[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވޭޕުކުރުމުގެ ޙުކުމް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އެންމެ ފުރަތަމަ ވޭޕު ފެނިގެން ދިޔައީ 2004 ވަނަ އަހަރު (ނުވަތަ 2003 ވަނަ އަހަރު) ޗައިނާ ގައެވެ. އަދި އެ ޤައުމަކީ އެތަނެއްގައި ވޭޕު އުފެއްދުމުގެ މަސައްކަތް ފުރިހަމަ ކުރި ޤައުމުވެސް މެއެވެ. ވޭޕަކީ އޭގެ ބައްޓަމާއި “ޓެކްސްޗާ”ގައި އަޞްލު ސިނގިރޭޓަކާ އެއްފަދަވެގެންވާ އެއްޗެކެވެ. އެއީ ކަރަންޓުން ނުވަތަ ޗާޖަރަކުން ރިޗާޖް ކޮށްލެވޭ ލިތިއަމް ބެޓެރިއެކެވެ. ބެޓެރީގެ އިތުރުން އޭގައި، ލިކުއިޑް “ނިކޮޓީން” އާއި ކުޑަ ފެންފޮދެއް ހިމެނޭ ކެޕްސޫލެއް އެކުލެވިގެންވެއެވެ. އަދި މިދޭތީގެ އިތުރުން އެއަށް އެހެން މާއްދާތަކާއި ތަފާތު ރަހަތައްވެސް އިތުރުކުރެވިފައި ވެއެވެ. އަދި ވޭޕު ބިނާވެގެންވަނީ ބެޓެރިން ދަތުރު ކުރާ ކަރަންޓުގެ މައްޗަށެވެ. ލިކުއިޑް ނިކޮޓިންގެ ތެރެއިން ބެޓެރީގެ ކަރަންޓު ދަތުރުކުރުމުގެ ސަބަބުން، ދުން އުފެދިގެން ދެއެވެ. ވޭޕުކުރާ މީހާ އެ ދުން އެތެރެއަށް ދަމާލުމަށް ފަހު އޭނާގެ ނޭފަތުންނާއި އަނގައިން ނުވަތަ މީގެން ކޮންމެވެސް އެއް ތަނަކުން އެދުން ބޭރުކޮށްލައެވެ. އަދި ބައެއް ވޭޕު ބޭނުންކުރާ ވަގުތު، ވޭޕުގެ ކުރީކޮޅު އަޞްލު ސިނގިރޭޓު ފަދައިން ދިއްލެއެވެ. އެކަމުގެ ސަބަބުން އެ ބޭނުންކުރާ މީހާއަށް އޭނާ އެ ބޭނުންކުރަނީ އަޞްލު ސިނގިރޭޓެއް ކަމުގައި އިޙްސާސްވެގެންދެއެވެ.

ކެނެޑާއާއި، ބުރެޒިލް، އާރޖެންޓީނާ އަދި މިނޫންވެސް ވަރަށް ގިނަ ޤައުމުތަކުން ވަނީ ވޭޕު އެތެރެކުރުން (ނުވަތަ އޭގެ ބައެއް ވައްތަރުތައް) މަނާކޮށްފައެވެ. އަދި ހަމަ އެފަދައިން ޚަލީޖުލް ޢަރަބީގެ ދައުލަތްތައްވެސް ވަނީ އެދައުލަތްތަކުގެ ޞިއްޙީ ވުޒާރާގެ ކޮންފަރެންސްގެ ތެރެއިން ވޭޕު އެތެރެކުރުން މަނާކޮށްފައެވެ. އަދި އޭގައި ސާބިތުވެގެންވާ ގެއްލުންތައް ވާކަމާއި އަދި އޭގެ ސަބަބުން ހަ މިލިޔަނަށް ވުރެ ގިނަ މީހުން ކޮންމެ އަހަރެއްގެ މަތިން މަރުވެގެން ދާކަން ޔަޤީންކަމާއެކު އެނގި ހުރެވެސް، ވޭޕު މަނާކޮށްފައި އާދައިގެ ސިނގިރޭޓު މަނާނުކުރުމަކީ، އެ ދައުލަތްތަކުގެ މެދުގައި ހަމަނުޖެހުން އުފެދިފައިވާ ކަމެކެވެ.

އަދި އެކި ޤައުމުތަކުގައި ބުއްދުވެރިންގެ ތެރެއިން ވަރަށް ގިނަ މީހުންވަނީ ވޭޕުން ގެއްލުމެއް ނުވާކަމަށް ބުނެ ކުރަމުންދާ ދަޢުވާއަށް ސަމާލުވެ، ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ. އަދި އޭގެ އެންމެ ނުރައްކާތެރިކަމަކީ އޭގެ ބައެއް ބާވަތްތަކަކީ ނުވަތަ ރަހަތަކަކީ ކުޑަކުދިންނަށް ނުވަތަ އަންހެނުންނަށް ޚާއްޞަ އަދި އެކަށީގެންވާ އެއްޗެއް ކަމުގައި ބައެއް ޤައުމުތަކުގައި އިޝްތިހާރުކުރެއެވެ!

ވޭޕުގެ ޝަރުޢީ ޙުކުމަށް ބަލައިލާއިރު، ވޭޕާއި އަދި ސިނގިރޭޓުގައިވެސް ނިކޮޓިން ހުރުމުގެ ސަބަބުން ދަލީލު ކޮށްދެނީ ދޭތީގެ ޙުކުމުގައިވެސް އެއްވެސް ތަފާތެއް ނުވާކަމެވެ. އަދި މިގޮތުން ނިކޮޓިން ޗުއިންގަމު ނުވަތަ ޓޮބާކޯ ޗުއިންގަމު އަދި ނިކޮޓިން ޕެޗުގެ ހުކުމުގައިވެސް އެއްވެސް ތަފާތެއް ނުވެއެވެ. ނިކޮޓިން އެއީ ވިހަ މާއްދާއެކެވެ. އަދި މިއީ ޓޮބާކޯގައި އެކުލެވޭ އެންމެ ނުރައްކާތެރި  ގެއްލުންދޭ މާއްދާތަކުގެ ތެރެއިން މާއްދާއެކެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ (އެއިން ވާ ގެއްލުމުގެ ސަބަބުން އެއީ) ޙަރާމްކަމެއްކަން، އެއްވެސް ޝައްކެއްނުވާ ގޮތަށް (ޝަރުޢީ ދަލީލުތަކުގެ އަލީގައި ޢިލްމުވެރިން އެކަމުގެ މައްޗަށް އެއްބަސްވެ) ވަރަށް ސާފުވެފައިވެއެވެ.

ވޭޕުކުރުން ޙަރާމްވުމުގެ ސަބަބުން، ވޭޕު ގަނެވިއްކުންވެސް  ހުއްދަވެގެން ނުވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

«إِنَّ اللَّهَ إِذَا حَرَّمَ عَلَى قَوْمٍ أَكْلَ شَيْءٍ حَرَّمَ عَلَيْهِمْ ثَمَنَهُ» [رواه أبو داود (3488) وصححه الألباني في صحيح الجامع الصغير (5107)]

މާނައީ: “ހަމަކަށަވަރުން ﷲ ބައެއްގެ މައްޗަށް އެއްޗެއް ކެއުން (ނުވަތަ ބުއިން) ޙަރާމްކުރައްވާކަމުގައިވަނީނަމަ، އޭގެ އަގުވެސް ޙަރާމްކުރައްވައެވެ.”

އަދި ދަންނާށެވެ! ﷲ އަށްޓަކައި އެއްޗެއް ދޫކޮށްލައިފި މީހަކަށް، އެ އެއްޗަކަށް ވުރެ ހެޔޮ އެއްޗެއް ﷲ ދެއްވާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا [‎٢‏] وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ﴾ [الطلاق: 2 – 3 ]

މާނައީ: “އަދި ﷲ އަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެއެވެ. [2] އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒުޤު ދެއްވާނެއެވެ.”

والله أعلم.

__________________________

މަޞްދަރު

ފޮތް: އިސްލާމްދީނުގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޙުކުމް