[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު މަންޞޫރު ބުން ޔޫނުސް އަލްބުހޫތީ -رَحِمَهُ اللهُ-

الْحَمْدُ لِلَّهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللهِ.

 

އެކަލޭގެފާނުގެ ނަންފުޅާއި، ނަސަބުފުޅާ އަދި ލަޤަބުފުޅު

އެއީ މަންޞޫރު ބުން ޔޫނުސް ބުން ޞަލާޙުއްދީން ބުން ޙަސަން ބުން އަޙްމަދު ބުން ޢަލީ ބުން އިދްރީސް އަލްމިޞްރީ އަލްޙަންބަލީއެވެ. އެކަލޭގެފާނު މަޝްހޫރުވެފައި ވަނީ “އަލްބުހޫތީ”[1] މި ނަންފުޅުންނެވެ.

އެކަލޭގެފާނު ލިޔުއްވި ބައެއް ފޮތްތަކުގައި އެކަލޭގެފާނުގެ ނަންފުޅު ޛިކުރުކުރައްވާފައި ވެއެވެ. މިގޮތުން زَادُ المُسْتَقْنِعِ فِي اخْتِصَارِ المُقْنِعِގެ ޝަރަޙަ الرَّوْضُ المُرْبِعُ شَرْحُ زَادِ المُسْتَقْنِعِ مُخْتَصَرِ المُقْنِعِ އޭ ކިޔޭ ފޮތް ނިންމަވާލައްވަމުން ވިދާޅު ވިއެވެ.

“ފޮތް ލިޔެ އެކުލަވައިލީ މަތިވެރިވަންތަ ރައްބުގެ ރަޙްމަތަށް ބޭނުންޖެހިގެން ވާ مَنْصُورُ بْنُ يُونُسَ بْنِ صَلَاحِ الدِّينِ بْنِ حَسَنِ بْنِ أَحْمَدَ بْنِ عَلِيِّ بْنِ إدْرِيسَ الْبُهُوتِيُّ الْحَنْبَلِيُّ އެވެ.” [2]

ޖަމީލުއް ޝައްޠީ (ނޔވ 1379) ވިދާޅު ވިއެވެ.

“އެއީ مَنْصُورُ بْنُ يُونُسَ بْنِ صَلَاحِ الدِّينِ بْنِ حَسَنِ بْنِ أَحْمَدَ بْنِ عَلِيِّ بْنِ إدْرِيسَ އެވެ.” [3]

 

އެކަލޭގެފާނު އުފަންވެވަޑައިގަތުން

އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 1000ވަނަ އަހަރު މިޞްރުގެ ބުހޫތަށެވެ.[4]

އަލްޚަލްވަތީ (ނޔވ 1077) ވިދާޅު ވިއެވެ.

“އެކަލޭގެފާނު ޚަބަރުދެއްވި ގޮތުގައި އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 1000ވަނަ އަހަރުގައެވެ.” [5]

 

ޢިލްމު އުނގެނިވަޑައިގަތުން

އެކަލޭގެފާނު ޢިލްމު އުނގެނިވަޑައިގަތުމުގައި އެންމެ ގިނަ ވަޤުތު ހޭދަކުރެއްވީ ފިޤުހު އުނގެނިވަޑައިގަތުމުގައެވެ. އެކަލޭގެފާނާ ބެހޭގޮތުން އަލްމުޙިއްބީ (ނޔވ 1111) ވިދާޅުވިއެވެ.

“އެއީ ޢިލްމުވެރި އަދި ޢިލްމަށް ޢަމަލުކުރާ ވަރަޢަވެރި ބޭކަލެކެވެ. އަދި އެއީ ދީނީ ޢިލްމުގައި ފުންނާބުއުސް ޢިލްމުގެ ކަނޑެކެވެ. އެކަލޭގެފާނުގެ ވަޤުތުތައް ހޭދަކުރެއްވީ ފިޤުހީ މައްސަލަތައް ދިރާސާ ކުރެއްވުމުގައެވެ. އިމާމު އަޙްމަދު رَضِيَ اللهُ عَنْهُގެ މަޛްހަބު އުނގެވަޑައިގަތުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކަލޭގެފާނުގެ އަރިހަށް މީސްތަކުން ދަތުރުކުރިއެވެ. އެހެނީ އެކަލޭގެފާނު ވެވަޑައިތީ އެކަލޭގެފާނުގެ ޒަމާނުގައި ފިޤުހު ޢިލްމުގައި ފާހަގަކޮށްލެވޭ ބޭކަލަކަށެވެ. ޙަންބަލީ މަޛްހަބުގެ ވަރަށް ގިނަ ޢިލްމުވެރިންގެ އަރިހުން އެކަލޭގެފާނު ފިޤުހު ނެންގެވިއެވެ.”[6]

 

އެކަލޭގެފާނުގެ ރިވެތި އަޚްލާޤާ ޢިލްމުވެރިކަން ހާމަވާ ޘަނާގެ ބައެއް ބަސްފުޅުތައް

އަލްމުޙިއްބީ (ނޔވ 111) ވިދާޅު ވިއެވެ.

“އެކަލޭގެފާނަކީ ފަތުވާ ދިނުމާއި އުނގަންނައި ދިނުމުގައި އެންމެ މަތީ ދަރަޖައަށް ވާޞިލުވެފައިވާ ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. އަދި ރިވެތި އަޚްލާޤުގެ ވެރި ބޭކަލެކެވެ. އެކަލޭގެފާނު ކޮންމެ ހުކުރު ވިލޭރެއަކު ޖަމާޢަތެއްގެ ބަޔަކަށް މެހެމާންދާރީ އެއް ތައްޔާރު ކުރައްވައެވެ. އަދި ބޭކަލަކު ބަލިވެއްޖެ ނަމަ އެ ބޭކަލަކަށް ޒިޔާރަތް ކުރައްވައި، އެކަލޭގެފާނުގެ ގެއަށް އެ ބޭކަލަކު ގެނަސް ބަލިން ފަސޭހަވަންދެން ގެންގުޅުއްވައެވެ. އަދި މީސްތަކުން ކުރެ ބަޔަކު އެކަލޭގެފާނަށް ޞަދަޤާތެއް ދީފި ނަމަ، އެކަލޭގެފާނުގެ އަރިހުގައި ޢިލްމު އުނގެނުމަށް ތިބޭ ދަރިވަރުންނަށް ބަހާލައްވައެވެ. އެކަލޭގެފާނު އެ ޞަދަޤާތުން އެއްވެސް މިންވަރެއް ނުނަންގަވައެވެ.”[7]

އަދިވެސް ބުނެވެއެވެ. ޙަންބަލީ މަޛްހަބު އުނގެނިވަޑައިގަތުމަށް އެކަލޭގެފާނުގެ އަރިހަށް ޝާމްއާއި ނަޖްދާއި އަދި މުޤައްދަސް ބިންތަކުން އެކަލޭގެފާނުގެ އަރިހަށް މީސްތަކުން ދަތުރުކުރިއެވެ. އަދި އެކަލޭގެފާނަކީ އަޅުކަންތަކުގައި މަޝްޣޫލުވެވަޑައިގެންނެވި، ޢިލްމުގައި ނުހަނު ފައިދާ ބޮޑު ބޭކަލެކެވެ.[8]

ޝަމްސުއްދީން އިބްނުއް ޣިއްޒީ (ނޔވ 1167) ވިދާޅު ވިއެވެ.

“އެއީ ބޮޑު ޢިލްމުވެރިއެކެވެ. އަދި ފިޤުހުގައި ކަނޑެކެވެ.”[9]

އަދިވެސް ބުނެވެއެވެ. އެއީ ހިއްމަތްތެރި އިމާމެކެވެ. ހުރިހާ ޢިލްމެއްގައިވެސް ފާހަގަކޮށްލެވޭ ބޭކަލެކެވެ. ފިޤުހުވެރި އަދި އުޞޫލުގައި ޢިލްމުވެރި މުފައްސިރެކެވެ. އެއީ ޢިލްމާއި ޙިކުމަތުގެ ފަރުބަދަތަކުގެ ތެރެއިން ފަރުބަދައެކެވެ. އެއީ މާތްކަމުގެ ކަނޑުތަކުގެ ތެރެއިން ކަނޑެކެވެ. ފިޤުހާއި ފަރާއިޟު (ވާރުތަ މުދަލާ ބެހޭ ޢިލްމު) އަދި އެހެނިހެން [ޝަރުޢީ] ޢިލްމުތަކުގައިވެސް އެކަލޭގެފާނަށް ދިގު އަތެއް ލިބިގެންވިއެވެ. (އެބަހީ އެ ޢިލްމުތަކުގައި ޢިލްމުވެރި މޮޅު ބޭކަލެކެވެ.)[10]

އަދިވެސް ބުނެވެއެވެ. އެކަލޭގެފާނަކީ [ޙަންބަލީ] މަޛްހަބުގެ ފަހުގެ ޢިލްމުވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ، އަޅުވެރި އަދި ޢިލްމުގައި ނުހަނު ފައިދާ ބޮޑު ބޭކަލެކެވެ.[11]

އަލްޤާޟީ ޢުޘްމާނު ބުން މަންޞޫރު އަލްޙަންބަލީ ވިދާޅު ވިއެވެ.

“ތިމަންބޭކަލުންގެ ޝައިޚުން ވިދާޅުވިއެވެ. ޙަންބަލީ މަޛްހަބުގެ މަތަނުތަކަށް (އެބަހީ މުންތަހާ އަދި އިޤްނާޢު)[12] ލިޔެވިފައިވާ ޙާޝިޔާތަކުގެ ތެރެއިން އެންމެ ބޮޑަށް އިޢުތިމާދު ވެވެނީ އައްޝައިޚު މަންޞޫރު ލިޔުއްވާފައިވާ ޙާޝިޔާތަކަށެވެ. އެއީ އަލްޚަލްވަތީ (ނޔވ 1077) މުންތަހާއަށް ލިޔުއްވާފައިވާ ޙާޝިޔާ ފިޔަވައެވެ. އެހެނީ އެއީ ވަރަށް ފައިދާ ބޮޑު ޙާޝިޔާއެކެވެ.”[13]

އިބްނު ޙުމައިދު (ނޔވ 1295) ވިދާޅު ވިއެވެ.

“ޖުމްލަގޮތެއްގައި ބުނާނަމަ އެކަލޭގެފާނަކީ ޙަންބަލީ މަޛްހަބުގެ މުޙައްރިރެވެ. މަޛްހަބުގެ އުޞޫލުތަކާ ޤަވާޢިދުތައް ޖަމަޢަކުރައްވައި އިސްތިޤްރާރު ކުރެއްވި ބޭކަލެވެ. އަދި އެއީ މަޛްހަބުގައި އެ ބޭކަލަކަށް އިޢުތިމާދު ވެވޭ ބޭކަލެކެވެ. މަޛްހަބުގައި ފޮރުވިފައިވާ ކަންކަން ފާޅުކުރުމުގެ ޒިންމާ އެކަލޭގެފާނު ނެންގެވިއެވެ. މާތް الله އެކަލޭގެފާނަށް އެންމެ ހެޔޮވެގެންވާ ޖަޒާ ދެއްވާށިއެވެ!”[14]

އަދިވެސް ބުނެވެއެވެ. އަދާހަމައަށްވެސް އެކަލޭގެފާނުގެ ފޮތްތަކުން މަޛްހަބުގެ ޢިލްމުވެރިންނާ އެހެނިހެން މީހުން ދަނީ ފައިދާ ޙާޞިލު ކުރަމުންނެވެ. އަދި އެ ފޮތްތައް ދަނީ މީސްތަކުންގެ އަތްމަތީގައި ދައުރުވަމުންނެވެ.[15]

 

އެކަލޭގެފާނުގެ ޝައިޚުން

އެކަލޭގެފާނު ވަރަށް ގިނަ ބޭކަލުންގެ އަރިހުގައި ދަރިވަރުވެވަޑައިގަތެވެ. އަލްމުޙިއްބީ (ނޔވ 111) ވިދާޅު ވިއެވެ.

“ޙަންބަލީ މަޛްހަބުގެ ވަރަށް ގިނަ ޢިލްމުވެރިންގެ އަރިހުން އެކަލޭގެފާނު ފިޤުހު ނެންގެވިއެވެ. އޭގެ ތެރޭގައި: އަލްޖަމާލު ޔޫސުފް އަލްބުހޫތީ، އައްޝައިޚު ޢަބްދުއް ރަޙްމާނު އަލްބުހޫތީ އަދި އައްޝައިޚު މުޙައްމަދު އައްޝާމީ އަލްމަރްދާރީ ހިމެނިވަޑައިގަންނަވައެވެ.”[16]

ކަމާލުއްދީން އަލްޣިއްޒީ (ނޔވ 1214) ވިދާޅުވިއެވެ.

“އެކަލޭގެފާނު ފާހަގަކޮށްލެވޭ ވަރަށް ގިނަ ބޮޑެތި ޢިލްމުވެރިންގެ ކިބައިން ޢިލްމު ނެންގެވިއެވެ. އޭގެ ތެރޭގައި އައްޝައިޚު ޔަޙްޔާ އިބްނު އައްޝަރަފު މޫސާ އަލްޙައްޖާވީ އައްދިމިޝްޤީ، އައްޝައިޚު މުޙައްމަދުއް ޝާމީ، ޢަބްދުالله އައްދަނައުޝަރީ އައްޝާފިޢީ، އަލްޖަމާލު ޢަބްދުލް ޤާދިރު އައްދަނައުޝަރީ އަލްޙަންބަލީ، އައްނޫރު ޢަލީ އަލްޙަލަބީ އަދި އައްޝިހާބު އަޙްމަދު އަލްވާރިޘީ އައްޞަދީޤީ ހިމެނިވަޑައިގަންނަވައެވެ.”[17]

 

އެކަލޭގެފާނު ލިޔުއްވި ފޮތްތައް

  1. إِرْشَادُ أُولِي النُّهَى لِدَقَائِقِ الْمُنْتَهَى. މިއީ އިބްނުއް ނައްޖާރު އަލްފުތޫޙީ (ނޔވ 972) ލިޔުއްވި مُنْتَهَى الْإِرَادَاتِ فِي جَمْعِ الْمُقْنِعِ مَعَ التَّنْقِيحَ وَزِّيَادَات ގެ މައްޗަށް ބުހޫތީ ލިޔުއްވާފައިވާ ޙާޝިޔާއެވެ.
  2. حَوَاشِي الْإِقْنَاعِ. މިއީ އިމާމު ޙައްޖާވީ (ނޔވ 967) ލިޔުއްވި الْإِقْنَاعُ فِي فِقْهِ الْإِمَامِ أَحْمَدَ بنِ حَنْبَلٍ ގެ މައްޗަށް ބުހޫތީ ލިޔުއްވާފައިވާ ޙާޝިޔާއެވެ.
  3. إِعْلَامُ الْأَعْلَامِ بِقِتَالِ مَنِ انْتَهَكَ حُرْمَة الْبَيتِ الْحَرَام. މިއީ މައްކާގެ ޙަރަމްފުޅުގެ ޙުރުމަތް ނަގައިލާ މީހުންގެ ޙުކުމްތަކާ މެދު ބުހޫތީ ލިޔުއްވާފައިވާ ފޮތެކެވެ.
  4. الرَّوْضُ المُرْبِعُ شَرْحُ زَادِ المُسْتَقْنِعِ مُخْتَصَرِ المُقْنِعِ. މިއީ އިމާމު ޙައްޖާވީ ލިޔުއްވި زَادُ المُسْتَقْنِعِ فِي اخْتِصَارِ المُقْنِعِ ގެ މައްޗަށް ބުހޫތީ ލިޔުއްވާފައިވާ ޝަރަޙައެވެ. އަދި މިއީ އެކަލޭގެފާނު އެންމެ ފުރަތަމަ ޝަރަޙަކުރެއްވި ފޮތްކަމުގައި ވެސް ބުނެވެއެވެ.[18] އެކަލޭގެފާނުގެ މި ޝަރަޙައަކީ زَادُ المُسْتَقْنِعِ فِي اخْتِصَارِ المُقْنِعِ ގެ މައްޗަށް ލިޔެވިފައިވާ އެންމެ ފައިދާހުރި އަދި އެންމެ މަޝްހޫރު ޝަރަޙައެވެ.[19]
  5. نَصِيحَةُ النَّاسِكِ بِبَيَانِ أَحْكَامِ الْمَنَاسِكِ. މިއީ ޙައްޖުގެ ޙުކުމްތަކުގެ މައްޗަށް ބުހޫތީ ލިޔުއްވާފައިވާ ފޮތެކެވެ. ނަމަވެސް މި ފޮތް ވަނީ ގެއްލިފައެވެ. އިޤްނާޢުގެ ޝަރަޙައިގައި އެކަލޭގެފާނު މި ފޮތަށް އިޝާރަތް ކުރައްވާފައި ވެއެވެ.[20]
  6. كَشَّافُ الْقِنَاعِ عَنْ مَتْنِ الإِقْنَاعِ. މިއީ އިމާމު ޙައްޖާވީ (ނޔވ 967) ލިޔުއްވި الْإِقْنَاعُ فِي فِقْهِ الْإِمَامِ أَحْمَدَ بنِ حَنْبَلٍ ގެ މައްޗަށް ބުހޫތީ ލިޔުއްވާފައިވާ ޝަރަޙައެވެ.
  7. المِنَحُ الشَّافِيات بِشَرْحِ مُفْردَاتِ الإمَامِ أحْمَد. މިއީ އައްޝައިޚު މުޙައްމަދު ބުނު ޢަލީ ބުނު ޢަބްދުއް ރަޙްމާނު އަލްމަޤްދިސީ ލިޔުއްވާފައިވާ النّظم الْمُفِيد الأحمد فِي مُفْرَدَات الإِمَام أَحْمد ގެ މައްޗަށް ބުހޫތީ ލިޔުއްވާފައިވާ ޝަރަޙައެވެ.
  8. دقائق أولي النهى لشرح المنتهى. މިއީ އިބްނުއް ނައްޖާރު އަލްފުތޫޙީ (ނޔވ 972) ލިޔުއްވި مُنْتَهَى الْإِرَادَاتِ فِي جَمْعِ الْمُقْنِعِ مَعَ التَّنْقِيحَ وَزِّيَادَات ގެ މައްޗަށް ބުހޫތީ ލިޔުއްވާފައިވާ ޝަރަޙައެވެ.
  9. عُمْدَةُ الطَّالِبِ لِنَيْلِ المَآرِبِ. މިއީ ފިޤުހު ކިޔަވަން ފަށާ ކުދިންނަށް އެކަށޭނޭހެން ޙަންބަލީ މަޛްހަބުގެ މައްޗަށް ބުހޫތީ ލިޔުއްވާފައިވާ ފިޤުހު ކުރު މަތަނެކެވެ. މިއީ އެކަލޭގެފާނު އެންމެ ފަހުން ލިޔުއްވި ފޮތެވެ. ފޮތް ނިންމަވާލައްވައި އޭގެ ހަތް މަސް ފަހުން އެކަލޭގެފާނު އަވާހާރަވެއްޖެއެވެ.

 

އެކަލޭގެފާނު އަވަހާރަވުން

ރަބީޢުއް ޘާނީ މަހުގެ 5 ވީ އާދިއްތަ ދުވަހު އެކަލޭގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގަތެވެ. އަދި ހުކުރު ދުވަހުގެ ޟުޙާ ވަޤުތު އެކަލޭގެފާނު އަވަހާރަވިއެވެ. އެއީ ހިޖުރައިން 1051ވަނަ އަހަރުގެ ރަބީޢުއް ޘާނީ މަހުގެ 10ވަނަ ދުވަހެވެ. އެކަލޭގެފާނު އަވަހާރަވީ މިޞްރުގައެވެ.[21]

رَحِمَ اللهُ الشَّيخَ رَحْمَةً وَاسِعَةً، وَأَسْكَنَهُ فَسِيحَ جَنَاتِهِ، وَجَزَاهُ عَمَّا قَدَّمَ خَيرَ الْجَزَاءِ، وَغَفَرَ لَهُ وَلِوَالِدَيهِ وَلِجَمِيعِ الْمُسْلِمِينَ.

 


 

[1] ބުހޫތީގެ ނަމުން މަޝްހޫރުވެފައި ވަނީ އެކަލޭގެފާނު އުފަންވެވަޑައިގަތް ރަށް ބުހޫތަށް ނިސްބަތްކޮށެވެ. ބުހޫތަކީ މިޞްރުގެ ހުޅަނގު ފަރާތުގެ ރަށްތަކުގެ ތެރެއިން ރަށެކެވެ. [مختصر فتح رب الأرباب بما أهمل في لب اللباب من واجب الأنساب (9/1) — عباس المدني (ت 1346). مختصر فتح رب الأرباب، حرف التاء المثناة الفوقية]

[2] الروض المربع بشرح زاد المستقنع – ط ركائز (531/3) — البهوتي (ت 1051)

[3] مختصر طبقات الحنابلة – ط الترقي (104/1) — جميل الشطي (ت 1379) مختصر طبقات الغزي، العلامة الشيخ منصور البهوتي.

[4] النعت الأكمل لأصحاب الإمام أحمد بن حنبل (210/1) — كمال الدين الغزي (ت 1214) الطبقة السابعة فيمن وقعت وفاته من سنة إحدى وخمسين وألف إلى سنة خمس وسبعين وألف، منصور البهوتي.

[5] حاشية الخلوتي على منتهى الإرادات (172/3)— الخلوتي (ت 1077)

[6] خلاصة الأثر في أعيان القرن الحادي عشر (426/4) ‏— المحبي (ت 1111)

[7] خلاصة الأثر في أعيان القرن الحادي عشر (426/4) ‏— المحبي (ت 1111)

[8] كشاف القناع عن متن الإقناع – ط وزارة العدل (26/ المقدمة) ‏— البهوتي (ت 1051). مقدمة التحقيق، ترجمة صاحب كشاف القناع، مشايخه.

[9] ديوان الإسلام (271/1). ‏— شمس الدين ابن الغزي (ت 1167)

[10] النعت الأكمل لأصحاب الإمام أحمد بن حنبل (210/1) ‏— كمال الدين الغزي (ت 1214). الطبقة السابعة فيمن وقعت وفاته من سنة إحدى وخمسين وألف إلى سنة خمس وسبعين وألف، منصور البهوتي.

[11] النعت الأكمل لأصحاب الإمام أحمد بن حنبل (212/1) — كمال الدين الغزي (ت 1214) الطبقة السابعة فيمن وقعت وفاته من سنة إحدى وخمسين وألف إلى سنة خمس وسبعين وألف، منصور البهوتي.

[12] އެއީ އިބްނުއް ނައްޖާރު އަލްފުތޫޙީ (ނޔވ 972) ލިޔުއްވި منتهى الارادات في جمع المقنع مع التنقيح وزيادات އަދި އިމާމު ޙައްޖާވީ (ނޔވ 967) ލިޔުއްވި الإقناع في فقه الإمام أحمد بن حنبل އެވެ.

[13] عنوان المجد في تاريخ نجد لابن بشر (323/3)

[14] السحب الوابلة على ضرائح الحنابلة (1133/3) ‏— ابن حميد (ت 1295)

[15] النعت الأكمل لأصحاب الإمام أحمد بن حنبل (213/1) — كمال الدين الغزي (ت 1214) الطبقة السابعة فيمن وقعت وفاته من سنة إحدى وخمسين وألف إلى سنة خمس وسبعين وألف، منصور البهوتي.

[16] خلاصة الأثر في أعيان القرن الحادي عشر (426/4) ‏— المحبي (ت 1111)

[17] النعت الأكمل لأصحاب الإمام أحمد بن حنبل (211/1) — كمال الدين الغزي (ت 1214) الطبقة السابعة فيمن وقعت وفاته من سنة إحدى وخمسين وألف إلى سنة خمس وسبعين وألف، منصور البهوتي.

[18] عنوان المجد في تاريخ نجد لابن بشر (323/2)

[19] المذهب الحنبلي دراسة في تاريخه وسماته (518/2) ‏— عبد الله بن عبد المحسن التركي.

[20] كشاف القناع عن متن الإقناع – ط وزارة العدل (64/6) ‏— البهوتي (ت 1051)

[21] السحب الوابلة على ضرائح الحنابلة (1133/3). ‏— ابن حميد (ت 1295)