ހަނގުރާމައިގެ ވެރިކަމުގެ މައްޗަށްވެސް މީހުން އިސްކުރާނީ މިފަދައިންނެވެ. އެ ކަންތަކުގެ މައްޗަށް އިސް ކުރެވުނު މީހާ އިސް ކުރެވުނީ ޢިލްމުގެ އަހުލުވެރީންގެ މަޝްވަރާއާ އެކުގައިނަމަ، ދެ މަޞްލަޙަތުވެސް ޙާޞިލުވީއެވެ.
ހުރިހާ ވިލާޔަތެއްގައިވެސް މި ޞިފަތައް ހަމަވާ މީހަކު ނުލިބުނު ނަމަ، އެކަކަށް ވުރެ ގިނަ މީހުންގެ ތެރެއިން އެންމެ އެކަށޭނަ މީހަކު ޚިޔާރު ކުރާނީއެވެ. އެހެނަސް އޭގެ ތެރެއިން އެކަކު ވެރިކޮށްގެން ނުފުދޭނަމަ، އެކަކަށް ވުރެ ގިނަ މީހުން އިސް ކޮށްގެން ޝަރުޠު ހަމަކުރާނީއެވެ.
ޤަޟާއަށް އިސް ކުރަންވާނީ އެ މަންޞިބަށް ކުފޫ ހަމަވާ، ވަރަޢަވެރި ޢިލްމުވެރި މީހާއެވެ. ދެ މީހެއްގެ ތެރެއިން އެކަކީ އަނެކާއަށް ވުރެ ޢިލްމުވެރި މީހަކަށް ވެފައި، ދެން ހުރި މީހާއީ ކުރިން ބުނެވުނު މިހާއަށް ވުރެ ވަރަޢަވެރި މީހެއްކަމުގައި ވާނަމަ، އޭގެ ތެރެއިން އެ މަންޞިބަށް އިސް ކުރަން ވާނީ އެ މީހެއްގެ ޙުކުމުގައި ހަވާނަފުސަށް ތަބާވުމުމް ދުރުހެލިވާ، ވަރަޢަވެރި މީހާއެވެ. އަދި ވަރަށް އުނދަގޫ މައްސަލައެއްގައި ޙުކުމަކަށް ބޭނުން ވާނޭ ނުވަތަ އޮޅުން އަރައިފާނޭ ފަދަ މައްސަލައެއްގައި ނަމަ ޢިލްމުވެރި މީހާއެވެ. …
ޢިލްމުވެރިޔާ އަދި ވަރަޢަވެރި މީހާ ޤަޟާގެ މަންޞިބުގައި ބާރުވެރި މީހާގެ މައްޗަށް އިސް ކުރެވޭނީ ޤާޟީއަކީ ހަނގުރާމައިގެ ވެރިޔާ ނުވަތަ އިމާމުގެ ފަރާތުން މަދަދާއި އެއްބާރުލުން ލިބޭ މަޤާމެއް ނަމައެވެ.
މިއާ ޚިލާފަށް ޤަޟާގެ މަންޞިބަށް ބާރުވެރިކަން އަދި ޤާޟީއަށް ރައްކާތެރިކަމަށް ބޮޑަށް ޙާޖަތް ޖެހިފައިވާ ޙާލަތެއް މެދުވެރިވެފައި ވާނަމަ، އިސް ކުރެވޭނީ އެކަމުގައި ބާރު އޮތް މީހާއެވެ. އެހެނީ ހަމަކަށަވަރުން ޢާންމުކޮށް ކަނޑައެޅޭ ޤާޟީ ނުވަތަ މުޠުލަޤު ޤާޟީއެއް ވާން ޖެހޭނީ ޢިލްމުވެރި ޢަދުލުވެރި އަދި ކުޅަދާނަ މީހެއްކަމުގައެވެ. މިއީ މުސްލިމުންގެ މައްޗަށް ވެރިކުރެވޭ ހުރިހާ ވެރީންގެ ކިބައިގައި ވެސް ފުރިހަމަ ވާންޖެހޭނޭ ޝަރުޠުތަކެކެވެ. މީގެން އެންމެ ޞިފައެއް މަދުވިޔަސް އޭގެ ސަބަބުން އުނިކަން ފާޅު ވެއެވެ. މި ގޮތުގެ މަތީން ކުފޫހަމަވުން ވަޒަން ކުރާނީ: ބާރުވެރިކަމާއި މީސްތަކުންގެ ޖެހިލުންވުން އޮތް މިންވަރަކަށެވެ. ނުވަތަ މީސްތަކުން އެ މީހަކަށް ރުހި އެދޭ އިޙްސާންތެރި މީހެއްކަމުގައި ބަލައިގެންނެވެ. ޙަޤީޤަތުގައި މި ދެ ޞިފައަކީ ވެސް ހަމަ ކޮންމެހެން ފުރިހަމަ ވާންޖެހޭނޭ ދެ ޞިފައެވެ.
ބައެއް ދަންނަބޭކަލުންނާ ސުވާލު ދެންނެވުނެވެ. ޤަޟާއަށް ވެރި ކުރުމަށްޓަކައި ފާސިޤު ޢިލްމުވެރިއަކާއި ދީންވެރި ޖާހިލު މީހެއް ނޫން މީހެއް ނުވާނަމަ އޭގެ ތެރެއިން އިސް ކުރާނީ ކާކު ހެއްޔެވެ؟
ޖަވާބުގައި ވިދާޅުވިއެވެ.
ފަސާދަ އިތުރުވެފައިވުމުގެ ސަބަބުން ދީނަށް ބޮޑަށް ޙާޖަތް ޖެހިފައިވާނަމަ، އިސް ކުރާނީ ދީންވެރިޔާއެވެ. ނަމަވެސް ޙުކުމްތައް ފޮރުވިފައިވުމުގެ ސަބަބުން ބޮޑަށް ޙާޖަތަށް ޖެހިފައިވަނީ ޢިލްމުވެރިޔާއަށް ނަމަ، އިސް ކުރާނީ ޢިލްމުވެރިޔާއެވެ.
މިކަމުގައި ގިނަ ދަންނަބޭކަލުން ބުރަވެވަޑައިގަންނަވަނީ ދީންވެރިމީހާ އިސްކުރުމަށެވެ. އެއީ އިމާމުވެރި ބޭބޭކަލުން އިއްތިފާޤުވާ ގޮތުގައި ޤަޟާއަށް ވެރި ކުރެވޭ މީހާއަކީ ހެކިބަސް އަދާކުރުމަށް ބަލާ ޢަދުލުވެރިކަމުގެ ޞިފަ އެ މީހެއްގެ ކިބައިގައި ފުރިހަމަވާ މީހެއްކަމުގައި ވާން ޖެހޭނެތީއެވެ.
އެ ބޭކަލުން ޚިލާފުވެފައިވަނީ އެ މަޤާމަށް ޢައްޔަނު ކުރާ މީހާގެ ކިބައިގައި ޢިލްމުވެރިކަން ހުންނާން ޖެހޭ މިންވަރާ މެދުގައެވެ. ޤަޟާއަށް ވެރި ކުރާ މީހާއީ މުޖުތަހިދެއްކަމުގައި ވާން ޖެހޭނޭ ހެއްޔެވެ؟ ނުވަތަ އެއީ މުޤައްލިދެއްކަމުގައި ވުން ފުދޭނޭ ހެއްޔެވެ؟ ނުވަތަ ވާޖިބުވެގެންވަނީ އެ ކަންތައް ކުރެވުނު ގޮތަކަށް، އެންމެ އެކަށޭނަ ޤާބިލު މީހާ އެ މަޤާމަށް ވެރި ކުރުން ހެއްޔެވެ؟ މި މައްސަލައިގައި ދަންނަބޭކަލުންގެ މެދުގައި ތިން ރައުޔެއް ވެއެވެ؛ މިކަމުގެ ތަފްޞީލު އެހެން މަޤާމެއްގައި ބަޔާން ކުރާނަމެވެ.
މިއާއެކުވެސް ޟަރޫރަތަށްޓަކައި ޤަޟާއަށް މުޅިން ކުފޫ ހަމަނުވާ މީހުން އިސް ކުރުން ހުއްދަވެގެން ވެއެވެ. އެއީ އެ މީހާއަކީ އެ ތަނެއްގައި ހުރި އެންމެ އެކަށޭނަ މީހާ ނަމައެވެ. އެފަދަ ޙާލަތްތަކުގައި ވެރިމީހާގެ މައްޗަށް ވާޖިބު ވެގެންވަނީ ހަމަ ކޮންމެހެންވެސް މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޞިފަތައް ހަމަ ކުރުމަށް މަސައްކަތްކޮށް، ޙާލަތު އިޞްލާޙުކުރުމަށް މަސައްކަތް ކުރުމެވެ. އެއީ ވެރިކަންތަކަށާއި އެކިއެކި މަޤާމުތަކަށް މީހުންގެ ކިބައިގައި ޤާބިލިއްޔަތު އުފެއްދުންފަދަ ކަންކަން ކޮށްގެންނެވެ. އެއީ އަތްމަތި ދަތި މީހާ އޭނާ އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް މަސައްކަތް ކުރުން އޭނާގެ މައްޗަށް ވާޖިބުވާ ބީދައިންނެވެ. އެހެނަސް އޭނާއަށް ކުޅަދާނަވެގެންވާ މިންވަރު މެނުވީ ވަގުތުން އަދާކުރުމަށް އޭނާގެ ކިބައިން ނޭދޭނެއެވެ. އަދި އެއީ ޖިހާދަށް ތައްޔާރުވެގެން ތިބުން ވާޖިބުވާ މޭރުމުންނެވެ. އަހަރެމެންގެ މައްޗަށް ވާޖިބު ވެގެންވަނީ ޤުއްވަތުގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން ތައްޔާރުވެގެން ތިބުމެވެ. އެހެނީ “ހަމަކަށަވަރުން ވާޖިބަކާލައިގެން މެނުވީ ޙާޞިލު ކުރެވޭ ކަމަކީވެސް ވާޖިބެކެވެ.” މި ބުނެވުނު މިސާލުތަކާ ޚިލާފުވަނީ ޙައްޖަށް ކުޅަދާނަކަން ލިބުމުން ޙައްޖުވުމެވެ. އެއީ ކުޅަދާނަކަން އަމިއްލައަށް ހޯދައިގަތުން އޭގެ ޒާތުގައި ވާޖިބު ނުވާތީއެވެ. އެއީ ޙައްޖު ވާޖިބުވުން ބިނާ ވެގެންވަނީ ކުޅަދާނަކަށް ލިބުމުގެ މައްޗަށެވެ.
މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ގެ ރިސާލާއެއްކަމުގައިވާ “السياسة الشرعية في إصلاح الراعي والرعية” ގެ ބައެއް ބައިތަކުގެ ތަރުޖަމާއެކެވެ.