގެފާނަށް ވުރެ އަމާނާތްތެރިކަމާއި ތެދުވެރިކަމުގައި އަރައިހުންނެވި ބޭކަލުންގެ ތެރޭގައި ﷲ އެ ބޭކަލަކަށް ރުއްސުން ލެއްވި އަބޫ ޛައްރުގެފާނު ހިމެނިވަޑައިގަންނަވައެވެ. އެކަލާގެފާނަށް ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

«يَا أَبَا ذَرٍّ إنِّي أَرَاك ضَعِيفًا، وَإِنِّي أُحِبُّ لَك مَا أُحِبُّ لِنَفْسِي: لَا تَأَمَّرَنَّ عَلَى اثْنَيْنِ، وَلَا تَوَلَّيَنَّ مَالَ يَتِيمٍ» [صحيح مسلم (1826)]

މާނައީ: “އޭ އަބޫ ޛައްރެވެ! ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކަލޭގެފާނީ ބަލިކަށި ބޭކަލެއްގެ ގޮތުގައެވެ. އަދި ތިމަންކަލޭގެފާނުންގެ އަމިއްލަ ނަފުސަށް އެދިވަޑައިގަންނަވާ ކަންތައް ކަލޭގެފާނަށް ވެސް އެދިވަޑައިގަންނަވަމެވެ. ފަހެ ކަލޭގެފާނު ދެ މީހެއްގެ ދެމެދުގައި ވެރިއެއްކަމުގައި ނުވާށެވެ! އަދި ޔަތީމެއްގެ މުދަލެއްގެ ބެލެހެއްޓުމާ ޙަވާލުވެވަޑައި ނުގަންނަވާށެވެ!”

މި ޙަދީޘުން އެނގޭ ފަދައިން އަބޫ ޛައްރުގެފާނަށް ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ މިވަނީ ވެރިކަމާ ޙަވާލު ވެވަޑައިގަތުމުން މަނާ ވެވަޑައިގަތުމަށް އަންގަވާފައެވެ. އެއީ އިތުރުއެކަލޭގެފާނަށް އަބޫ ޛައްރުގެފާނު އެނގިވަޑައިގެންފައިވަނީ ބަލިކަށި ބޭކަލެއްގެ ގޮތުގައިކަމުގައި ވާތީއެވެ. މިއާ އެކު ވެސް ރިވާވެފައި ވެއެވެ.

«مَا أَظَلَّتِ الخَضْرَاءُ وَلَا أَقَلَّتِ الغَبْرَاءُ أَصْدَقَ مِنْ أَبِي ذَرٍّ» [سنن الترمذي (3801) وحسنه الألباني في تحقيقه للمشكاة (6238)]

މާނައީ: “އުޑުގެ ދަށުގައި އަދި ބިމުގެ މަތީގައި، އަބޫ ޛައްރަށް ވުރެ ތެދުވެރި ބޭކަލަކު ނުވެއެވެ.”

 

=ނުނިމޭ=

 


 

[1] ޚާލިދުގެފާނަކީ ނަބިއްޔާ صلى الله عليه وسلم ގެ ބައްޕަގެ މައިފުށުގެ ބޮޑުބޭބެއިން ނިސްބަތްވާ ޤަބީލާ ކަމުގައިވާ ބަނޫ މަޚްޒޫމް ޤަބީލާގެ ބޭކަލެކެވެ.

 

މި ލިޔުމުގެ އެހެން ބައިތައް