ހަމަ އެގޮތަށް ވެރިމީހާއަކީ މަޑުމައިތިރި ހިތްތިރި ބޭކަލެއް ނަމަ، އެފަދަ ބޭކަލެއްގެ ނާއިބަކަށް ހުންނަ ބޭކަލަކީ ޝަޚްޞިއްޔަތުގައި ހަރު ބޭކަލަކަށް ވާން ޖެހޭނެއެވެ. އަދި ވެރިމީހާއަކީ ޝަޚްޞިއްޔަތުގައި ހަރު ބޭކަލެއް ނަމަ، ނާއިބަކީ ހިތްތިރި މަޑުމައިތިރި ބޭކަލެއްކަމުގައި ވާންވާނެއެވެ. އެއީ ދެބައި ހަމަހަމަ ކުރުމަށްޓަކައެވެ.
އަބޫބަކުރުގެފާނު ޚާލިދުގެފާނު އެ ކަލޭގެފާނުގެ މަންޞިބުން ދުރު ނުކުރެއްވީ އެހެންވެގެންނެވެ. އެއާ ޚިލާފަށް ޢުމަރުގެފާނު ޚާލިދުގެފާނު ޢަޒުލު ކުރައްވައި އަބޫ ޢުބައިދަތުގެފާނު ހަނގުރާމައިގެ ވެރިކަމަށް އިސް ކުރެއްވިއެވެ. ޚާލިދުގެފާނަކީ ޢުމަރުގެފާނު ފަދަ މިޒާޖުގައި ހަރު ބޭކަލެކެވެ. އަބޫ ޢުބައިދަތުގެފާނަކީ އަބޫބަކުރުގެފާނު ފަދަ ހިތްތިރި މަޑުމައިތިރި ބޭކަލެކެވެ. އެ ދެ ބޭކަލުން އެ ވެރި ކުރެއްވީ އެ މަންޞިބަށް އެންމެ އެކަށޭނަ ބޭބޭކަލުންނެވެ. އެއީ ވަރުގަދަކަމާއި ހިތްތިރިކަމާ އަދި މަޑުމައިތިރިކަމާ މި ދެބައި ޖަމާ ކުރައްވައި އެއްވަރު ކުރެއްވުމަށްޓަކައެވެ.
މިއާއެކު އެ ބޭކަލުން ވެގެން އެ ދިޔައީ ﷲގެ ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ ޚަލީފާވެރި ބޭކަލުންކަމުގައެވެ. އިތުރު އެކަލޭގެފާނަކީ މި ދެ ބައިވެސް އެކަލޭގެފާނުގެ ކިބައިގައި ޖަމާވެފައިވާ ބޭކަލެކެވެ. ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ.
«أَنَا نَبِيُّ الرَّحْمَةِ، أَنَا نَبِيُّ الْمَلْحَمَةِ» [مسند أحمد 19525 وصحيح الجامع الصغير (1473)]
މާނައީ: “ތިމަންކަލޭގެފާނަކީ ރަޙުމަތުގެ ނަބިއްޔާއެވެ. އަދި މީސްތަކުންގެ މެދުގައި އެކުވެރި ކުރައްވައި (ޢަދާވާތްތެރިންނާ) ހަނގުރާމަކުރައްވާނޭ ނަބިއްޔާއެވެ.”
ހަމަމިގޮތަށް އެކަލޭގެފާނުގެ އުންމަތަކީވެސް މި ދެ ބައި ޖަމާވެފައިވާ އުންމަތެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِنَ اللَّهِ وَرِضْوَانًا﴾ [الفتح 29]
މާނައީ: “ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެބައިމީހުންގެ މެދުގައި، އޯގާވެރި ރަޙުމަތްތެރި ބަޔެކެވެ. ﷲގެ ޙަޟުރަތުން ފަޟުލަވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށް އުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެބައިމީހުން ދެކެވަޑައިގަންނަވާނެއެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ﴾ [المائِدَة 54]
މާނައީ: “އެއީ މުއުމިނުންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ. ކާފިރުންގެ މައްޗަށް ގަދަފަދަ ޢިއްޒަތްތެރި ބަޔެކެވެ.”
މި ސަބަބަށްޓަކައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ވެރިކަމާ ޙަވާލުވުމާ އެކު އެ ދެ ބޭކަލުން ވެގެންދިޔައީ ވެރިކަމުގެ ޝަރުޠުތައް އެ ދެ ބޭކަލުންގެ ކިބައިގައި ފުރިހަމަވެފައިވީ ދެ ބޭކަލުންކަމުގައެވެ. އެއީ ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَގެ ޙަޔާތްޕުޅުގައި އެ ދެ ބޭކަލުންނަށް ނިސްބަތް ކުރެވޭ، އޭގެ ތެރެއިން އެއް ބޭކަލެއްގެ މަޑުމައިތިރިކަމާއި އޯގާތެރިކަމާ، އަނެއް ބޭކަލެއްގެ ގަދަފަދަކަމާއި ވަރުގަދަކަމުން އެއްކިބާ ވެއެވެ. އެ ދެ ބޭކަލުން އެއް ބޭކަލަކު އަނެއް ބޭކަލެއްގެ ކިބައިން އުނިވާ ޞިފަ ފުރިހަމަ ކޮށްދެއްވިއެވެ. އަދި އެ ދެ ބޭކަލުންނާ މެދު ނަބިއްޔާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ.
« اقْتَدُوا بِاللَّذَيْنِ مِنْ بَعْدِي أَبِي بَكْرٍ وَعُمَرَ» [سنن الترمذي 2662 وصحيح الجامع الصغير (1144)]
މާނައީ: “ތިމަންކަލޭގެފާނަށް ފަހު، ވަޑައިގަންނަވާ ދެ ބޭކަލުންނަށް ތިޔަބައިމީހުން ތަބާވާށެވެ! އެއީ އަބޫބަކުރުގެފާނާއި ޢުމަރުގެފާނެވެ!”
މުރުތައްދުވީ މީހުންނާ ކުރެވުނު ހަނގުރާމައާއި އެހެނިހެން ހަނގުރާމަތަކުގައިވެސް އަބޫބަކުރުގެފާނުގެ ކިބައިން ފެނިގެން ދިޔައީ ހިތްވަރުފުޅު ގަދަކަމާއި ކެރުންތެރިކަމެވެ. އޭގެ ސަބަބުން އެކަލޭގެފާނު ޢުމަރުގެފާނާ އަދި އެހެނިހެން ޞަޙާބީންނަށް ވުރެ އެކަމުގައި ފާހަގަ ކޮށްލެވިގެން ދިޔައެވެ.
އެ މީހަކު އެ ވެރިކުރެވޭ ވެރިކަމެއްގައި – މިސާލަކަށް: މުދަލުގެ ބެލެހެއްޓުމާ ޙަވާލުކުރުމަށް ނުވަތަ މިފަދަ އެހެން ކަމަކަށް ނަމަވެސް – އެންމެ ބޮޑަށް ބޭނުން ޖެހެނީ އަމާނާތްތެރިއަކަށް ކަމުގައިވާނަމަ، އަމާނާތްތެރިޔާ އިސް ކުރެވޭނެއެވެ. އެއާ ޚިލާފަށް މީސްތަކުންގެ އަތުން ޒަކާތް ނެރުމަށްޓަކައި ޙަވާލު ކުރުމުގައި އެ މީހެއްގެ ކިބައިގައި އަމާނާތެރިކަމުގެ ޞިފައާއި ޤުއްވަތުގެ ޞިފަ ހަމަ ކޮންމެހެން ޝާމިލުވާން ވާނެއެވެ. އެ ގޮތުން މި ދެ ޞިފަ އެކެއްގެ ކިބައިގައި ޖަމާވެފައިވާ މީހަކު ނުލިބުނު ނަމަ، ޒަކާތް ނެރުމަށް ޙަވާލު ކުރާން ވާނީ ބާރު ލިބިގެންވާ ގަދަފަދަ މީހެކެވެ. އެއީ މީހަކު ޒަކާތް ދިނުމުން މަނާ ވެގަނެއްޖެ ނަމަ، އެ މީހެއްގެ އަތުން ގަދަބާރުންވެސް ޒަކާތް ނެރުމަށްޓަކައެވެ. އަދި އެ ނެރެވޭ ތަކެތީގެ މަޢުލޫމާތު ލިޔެ ރައްކާ ކުރުމަށްޓަކައި ޙަވާލު ކުރަން ވާނީ އަމާނާތްތެރި ކާތިބަކާއެވެ. އެއީ އޭނާގެ ތަޖުރިބާއާއި އަމާނާތްތެރިކަމާ އެކު އެ މުދާތައް ރައްކާތެރިކުރުމަށްޓަކައެވެ.
=ނުނިމޭ=
މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ ރިސާލާއެއްކަމުގައިވާ “السياسة الشرعية في إصلاح الراعي والرعية” ގެ ބައެއް ބައިތަކުގެ ތަރުޖަމާއެކެވެ.